ނަޞޭޙަތާއި އިރުޝާދު
ދުނިޔޭގެ އިމްތިޙާނު

“ދުނިޔެއަކީ އިމްތިޙާނެކެވެ.” މިއީ ވަރަށް ގިނައިން އަޅުގަނޑުމެންނަށް އިވޭ ބަސްކޮޅެކެވެ. މުސްލިމުންގެ އަޤީދާއަކީ މި ދުނިޔޭގައި އަޅުގަނޑުމެން ހޭދަކުރާ މަދު ދުވަސްކޮޅަކީ އަންނަން އޮތް ދުނިޔެއަށް ތައްޔާރުވުމަށްޓަކައި ލިބިފައިވާ ވަގުތުކޮޅެއްކަމެވެ. އަޅުގަނޑުމެން ކުރާ ކޮންމެ ޢަމަލަކީ، ދުލުން ބޭރުކުރާ ކޮންމެ ބަހަކީ، އެއާއިމެދު އަޅުގަނޑުމެން ޖަވާބުދާރީ ކުރެވޭނެ ކަމެއް ކަމެވެ.
އަޅުގަނޑުމެން ކޮންމެ އިމްތިޙާނަކަށްވެސް ތައްޔާރުވަނީ އެކަމަށް ބޭނުންވާ ފޮތްތައް ކިޔައި، ކިޔަވައިދޭ މުދައްރިސުންގެ އިރުޝާދާއިއެކުގައެވެ. ހަމަ އެއާއިއެކު އަޅުގަނޑުމެންގެ މި ޙަޔާތަކީ ވެސް އިމްތިޙާނެކެވެ. މިއީ “އޯޕަން ބުކް” އިމްތިޙާނެކެވެ. މި އިމްތިޙާނުން އެންމެ ފުރިހަމަ ނަތީޖާއެއް ހޯދުމަށް ބޭނުންވަނީ ﷲގެ ކަލާމްފުޅާއި ކީރިތި ރަސޫލާގެ ސުންނަތަށް ޢަމަލު ކުރުމެވެ.
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.” ((تركت فيكم شيئين لن تضلّوا بعدهما ، كتاب الله وسنتي)) =رواه البزّار وله شواهد= މާނައަކީ؛ “އެ ދެ އެއްޗެއްގައި ތިޔަބައިމީހުން ހިފަހައްޓައިފިނަމަ ދުވަހަކުވެސް މަގުފުރެދި ނުދާނޭ ދެ އެއްޗެއް ތިޔަބައިމީހުންގެ ތެރެއަށް ތިމަންކަލޭގެފާނު ދޫކުރެއްވީމެވެ. އެއީ ﷲތަޢާލާގެ ފޮތާއި ތިމަންކަލޭގެ ފާނުގެ ސުންނަތެވެ.”
ނޯޓް : ސުންނަތަކީ ރަސޫލުﷲ صلى الله عليه وسلم ވިދާޅުވި ބަސްފުޅާއި ކުރެއްވި ޢަމަލުފުޅާއި، އަދި ކުރިފުޅުމަތީ ކަމެއްހިނގައި އެކަމެއް މަނާނުކުރައްވާ ކަންކަން މިއެވެ.
ކޮންމެ އިމްތިޙާނު ކަރުދާހަކަށްވެސް ވަގުތެއް ކަނޑައެޅިފައިވާ ފަދައިން އަޅުގަނޑުމެންގެ ޙަޔާތަކީ ވެސް ވަގުތު ކަނޑައެޅިފައިވާ އެއްޗެކެވެ. ބައެއް އިމްތިޙާނުތަކުގައި ވަގުތު ހަމަވާން ފަނަރަ ނުވަތަ ދިހަ މިނެޓަށް ވީމާ ކުދިންނަށް އެކަން އަންގާލައެވެ. ނަމަވެސް އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތުގެ ނިމުން ކައިރިވީމައި އެއްވެސް “އެނައުންސްމެންޓެއް” ކުރުމެއް ނެތެވެ. ބޮޑެތި ބަލިތައް ޖެހި، އެއިން ފަސޭހަވެ އެތައް އަހަރެއް ވަންދެން ދުނިޔެމަތީގައި އުޅުމުގެ ފުރުސަތު ބައެއް މީހުންނަށް ލިބިދެއެވެ. ދުޅަހެޔޮ ސިއްޙަތުގައި ތިބޭ މީހުންވެސް ހަމަ ކުއްލިއަކަށް މި ދުނިޔެއާއި ވަކިވެދެއެވެ. އިމްތިޙާނު ހޯލުގައި ވަގުތު ހަމަވާން ކައިރިވެއްޖެކަމަށް އެންގުނީމާ އެ މަދު ވަގުތު ކޮޅުގެ ތެރޭގައި ހަލުވި ސްޕީޑެއްގައި މަސައްކަތް ކުރާ ކުދިން ފަދައިން، ލިބުނު މަދު ދުވަސްކޮޅުގައި ހެޔޮ ޢަމަލު ގިނަކުރާނީވެސް އެހެން ނޫންނަމަ ތާއެވެ.

އަޅުގަނޑުމެންގެ ޙަޔާތާއި ސުކޫލު ނުވަތަ ޔުނިވަރސިޓީތަކުގައި ހަދާ އިމްތިޙާނުގެ ތަފާތަކީ އަޅުގަނޑުމެންގެ ޙަޔާތުގެ އިމްތިޙާނު ނިމި މި ދުނިޔޭގައި އުޅުމަށް “ކަނޑައެޅިފައިވާ ވަގުތު ހަމަ ވެއްޖެ!” ކަމަށް އެންގޭނީ ކޮންއިރަކުކަން ހަމަ އެކަކަށްވެސް ނޭނގޭ ކަމެވެ. އެހެންކަމުން އަޅުގަނޑުމެންގެ ޙަޔާތުގެ އިމްތިޙާނުގެ ވަގުތު ހަމަވެދާނެ ކަމަށް އަބަދުވެސް ތިބެން ޖެހެނީ ތައްޔާރުވެގެނެވެ.
ދަރިވަރެއްގެ ޙައިސިއްޔަތުން އިމްތިޙާނަށް އެންމެ ރަނގަޅަށް ތައްޔާރު ނުވެވިއްޖެނަމަ ނުވަތަ ރަނގަޅު ނަތީޖާއެއް ނުލިބިއްޖެނަމަ ދެން ފަހަރަކުން ރަނގަޅު މަސައްކަތެއް ކުރާނަމޭ ހިތާ ހިތަށް ހަމަޖެހުމެއް ގެނެވިދާނެއެވެ. އަދި އެގޮތަށް މަސައްކަތް ކޮށް ކިޔެވުން ނިމޭއިރު ލިބޭ ނަތީޖާ އިތުރަށް ރަނގަޅު ކުރުމުގެ ފުރުސަތުވެސް އޮވެއެވެ. ކޮލެޖު އަދި ޔުނިވަރސިޓީތަކުގައި އިމްތިޙާނު އަލުން ހެދުމުގެ ފުރުސަތުވެސް ބައެއްފަހަރު ލިބިދެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ހަޔާތުގެ އިމްތިޙާނަކީ އެއްވެސް “ރީސިޓް” އެއް އޮތް އެއްޗެއް ނޫނެވެ. އޮތީ އެންމެ ފުރުސަތެކެވެ.
“އަދި ފާފަކުރި މީހުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، ދެރަވެ އިސްޖަހައިގެން ތިބޭތަން ތިބާޔަށް ފެންނާނެ ނަމައެވެ. (އޭރުން حيران ވާފަދަ ކަންތައްތަކެއް ތިބާޔަށް ފެނުނީހެވެ. އެއުރެން ބުނާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ފެނިއްޖެއެވެ. އަދި އިވިއްޖެއެވެ. ފަހެ، އަޅަމެން صالح عمل ކުރުމަށް އަނބުރާ އަޅަމެން (ދުނިޔެއަށް) ފޮނުއްވާނދޭވެ! ހަމަކަށަވަރުން، އަޅަމެންނީ، يقين ކުރާ ބަޔަކީމުއެވެ.” (سورة السجدة ގެ 12 ވަނަ އާޔަތުގެ މާނަ)
އިމްތިޙާނެއް ނިންމުމަށްފަހު ކޮންމެ ދަރިވަރަކުވެސް އިންތިޒާރުކުރާނީ ނަތީޖާ ލިބޭނެ ދުވަހަކަށެވެ. ނަތީޖާ ލިބޭ ދުވަހަކީ ބައެއް ދަރިވަރުންނަށް ވަރަށް އުފާވެރި ދުވަހަކަށްވެދެއެވެ. ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ލިބުނީތީއެވެ. އެހެންނަމަވެސް، ރަނގަޅު ނަތީޖާއެއް ހޯދުމުގެ ޤާބިލިއްޔަތުކަން ހުރެމެ، އެފަދަ ނަތީޖާއެއް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނީތީ އެތައް މަސްތަކެއްގެ ނުވަތަ އަހަރުތަކެއް ބޭކާރުކުރެވުނު ކަމުގެ އިޙުސާސް ކުރެވޭ ދަރިވަރުންވެސް އެދުވަހު ތިބޭނެއެވެ. ނަމަވެސް، ލިބިފައި އޮތް ނަތީޖާ ބަދަލުކުރަން އެދުވަހު ކުރެވޭނެ ކަމެއް ނޯންނާނެއެވެ. އެހެންކަމުން ޙަޔާތުގެ ކުރިޔަށް އޮތް ދުވަސްތަކުގައި ވަގުތުގެ ބޭނުން އޭގެ އެންމެ ރަނގަޅުގޮތުގައި ހިފަން މަސައްކަތް ކުރުން ނޫން ގޮތެއް ނެތެވެ.
އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތް ނިމި، ކުރެވިފައިވާ ރަނގަޅު ކަންތަކާއި ގޯސް ކަންތަކުގެ ޙިސާބު ބެއްލެވި، އަޅުގަނޑުމެންގެ “ރިޕޯޓު” ލިބޭނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ސުވާލަކީ، އެދުވަހު އަޅުގަނޑުމެންނަށް ލިބޭ ފަތުގައި އޮންނާކީ ކޮން އެއްޗެއްހެއްޔެވެ؟ އަޅުގަނޑުމެންވާނީ ކާމިޔާބުވީ މީހުންގެ ތެރެއިން ތޯއެވެ؟ ނުވަތަ ދުނިޔޭގައި ކުރެވުނު ޢަމަލުތަކުގެ ސަބަބުން “ފެއިލް” ވި މީހުންގެ ތެރެއިން ތޯއެވެ؟ އެދުވަހުން އަޅުގަނޑުމެން ކިތަންމެ ބޭނުން ވިޔަސް، ދެވަނަ ފުރުޞަތެއް ނުލިބޭނެއެވެ. ލިބުނު ނަތީޖާއާއި ދޭތެރޭ ޖެއްސޭނެ މައްސަލައެއްވެސް ނޯންނާނެއެވެ. އަޅުގަނޑުމެންގެ ޢަމަލުތައް ރިކޯޑު ކުރެވިފައިވާނީ “ރިއަލް ޓައިމް” ކޮށެވެ. އަޅުގަނޑުމެންނާއި ދެކޮޅަށް އަޅުގަނޑުމެންގެ ގުނަވަންތައް ހެކިދޭނެއެވެ. އަޅުގަނޑުމެންގެ ޢަމަލުތަކުގެ ޙިސާބު ބައްލަވާނީ އެންމެ ޢަދުލުވެރި ﷲ ޞުބުޙާނަހޫ ވަޠަޢާލާއެވެ. ވީއިރު އަޅުގަނޑުމެންނަށް ލިބުނު ނަތީޖާ ގޯސް ކަމަށްބުނެ ދަޢުވާ ކުރާނީ ކޮން ފަރާތެއްގައިތޯއެވެ؟
ބުއްދިވެރިޔަކީ ކުޑަ ހިނދުކޮޅެއްގެ އުފަލާއި މަޖަލަށްޓަކައި، އުޚުރަވީ ޙަޔާތް ބަރުބާދު ކޮށްނުލާ މީހާއެވެ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ އެދުވަހުން އަޅުގަނޑުމެންގެ ނަތީޖާ އުފަލާއިއެކު އެހެން މީހުންނާ ޙިއްޞާ ކުރާ މީހުންނަށް ވުމަށެވެ. ލިބުނު ނަތީޖާއިން މާޔޫސްވާ މީހުންގެ ތެރެއިން ނުވުމަށެވެ.
“ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ! ހަމަކަށަވަރުން، ތިމަންގެ حساب ކުރިމަތިލާންޖެހޭނެކަން ތިމަންނާއަށް يقين ވިއެވެ.ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ. އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ. (އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ عمل ތަކުގެ ޖަޒާއެއްގެ ގޮތުންނެވެ. އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ! އޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ! ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ. زبانىّ ملائكة ންނަށް اللَّه އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ! ދެން އޭނާ ނަރަކަޔަށް ވައްދާށެވެ! ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ!” (سورة الحاقة ގެ 19 ވަނަ އާޔަތުން 32 ވަނަ އާޔަތުގެ މާނަ)

0