ނަޞޭޙަތާއި އިރުޝާދު
މިވަގުތުން ފެށިގެންވެސް އިޞްލާޙުވާން ބޭނުން މީހަކަށް ފުރުޞަތު އެބައޮތް – ހުކުރު ޚުޠުބާ

އިޞްލާޙުވާން ބޭނުންވާ މީހާ މާޔޫސްވާކަށް ނުޖެހޭކަމަށާއި މިއަދު މި ވަގުތުން ފެށިގެން ވެސް އިޞްލާޙުވާން ބޭނުން މީހަކަށް ފުރްޞަތު އެބައޮތްކަމަށާއި ބޭނުންވަނީ ކެތްތެރިކަމާއެކު ގަދަފަދަ ޢަޒުމް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ވަނީ “ ﷲ ތަޢާލާގެ ރަޙްމަތުން އަޅުގަނޑުމެންނަށް ސާފު، ރީތި މިސްކިތްތަކާއި، ދުރަށް އަޑުފޮނުވާނޭ ވަސީލަތްތަކާއި އެންމެހައި ލުއިފަސޭހަތަކެއް ތަނަވަސްވެފައި ވާއިރު، ފަރްޟް ފަސްނަމާދު ގަޑިންގަޑިއަށް ކޮށްލެވެނީ ކިތައް ކިތައް މީހުންނަށް ތޯއެވެ! ދުވާލަކު އެއް ފަހަރު ޤުރްއާނުން ދެ ފޮޅުވަތް ނުވަތަ ތިން ފޮޅުވަތް ކިޔަވާދެވެނީ ކިތައް ކިތައް މީހުންނަށް ތޯއެވެ؟ މި ދީނަށްޓަކައި ޚިދުމަތެއް ކޮށްދެވެނީ ކިތައްކިތައް މީހުންނަށް ތޯއެވެ! މިއިން ދުވަހަކުވެސް އިސްލާމްދީނުގެ އިރްޝާދުތަކާއި ޙުކުމްތައް އެކުލެވޭ ފޮތެއް ކިޔާލެވުނީ ކިތައް ކިތައް މީހުންނަށް ތޯއެވެ! ކޮފީ މޭޒުތަކުގައި ދެ ގަޑި ތިން ގަޑިއިރު ފޫހިކަމެއް ނެތި ހޭދަކޮށްލެވޭ އިރު، ކީރިތި ޤުރްއާނުގެ ތަރުޖަމާ ކިޔައިލަން ދެތިން މިނިޓް ހޭދަކޮށްލެވެނީ ކިތައް ކިތައް ޒުވާނުންނަށް ތޯއެވެ! “

އިތުރަށް ޚުތުބާގައިވަނީ ”މިއަދު ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ މިވަނީ ކުރިއަރައިފައެވެ. ސްމާޓް ފޯނުތަކުގެ ޒަރީޢާއިން ވެސް ކީރިތި ޤުރްއާން ކިޔެވޭނެ ގޮތާއި، ޤުރްއާނުގެ ދިވެހި ތަރުޖަމާ ކިޔާނެ ގޮތް ފަހިވެފައި އެބަހުއްޓެވެ. ނަމަވެސް ގިނަ މީހުންނަށް މިއަދު ވަގުތެއް ނެތެވެ. ދުނިޔެވީ ކަންކަމުގައި މަޝްއޫލުވެގެން އުޅުމުގެ ސަބަބުން ދީނީ ކަންކަމަށް ދެވޭ ސަމާލުކަމާއި އަހުމިއްޔަތު ކުޑަވެއްޖެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. ނަމަވެސް ދަންނަވަންތޯއެވެ! އިޞްލާޙުވާން ބޭނުންވާ މީހާ މާޔޫސްވާކަށް ނުޖެހެއެވެ. މިއަދު މި ވަގުތުން ފެށިގެން ވެސް އިޞްލާޙުވާން ބޭނުން މީހަކަށް ފުރްޞަތު އެބައޮތެވެ. ބޭނުންވަނީ ކެތްތެރިކަމާއެކު ގަދަފަދަ ޢަޒުމެކެވެ.“

އޭގެ އިތުރުން ޚުޠުބާގައި އިސްލާމްދީން ގޮވައިލަނީ ޙަޤީޤީ މެދުމިނަށްކަމަށް ވިދާޅުވިއެވެ.

”އިސްލާމްދީން ގޮވައިލަނީ މެދުމިނަށެވެ. ޙަޤީޤީ

މެދުމިނަށެވެ. މެދުމިނަކީ ތިމާ ގަޔާވާ ކަމެއް ކޮށްފައި، ގަޔާ ނުވާކަމެއް ނުކޮށް ދޫކޮށްލުމެއް ނޫނެވެ. އަދި އެހެންމެ، މެދުމިނަކީ ތިމާގެ ހަވާނަފްސު އެދޭގޮތެއް ވެސް ނުމެނޫން މެއެވެ. އަދި ކިއެއްތަ! މެދުމިނަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ކަނޑައެޅުއްވި ގޮތެވެ. އެއީ، މިދީނުގެ އެންމެހައި އަސާސްތަކާއި ޙުކުމްތަކުގައި ހިފެހެއްޓުމެވެ. ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކުރުމެވެ. ފަރްޟު ރޯދަހިފައި، ޒަކާތް ދެއްކުމެވެ. ޝަރްޢީ މިންގަނޑުތަކާ އެއްގޮތަށް ހެދުން އަޅައި، މިދީނުގެ އެންމެހައި ޝިޢާރުތަކަށް ނަޞްރު ދިނުމެވެ. އެހެންކަމުން، މި ކަންކަމާމެދު އަޅުގަނޑުމެން ވިސްނައި ފިކުރުކުރުން ހުއްޓެވެ!“ ޚުޠުބާގައި ވެއެވެ.

0