ނަޞޭޙަތާއި އިރުޝާދު
އިންސާނެއް ނުވަތަ ޖަނަވާރެއްގެ ސޫރަޖެހި ހެދުމެއްގައި ނަމާދުކުރުން

އިންސާނެއްގެ ނުވަތަ ޖަނަވާރެއްގެ ސޫރަ ޖަހާފައިވާ ހެދުމެއް ލައިގެންހުރެ ކުރާ ނަމާދު ޞައްޙަވާނެކަމާމެދު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންގެ ހިތުގައި ސުވާލުއުފެދެއެވެ. أبو طَلْحَة رضي الله عنه ގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. لا تَدْخُلُ الْمَلائِكَةُ بَيْتًا فِيهِ صُورَةٌ މާނައީ: “އެތަނެއްގައި ސޫރައެއް ވާތަނަކަށް މަލާއިކަތްބޭކަލުން ވަދެވަޑައެއްނުގަންނަވާނެއެވެ.” އެހެންކަމުން ސޫރައެއް ޖަހާފައިވާ ހެދުމެއް ލުމަކީ ހުއްދަކަމެއް ނޫންކަމަށްވެސް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

ޝައިޚް އިބްނު ޢުޘައިމީން رحمه الله އަށް ސުވާލު ދެންނެވުނެވެ. އިންސާނެއްގެ ނުވަތަ ޖަނަވާރެއްގެ ސޫރަޖަހާފައިވާ ހެދުމެއްލުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ ޝައިޚް ޖަވާބުގައި ވިދާޅުވީ އެފަދަ އަންނައުނެއް ލުން ހުއްދަ ނުވާނެކަމަށެވެ. ހަމައެފަދައިން ބޮލުގައި އަޅާ އެއްޗެއްގައިވެސް އެފަދަ ސޫރައެއް ޖަހާފައި ހުރެގެން ނުވާނެކަމަށެވެ. ސަބަބަކީ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ސާބިތުވެގެންވާ މި ޙަދީޘްފުޅުގައި ވަނީ “އެތަނެއްގައި ސޫރައެއް ވާތަނަކަށް މަލާއިކަތްބޭކަލުން ވަދެވަޑައެއްނުގަންނަވާނެއެވެ.” އެހެންކަމުން ގޭގައި ހަނދާނަކަށް ބަހައްޓާފައި ހުންނަ މީހުންގެ ފޮޓޯތަކަކީވެސް ބެހެއްޓުން ހުއްދަ އެއްޗެއް ނޫނެވެ. އެހެނީ އެކަމަކީ މަލާއިކަތް ބޭކަލުން އެތަނަކަށް ވަދެވަޑައިގަތުން މަނާކުރާ ކަމެކެވެ.

ޢިލްމުވެރިންގެ މަޖިލީހަކާއި ސުވާލު ކުރެވުނެވެ. އިންސާނެއް ނުވަތަ ޖަނަވާރެއްގެ ސޫރަ ޖަހާފައިވާ ހެދުމެއް ލައިގެންހުރެ ކުރާ ނަމާދު ޞައްޙަ ވާނެތޯއެވެ؟ އަދި ހެދުމުގައި މާތް ﷲ ގެ އިސްމުފުޅު ވާހިނދު އެހެދުމެއްގައި ފާހާނާއަށް ވަދެވޭނެތޯ؟ އެބޭކަލުން ޖަވާބު ދެއްވިއެވެ. އެނިމޭޓް ކޮށްފައިވާ ސޫރައެއް، އިންސާނެއް، ދޫންޏެއް، ޖަމަލެއް، ބުޅަލެއް، ކަންބަޅިއެއް ނުވަތަ އެނޫން ޖަނަވާރެއް ޖަހާފައިވާ ހެދުމެއް ވިޔަސް، އެހެދުމުގައި ނަމާދުކުރުން ހުއްދަވެގެން ނުވެއެވެ. ހަމައެފަދައިން ނަމާދުން ބޭރުގައިވިޔަސް އެފަދަ ހެދުމެއްލުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެދުމެއް ލައިގެން ހުރެ ނަމާދުކުރާ މީހާގެ ނަމާދު ޞައްޙަވާނެއެވެ. ނަމަވެސް ޝަރުޢީ ގޮތުން އެކަމުގެ ޙުކުމް އެނގިއެނގި ހުރެ އެފަދަ ކަމެއް ކުރާމީހާ ފާފަވެރިވާނެއެވެ. މާތް ﷲ ގެ އިސްމުފުޅު ހެދުމުގައި ލިޔުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އެފަދަ ހެދުމެއް ލައިގެން ހުރެ ފާހާނާއަށް ވަނުމަކީ މަކްރޫހަ ކަމެކެވެ. ސަބަބަކީ އެކަމުގެ ސަބަބުން މާތް ﷲ ގެ އިސްމުފުޅަށް ޤަދަރު ކުޑަކުރެވޭތީއެވެ.

އެހެންކަމުން އަޅުގަނޑުމެން ލާން ގެންގުޅޭ ހެދުމެއްގައި ސޫރައެއް ވާނަމަ އެއެއްޗެއްގެ ރޮދި ކޮށާލައިގެން ނަމަވެސް ހެދުމުން ފިލުވާލަން އެބަޖެހެއެވެ. ނުވަތަ ޕްރިޓް ކޮށްފައިވާ އެއްޗެއް ނަމަ އެނޫން ގޮތަކަށް ވިޔަސް ނުވަތަ އެހެދުމެއް އެއްލާލިޔަސް މެއެވެ. އެފަދަ ހެދުމެއް ލައިގެން ހުންނަ ހާހިނދަކު އަޅުގަނޑުމެންވާނީ ފާފައިގެ ތެރޭގައެވެ.

 

މަސްދަރު: އިސްލާމްކިޔުއޭ.އިންފޯ

0