ނަޞޭޙަތާއި އިރުޝާދު
އަހަރެމެންގެ ދުޢާތައް އިޖާބަ ނުވަނީ ކީއްވެގެން ހެއްޔެވެ؟

3 ވަނަ ޤަރުނުގެ ޢިލްމުވެރިއެއްގެ އަރިހު ސުވާލު ދެންނެވުނެވެ.

“ﷲ ވަޙީ ކުރެއްވިއެވެ. وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ (غافر: ٦٠) އަދި ކަލޭގެފާނު ހައްދަވައި ގެންގުޅުއްވާ އިލާހު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަން އިލާހަށް ދުޢާ ކުރާށެވެ. ތިމަން އިލާހު ތިޔަބައިމީހުންނަށްޓަކައި އިޖާބަކުރައްވާ ހުށީމެވެ.”

އަހަރެމެން ދުޢާވެސް ކުރަމުއެވެ. ނަމަވެސް އެ ދުޢާ އިޖާބައެއް ނުވެއެވެ. އެއީ ކީއްވެގެންތޯއެވެ؟

ޢިލްމުވެރިޔާ ޖަވާބު ދެއްވިއެވެ؛

ތިޔަބައިމީހުން ﷲ އަށް ދަންނަވަމުއެވެ. ނަމަވެސް އެއިލާހަށް ކިޔަމަންތެރިއެއް ނުވަމުއެވެ.

ތިޔަބައިމީހުން ޤުރްއާން ކިޔަވަމުއެވެ. ނަމަވެސް އެޤުރްއާނާ އެއްގޮތަށް ޢަމަލެއް ނުކުރަމުއެވެ.

ތިޔަބައިމީހުން ޝައިޠާނާ އެއީ ކާކުކަން ދަންނަމުއެވެ. ނަމަވެސް އޭނާއަށް ތަބާ ވަމުއެވެ.

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެ ލޯބިވާކަމަށް ތިޔަބައިމީހުން ދަޢުވާ ކުރަމުއެވެ. ނަމަވެސް ތިޔަބައިމީހުން އެކަލޭގެފާނުގެ ސުންނަތަށް ޢަމަލު ނުކޮށް އެނަގާލަމުއެވެ.

ސުވަރުގެ ލިބިގަތުމަށް ލޯބިކުރާކަމުގައި ތިޔަބައިމީހުން ދަޢުވާ ކުރަމުއެވެ. ނަމަވެސް އެތަން ޙާޞިލު ކުރުމަކަށް ތިޔަބައިމީހުން މަސައްކަތެއް ނުކުރަމުއެވެ.

ނަރަކައިގެ އަލިފާނުން ސަލާމަތްވުމަށް ތިޔަބައިމީހުން އެދޭކަމުގައި ދަޢުވާކުރަމުއެވެ. ނަމަވެސް އެތަނުން ސަލާމަތްވުމަށް ތިޔަބައިމީހުން މަސައްކަތެއް ނުކުރަމުއެވެ.

ހަމަކަށަވަރުން ތިމަންނަމެން މަރުވާނެއޭ ތިޔަބައިމީހުން ބުނަމުއެވެ. ނަމަވެސް ތިޔަބައިމީހުން އެމަރަށް ތައްޔާރެއް ނުވަމުއެވެ.

ތިޔަބައިމީހުން އެހެންމީހުންގެ ކުށްތައް ހޯދައި ބަލައި އުޅެމުއެވެ. ނަމަވެސް އަމިއްލަ ކުށްތައް ހޯދައެއް ނޫޅެމުއެވެ.

ތިޔަބައިމީހުން ﷲ ދެއްވި ރިޒުޤުން ކައިބޮއެ އުޅެމުއެވެ. ނަމަވެސް ތިޔަބައިމީހުން އެއިލާހަށް ޝުކުރުވެރިއެއް ނުވަމުއެވެ.

ތިޔަބައިމީހުން މަރުވެދާ މީހުން ވަޅުލަމުއެވެ. ނަމަވެސް އެކަމުން ޢިބްރަތް ޙާޞިލެއް ނުކުރަމުއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަހަރެމެންގެ ތެރެއިން ގިނަ މީހުންގެ ޙާލަކީ މިއީއެވެ. ދުޢާކޮށް އެ ދުޢާ އިޖާބަ ނުވެވިގެން އަހަރެމެން އުޅޭއިރު، އަހަރެމެންގެ ޙާލަކީ މިއީއެވެ.

ﷲ އަށް އީމާންވާކަމުގައި ދުލުކުރިން ބުނަމުން އެއިލާހަށް އެނގިތިބެ އުރެދެމުން އެއިލާހުގެ ޙަޟްރަތުން ދުޢާއަށް އިޖާބައަކަށް އެދެނީ ހެއްޔެވެ؟

 

މަސްދަރު: ނޫރުލްއިސްލާމް

0