މުޖުތަމަޢު
ސުނާމީ ކާރިސާއަށް 14އަހަރު

މީގެ 14 އަހަރުކުރިން ހިގި ސުނާމީ ކާރިސާއަކީ އިންޑޮނޭޝިއާގެ ސްމަޓްރާގެ ކަނޑު އަޑިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ބިޔަރާޅެއް ނުވަތަ ރާޅުތަކެއްގެ ސަބަބުން ކުރިމަތި ކާރިސާއެކެވެ. ރެކްޓަރމިންގަނޑުން 9.1 އާއ 9.3 މެގްނެޓިއުޑް ބާރުމިނުގައި އަށް މިނެޓާ 10 މިނެޓުގެ ދިގު މިނަށް މި ބިންހެލުން ދެމިގެން ދިޔައެވެ. ރާއްޖެއަށް ވެސް މި ބިންހެލުން އިހްސާސްކުރެވުނެވެ. އެއީ ރާއްޖޭގެ ގަޑިން އެދުވަހުގެ ފަތިހު 5:58 ހާއިރުއެވެ. ނަމަވެސް އެދުވަހުގެ 9:20 ހާއިރު ސުނާމީ އެރުމާހަމައަށް ދިވެހިން އުޅެމުން ދިޔައީ އެހެންދުވަސް ދުވަހެކޭ އެއްފަދައިން ދިރިއުޅުމުގެ އެކިކަންކަމުގައި މަޝްޣޫލުވެގެންނެވެ.

މި ބިންހެލުމަކީ ދުނިޔެއަށް މިހާތަނަށް ކުރިމަތިވި ބިންހެލުންތަކުގެ ތެރެއިން ރެކޯރޑްކުރެވިފައިވާ ތިންވަނައަށް އެންމެ ބާރުގަދަ ބިންހެލުންވެސް މެއެވެ. އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދިޔަ ޤުދުރަތީ ކާރިސާވެސް މެއެވެ. މި ބިންހެލުމުން އުފެދުނު ސުނާމީގައި (ރާޅުގައި) 30 މީޓަރ ނުވަތަ 100 ފޫޓު ހުރިކަމަށް ރެކޯރޑް ކުރެވިފައި ވެއެވެ.

ސުނާމީ ކާރިސާގައި 14 ޤައުމަކުން 230000 އާއި 280000  އާ ދެމެދުގެ ޢަދަކަށް މީހުން މަރުވިކަމަށް ރެކޯރޑް ކުރެވިފައިވެއެވެ.

ސުނާމީއަކީ މިހާތަނަށް ރާއްޖެއަށްވެސް ކުރިމަތިވި އެންމެ ބިރުވެރި ނުރައްކާތެރި ގެންލުންބޮޑު ކާރިސާއެވެ. ރެކޯރޑް ކުރެވިފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ނުވަ ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ސުނާމީގެ އަސަރުކުރިއެވެ. ރާއްޖޭގެ 20 އަތޮޅުން ގެއްލުނު މީހުންނާއެކު 108 މީހުން މަރުވިއެވެ. އެއީ ރާއްޖޭގެ ރިސޯޓަކުން މަރުވި ދެ ފަތުރުވެރިޔަކާވެސް އެކުގައެވެ.

މަސްދަރު: އާފަތިސް

0