މުޖުތަމަޢު
ތަރާވީސްކުރަން އިމާމުން ގެނައުން – މިކަމަށް އެހެން ހައްލެއް ނެތްބާ؟


މިސްކިތްތަކުގައި ކީރިތި ޤުރުއާން ކިޔަވައިދިނުމަކީ
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގެ އެންމެ ހިތްގައިމު އެއް ރިޔާސީ ވައުދެވެ. މި ވައުދު ތަންފީޒުކުރުމުގެ ގޮތުން، މިހާރު ވަރަށް ގިނަ ރަށްރަށުގެ މިސްކިތްތަކުގައި ކީރިތި ޤުރުއާން ކިޔަވައިދޭން މިހާރު ވަނީ ފެށިފައެވެ. މިއީ ޤުރުއާން ހިފުޒުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ހުޅުވިގެންދިޔަ ފަހި ފުރުޞަތެކެވެ.
ރަށްރަށުގެ ވިޔަފާރިވެރިންނާއި، ކައުންސިލްތަކާއި، ޖަމްޢިއްޔާ ތައް ގުޅިގެން މި ޕްރޮގްރާމް އިތުރު ހަރުފަތަކަށް ގެންދެވިދާނެއެވެ. އެއީ މި ޕްރޮގްރާމްގެ ބައިވެރިން ހިފްޒު ކުރާ ކޮންމެ ފޮތަކަށް ވަކި އަދަދެއްގެ ފައިސާގެ އިނާމެއް ދިނުމެވެ. މިކަން ވެގެންދާނީ މުޅި ޤުރުއާން އެއްކޮށް ހިތުދަސްކުރުމަށް އެޅިގެންދާނެ ވަރަށް ބޮޑު ބާރެއް ކަމުގައެވެ.
ޤުރުއާންކިޔަވައިދިނުމުގެ ދާއިރާގައި އެތަކެއް ޚިދުމަތްތަކެއް ކޮށްދެއްވަމުންދާ އަލް ޤާރީ ޢަބްދުލްރައޫފު ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގައި ހާފިޒުން އުފެއްދުމަކީ ވަރަށް ފަސޭހައިން ކުރެވިގެންދާނެ ކަމެކެވެ. ޢަބްދުލް ރައޫފު ފާހަގަކުރެއްވިގޮތުގައި މިކަމުގައި އެންމެ މުހިއްމުކަމަކީ ހިފުޒުކުރާކުދިން އެ މަސައްކަތް މެދުކަނޑާނުލާ ކުރިޔަށް ގެންދިޔުމަށް ހިތްވަރުދިނުމެވެ. އަދި ވީހާވެސް ޅަފަތުގައި ހިފްޒުކުރުން ނިންމާލެވޭނެ ގޮތަކަށް ހިފްޒު ޕްރޮގްރާމްތައް ބައްޓަންކުރުމެވެ. މިފަދަ ގޮތަކަށް ހިފްޒު ޕްރޮގްރާމްތައް ބައްޓަންކުރުމުގެ މަސައްކަތް ލާމު އަތޮޅުގެ ޢިލްމު ޖަމިއްޔާއާއި އައްޑޫ ސިޓީގެ ރަބީޢުލްްޤުލޫބު ފައުންޑޭޝަން އަދި ބައެއް ޤުރުއާން ކުލާސްތަކުން ކުރައްވަމުން ގެންދަވާކަން ޢަބްދުލްރައޫފު ފާހަގަކުރެއްވިއެވެ.

ރަމަޟާން މަހު ތަރާވީސްކުރުމަށް އިމާމުން ގެނައުމަކީ އެތައް ފައިސާއެއް ޚަރަދުވާ ކަމަކަށްވާއިރު އެހުރިހާ ފައިސާއެއް ގާތްގަނޑަކަށް ދަނީ ރާއްޖެއިން ބޭރަށެވެ. މިކަން ހައްލުކުރުމަށް ރާއްޖޭގައި ޙާފިޡުންގެ ޖީލެއް އުފެއްދުން ފިޔަވައި އެހެން ޙައްލެއް އަޅުގަނޑުމެންނަކަށް ނުފެނެއެވެ. ތިބޭފުޅުންގެ ޚިޔާލަކީ ކޮބައިތޯއެވެ؟

އަޅުގަނޑުމެން ޢިލްމު ޖަމިއްޔާއިން ހިންގާ ޙާފިޡުން އުފެއްދުމުގެ މަސައްކަތާއި ގުޅޭ މައުލޫމާތު ތިރީގައިވާ ލިންކުން ލިބިލައްވާނެއެވެ. މިމަސައްކަތުގައި އަޅުގަނޑުމެންނާއި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

https://tts.ilm.mv/huffaz/
0