ޚަބަރު
ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވުމަކީ ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އިންސާނާއަށް ލިބިގެންވާ ކަމެއް ނޫން – ޚުތުބާ

ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވުމަކީ ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އިންސާނާއަށް ލިބިގެންވާ ކަމެއް ނޫންކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ “ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވުމަކީ ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އިންސާނާއަށް ލިބިގެންވާ ކަމެއް ނޫންމެއެވެ. ބޭނުންވެއްޖެނަމަ އެކަލޭގެފާނު ދެކެ ލޯބިވެފައި، ބޭނުން ނުވެއްޖެ ހިނދެއްގައި ލޯބިނުވެ ދޫކޮށްލުމުގެ އިޚްތިޔާރު އިންސާނާއަށް ލިބިގެންވާ ކަމެއް ނޫނެވެ. މިކަމަކީ އިންސާނާގެ އީމާންކަން އެކަމަކާއި ގުޅިފައިވާ ކަމެކެވެ.”

އިތުރަށް ޚުތުބާގައި ބުނެފައިވަނީ “އެހެންކަމުން، އެހެން ހުރިހާ ލޯތްބަކަށް ވުރެ، ރަސޫލާ صلى الله عليه وسلم ދެކެ ވާ ލޯބި ވަރުގަދަވާންޖެހެއެވެ. ރަސޫލާ صلى الله عليه وسلم އަކީ މާތް ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އިންސާނާ ކަމަށްވީހިނދު، އަޅުގަޑުމެން އެކަލޭގެފާނުދެކެ ލޯބި ނުވާންވީ ކީއްވެގެންތޯއެވެ؟ މާތް ﷲ ވަނީ ކީރިތި ރަސޫލާ صلى الله عليه وسلم އަކީ އެކަލާންގެ ޚަލީލު ކަމުގައި ލައްވާފައެވެ. އަދި އެހެން އެއްވެސް މަޚުލޫގަކަށް ޘަނާގެ ބަސް ވަޙީ ނުކުރައްވާ މިންވަރަށް ﷲ ތަޢާލާ، އެކަލޭގެފާނަށް ޘަނާގެ ބަސް ވަޙީ ކުރައްވާފައިވެއެވެ. މީސްތަކުންގެ ތެރޭގައިވާ އެންމެ މާތް، އެންމެ ޝަރަފްވެރި، އެންމެ ޠާހިރު، އެންމެ މަތިވެރި އިންސާނާ ކަމުގައި އެކަލޭގެފާނުވީ ހިނދު، އަޅުގަޑުމެން އެކަލޭގެފާނު ދެކެ ލޯބިނުވާންވީ ކީއްވެގެންތޯއެވެ؟ އެކަލޭގެފާނަކީ އަޅުގަޑުމެންދެކެ ލޯބިފުޅުވާ، އަޅުގަޑުމެންނަށް އޯގާތެރިވެ ވަޑައިގަންނަވާ ބޭކަލަކަށްވީ ހިނދު، އަޅުގަޑުމެން އެކަލޭގެފާނު ދެކެ ލޯބިނުވާންވީ ކީއްވެގެންތޯއެވެ؟ މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ” لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ” (އައްތަޢުބާ 128)  މާނައަކީ: “ހަމަތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، ރަޙުމް ހުރި ބޭކަލެކެވެ.” ކީރިތި ރަސޫލާ صلى الله عليه وسلم މުޅި ޙަޔާތްޕުޅު ހޭދަކުރެއްވީ މި އުއްމަތަށް ދަޢްވަތު ދެއްވުމުގައްޔާއި، ޖަހާލަތުގެ އަނދިރިކަމުން މީސްތަކުން ނެރެ، އީމާންކަމުގެ އަލިކަމުގެ ތެރެއަށް ވެއްދުމަށް ކަމަށްވީ އިރު، އެކަލޭގެފާނު ދެކެ ލޯބިވުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ” .

އިތުރަށް ޚުތުބާގައި ބުނެފައިވަނީ “އެހެން ކޮންމެ ކަމަކަށް ވުރެ، ކީރިތި ރަސޫލާ صلى الله عليه وسلم ، އިސްކުރުމަކީ އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. “يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّهِ وَرَسُولِهِ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ سَمِيعٌ عَلِيمٌ ” (އަލް ހުޖުރާތު 1) މާނައަކީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲއާއި އެކަލާނގެ ރަސޫލާގެ ޙަޟްރަތުގައި ތިޔަބައިމީހުން އެއްވެސް ކަމެއްގައި) އިސްވެ ގޮތް ނުކިޔާށެވެ. އަދި ތިޔަބައިމީހުން މާތް ﷲގެ ކިބައަށް ތަޤްވާވެރިވާށެވެ. ހަމަކަށަވަރުން މާތް ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” އެހެންކަމުން އެހެން އެއްވެސް އެއްޗެއް ކީރިތި ރަސޫލާ صلى الله عليه وسلم އަށް ވުރެ އިސްނުކުރުމަކީ އެކަލޭގެފާނު ދެކެ ލޯބިވުމުގެ ޢަލާމާތެކެވެ.

0