ނަޞޭޙަތާއި އިރުޝާދު
ލޮބުވެތި ބެލެނިވެރިންނޭވެ! ދަރިންނަށް އިސްލާމީ ރިވެތި ތަރުބިއްޔަތެއް ދެއްވާށެވެ!

ކުޑަ ކުދިންނަކީ ކޮންމެ ބައެއްގެ ތެރޭގައިވެސް ވަރަށް މުހިއްމު ޙިއްސާއެއް ލިބިގެންވާ ބަޔެކެވެ. އެހެނީ ކޮންމެ ޤައުމެއް ނުވަތަ މުޖުތަމަޢެއްގެ ކުރިމަގު ބިނާވެފައި ވަނީ ކުޑަކުދިންގެ ތަރުބިއްޔަތުގެ މައްޗަށެވެ.

މާތް ވެގެންވާ އިސްލާމްދީނުގައި ކުޑަކުދިންގެ ތަރުބިއްޔަތަށް ދެއްވާފައިވާ އަހައްމިއްޔަތަކީ ދުނިޔޭގެ އެހެން އެއްވެސް ދީނެއްގައި ދީފައިނުވާ ފަދަ ބޮޑު އަހައްމިއްޔަތެކެވެ. އެހެނީ އެއީ އުއްމަތުގެ ކުރިމަގެވެ. މުޖުތަމަޢުގެ އުޖާލާކަމެވެ. މައިންބަފައިންގެ ހިތުގެ ފިނިކަމެވެ. ލޮލުގެ އަރާމެވެ.

އެކުދިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅައެވެ. އެއީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެކެވެ. ޙަވާލު ކުރެވިފައިވާ އަމާނާތެކެވެ.

ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކޮށް މުޖުތަމަޢަށް ފައިދާ ކުރަނިވި ބައެއްގެ ގޮތުގައި އެދަރިން ނެރެވިއްޖެނަމަ، އެއީ ބާއްޖަވެރި މުޖުތަމަޢުގެ ބިންގަލެވެ.

މިއަދު ދިވެހި މުޖުތަމަޢު މިދެކޭ ފަސާދައާއި ބަދު އަޚުލާޤީ ސިފަތަކުން ކުރިއަށް އަންނަން އޮތް ޖީލު ސަލާމަތް ކުރުމަށް އެންމެ ފުރަތަމަ ފިޔަވަޅަކީ މިއަދުގެ ކުޑަކުދިންނަށް އިސްލާމީ ފުރިހަމަ ތަރުބިއްޔަތެއް ހޯދައި ދިނުމެވެ.

ރަނގަޅުގޮތުގައި އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރުމަށްފަހު މުޖުތަމަޢަށް ނެރޭ ކުއްޖާ ވެގެން ދާނީ އޭނާގެ މައިންބަފައިންނަށް މި ދުނިޔޭގައާއި އާޚިރަތުގައި ބާއްޖަވެރިކަމުގެ ސަބަބަކަށެވެ. އެހެނީ އިންސާނާ މަރުވުމަށްފަހު އޭނާގެ ޢަމަލުތައް ކެނޑެއެވެ. ތިންކަމަކުން މެނުވީއެވެ. އެއިގެ ތެރެއިން އެއްކަމަކީ ޞާލިޙު ރަނގަޅު ދަރިން (އިސްލާމީ އަޚުލާޤުން ޒީނަތްތެރިކޮށްފައިވާ، މުޖުތަމަޢާއި އިސްލާމީ އުއްމަތަށް ފައިދާ ކުރަނިވި ދަރިން) ދޫކޮށްފައި އޭނާ މަރުވެގެން ދިޔުމެވެ. އެ ދަރިން އޭނާ މަރުވުމަށްފަހު އޭނާއަށްޓަކައި ކުރާ ދުޢާ އެއީ އޭނާގެ ޢަމަލުގެ ފަތަށް އިތުރުވެގެންދާނެ އެއްޗެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިކަމަށް އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމް މުސްލިމް ރަޙިމަހުﷲ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ” إِذَا مَاتَ ابْنُ آدَمَ انْقَطَعَ عَمله إلا من ثلاث صدقة جارية أو علم ينتفع به أو ولد صالح يدعو له “ މާނައީ: ” އާދަމުގެ ދަރިޔާ މަރުވުމަށްފަހު ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ކެނޑިގެން ދެއެވެ. (އެއީ) ދެމިގެންވާ ޞަދަޤާތެކެވެ. ނުވަތަ އެޢިލްމެއްގެ ސަބަބުން (އޭނާއަށާއި އެހެން މީހުންނަށް) ފައިދާކުރަނިވި ޢިލްމެވެ. ނުވަތަ އޭނާއަށްޓަކައި ދުޢާކުރާނެ ޞާލިހު ދަރިއެކެވެ.”

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ޢިއްޒަތްތެރި ބެލެނިވެރިންނޭވެ! މިއީ ފެށުމެއް ކަމަށް ބަލައިގެން ކުރިއަށް ވަޑައިގަންނަވާށެވެ. ދަރިންނަށް ފުރިހަމަ ނަމޫނާއަކަށް ވެވަޑައިގަންނަވާށެވެ. ހަތް އަހަރުގެ ޢުމުރަށް ދިޔުމުން ނަމާދުކުރުމަށް ދަރިންނަށް އަމުރުކުރައްވާށެވެ. ދިހަ އަހަރު ވުމުން ނަމާދު ނުކުރާނަމަ އަދަބު ދެއްވާށެވެ. އެއީ އަނިޔާވާފަދަ އަދަބެއް ނޫނެވެ. އެހެނަސް އެއިގެ ތަދު އިޙްސާސް ވާ އަދަބެކެވެ.

0