ނަޞޭޙަތާއި އިރުޝާދު
ހާރުދަމުގެ ވަގުތު ޣަނީމާކުރައްވާށެވެ.

ހާރުދަމުގެ ވަގުތު އިސްތިޣްފާރު ކުރާ މީހުން ޤިޔާމަތްދުވަހުން ވާހުށީ ސުވަރުގެ ތަކާއި ފެންއާރުތަކުގެ ނިޢުމަތުގައެވެ. މި ބަރަކާތްތެރި ވަގުތުގައި ފާފަފުއްސެވުން އެދޭ މީހުންގެ ވާހަކަ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައިވަނީ:
(كَانُوا قَلِيلًا مِنَ اللَّيْلِ مَا يَهْجَعُونَ)
سورة الذاريات 17

” އެއުރެން ނިދާއުޅުނީ ރޭގަނޑުން ވަރަށް ކުޑަ ވަގުތުކޮޅެއްގައެވެ. ”
(وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ)
سورة الذاريات

” އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުން އެދި ދުޢާކުރެތެވެ. ”

މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް) މި ފޮތުގައި ވިދާޅުވެފައިވެއެވެ.

“އަރާމު ތަންމަތިތަކުގައި ފުން ނިދީގައި މީސްތަކުން ގެނބިފައިވާ ހާރުދަމުގެ ވަޤުތުގައި، އާދޭހުގެ އަތް އުފުލާ މަތިވެރިވެގެންވާ އިލާހުގެ ޙަޟްރަތުގައި ދަންނަވާށެވެ. އެންމެ ދުޢާއެއްގެ ސަބަބުންވެސް ހުރިހާކަމެއް ބަދަލުވެގެން ހިނގައިދާނެއެވެ. ފަހެ ދަރިން ނުލިބޭމީހުންނަށް ދަރިން ލިބި، ބަލިމީހުންނަށް ޝިފާލިބި، ފަޤީރުންނަށް ރިޒުޤު ތަނަވަސްވެ އަދި އަބާއްޖަވެރިން ބާއްޖަވެރިވެދާނެއެވެ. ”

އަރާމު ތަންމަތި ދޫކޮށް، ރޭއަޅުކަންކުރަން ތެދުވުމަކީ މުއުމިނުންގެ ސިފައެއް ކަމުގައި ބަޔާންކުރައްވަމުން އެކަލާނގެ ވަޙީކުރައްވާފައިވަނީ :
(تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنْفِقُونَ)
سورة السجدة 16

” އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާކުރާ ޙާލު އެއުރެންގެ އަރިކަށިތައް (ރޭއަޅުކަން ކުރުމަށްޓަކައި) ތަންމަތިތަކާއި ފޭވެއެވެ. އަދި ތިމަން ރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން އެއުރެން ހޭދަކުރެތެވެ. ”
ދަމުނަމާދު ކުރުމުން އަޅުގަނޑުމެންގެ އީމާންކަން ތާޒާވެ، ފާފަތައް ފުހެވިގެން ދިޔުމުގެ އިތުރުން ފާފަކުރުމާމެދު ހިތުގައި ނަފްރަތުކަމެއް އުފެދި، އުޚްރަވީ ނިޢުމަތްތަކަށް އަޅުގަނޑުމެންގެ ހިތްތައް ލެނބިގެންދާނެއެވެ. އަޅުގަނޑުމެންގެ ނަފްސުތައް ޠާހިރުވެ ހިތްތައް އަލިވެގެން ދާނެއެވެ.
އިމާމު ޝާފިޢީގެފާނު ވިދާޅުވެފައި ވެއެވެ.
“ދަމުނަމާދުގެ ވަގުތުގައި ކުރެވޭ ދުޢާ އަމާޒުން ބޭރު ނުވާ ތީރެއް ފަދައެވެ.”
ސަލަފުންގެ އެހެން ބޭކަލަކު ވިދާޅުވެފައިވެއެވެ.

” ރޭގަނޑުގައި ނަމާދުކުރުން ގިނަވެއްޖެ މީހާގެ މޫނު، ދުވާލުގައި އުޖާލާވެގެން ވެއެވެ.”

ދަމުނަމާދު ކުރުމަށް އެންމެ މޮޅު އިތުރުވެގެންވާ ވަގުތަކީ ހާރުދަމުގެ ވަގުތެވެ. މި ވަގުތުގެ މަތިވެރިކަން އަޅުގަނޑުމެންނަށް ފުރިހަމައަށް އިހުސާސްކުރެވޭނަމަ، ކޮންމެ ފަދަ ޤުރުބާނީއެއް ވެގެން ވެސް މި ވަގުތުކޮޅު ޣަނީމާ ކުރެވޭތޯ މަސައްކަތް ކުރާނެއެވެ. އާދެ މިއީ ދުޢާ އިޖާބަކުރެވޭ ވަގުތެވެ.

ހާރުދަމުގެ ވަގުތަކީ އެކަލާނގެ ދުނިޔޭގެ އުޑަށް (އެއްމެ ތިރީ އުޑަށް) ފައިބައިވޮޑިގެން އެކަލާނގެ އަޅުތަކުންނަށް ގޮވައިލައްވާ ވަގުތެވެ. “ކަމަކަށް އެދި ދަންނަވާނެ މީހަކު އެބަ ހުރި ހެއްޔެވެ؟ ތިމަން ރަސްކަލާނގެ އެކަމެއް ދެއްވާހުށީމެވެ. ފާފަފުއްސެވުމަށް އެދޭނެ މީހަކު އެބަ ހުރިހެއްޔެވެ؟ އެމީހެއްގެ ފާފަ ފުއްސަވާހުށީމެވެ.”

ދަމުނަމާދާއިބެހޭ ގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވިއެވެ.

عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأَبُ الصَّالِحِينَ قَبْلَكُمْ وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ وَمَنْهَاةٌ عَنْ الْإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنْ الْجَسَدِ

މާނައީ : “ހަމަކަށަވަރުން ﷲގެ ތިޔަބައިމީހުންގެ މައްޗަށް ތަހައްޖުދު ނަމާދު ކުރުންހުއްޓެވެ. މިހެނީ އެއީ ޞާލިޙު އަޅުންގެ އާދައެކެވެ. އަދި ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް ލެބޭ ފުރުޞަތެކެވެ. ހުތުރު ކަންތައްތަކާ ދުރުހެލިވެގަތުމެކެވެ. ފާފަތަކުގެ ކައްފާރާއެކެވެ. ހަށިގަނޑަށް ދިމާވާ ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ.”

މި ޙަދީޘް ރިވާކުރައްވާފައިވަނީ އިމާމު އަޙްމަދާއި ތިރުމިޛީއާއި އިބްނު ޢަސާކިރެވެ. އަދި މިއީ ޞައްޙަ ޙަދީޘެއްކަމުގައި އިމާމް އަލްބާނީ ވިދާޅުވެފައިވެއެވެ.

ރޭ އަޅުކަން ކުރާނީ ކިހިނެއްތޯ؟
ابْنِ عُمَرَ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ.
މީހަކު رسول الله صلى الله عليه وسلم ގެ އަރިހުގައި ރޭ އަޅުކަން ކުރާނީ ކިހިނެއްތޯ ދެންނެވުމުން ހަދީޘް ކުރެއްވިއެވެ. (( صَلَاةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى)) [البخاري ومسلم] މާނައަކީ: ” ރޭއަޅުކަން ވަނީ ދެރަކުޢަތުން ދެރަކުޢަތުން ނެވެ. (ދެރަކުޢަތް ކޮށްފައި ސަލާންދީފައި އަނެއްކާ ދެރަކުޢަތެވެ.) އަދި ފަތިސްވެދާނެ ކަމުގެ ބިރު ހީވެއްޖެ ނަމަ އިސްވެ ދިޔަ ރަކުއަތްތަކަށް ވިތުރީގެ އެއް ރަކުޢަތް ކުރާށެވެ!”

ރެފަރެންސް:

ދުޢާކުރުން 3

0