ދީން
ސުވަރުގޭގެ ރަލުގެ 4 ސިފައެއް

ސުވަރުގޭގެ ރަލާއި ދުނިޔޭގެ ރަލަކީ ވަރަށް ތަފާތު ތަފާތު ދޭއްޗެވެ. މާތް ﷲ ސުވަރުގޭގެ ރާ ކީރިތި ޤުރުއާނުގައި ޞިފަކޮށްދެއްވާފައިވަނީ މިފަދައިންނެވެ.

يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍ ﴿٤٥

“ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ބުއިމެއްގެ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ.”

بَيْضَاءَ لَذَّةٍ لِّلشَّارِبِينَ ﴿٤٦

“ބޯމީހުންނަށް މީރު، ހުދުކުލައިގެ ބުއިމެކެވެ.”

لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ﴿٤٧

“އެ ބުއިމުގައި ޣައުލެއް(އެއްވެސް ކަހަލަ ތަދުވުމެއް،  ބަނޑުގައި ރިހުމެއް، ބޯއެނބުރުމެއް) ނެތެވެ. އަދި އޭގެސަބަބުން، މަސްތުވެގެންދާނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ.”

(ސޫރަތުއް ޞާއްފާތި 45-47)

މި ސޫރަތުގައި މިވަނީ 4 ސިފައަކުން އާޚިރަތުގެ ރާ ސިފަކޮށްދެއްވާފައެވެ. އެއީ

1. ހުދުކުލައިގައި ހުރުން

2. ބޯމީހުންނަށް މީރުވުން (މިއާޚިލާފަށް ދުނިޔޭގެ ރަލަކީ އެބޯމީހުންނަށް މީރުއެއްޗެއް ނޫނެވެ.)

3. އެއްވެސް ޣައުލެއް ނެތުން. އެބަހީ: އެއްވެސް ކަހަލަ ތަދުވުމެއް، ބަނޑުގައި ރިހުމެއް، ބޯއެނބުރުމެއް ނެތުން. (މިއާޚިލާފަށް ދުނިޔޭގައި ރާބޯމީހުންނަށް ބޮލުގައި ރިހުމާއި ބަނޑުގައި ރިހުންފަދަ ކަންކަން ކުރިމަތިވެއެވެ. އަލްވާޤިޢާ ސޫރަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ﴿١٩﴾   މާނައީ: “އޭގެސަބަބުން އެއުރެންނަށް ބޮލުގެ ރިހުމެއް ނުލިބޭނެތެވެ. އަދި މަސްތުވުމެއްވެސް ނުމެލިބޭނޭމެއެވެ.”)

4. މަސްތުވުމެއް ނެތުން (މިއާ ޚިލާފަށް ދުނިޔޭގެ ރަލަކީ މަސްތުވާ އޭގައި ބަނގުކަން އެކުލެވޭ އެއްޗެކެވެ.)

(ބައްލަވާ: އިބްނުލް ޢުޘައިމީންގެ ޞާއްފާތު ސޫރަތުގެ ތަފްސީރު)

މަސްދަރު: އިސްލާމް ކިއު އޭ

___________________________________

0