ނަޞޭޙަތާއި އިރުޝާދު
ކޭޝް ކާރޑުގެ ޕިން ނަންބަރަށްވުރެ އުޚްތާގެ ޢިއްފަތްތެރިކަމުގެ އަގު ދަށްހެއްޔެވެ؟

އިތައެއްގެ ތެރޭގައި ރައްކާތެރިކަމާއި ޙިމާޔަތްތެރިކަމާއެކު އުފެދިގެން އަންނަ ވިދާ ބަބުޅާ އަގުހުރި މުތެއްފަދަ މިޘާލުން ސިފަކުރެވިފައިވާ ލޮބުވެތި މުސްލިމް އުޚްތާއެވެ! މުޅި ޢާލާމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވުނު މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ، ﷲ ތަޢާލާގެ ރިސާލަތާއިގެން ފޮނުވުމުގެކުރިން ޢަރަބިންގެ ޖާހިލިއްޔަ ދުވަސްވަރު، އެ މުޖުތަމަޢުގައި ތިޔަ ލޮބުވެތި އުޚްތާގެ ޢިއްޒަތާއި ޤަދަރު އެނގިލައްވާތޯއެވެ؟ ތުން ފޮހެލާފަ އެއްލާލާ ޓިޝޫ ކޮޅަކަށް ވުރެވެސް އަގުދަށެވެ. އެއިން މީހެއްގެ އަންބަކަށް، އަންހެން ދަރިޔެއް ލިބުނު ކަމުގެ ޚަބަރު ލިބިއްޖެނަމަ އެމީހުންގެ މޫނުމައްޗަށް ބަނަވެފައިވާ ކަޅު އަނދިރި ވިލާގަނޑެއް މަތިވާހެން ހީވެއެވެ. މިކަން ބަޔާންކުރައްވަމުން ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. (وَإِذَا بُشِّرَ‌ أَحَدُهُم بِالْأُنثَىٰ ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ) سورة النحل 58 މާނައީ: ” އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ ޚަބަރު ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ ޙާލުގައެވެ. “

ތުއްތު އަންހެން ދަރިޔަކު ދުނިޔޭގެ އަލިކަމުގެ ތެރެޔަށް ނޭވާލައިފިނަމަ އެ ތުއްތު ކުއްޖާގެ އެއްވެސް ކުށެއްނެތް ޙާލު، ދިރިހުއްޓާ ވަޅުލައެވެ. ﷲ ގެ ހެޔޮރަޙްމަތްފުޅުން  މުސްތަޤުބަލުގައި މަންމައެއްގެ ދައުރު އަދާކުރާ ލޮބުވެތި މުސްލިމް އުޚްތާއެވެ! ތިބާ ދަރިޔަކަށް ބަލިވެއިންކަން އެނގުނީއްސުރެ 9 މަސްދުވަސް ވަންދެން އެތަކެއްދަތިތަކާއި އުނދަގޫތަކާއި ވޭންތަކެއް ތަޙައްމަލް ކުރުމަށްފަހު، ތިބާގެ ލޯބި ފުށްގަނޑެއްފަދަ ދަރިފުޅު ވިހެއުމާއެކު އެކުއްޖާއަކީ އަންހެންކުއްޖަކަށް ވުމުން، އެކުއްޖާގެ ކުށެއްނެތި ދިރިހުއްޓާ ވަޅުލުމަށް ތިބާ ރުހޭނަން ހެއްޔެވެ؟ ދަރިޔަކު މަރުވުމުން ލިބޭނެ ވޭނާއި ހިތްދަތިކަން އިޙްސާސްކުރެވޭނީ ހަމަ ތިލޮބުވެތި އޯގާތެރިކަމާއި ރަޙްމުން ހިތްފުރިގެންވާ އުޚްތާއަށެވެ. މި އިހާނެތި އަނިޔާ ޤިޔާމަތާއި ޖެހެންދެން ތިލާވަތުކުރެވެމުންދާ ޤުރްއާނުގައި ވަނީ ޒިކުރު ކުރެވިފައެވެ. (وَإِذَا الْمَوْءُودَةُ سُئِلَتْ ﴿٨﴾ بِأَيِّ ذَنبٍ قُتِلَتْ) سورة التكوير 8 ،9 މާނައީ:” އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ ސުވާލު ކުރައްވާ ހިނދެވެ. (8) އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟  “ އަންހެނެއް ކަމުގައި ވުމީ ތިބާގެ ކުށެއް ހެއްޔެވެ؟

ދަރިން ތަރުބިއްޔަތުކުރުމުގެ ބުރަ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން އެ މަސްއޫލިއްޔަތު ފުރިހަމަކުރާ ލޮބުވެތި މުސްލިމް އަުޚްތާއެވެ. އަޑުއައްސަވާށެެވެ! މި މަތިވެރި އިސްލާމްދީން ތިބާޔަށް ހޯދައިދިން ޤަދަރާއި ޝަރަފާއި ޢިއްޒަތާއި ކަރާމާތާއި ޙިމާޔަތްތެރިކަމުގެ އަގު ވަޒަންކުރާށެވެ. ފިރިހެނަކަށް ނުލިބޭ މަތިވެރި ތިން ދަރަޖައެއް ތިބާއަށް ލިބިގެން ވާކަމަށްޓަކައި ތިބާ އެކަމާއި އުފާ ނުކުރަންތޯއެވެ؟ އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު  ރަސޫލާ صلى الله عليه وسلم ގެ  އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވަނީ ((جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : ” مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِي ؟ قَالَ : أُمُّكَ ، قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أُمُّكَ ، قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أُمُّكَ ؟ قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أَبُوكَ )) މާނައީ: ” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. މީސްތަކުންގެ ތެރެއިން ތިމަންނަ އެންމެ އޯގާތެރިވުން ޙައްޤުކަންބޮޑީ ކާކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ތިބާގެ މަންމައަށެވެ. އޭނާ ދެންނެވިއެވެ. ދެން ކާކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ތިބާގެ މަންމައަށެވެ. އޭނާ ދެންނެވިއެވެ. ދެން ކާކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ތިބާގެ މަންމައަށެވެ. އޭނާ ދެންނެވިއެވެ. ދެން ކާކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ތިބާގެ ބައްޕައަށެވެ.”

މި ކެހިވެރި ދުނިޔެއަކީ އެއްވެސް އަގެއް ނެތް ތަނެއްކަން ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُ‌ورِ‌ ) سورة الحديد 20 މާނައީ: ” ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ. “ އެހެންނަމަވެސް އޭގެތެރެއިންވެސް ޞާލިޙް އަންހެނާއީ އެންމެ ހެޔޮ ނިޢުމަތެއް ކަމުގައި ވަނީ ބަޔާންކުރައްވާފައެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.  ((الدُّنْيَا مَتَاعٌ ، وَخَيْرُ مَتَاعِ الدُّنْيَا : الْمَرْأَةُالصَّالِحَةُ )) رواه مسلم މާނައީ: ” ދުނިޔެ އަކީ ވަގުތީއުފަލެކެވެ. އަދި މިދުނިޔޭގެ ވަގުތީ އުފާތަކުގެ ތެރެއިން އެންމެ ރަނގަޅުވެގެންވަނީ ޞާލިޙު އަންބެކެވެ.” މިފަދަ މަތިވެރި ދަރަޖައެއް ލިބުމުން އުފާނުކުރަންތޯއެވެ؟ އެހެން ޙަދީޘްފުޅެއްގައި އެކަލޭގެފާނު ޙަދީޘް  ކުރައްވާފައިވެއެވެ. ((إِذَا صَلَّتِ الْمَرْأَةُ خَمْسَهَا ، وَصَامَتْ شَهْرَهَا ، وَحَفِظَتْ فَرْجَهَا ، وَأَطَاعَتْ زَوْجَهَا ، قِيلَ لَهَا : ادْخُلِي الْجَنَّةَ مِنْ أَيِّ أَبْوَابِ الْجَنَّةِ شِئْتِ)) صححه الألباني މާނައީ: ” ފަރުޟު ފަސްނާމާދުކޮށް ރަމަޟާންމަހު ރޯދަހިފާ ޢިއްފަތްތެރިކަމަށް ރައްކާތެރިވެ އޭނާގެ ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށްފި އަންހެނަކަށް ބުނެވޭނެއެވެ. ސުވަރުގޭގެ ދޮރުކޮޅުތަކުގެ ތެރެއިން ކަނބުލޭގެ އެދޭ ކޮންމެ ދޮރުކޮޅަކުން ސުވަރުގެއަށް ވަންނާށެވެ.  ” މިފަދަ މަތިވެރި ނިޢުމަތްތަކެއް އިސްލާމްދީނުގައި ތިބާއަށް ތަނަވަސް ވުމުން އުފާނުކުރަންތޯއެވެ.

ހުރި ހިތާމައެއްގެބޮޑުކަމާއެވެ! ތިބާއަކީ ލޮބުވެތި މުސްލިމް އުޚްތަކަށްވީހިނދު، ތިބާ މި ވުޖޫދަށް ޚަލްޤުކުރެއްވި ހުސްޠާހިރުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާގެ ޙިމާޔަތަށްޓަކައި އަދި ތިބާއަކީ މުއުމިން ޢިއްފަތްތެރި އުޚްތެއްކަމަށް އެހެންމީސްތަކުންނަށް ހާމަކޮށްދެއްވުމަށްޓަކައި 7 އުޑުމަތިން ތިބާއަށް ޚާއްސަ ނިޢުމަތެއް ދެއްވިކަން ތިބާއަށް އިޙްސާސް ނުކުރެވުނުކަމެވެ. އަޅުގަނޑުމްނެފަދަ ފިރިހެނުންނަށް އެފަދަ ނިޢުމަތެއް ދެއްވާފައިވާކަން ޤިޔާމަތާއި ޖެހެންދެން މީސްތަކުންގެ ދޫތަކުން ތިލާވަތުކުރެވެމުންދާ އެއިލާހުގެ ދުސްތޫރުގައި އަންގަވާފައި ނުވެއެވެ. މި ނިޢުމަތުގެ އަގު ތިބާއަށް ވަޒަންކުރެވޭނަމަ ފަހެ  ތިބާއަށްވުރެ ބާއްޖެވެރިޔަކު ހުންނާނެތޯއެވެ؟

މުއުމިނުން އެބައެއްގެ ފުރާނަ ތިބާގެ ޢިއްޒަތާއި ޝަރަފާއި ޤަދަރު ޙިމާޔަތްކުރުމަށްޓަކައި ޤުރުބާންކުރަން ތައްޔާރަށް ތިބިކަން ތިބާއަށް އެނގިލައްވާތޯއެވެ؟ 7 އުޑުމަތިން ތިބާގެ ޢިއްފަތްތެރިކަން ރައްކާތެރިކުރުމަށްޓަކައި ތިބާއަށް ދެއްވި ޚާއްސަ ނިޢުމަތުގެ ވާހަކަ އަޑުއައްސަވާށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِ‌ي سَوْآتِكُمْ وَرِ‌يشًا ۖ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ‌ ۚ ذَٰلِكَ مِنْ آيَاتِ اللَّـهِ لَعَلَّهُمْ يَذَّكَّرُ‌ونَ ) سورة الأعراف 26 މާނައީ: ” އޭ  އާދަމުގެދަރިންނޭވެ! ތިޔަބައިމީހުންގެ ޢައުރަތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި ތަޤުވާގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، ﷲ ގެ އާޔަތްތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ. “ މިމޫރިތި އާޔަތުގައިވާ ތަޤުވާގެ ފޭރާން ލިބިގަންނާނީ ކިހިނެއްކަން ތި ލޮބުވެތި އުޚްތާއަށް އެނގިލައްވާތޯއެވެ؟ އެއީ ﷲ ތަޢާލާއަށް ބިރުވެތި ވެ ފުރިހަމަޔަށް އީމާންވެ ފާފަތަކަށް އަރައިގަތުމަށް ލަދުވެތިވެ އަދި ތަޤުވާވެރިވުމުގެ ގޮތުން ތިބާގެ ޢައުރަ ނިވާކޮށްގެންނެވެ. ﷲ ތަޢާލާ ތިލޮބުވެތި އުޚްތާއާއި އެހެނިހެން އުޚްތުން  ޢިއްފަތްތެރިވުމަށް ދެއްވާފައިވާ  ފޭރާމުން ޒީނަތްތެރިކަން ލިބިގަންނާށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَن يُعْرَ‌فْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّـهُ غَفُورً‌ا رَّ‌حِيمًا ) سورة الأحزاب 59 މާނައީ: ” އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ. “

މުސްލިމް އުޚްތާއެވެ! ތިޔަ ލޮބުވެތި މުސްލިމް އުޚްތާގެ ނަފްސާއި ސުވާލުކޮށްލައްވާށެވެ. ﷲ ތަޢާލާ ތިބާގެ ޒީނަތްތެރިކަމާއި ޢިއްފަތްތެއިކަން ރައްކާތެރިކޮށްދެއްވުމަށްޓަކައި މި ދެއްވި ތަޤުވާވެރިކަމުގެ ފޭރާމުން ޒީނަތްތެރި ވެވިއްޖެ ހެއްޔެވެ؟ ހިތާމައިގެ ކޮޅެއްވެސްނެތެވެ! އަޅެފަހެ، ތިބާގެ ޢިއްފަތްތެރިކަން ހިލޭފިރިހެނުން ކުރިމަތީގައި އިޝްތިހާރު ކުރަމުންދާއިރު ތިބާގެ ލަދުވެތިކަން ކޮބާހެއްޔެވެ؟ ނީލަމެއްގައި އޮންނަ ފިނިފެންމަލުގެ ޢިއްޒަތަކީ ކޮބައިކަން ތިބާ ވަޒަންކޮށްލައްވާށެވެ. ﷲ ތަޢާލާ ތި ލޮބުވެތި އުޚްތާގެ ޙިމާޔަތަށްޓަކައި ދެއްވާފައިވާ މި މަތިވެރި ފޭރާން ދޫކޮށް، އިސްލާމްދީނުގައި މުސްލިމް އަންހެނުންނަކީ އެއްވެސް ޙައްޤެއް ލިބުމެއްނެތި ފަރުދާއެއްގެ ފަހަތުގައި ބަންދު ކުރެވިފައިވާ ބަޔެކޭބުނެ ދަޢުވާ ކުރަމުންދާ ހުޅަނގުގެ މީހުންގެ މަޅީގައި ޖެހި ތި އުޚްތާގެ ޖިސްމުގެ ވަނާތައް ރެއާއި ދުވާލު ހިލޭސާބަހަށް އިޝްތިހާރު ކުރަމުންދާއިރު ތިބާއަށް ޝަރަފާއި ޤަދަރާއި ޢިއްޒަތް ގެނެސްދިން އިސްލާމްދީނުގެ މަތިން ހަނދުމަފުޅު ނެތުނީތޯއެވެ؟ އެންމެންނަށް ބޭނުންކުރެވޭ ފަދަ ގޮތަކަށް ޚިދުމަތްލިބިގަނެވޭ ATM  މެޝިނެއްފަދައިން ވުން ރަނގަޅީތޯއެވެ؟ ތިބާ ޚަލްޤުކުރެއްވި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމުގެ ބަދަލުގައި އެ އަމުރުފުޅުތަކަށް ގޮންޖަހައި ތިބާގެ ޒީނަތްތެރިކަމާއި ޢިއްފަތްތެރިކަމަށް އެއްވެސް އަޅާލުމެއްނެތި، ވާރޭ ފެންތިކިތަކެއް ޖެހުމުން ތެމިގެންދާފަދަ ތުނިތުނި ޓިޝޫފަދަ ކުރު ކުރު ހެދުމެއްލައިގެން ހުނަން ޙާލު މަރުވެދާނެކަމަށް ބިރެއްނުގަނޭހެއްޔެވެ؟ މިފަދައިން ﷲ އަށް އުރެދުންމަތީގައިވާ ޙާލު ކިތައްމީހުންގެ މަރު އެމީހުންނާއި ބައްދަލުކޮށްފައިވާކަން ތިބާޔަށް އެނގިލައްވާތޯއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފއިވާ ބަސްފުޅެއްގައި ވެއެވެ. ((إِنَ المَيِتَ يُبْعَثُ فِيْ ثِيَابِهِ الَّتِيْ يَمُوتُ فِيْهَا )) صححه الألباني މާނައީ: ” ހަމަކަށަވަރުން މައްޔިތާ އަލުން ދިރުއްވޭނީ އޭނާ އެ ހެދުމެއްގައި ވަނިކޮށް މަރުވި ހެދުން ލައިގެންވަނިކޮށެވެ. “

އޭމުސްލިމް އުޚްތާއެވެ! ޙިޖާބުގެ ތަޤުވާވެރި ފޭރާމަށްވުރެ ތިބާއަށް ރަނގަޅީ ހުޅަނގުގެ އަންހެނުންލާ ކުރުކުރު ހެދުންތޯއެވެ؟ އިސްލާމީ ޙިޖާބުން މުސްލިމްއަންހެނާގެ އަގުބޮޑު ޖިސްމާއި ވަނާތައް ހިލޭފިރިހެނުންގެ ބެލުންތަކާއި ބަދުއަޚްލާޤީ ޢަމަލުތަކުން ސަލާމަތްކޮށްދިނުމަކީ އެ މީހުންނަށް ދެވޭ ބޮޑު އަނިޔާއެއްކަމަށް އަންހެނުންގެ ޙައްޤުތައް ‘ނަމެއްގައި’ ހޯދައިދިނުމަށް މަސައްކަތްކުރާ ހުޅަނގުގެ މީހުން ދަޢުވާކޮށް މި ތާކުންތާކު ނުޖެހޭ ފިކުރު މުސްލިމުންގެ ތެރޭގައި ފަތުރައެވެ. އަދި އެމީހުންގެ މި ދަންތުރައިގައި ބައެއްމުސްލިމް އުޚްތުންވަނީ ޖެހިފައެވެ. ނަމަވެސް ހަޤީޤަތުގައި އެމީހުން މިކުރާ ދަޢުވާ ރައްދުވަނީ ހަމަ އެމީހުންގެ މައްޗަށެވެ. އެމީހުންގެ ޤައުމުތަކުގައި އަންހެނުން ގެންގުޅެނީ ޓޮޢިލެޓް ޕޭޕަރުގެ ގޮތުގައެވެ. ބޭނުންކޮށްލާފައި އުކާލާ ކުނިތަކެއްފަދަ ގޮތަކަށެވެ. ކޮންމެ ސިކުންތެއްގެ ތެރޭގައި އެތައް އަންހެނުންނެއްގެ ޢިއްފަތް ގަދަކަމުން ފޭރިގަނެ ރަޙުމްކުޑަގޮތުގައި އަނިޔާކޮށް ރޭޕްކުރެއެވެ. އަދި ރޭޕްކޮށް މަރާލާ އަންހެނުންގެ ޢަދަދުވެސް މަދެއްނޫނެވެ. ހުޅަނގުގެ ޙަޤީޤީ މަޤްޞަދަކީ މުސްލިމް އުޚްތުން އެބައިމީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ލިއްބައިދޭ ގެ ތަކުން މަގުމައްޗަށްނެރެ އެބައިމީހުންގެ ޢިއްފަތްތެރިކަން ވެއްޔާމޮޑެލުމެވެ. އެމީހުންވަނީ އެމީހުންގެ އަންހެނުންގެ ޢިއްފަތްވެސް މި ބީދައިން ވެއްޔާމޮޑެލާފައެވެ. އެމީހުންގެ ދަޢުވާއަކީ ތެދު ދަޢުވާއެއްނަމަ، ފިރިހެނުން އެމީހުންގެ ޢައުރަ ކަޝްފުވާފަދަ ކުރުއެއްޗެހި ލައިގެން އެއްވެސް ކުޅިވަރެއް ކުޅޭތަން ތި ލޮބުވެތި އުޚްތާ ދެކުނިންތޯއެވެ. އެހެންނަމަވެސް ކޮންމެ ދާއިރާއެއްގައިވެސް ހުޅަނގުގެ އަންހެނުންގެ ޙާލު ތަސައްވަރު ކޮށްލައްވާށެވެ. އޮފީހުގައި ފިރިހެނާ އޭނާގެ ކަރުންތިރީގެ ހުރިހާތަނެއް  ނިވާކޮށްގެން ހުންނަންޖެހޭއިރު އަންހެން މުވައްޒަފުން ގެ ޔުނިފޯމަކީ މިނީ ސްކާޓެވެ. އަދި މިއަށްވުރެ ކުރުވުން އެދެވިގެންވާފަދައެވެ. އެމީހުންގެ ޙަޞާރަތުގައި އަންހެނާއަކީ މަލެކެވެ. އެމަލުން ދުނިޔޭގައިވާ ވާހާ މާބުރަކަށް ފޮނިބޮވެންވާނެއެވެ. އަދި އެމާ ބިނދެވެންވެސް ވާނެއެވެ. އެހެންކަމުން ކޮންމެ އަންހެނަކީ ފިރިހެނުން ބޭނުންއިރެއްގައި ފޮނި ބޯންތިބޭ މާތަކެކެވެ. އަދި ބޭނުން އިރެއްގައި ބިނދެލަންވީއެވެ. ނަމަވެސް މިއީ އިސްލާމީ އުޞޫލާއި މުޅިން ފުށުއަރާ ފަލްސަފާއެކެވެ. އިސްލާމްދީން ގޮވާލަނީ ޢިއްޒަތާއި ޝަރަފާއި ޤަދަރާއި ކަރާމާތާއި އެކީ އަންހެނާ އޭނާގެ ގޭގައި އޭނާގެ ފިރިމީހާގެ ރައްކާތެރިކަމާއި ޙިމާޔަތުގައި އިނުމަށެވެ.

ތިޔަ ލޮބުވެތި އުޚްތާގެ ޒީނަތްތެރިކަމާއި ޢިއްފަތްތެރިކަން ހިލޭފިރިހެނުންނަށް ދެއްކުމަށް މަސައްކަތްކުރުން އެއީ ތިބާއަށް ހޯދައިދެވޭ ޙައްޤެއްތޯއެވެ؟ ނޫނީ ނިކަމެތިކަމެއް ތޯއެވެ؟ ރައްކާތެރިކަމާއެކު ގެންގުޅޭ ކޭޝް ކާޑުގެ ޕިން ނަންބަރު އެހެންމީހަކަށް ހާމަވުމަށް އެއްވެސްމީހަކު ނޭދޭ ޙާލު ތިބާގެ އަގުބޮޑު ޤަދަރުވެރި މަތިވެރި ޖިސްމުގެ ވަނާތަކާއި ޢިއްފަތްތެރިކަން ހިލޭފިރިހެނުންނަށް ދައްކަން މަސައްކަތްކުރުމަކީ އެނަންބަރަށްވުރެ ތިބާގެ އަގު ދަށްވުމެއްނޫންތޯއެވެ؟ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَلَقَدْ كَرَّ‌مْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ‌ وَالْبَحْرِ‌ وَرَ‌زَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ‌ مِّمَّنْ خَلَقْنَا تَفْضِيلًا ) سورة الإسراء 70 މާނައީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމްގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒްޤު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ. “

ލޮބުވެތި ޙިމާޔަތްކުރެވި މަތިވެރި ޤަދަރެއްދެވިފައިވާ ދޮންދީންޏެއްފަދަ މުސްލިމް އުޚްތާއެވެ! ތިބާއީ ޞާލިޙު ތަޤުވާވެރި އުޚްތެއްނަމަ ތިބާގެ ޢިއްފަތްތެރިކަން ރައްކާތެރި ކުރާށެވެ. ތިބާގެ ޖިސްމުގެ ވާނާތަކާއި ޒީނަތްފާޅުނުކުރާށެވެ. އިސްލާމީ ޙިޖާބުން ތިބާގެ ޖިސްމު ޙިމާޔަތްކުރާށެވެ. ޢިއްފަތްތެރިވާށެވެ. ތިބާގެ ޢިއްފަތްތެރިކަމަށް ތިބާނުދިން ސަމާލުކަމެއް އެހެންމީހަކު ނުދޭނެއެވެ. ތިބާގެ ޖިސްމަކީ ވަކި ހުއްދައަކާއި އެކު މެނުވީ ނުބެލޭނޭފަދަ ޤަދަރުވެރި ޖިސްމެކެވެ. ޙަލާލު ކައިވެންޏަކުން، ޙަލާލު ފިރިޔަކަށް މެނުވީ ތިބާގެ ހަށިގަނޑަށް ނުބެލޭނެއެވެ. މަޙްރަމަކަށްވެސް ވަކި މިންވަރެއް މެނުވީ ބެލުން ހުއްދައެއްނޫނެވެ. މުޖުތަމަޢުގައި ތިބާގެ އަބުރާއި ޢިއްޒަތް ނަގާލެވެނީ ތިބާގެ ފަރުވާކުޑަކަމުންނެވެ. ލޮބުވެތި އުޚްތާއެވެ! މި ވާހަކައިން ޢިބްރަތް ލިބިގަންނާށެވެ. ޢަޠާއު ބިން އަބީ ރަބާޙު ރިވާކުރައްވާފައި ވެއެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ތިމަންކަލޭގެފާނަށް ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ތިބާއަށް ސުވަރުގޭގެ އަންހެނަކު ދައްކަންހެއްޔެވެ. ތިމަން ވިދާޅުވީމެވެ. އާނއެކެވެ. ދެން އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. މި ކަޅު އަންހެން ބޭކަނބަލާ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އައިސް ދެންނެވިއެވެ. ތިމަންކަމަނާއަކީ (ބައްޔެއްގެ ސަބަބުން) ހޭނެތިގެން ވެއްޓޭ މީހެކެވެ. އެ ހިނދު ތިމަންކަމާގެ އަޢުރަ ފާޅުވެއެވެ. އެހެންކަމުން (ބައްޔަށް ޝިފާދެއްވުންއެދި) ތިމަންކަމަނާއަށްޓަކައި ﷲ އަށް ދުޢާކޮށް ދެއްވާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ކަމަނާ އެދޭނަމަ ކެތްތެރިވާށެވެ. އޭރުން ކަމަނާއަށް ސުވަރުގެ ހުއްޓެވެ. ކަމަނާ އެދޭނަމަ ތިމަންކަލޭގެފާނު ކަމަނާގެ ބަލި ރަނގަޅުކޮށްދެއްވުން އެދި ﷲ ގެ ޙަޟުރަތުގައި ދުޢާކޮށްދެއްވަފާނަމެވެ.” އެކަމަނާ ދެންނެވިއެވެ. ތިމަންކަމަނާ ކެތްތެރިވާނީއެވެ. ދެންވެސް ދެންނެވިއެވެ. ތިމަންކަމަނާ (ހޭނެތިގެން ވެއްޓޭހިނދު) ޢައުރަ ފާޅުވާތީ އެކަމުން  (ޢައުރަ ފާޅުވުމުން) ރައްކާތެރިކަން ދެއްވުމަށް އެދި ދުޢާކޮށްދެއްވާށެވެ. ދެންފަހެ އެކަލޭގެފާނު އެކަމަނާއަށް ދުޢާކޮށްދެއްވިއެވެ.

******
” ތަޤުވާގެފޭރާމުން ޒީނަތްތެރި ނުވެވިއްޖެނަމަ، ދުނިޔޭގެފޭރާމުން ޒީނަތްތެރިވިޔަސް ، ނުމެވޭނިވާވާކަށް ޙަޤީޤީ ޢައުރައެއް،
ޔަޤީނޭ އެންމެހެޔޮ ލިބާހެއްކަމުގައިވަނީ ، އަޅަމެންގެ ރައްބަށް ކިޔަމަންވުމޭ، ޔަޤީނޭނެތޭ އެއްވެސް ހެވެއް، ރައްބަށް ނުކިޔަމަންތެރިވާ ވުމުން! “
******

މަސްދަރު:  ދިސަލަފިއްޔާ

0