ނަޞޭޙަތާއި އިރުޝާދު
ނަމާދުގައި ޞަފުހެދުމުގެ ޙުކުމްތައް

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ނަމާދު ކުރަންބޭނުން ވާނީ، އޭގެ އެންމެ ފުރިހަމަ ގޮތަށެވެ. އެހެނީ ނަމާދަކީ ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ސުވާލުކުރެވޭނެ އަޅުކަމެވެ. އެ އަޅުކަން ރަނގަޅު ނަމަ އެހެން ހުރިހާކަމެއް ރަނގަޅުވާނެއެވެ. އެ އަޅުކަން ގޯސްނަމަ އެހެން ހުރިހާކަމެއް ގޯސްވާނެއެވެ. ވުމާއިއެކު ނަމާދު އޭގެ އެންމެ ފުރިހަމަގޮތުގައި ކުރެވޭތޯ ބަލަންވާނެއެވެ. ނަމާދު އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވިގޮތް އުނގެނި ދަސްކޮށްގެންނެވެ. އެގޮތުން އަޅުގަނޑުގެ މިލިޔުމުގައި އަލިއަޅުވާލަން ގަސްދުކުރަނީ ނަމާދު ކުރާއިރު ޞަފު ހެދުމާބެހޭގޮތުންނެވެ.

ޞަފު ހެދުމުގައި ނޭގިނަމަވެސް ބައެއް ފަހަރު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ޘާބިތުވާގޮތް ނޫން ގޮތް ގޮތަށް ޢަމަލު ކުރެވެއެވެ. އަދި އަނެއްބައި ފަހަރު ފަރުވާކުޑަކޮއްލެވި، އިހުމާލުކޮށްލެވެއެވެ.

އައްޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”ޞަފުހެދުމުގައި ފަރުވާ ކުޑަކޮށްލާފިނަމަ ފާފަވެރިވާ ހިސާބަށްދާކަމަށް ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އަދި ނަމާދު ބާޠިލުވާ ދަރަޖައަށް ދިޔުންވެސް އެކަށީގެންވެއެވެ.“[1] ވީމާ ކޮންމެ މުސްލިމަކުވެސް، ނަމާދު ކުރާއިރު ޞަފު ހެދުމަށް ފަރުވާބަހައްޓަން ވާނެއެވެ.

ނަމާދުގެ ޞަފުހެދުމުގައި ފަރުވާ ބަހަށްޓަންޖެހޭ ކަންކަމުގެ ތެރޭގައި:

ހ) ޖަމާޢަތުގައި ޞަފު ހަދާއިރު އިމާމު މީހާގެ ފަހަތުން އޭނައާއި ދިމާވާގޮތަށް ޞަފުހެދުން: އެހެނީ އިމާމު މީހާ ޤިބްލައަށް ކުރިމަތިލައިގެން ހުންނައިރު، އިމާމު މީހާގެ ފަހަތުން، މެދުން ސީދާވާގޮތަށް މައުމޫމުން ދެފަރާތަށް އެއްވަރަށް ޞަފަށް އެތުރޭނީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ރިވާކުރެއްވިއެވެ. ≪ وَسِّطُوا الإِمَامَ، وَسُدُّوا الْخَلَلَ ≫[2]  މާނައި: ”އިމާމް މީހާއާއި ދިމާލުން، މެދަށް ވާގޮތައް ޞަފުހަދާށެވެ. އަދި ހުސްތަންތަން ފުރާށެވެ.“ މިގޮތަށް ފުރަތަމަ ޞަފު ފުރައި ފުރިހަމަ ކުރުމަށްފަހުގައި ދެވަނަ ޞަފު ފަށާނީ ހަމަ އިމާމާއި ދިމާލުން ދެފަރާތަށެވެ.

އިމާމު މީހާ ފިޔަވައި ދެން ހުރީ އެކަކު ނަމަ މައުމޫމު މީހާ ހުންނާނީ އިމާމު މީހާގެ ކަނާތްފަރާތުގައި އިމާމު މީހާއާ އެއް ޞަފެއްގަ އެވެ. އަދި މިޙާލަތުގައި މައުމޫމު މީހާ އިމާމު މީހާއަށް ވުރެ ކުޑަތަންކޮޅެއް ފަހަތުގައިހުރުން އެދެވިގެންވެއެވެ.

ށ) އެގޮތުން އެންމެ ފުރަތަމަ ކަނާއަތުން ދެން ވާއަތައް ވާގޮތަށް ސަފު ހެދުން: ކޮންމެ ހެޔޮކަމެއްކުރުމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިސްކުރައްވާފައިވަނީ ކަނާއަތްފަރާތެވެ. އެގޮތުން ކެއުން ބުއިމާއި، ހެދުންލުމާއި، މިސްކިތައްވަނުމާއި، މިނޫންވެސް އެތައްކަމެއްގައި ކަނާއަތް އިސްކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ≪ أتمُّوا الأيمن فالأيمن ≫[3] މާނައި: ”ކަނާއަތްފަރާތުން އަދި ކަނާއަތްފަރާތުން ފުރިހަމަ ކުރާށެވެ.“

އައްޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”އިމާމު މީހާ އާއިއެކު އެންމެ މީހަކު ނަމާދަށް ހުރިނަމަ، އޭނަ ނަމާދަށް ހުންޓޭނީ އިމާމު މީހާގެ ކަނާއަތް ފަރާތުގައެވެ. އަދި ވާއަތް ފަރާތުގައި ހުއްޓިގެންނުވާނެއެވެ. އެއީ، މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ. ”އެކަލޭފާނުގެ މައިފުށުގެ ބޮޑުދައިތާފުޅު، މާތްﷲ ރުއްސުންލެއްވި މައިމޫނާގެ، ގެކޮޅުގައި އަވަހާރަފުޅުލެއްޕެވިއެވެ. އެރޭ ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ތެދުވެ ވަޑައިގެން ނަމާދު ކުރައްވަން ފެއްޓެވިއެވެ. އެހިނދު އިބްނު ޢައްބާސް ވެސް ތެދުވެ ވަޑައިގެން ނަމާދު ކުރެއްވުމަށް، އެކަލޭގެފާނުގެ ވާއަތް ފަރާތުގައި ހުއްޓުނެވެ. ދެން ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަތްޕުޅު ފަހަތަށްލައްވައި، އިބްނު ޢައްބާސް ގެނެސް ކަނާއަތް ފަރާތު ބެހެއްޓިއެވެ.“ މީގެން އެނގެނީ މައުމޫމަކަށް އެންމެ މީހަކު ހުރިނަމަ، އޭނަ ހުންނަންޖެހޭނީ ކަނާއަތް ފަޅީގައިކަމެވެ. އަދި ވާއަތް ފަޅީގައި ނޫންކަން މިދަލީލުން ހާމަކޮއްދެއެވެ.“[4]

ނ) އެއްޞަފު ފުރާލައްވާފަ އަނެއެްޞަފު ހެދުން: އެއްޞަފު ފުރާލައްވާފައި އަނެއްޞަފު ހެއްދެވުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބާރުއަޅުންވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ≪ أَتِمُّوا الصَّفَّ الْمُقَدَّمَ، ثُمَّ الَّذِي يَلِيهِ ≫[5] މާނައި: ”ކުރީ ޞަފު ފުރިހަމަ ކުރާށެވެ. ދެން އެއާއި ޖެހުނު ޞަފެވެ.“ އެހެން ރިވާޔަތެއްގައިވެއެވެ. ≪ أتمُّوا الصَّفَّ الأَوَّل، ثُمَّ الَّذِي يَلِيهِ ≫[6]

މާނައި: ”ފުރަތަމަ ޞަފު ފުރިހަމަ ކުރާށެވެ. ދެން އެއާއި ޖެހުނު ޞަފެވެ.“

ވީމާ ޞަފުހަދާއިރު އެއްޞަފު ފުރާލައްވާފައި އަނެއްޞަފު ހެއްދެވުމަކީ ސުންނަތުން ޘާބިޠުވާގޮތެވެ. އެއްވެސް ޙާލަތެއްގައި ޞަފެއް ނުފުރެނިސް އަނެއް ޞަފު ހެދުން އެދެވިގެނެއްނުވެއެވެ.

ރ) ޞަފު ސީދާކުރުން: ޞަފު ސީދާ ކުރުމަކީ ނަމާދު ފުރިހަމަކޮށްދޭ ކަމެކެވެ. އަދި ނަމާދު ޤާއިމުކުރުމުގެ ތެރެއިންވެސް ހިމެނޭ ކަމެކެވެ. މާތްﷲ ރުއްސުންލެއްވި އަނަސްގެފާނުގެ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ≪ سَوُّوا صُفُوفَكُمْ، فَإِنَّ تَسْوِيَةَ الصَّفِّ مِنْ تَمَامِ الصَّلاةِ ≫[7] މާނައި: ”ޞަފުތައް ސީދާކުރާށެވެ. ފަހެ ހަމަކަށަވަރުން ޞަފު ސީދާކުރުމަކީ ނަމާދު ފުރިހަމަވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.“ އަދި އެހެން ރިވާޔަތެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން  މާތްﷲ ރުއްސުންލެއްވި އަނަސްގެފާނު ރިވާކުރެއްވިއެވެ. ≪ سَوُّوا صُفُوفَكُمْ، فَإِنَّ تَسْوِيَةَ الصُّفُوفِ مِنْ إِقَامَةِ الصَّلَاةِ ≫[8] މާނައީ: ”ޞަފުތައް ސީދާކުރައްވާށެވެ. ފަހެ ހަމަކަށަވަރުން ޞަފުތައް ސީދާކުރުމަކީ ނަމާދު ޤާއިމުކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.“ޞަފުތައް ސީދާކުރުމަކީ އެއްބައިވަންތަކަމާއި އަޚުވަންތަކަން ގުޅުވައިދޭކަމެކެވެ. އަދި އިސްލާމީ އުއްމަތް އެކުވެރިކުރުވާ، އެކަތިގަނޑަކަށް ހަދައިދޭ ކަމެކެވެ. ހަމަ މިއާއިޚިލާފައް ޞަފުތައް އެއްވަރުނުވެ ބައިބައިވުމަކީ، އުއްމަތް ބައިބައި ކުރުވާކަމެކެވެ. މާތްﷲ ރުއްސުންލެއްވި އަބޫ މަސްޢޫދުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ނަމާދު ގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންގެ ކޮނޑުގައި އަތްޕުޅު ބީއްސަވައި ޙަދީޘްކުރެއްވިއެވެ. ≪ اسْتَوُوا، وَلا تَخْتَلِفُوا، فَتَخْتَلِفَ قُلُوبُكُمْ ≫[9] މާނައި: ”ތިޔަބައިމީހުން އެއް ހަމައެއްގައި ތިބޭށެވެ. (އެބަހީ: ޞަފުތައް ސީދާކުރާށެވެ.) އަދި ބައިބައިވެ ނުގަންނާށެވެ. އޭރުން ތިޔަބައިމީހުންގެ ހިތްތައް ބައިބައިވެދާހުއްޓެވެ.“ އެއަށްފަހު އަބޫ މަސްޢޫދު ވިދާޅުވިއެވެ. ( فَأَنْتُمُ الْيَوْمَ أَشَدُّ اخْتِلافًا ) [10] މާނައީ: ”މިއަދު ތިޔަބައިމީހުންގެ މެދުގައި ދެބަސްވުން ވަނީ ބޮޑުވެފައެވެ.“

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަފުތައް ސީދާ ކުރުމުގައި ދެއްވާ އަޙައްމިއްޔަތާއި، ފުރިހަމަކަން ބަޔާންކުރައްވާ މާތްﷲ ރުއްސުންލެއްވި އައްނުޢުމާނު އިބްނު ބަޝީރުގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”ދުނިދަނޑިތަކެއް އެއްވަރުކުރައްވާ ފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންގެ ޞަފުތައް އެއްވަރުކުރައްވައެވެ. އެއީ އެކަލޭގެފާނުގެ އަރިހުން އަޅުގަނޑުމެންނަށް އެކަން ވިސްނިއްޖެކަން އެކަލޭގެފާނަށް ފެނިވަޑައިގަންނަވަންދެނެވެ. ދެން އެއަށްފަހު އެއްދުވަހަކު އެކަލޭގެފާނު ނުކުމެވަޑައިގަތެވެ. ފަހެ ނަމާދަށް ހުއްޓި ތަކުބީރު ކިޔުއްވަން އުޅުއްވަނިކޮށް ޞަފަށްވުރެ ބޭރަށް މީހެއްގެ މޭ ނުކުމެފައިވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. ފަހެ ޙަދީޘްކުރެއްވިއެވެ. ≪ عِبَادَ اللَّهِ، لَتُسَوُّنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللَّهُ بَيْنَ وُجُوهِكُمْ ≫[11] މާނައީ: ﷲގެ އަޅުތަކުންނޭވެ. ތިޔަބައިމީހުންގެ ޞަފުތައް ސީދާކުރާހުށިކަމެވެ. ނޫންނަމަ ﷲ ތިޔަބައިމީހުންގެ މޫނުތައް ބައިބައިކުރައްވަފާނެއެވެ.“

ސަފު ހަދަންޖެހޭގޮތް ބަޔާންކުރައްވާ އައްޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”އެންމެ ރަނގަޅު ގޮތަކީ ހަށިގަނޑުގެ މަތިންނަމަ، ކޮނޑާއި ކޮނޑުންނެވެ. އަދި ހަށިގަނޑުގެ ތިރިންނަމަ، ފުންނާބާއި ތަނބިކަށިންނެވެ. އިނގިލީގެ ކޮޅުން ސަފުތައް ތަރުތީބުކުރުމެއްނުވެއެވެ. އެހެނީ ބައެއްމީހުންގެ އިނގިލިތައް ދިގުވެ އަނެއްބައި މީހުންގެ އިނގިލިތައް ކުރެވެ. ވުމާއިގެކު ފުންނާބުން ސަފުއެއްވަރުކުރުން މޮޅުއިތުރުވެގެންވެއެވެ.“[12]

ބ) ވީހާވެސް ގާތުގައި ސަފުހެދުން: ނަމާދަށް ސަފުހަދާއިރު ވީހާވެސް ކައިރީގައި ހުރުމަށްވަނީ އަމުރު ކުރައްވާފައެވެ. މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަފުތަކަށް ނުކުމެވަޑައިގެން ޙަދީޘްކުރެއްވިއެވެ. ”ފަހެ ތިޔަބައިމީހުން، މަލާއިކަތުން އެބޭކަލުންގެ ވެރި އިލާހުގެ ޙަޟްރަތުގައި ޞަފުތައް ހައްދަވާގޮތަށް ޞަފުތައް ނުހަދަނީ ކީއްވެހެއްޔެވެ؟ “ ޞަޙާބީން ދެންނެވިއެވެ. ”މަލާއިކަތުން، އެބޭކަލުންގެ ވެރި އިލާހުގެ ޙަޟްރަތުގައި ޞަފުތައް ހައްދަވަނީ ކިހިނެއްތޯއެވެ؟.“ ޙަދީޘްކުރެއްވިއެވެ. ≪ يُتِمُّونَ الصُّفُوفَ الْمُقَدَّمَةَ وَيَتَرَاصُّونَ فِي الصَّفِّ ≫[13] މާނައި: އެބޭކަލުން ފުރަތަމަ ޞަފުތައް ފުރާލައްވައެވެ. އަދި އެކަކު އަނެކަކަށް ޖެހި ބާރުވެގެން (ހުސްތަން ފުރާލައްވައިގެން) ނެވެ.“

ނަމާދުކުރުމުގައި ވީހާވެސްގާތުގައި ހުރުމަށް ބާރުއަޅަނީ ޝައިތާނާގެ އުނދަގުލާއި ވަސްވާސްތަކުން ސަލާމަތްވުމަށާއި، އޭނާ އެދޭތެރެއަށް ވަނުން މަނާކުރުމުގެ ގޮތުންނެވެ. މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ≪ أَقِيمُوا الصُّفُوفَ وَحَاذُوا بَينَ المنَاكِب، وسُدُّوا الخَلَلَ، وَلِينُوا بِأَيْدِي إِخْوَانِكُمْ، وَلا تَذَرُوا فُرُجَاتٍ للشيْطانِ، ومَنْ وصَلَ صَفًّا وَصَلَهُ اللَّه، وَمَنْ قَطَعَ صَفًّا قَطَعهُ اللَّه ≫[14] މާނައި: ”ތިޔަބައިމީހުން އެކަކު އަނެކެއްގެ ކޮނޑު އެއްވަރަށް ބަހައްޓައި ޞަފު ސީދާ ކުރާށެވެ. އަދި ހުސް ޖާގަތައް ފުރާލާށެވެ. އަދި ތިޔަބައިމީހުންގެ އަޚެއް އެޖާގައަށް ވަންނަން އުޅޭނަމަ ތަންދޭށެވެ. އަދި ޝަޠާނާއަށް ހުސްތަން ނުދޭށެވެ. ޞަފެއް ގުޅުވައިފި މީހަކަށް ﷲ ރަޙްމަތް ލައްވާހުއްޓެވެ. އަދި ޞަފެއް މެދުކަނޑާލައިފި މީހަކަށް ﷲ ގެ ކޯފާ ހުއްޓެވެ.“ އެހެން ރިވާއަތެއްގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން މާތްﷲ ރުއްސުންލެއްވި އަނަސް ބިން މާލިކް ރިވާކުރެއްވިއެވެ. ≪ رُصُّوا صُفُوفَكُم، وَقَارِبُوا بَينَهَا، وَحَاذُوا بِالأَ عْنَاقِ، فَوَالَّذِي نَفْسِي بِيَدِهِ إِنِّي لَأَرَى الشَّيطَانَ يَدْخُلُ مِنْ خَلَلِ الصَّفِ كَأَنَّهَا الخَذَفُ ≫[15] މާނައީ: ”ތިޔަބައިމީހުން އެކަކު އަނެކެކާ ވީހާވެސް ގާތުގައި ތިބެގެން ޞަފުތައް ހަދާށެވެ. އަދި ތިޔަބައިމީހުންގެ ކަނދުރާތައް އެއްވަރު ކުރާށެވެ. (އެބަހީ ޞަފުތައް ސީދާ ކުރާށެވެ.) ތިމަންކަލޭގެފާނުގެ ނަފްސުފުޅު އެއިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ދެމީހުންގެ ދޭތެރޭގައި އޮންނަ ހުސް ޖާގައަށް، ޅަ ކަންބަޅިއެއް ފަދައިން ޝައިޠާނާ ވަންނަތަން ތިމަން ކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ.“

ޅ) ސަފު ހަދާއިރު އިމާމްމީހާއާއި އެންމެ ގާތުގައި ހުންނަންވާނީ ތަންދޮރުދަންނަ މީހުން: އެގޮތުން ޢިލްމުވެރިންނާއި، ނަމާދުގެ ޙުކުމްތައް ދަންނަ މީހުންނާއި، ނަމާދުގައި އިމާމު މީހާއަށް ކުށެއް ކުރެވިއްޖެނަމަ ހަދަންޖެހޭގޮތް އިނގޭ ބޮޑެތި މީހުން ނަމާދުގެ ޞަފުގައި އިސްކުރުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ≪ لِيَلِنِي مِنكُم أُولُو الأَحلاَمِ وَالنُّهَى، ثُمَّ الَّذِينَ يَلُونَهُم، ثُمَّ الَّذينَ يَلُونَهُم ≫[16] މާނައީ: ” (ޞަފުގައި) ތިމަންކަލޭގެފާނާ ޖެހިގެން އެންމެ ގާތަށް ތިބޭންވާނީ ތަންދޮރު ދަންނަ ބުއްދިވެރިންނެވެ. ދެން އެބައިމީހުންނާ ޖެހިގެންވާ މީހުންނެވެ. ދެން އެބައިމީހުންނާ ޖެހިގެންވާ މީހުންނެވެ.“

ހަމައެހެންމެ، ފިރިހެނުންނަށް އެންމެ ހެޔޮވެގެންވަނީ ފުރަތަމަ ޞަފެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ≪ خَيْرُ صُفُوف الرِّجَال أَوَّلُها، وَشَرُّهَا آخِرُهَا ≫[17]  މާނައީ: ”ފިރިހެނުންނަށް ހެޔޮވެގެންވަނީ ފުރަތަމަ ޞަފެވެ. އަދި ނުބައިވެގެންވަނީ ފަހަތު ޞަފެވެ.“

ފުރަތަމަ ޞަފަކީ ހެޔޮކަމުންނާއި ބަރަކާތުން ފުރިގެންވާ ޞަފެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ≪ لَوْ يَعْلَمُ النَّاسُ مَا فِيْ النِّدَاءِ والصَّفِ الأَوَّلِ، ثُمَّ لَمْ يَجِدُوْا إلاَّ أنْ يَسْتَهِمُوْا عَلَيْهِ لاَسْتَهَمُوْا ≫[18]  މާނައީ: ”ބަންގިއާއި ފުރަތަމަ ޞަފުގައި ހުރި ޘަވާބާއި ދަރުމަ މީސްތަކުންނަށް އެނގޭނަމަ ދެން އެކަންކުރުމަށް ގުރުއަތުލުން ފިޔަވައި އިތުރުގޮތެއްނެތްނަމަ (އެކަންކުރުމަށްޓަކައި) އެބައިމީހުން ގުރުއަތުވެސްލީހެވެ.“ އަދި އެހެން ރިވާޔަތެއްގައިއެވެ. ”ހަމަކަށަވަރުން ﷲ އާއި މަލާއިކަތުން ފުރަތަމަ ޞަފަށް ޞަލަވާތްލައްވައެވެ.“[19]

ކ) ކުޑަކުދިން ފުރަތަމަ ސަފުން ބޭރުކުރުން: އިބްނު ޙަޖަރުލް ހައިތަމީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”ކުޑަކުއްޖާ، ބޮޑެތިމީހުންނަށްވުރެ ކުރީން ފުރަތަމަ ޞަފަށް އަރައިފިނަމަ، އެކުދީން ޞަފުން ބޭރުކުރުން ބޮޑެތިމީހުންނަށް ހުއްދަވެގެން ނުވެއެވެ.“[20]

އައްޝައިޚު ބިން ބާޒް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދިޘްފުޅުގައި އޮތް ”ތިމަންކަލޭގެފާނާ ޖެހިގެން އެންމެ ގާތަށް ތިބޭންވާނީ ތަންދޮރު ދަންނަ ބުއްދިވެރިންނެވެ،“ ބަސްފުޅުގެ މުރާދަކީ ތަންދޮރު ދަންނަ ބުއްދިވެރީން ނަމާދަށް އަވަހަށް ދިޔުމަށް ބާރުއެޅުމެވެ. އަދި ނަމާދަށް އަވަހަށް ދިޔުމުގެ ސަބަބުން އެހެން މީހުނަށްވުރެ އެމީހުން އިސްވުމެވެ. އޭގެ މާނައަކީ އެއްވެސް ޙާލެއްގައި، އެބައިމީހުންގެ ކުރީން ނަމާދަށް ގޮސްތިބި މީހުން ފަހަތަށް ޖެއްސުމެއް ނޫނެވެ.“[21]

އައްޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”ޞަފުގައި ކުޑަކުދީން ތިބުމުގެ ސަބަބުން ޞަފު މެދުކެނޑުނުކަމުގައި ވިޔަސް އެކުދީން ޞަފުން ބޭރުކުރުން ހުއްދަވެގެންނުވެއެވެ. އެހެނީ އެކުދީންނަކީވެސް އިންސާނުންނެވެ. ހިލައެއް، ތަނބެއް ނޫނެވެ. އެކުދީން ޞަފުގައި ބައިވެރިކުރުމަކީ ޞަފުމެދުކެނޑޭ ކަމެއް ނޫނެވެ. އަދި އެކުދީން ޞަފުގައި އިސްވެފައި ތިބި ތަނުން ދުރަށް ޖެއްސުމަކީ އެއްވެސްމީހަކަށް ހުއްދަކަމެއް ނޫނެވެ. ސީދާ އިމާމާގެ ފަހަތުގައި ކުރީ ޞަފުގައި ހުރިކަމުގައިވިޔަސް މެއެވެ. އެއްވެސް މީހަކަށް އެކުދީން ދުރައްޖެއްސުން ހުއްދަވެގެން ނުވެއެވެ.“[22]

އ) ތަނބު ދޭތެރޭގައި ސަފުހެދުން: ތަނބު ދޭތެރޭ ސަފުހެދުމަކީ މައުމޫމުންނަށް މަކްރޫހަކަމެކެވެ. އަދި އެއީ ނަހީވެސް ކުރައްވާފައިވާ ކަމެކެވެ. މުޢާވިޔަތު ބިން ޤުއްރަތު އެކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން ރިވާކުރެއްވިއެވެ. ބައްޕާފުޅު ވިދާޅުވިއެވެ. ≪ كُنَّا نُنْهَى أَنْ نَصُفَّ بَيْنَ السَّوَارِي عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَنُطْرَدُ عَنْهَا طَرْدًا ≫[23] މާނައީ: ”ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ތަނބުތަކުގެ ދޭތެރޭގައި ޞަފުހެދުން ތިމަންބޭކަލުންނަށް މަނާކުރެވެއެވެ. އަދި ތަނބުތަކުގެ ދޭތެރެއިން ޞަފުހެދުމުން އެކީ އެކައްޗަކަށް ދުރުކުރެވެއެވެ.“ ހަމައެފަދައިން ޢަބްދުލް ޙަމީދު ބިން މަޙްމޫދު ވިދާޅުވިފައިވެއެވެ. ”ތިމަންނާ، މާތްﷲ ރުއްސުންލެއްވި އަނަސް ބިން މާލިކު އާއި އެކުގައި ހުކުރު ކުރީމެވެ. މީހުން ބައިބޯވުމުގެ ސަބަބުން ތިމަންމެނަށް ދެތަނބު ދޭތެރެއަށް ވަންނަން ޖެހުނެވެ. ދެން ނަމާދުން ސަލާމްދިނުމަށްފަހުގައި އަނަސް ބިން މާލިކު ވިދާޅުވިއެވެ. ( كُنَّا نَتَّقِي هَذَا عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِوَسَلَّمَ ) މާނައީ: ”ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި މިގޮތަށް (ތަނބުތަކުގެ ދެމެދުގައި) ޞަފުހެދުމުން ރައްކާތެރިވަމުއެވެ.“[24]

މިމައްސަލާގައި އައްޝައިޚް ބިން ބާޒް ރަޙީމަހުﷲ ވިދާޅުވެފައިވެއެވެ. ”ސުންނަތް ގޮތަކީ ޞަފުތައް ސީދާކޮށް، ގުޅިފައިހުކުމާއިއެކު، ފަހަތަށް ތަނބުތައްވާ ގޮތަށް ހުރުމެވެ. އަދި ޟަރޫރީ ޙާލަތެއްގައި މެނުވީ ޞަފުތައް މެދުކެނޑިގެން ނުދިއުމެވެ. މިސްކިތް ތެރޭ ބައިބޯވެ، މިސްކިތް ފުރިބާރުވުމުން މީސްތަކުން ތަނބުތަކުގެ މެދުގައި ޞަފު ހަދައިފި ނަމަ އެކަމުގައި މައްސަލައެއް ނެތެވެ. މިސަބަބަށްޓަކައި މާތްﷲ ރުއްސުންލެއްވި އަނަސް ބިން މާލިކު ވިދާޅުވެފައިވެއެވެ. ( إِنَّهُم كَانُوا يَتَّقُونَ ذَلِكَ ) މާނައީ: “ހަމަކަށަވަރުން އެޞަޙާބީން އެކަމުން (ތަނބުތަކުގެ ދެމެދުގައި ޞަފު ހެއްދެވުމުން) ދުރުވެ ރައްކައުތެރިވެލެއްވިއެވެ.” އެބަހީ، އެކަމަށް ޙާޖަތް ޖެހިގެން ނުވާ ހާލަތެއްގައި، އެބޭފުޅުން ތަނބުތަކުގެ ދޭތެރޭ ކޮޅަށް ހުންނެވުމުން ދުރުވެވަޑައިގެން ރައްކައުތެރިވެވަޑައިގަތެވެ. ފަހެ ސުންނަތް ގޮތަކީ މައުމޫމުން ކުރިއަށް ޖެހުމެވެ. އަދި އެމީހުންގެ ފަހަތަށް ތަނބުތައްވާ ގޮތަށް ތިބުމެވެ. އަދި އޭނާގެ ފަހަތުގައި ތަނބެއް ހުރި މީހާ ޞަފަށްވުރެ ކުޑަކޮށް ކުރިއަށް ޖެހިލުމަކުން މައްސަލައެއް ނެތެވެ. އެހެންނަމަވެސް ލާޒިމް ވެގެންވަނީ ޞަފުތައް ސީދާ ކުރުމަށްޓަކައި ދެތަނބު ދޭތެރޭ (ނަމާދު ކުރަން) ހުންނަ މީހުން ކުޑަކޮށް ކުރިއަށް ޖެހިލުމެވެ. އެއީ އޭނާގެ ފަހަތުގައި ތަނބު ހުރި މީހާއާ އެހެން މީހުން އެއް ހަމައެއްގައި، ޞަފުގައި ސީދަލަށް ތިބުމަށެވެ. އަދި އެކަކުގެ މައްޗަށް އަނެކަކު ޞަފުގައި އިސްވެ ނުދިއުމަށްޓަކައެވެ.“[25]

އައްޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”މިސްކިތް ފުރިބާރުވެއްޖެނަމަ ތަނބުތަކުގެ މެދުގައި ޞަފުހެދުން ހުއްދަވެގެންވާ ކަމަށް ބައެއް ޢިލްމުވެރިން އިޖުމާޢު ނަޤުލުކުރައްވާފައިވެއެވެ. ޖާގަ ތަނަވަސް ވެގެންވާ ޙާލަތުގައި ތަނބުތަކުގެ މެދުގައި ޞަފުހެދުމާ މެދު ޚިލާފުއުފެދިފައިވެއެވެ. އެންމެ ޞައްޙަ ބަހުގައި އެއީ ނަހީވެގެންވާ ކަމެކެވެ. އެއީ އެކަމުގެ ސަބަބުން ޞަފު މެދުކެނޑިގެންދާތީއެވެ. ޚާއްޞަކޮށް ތަނބު ފުޅާނަމައެވެ.“[26]

ތަނބެކޭ އެއްފަދައިން ހުކުރުނަމާދުގައި ޚުޠުބާ ކިޔަންއަރާ މެންބަރާއި މުސްޙަފު ބަހައްޓާ ހަރުފަދަ ތަކެތީގެ ސަބަބުންވެސް ޞަފު މެދުކެނޑުމަކީ އެދެވިގެންވާކަމެއްނޫނެވެ. އެފަދަ ތަންތަނުން ދުރުހެލިވެވޭތޯ ބަލަން ވާނެއެވެ. ސަޢޫދީގެ ދާއިމީ ފަތުވާކޮމެޓީގެ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ”ތަނބުތަކުގެ ދެމެދުގައި ޞަފުހެދުން މަކްރޫހަވެގެން ވެއެވެ. މިސްކިތް ފުރިބާރުވެ، ނަމާދުކުރާ މީހުން ގިނަވެއްޖެ ޙާލަތެއްގައި މެނުވީއެވެ.“[27]

ވ) ގޮނޑީގައި އިށީދެ އިނދެ ނަމާދު ކުރާއިރު ސަފުހެދުން: ގޮނޑީގައި ނަމާދުކުރާ މީހާ ޞަފާ އެއްވަރުކުރަން ޖެހޭނީ އޭނާގެ ގޮނޑިއެވެ. އެހެނީ އޭނާގެ ހަށިގަނޑު އޭގެ މަތީގައި އިސްތިޤްރާރުވާ އެއްޗަކީ ގޮނޑިއެވެ. އެހެންކަމުން ގޮނޑި ސަފުން ބޭރުކޮށް މާބޮޑަށް ކުރިއަށް ނެރެ އަދި ފަހަތަށް ޖައްސައި ހަދައިގެން ނުވާނެއެވެ.[28]

އައްޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”ގޮނޑީގެ ފަހަތު ފައި ހުންނަންވާނީ ނަމާދައްތިބޭ މީހުންގެ ފައިތަކާއި އެއްހަމައެއްގައެވެ.“[29] މި ޙާލަތުގައި ގޮނޑި ޞަފުން ބޭރަށް (ކުރިމައްޗަށް) ނުކުމެފައި ހުރުމަކީ މައްސަލައެއް ނޫނެވެ. އޭގެ ސަބަބުން ޞަފުން ބޭރުވީކަމަށް ނުބެލެވެއެވެ. އަދި ޞަފުގެ ފަހަތުގައި ގޮނޑި ބަހައްޓައިފިނަމަ، އޭގެސަބަބުން، ފަހަތުގައި ނަމާދުކުރާ މީހުންނަށް އުނދަގޫވެދާނެއެވެ. އަދި ނަމާދު ކޮޅަށް ހުރެ ފަށާފައި، ރުކޫޢު ނުވަތަ ސަޖިދަ ގޮނޑީގައި ހުރެ ކުރާނަމަ ނަމާދު ފަށާއިރު މީހާ ހުންނަން ޖެހޭނީ ޞަފާ އެއްވަރަށެވެ. އެހާލަތުގައި ގޮނޑިތަންކޮޅެއް ފަހަތަށް ޖެއްސުން މައްސަލައެއްނޫނެވެ. އެކަމަކު ރުކޫޢު ނުވަތަ ސަޖިދައަށް ދާގަޑީގައި ކުރިއަށް ގޮނޑި ޖައްސާލުމުން ފަހަތުގައި ތިބޭމީހުނަށް އުނދަގޫނުވާނެއެވެ. އަދި މީގެ ސަބަބުން އޭނަގެ ނަމާދަށް އެއްވެސް އަޘަރެއް ނުކުރާނެއެވެ.

 

 

ރެފަރެންސްތަށް: 

الشرح الممتع على زاد المستقنع. [1]

 [2]  رواه أبو داود، އައްޝައިޚު ބިން ބާޒް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މިޙަދީޘްގެ ސަނަދުގެ ބައެއް ޟަޢީފްއެވެ. އެހެނެއްކަމަކު އިލްމުވެރިން މިޙަދީޘްއަށް ޢަމަލުކުރައްވައެވެ.

 الشرح الممتع على زاد المستقنع. [3]

 مجموع فتاوى لابن عثيمين. [4]

 رواه أبو داود، وصححه الألباني في صحيح أبي داود. [5]

 رواه النسائي، وصححه الألباني في صحيح النسائي. [6]

 رواه مسلم. [7]

 رواه البخاري. [8]

 رواه مسلم. [9]

 رواه مسلم. [10]

 رواه مسلم. [11]

 الشرح الممتع على زاد المستقنع. [12]

 رواه مسلم. [13]

 رواه أبو داود، وصححه الألباني في صحيح أبي داود. [14]

 رواه أبو داود، وصححه الألباني في صحيح أبي داود. [15]

 رواه مسلم. [16]

 رواه مسلم. [17]

 متفق عليه. [18]

 رواه النسائي، وصححه الألباني في صحيح النسائي. [19]

 فتاوى. [20]

 مجموع فتاوى لابن باز. [21]

 لقاء الباب المفتوح. [22]

 رواه ابن ماجة، وصححه الألباني في صحيح ابن ماجة. [23]

 رواه أبو داود، وصححه الألباني في صحيح أبي داود. [24]

 فتاوى نور على الدرب لابن باز. [25]

 مجموع فتاوى لابن عثيمين. [26]

 فتاوى اللجنة الدائمة. [27]

 شرح منتهى الإرادات. [28]

 مجموع فتاوى لابن عثيمين. [29]

 

0