ނަޞޭޙަތާއި އިރުޝާދު
އަހަރެން ބުރުގާ ނަގާލަން ގަސްތުކޮށްފިން

ޓްވިޓާ އަކީ މީސް މީޑިއާގެ ޕްލެޓްފޯމްތަކުން މަޤުބޫލު އެކައްޗެވެ. ކޮންމެ ދުވަހަކުވެސް ޓުވިޓާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން، އެމީހުންގެ އެކިއެކި ވާހަކަތަކާއި، ތަޖުރިބާތައް ޙިއްސާކުރެއެވެ. ގިނަ މީހުންނަށް އަސަރުކުރާ ކަހަލަ ވާހަކައެއް ނަމަ އިސާހިތަކު “ވައިރަލް” ވެދެއެވެ. އެގޮތުން އަލަށް އިސްލާމްވާ މިހުން އެކަން އިޢުލާނުކޮށް ކުރާ ޓްވީޓުތައް ގިނަ ފަހަރު ވައިރަލް ވެއެވެ. މިފަހަރު އަޅުގަނޑު މި ހިމަނާލަނީ، އެފަދައިން ވައިރަލްވި ޓްވީޓެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑު ލިޔެފައިވާ ތަރުޖަމާއެކެވެ. މިއީ ބުރުގާ އެޅި ރަޝިޔާގެ މުސްލިމް އުޚްތަކު ބުރުގާ ނަގަން ގަސްތުކުރި ވާހަކަ ޙިއްސާކޮށްލާ ޓްވީޓެކެވެ. މިއީ ވަރަށް ގިނަ ބަޔަކަށް (އަޅުގަނޑުވެސް ހިމެނޭގޮތަށް) އަސަރުކުރި ވާހަކައެއް ކަމުން، ދިވެހީންނާ ވެސް ޙިއްސާކޮށްލަން އަޅުގަނޑު ބޭނުންވީއެވެ. އަދި މިލިޔުމުގެ ސަބަބުން އެއްވެސް މީހަކަށް މަންފާކޮށް ޢިބްރަތެއް ޙާޞިލުވެއްޖެ ނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލްވީއެވެ. މިހާ ހިސާބުން މި ޓްވީޓްގެ ތަރުޖަމާއެއް ގެނެސްދޭނަމެވެ:

 

މިއީ ތިޔައިގެ ތެރެއިން ގިނަ މީހުންނަށް އެހާ މާނަފުން ވާހަކައަކަށް ނުވެދާނެއެވެ. އެހެނަސް، އުމުރުން 21 އަހަރުގައި ބުރުގާ (ޙިޖާބު) އެޅީއްސުރެ އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުވިއެވެ. އަހަރެން ކިޔަވަނީ ރަޝިޔާގެ ޔުނިވާސިޓީއެއްގައެވެ. ކޮންމެ ދުވަހަކުވެސް އެތައް މަލާމާތަކާއި ފުރައްސާރައިގެ އަމާޒަކަށް އަހަރެން ވިއެވެ. މުދައްރިސުން އަހަރެން ތަފާތުކޮށް، ބަދުބަސް ބުންޏެވެ. އެއީ ވަރަށް ވެސް ހިތާމަވެރި، ހިތްދަތި އިހުސާސެކެވެ. މިކިޔަނީ އަހަރެން ދީނާއި ނުލާހިކު ގާތް ދުވަސްވަރެއްގެ ވާހަކައެވެ. އަބަދުވެސް ނަމާދު ކުރީމެވެ. ނުވަތަ ބަރާބަރަށް ކުރަން މަސައްކަތް ކުރީމެވެ. ޤުރުއާން ކިޔެވީމެވެ. ބުރުގާ ވެގެން ދިޔައީ އަހަރެންނަށް އޮތް އިމަކަށެވެ. ރަތް ރޮނގަކަށެވެ. އިން ފަހަނައަޅައި ދާން ނުކެރެއެވެ. އެހެނީ ބުރުގާގައި ވާ ޙާލު އަހަރެންގެ ގާތަށް އަންނަ ރުޅިއާއި، ބުނަން ބޭނުންވާ ހަރުކަށި ބަސްތައް ބޭރުކުރުމާއި، ބޭއަދަބީ ގޮތްގޮތަށް އުޅޭކަށް އަހަރެންނަށް ނުކެރެއެވެ. އަހަރެންގެ ދައްތަ ބުނެއުޅެއެވެ. “ކޮއްކޮ ތި ތަމްސީލުކޮށްދެނީ އިސްލާމް ދީނެވެ. ހަމައެކަނި ސަގާފަތެއް ނޫނެވެ.” އެ ބަސް އަހަރެންގެ ހިތުގައި އަބަދުވެސް އޮވެއެވެ. އެހެނީ މީހުން އިސްލާމް ދީން މިނެއުޅެނީ އަހަރެންގެ އުޅުމާއި ގުޅުމުންނެވެ. އަހަރެންގެ އަޚްލާޤުންނެވެ.

ބުރުގާ އެޅުމަށްފަހު އަހަރެން ކަޑައްތު ކުރީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެކެވެ. ބުރަބޮޑު ދަތުރެއް ފަދައިންނެވެ. ކުޑަކުއްޖެއް ފަދައިން ރޯލަރޯލައި އޮންނަންޖެހޭ ވަގުތުތައް މަދެއްނޫނެވެ. އަދި އަހަރެންގެ ހާލަތު ރަނގަޅުވާން އެއްވެސް އުއްމީދެއް ނެތްކަމަށް ހީވެ، ޤަބޫލުކުރެވޭ ދުވަސްތައްވެސް ދިޔައެވެ. އަހަރެންގެ މައިންބަފައިންނަށް އަހަރެންގެ މި އުދާސްތައް ފެނި އަހަންނަށްޓަކައި ހަމްދަރުދީވެވުނެވެ. އުޅެން ޖެހުނު ދަތި އުނދަގޫ ހާލަތާއި، ތަހައްމަލު ކުރަމުންދިޔަ ވޭނާއި އުދާހަށެވެ. މީހުން އަހަންނަށް “އަނިޔާ” ނުކުރާ ދުވަހެއް މަދުވާނެއެވެ. ކޮންމެ ދުވަހަކު އެވެ. ނުދަންނަ ބީރައްޓެއްސެއްގެ ފަރާތުން ނުވަތަ މުދައްރިސެއްގެ ފަރާތުންނެވެ. ކަންމަތީ ފިހާރައިން ނުވަތަ ރެސްޓްރޯންޓަކުންނެވެ. މިގޮތުގައި 2 އަހަރުވިއެވެ. 2 އަހަރުވަންދެން މި ވޭނުގައި އުޅުނީމެވެ. ﷲ އަށް ދުޢާ ދަންނަވައި ނަމާދު ކުރީމެވެ. އަހަންނަށް ފަސޭހަ ކޮށްދެއްވާތޯއެވެ.

ތަހައްމަލުކުރި ދަތި އުނދަގޫތަކުގެ ހުރިހާ ތަފްޞީލެއް މިތާނގައި ނުލިޔެވޭނެއެވެ. އެކަމަށް ވަރަށް ވަގުތު ދާނޭކަން އަހަންނަށް އެނގެއެވެ. އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. އަދި އަހަރެން ސުވާލުކުރީމެވެ. ﷲ އަހަންނަށް އެހީތެރިވެވޮޑިނުގަންނަވަނީ ފަހެ ކީއްވެހެއްޔެވެ؟ އަހަރެންގެ ހާލަތަށް ލުޔެއް ނުދެއްވަނީ ކީއްވެގެން ހެއްޔެވެ؟ ޚާއްސަކޮށް، ބުރުގާ ނަގަން ނިންމުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އަހަރެންގެ ހިތާމަޔާއި، ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ. އަދި ރޮވުނެވެ. ހަމައެކަނި ސުވާލަކަށްވީ “ކީއްވެ؟”

އަހަރެން ނަމާދުކުރުން ހުއްޓާލީމެވެ. ދުޢާގެ އެއްވެސް ބޭނުމެއް ނެތްކަމަށް ޤަބޫލުކުރީމެވެ. ދީނާއި ދުރުވީމެވެ. ބުރުގާގެ ސަބަބުން އުޅެންޖެހުނު ދަތި އުނދަގޫ ދިރިއުޅުމުގެ ސަބަބުން ކިޔެވުމާއި، ދިރިއުޅުން ބަރުބާދުކޮށްލަން ބޭނުމެއް ނުވިއެވެ. ﷲ އަހަންނަށް އެހީތެރިވެވޮޑިގަންނަވަން ނުރުއްސަވަނީބާއޭ އަހަރެން ހިތައް އަރައެވެ. ﷲ އަހަރެން ދޫކޮށްލެއްވީބާވައެވެ؟ މިފަދައިން ހިތައް އެރުމުން އެވާ އިހުސާސަކީ ހިތްދަތި އިހުސާސެކެވެ. އެކަނިވެރިކަމުގެ އިޙުސާސެކެވެ.

ދިގު ވާހަކައެއް ކުރުކޮށްލާނަމެވެ. ދެތިން ހަފްތާ ކުރިން އަހަރެންގެ މައިންބަފައިން، އަހަރެން ބުރުގާ ނެގުމަށް އިރުޝާދުދިނެވެ. މުޅި ޢާއިލާއަށް ވެސް އަހަރެންގެ ހާލަތު ތަސައްވަރުވާތީއެވެ. އަދި ވަރަށް ގަދަޔަށް އެކަމާމެދު ފިކުރުކުރުމަށް ފަހު، އަހަންނަށް ބުރުގާ ނެގުން ނޫން ގޮތެއް ނެތްކަމަށް ވިސްނި ޤަބޫލުކުރެވުނެވެ. އަހަންނަށް އިތުރު އިޚްތިޔާރެއް ނެތެވެ. އަހަރެންގެ ހިތަށް އެރިއެވެ. ބުރުގާ ނެގުމުން މުޅި ދިރިއުޅުން ފަސޭހަވެދާނެއެވެ. ކިޔެވުމާއި، މަސައްކަތުގެ މައިދާނުގެ އިތުރުން އެހެނިހެން ކަންތަކުގައި ވެސް ނުލާހިކު ފަސޭހަވާނެއެވެ. މީހުންގެ ދުއްތުރާތަކާއި، ބަދުބަހާއި، މަލާމާތުން ސަލާމަތްވެވޭނެއެވެ. އަދި ކިއެއްތަ، ބުރުގާއާ ނުލައި އަހަރެން ހާސްގުނަ ރީތިކަންވެސް އަހަރެންނަށް އެނގެއެވެ. ބުރުގާ ނެގުމުން އިސްތަށިގަނޑު ރީތިކޮށް ބެހެއްޓޭނެއެވެ. އަދި ރީތި ހެދުންތައް ފަސޭހަކަމާއެކު ލެވޭނެއެވެ. އަހަންނަކީ “ހަރުކަށި” ޙިޖާބީއެއް ކަމުން މިހާރު ކުރު ހެދުމާއި، ހަރުވާޅު ނުވަތަ ޖިންސު ފަދަ އެއްޗެހި ނުލަމެވެ. ލައި އުޅެނީ ދިގު ސްކާޓުތަކާއި، ވަރަށް ދޫ ހެދުމާއި، އަބާޔާއެވެ.

އެހެންކަމުން، ބުރުގާ ނެގުމަށް އެންމެފަހުން އަހަރެން ޢަޒުމް ކަނޑައެޅީމެވެ. އަދި އަމިއްލަ ނަފްސު އެކަމަށް ތައްޔާރުކުރުމަށް ވަގުތުދިނީމެވެ. ހިތަށް އަބަދު އަރައަރާ ހުރެއެވެ. އަހަންނަކީ މިހާރު ހިޖާބީއެއް ނޫނެވެ. ބުރުގާއާއި ނުލައި އަހަރެން ނުލާހިކު ރީއްޗެވެ. ނަމަވެސް… ބުރުގާ ނެގުމުން ރީތިވީވަރަށް ވުރެ، ހިތައް ވެރިވި އިޙުސާސްތަކުން ވީ ތުރާ މާ ބޮޑެވެ. އެހެންކަމުން ޚިޔާލަށް އައެވެ. ޤައުމުން ބޭރަށް ދިރިއުޅުން ބަދަލުކޮށްލާނީއެވެ. އަދި މުޅިން އެހެން މީހަކަށް ބަދަލުވެލާނީއެވެ. އޭރުން ހުރިހާ ކަމެއް ރަނގަޅުވާނެއެވެ.

ބުރުގާ ނަގާ ދުވަސް އަތުވެއްޖެއެވެ. އަހަރެން ބޭރަށް ދާން ޖެހުނެވެ. ބުރުގާ ނާޅަން ނިންމާފައިވާތީ، ރީތި ހެދުމެއް ލީމެވެ. ނުވަތަ ލާން މަސައްކަތް ކުރީމެވެ. ބުރުގާގެ ބަދަލުގައި އިސްތަށިގަނޑު ފޮރުވަން މިހާރު އަޅާ ކަހަލަ ފެޝަން “ފޮށާއެއް” އެޅީމެވެ. އޭރުން ކައިރިފަށުން ބައެއް އިސްތަށިކޮޅު ދެއްކިދާނެއެވެ. އެކިގޮތްގޮތަށް ހެދުން އަޅައިގެން ދާން މަސައްކަތް ކޮށްފީމެވެ. އެކަމަށް ހީކުރިވަރަށް ވުރެ ގިނަ ވަގުތު ގޮއްސިއެވެ… ކީއްވެ ހެއްޔެވެ؟

ﷲ ގަންދީ ބުނަމެވެ. އަހަންނަށް އެކަން ނުވިއެވެ. ކީއްވެކަން އިޙްސާސް ވިއެވެ. ބުރުގާއަކީ އެއްވެސް އަގެއްނެތް މާނައެއް ނެތް ފޮތިކޮޅެކޭ މީހުން ބުނާކަން އަހަންނަށް އެނގެއެވެ. އަދި ބުރުގާއާ ނުލައިވެސް ރަނގަޅު މުސްލިމެއްގެ ގޮތުގައި އުޅެވިދާނޭ ކަމަށް މީހުން ބުނާކަންވެސް ދެނަހުރީމެވެ. އެކަމަކު… އަހަރެން ބުނީތީ އަޑުއަހާށެވެ. ބުރުގާއަކީ އަގުހުރި އެއްޗެކެވެ. މާނަ ހުރިއެއްޗެކެވެ. ބުރުގާ އަކީ 7/24 ﷲ ސުބުޙާނަހޫ ވަތަޢާލާއާއި ދެމެދު އޮންނަ ގުޅުމެކެވެ. ފާލަމެކެވެ. ހަނދުމަކޮށްދިނުމެކެވެ. ޢިއްފަތްތެރިކަމެކެވެ. ބުރުގާ އެޅުމުން ބޭނުން ތާކު ބޭނުން ވަގުތަކު ނަމާދުކުރެވޭނެއެވެ. އަދި  އެއީ “ޙަރާމް ތަންތަނަށް” ދިއުމަށް އޮތް ހުރަހެކެވެ. ޙަރާމް ކަންކަން ކުރުމަށް އޮތް ދައްޗެކެވެ. ބުރުގާ އަކީ ތިބާގެ ސަލާމަތެވެ. އަދި ރައްކަލެވެ. ﷲ އަހަރެމެން ދެކެ ލޯބިވެވޮޑިގަންނަވައެވެ. ބުރުގާ އެޅުން ވާޖިބު ކުރެއްވީ އެހެންވެއެވެ. އެކަލާނގެ އަހަރެމެން ސީދާގޮތުންނާއި، ނުސީދާގޮތުން ޙިމާޔަތް ކުރައްވަނީއެވެ. އެކަލާނގެ އަހަރެމެން ދެކެ ލޯބިވެވޮޑިގަންނަވައެވެ. އަހަރެމެން ފާފަ ކުރާ ޙާލުގައިވެސް މެއެވެ. އަހަރެމެން އެކަލާނގެއާ ވީ ވަޢުދާއި ޚިލާފުވާ ޙާލުގައިވެސް މެއެވެ. ﷲ އަހަރެމެންދެކެ، އަހަރެމެންގެ މަންމައިންނަށް ވުރެ ވެސް ބޮޑަށް ލޯބިވެވޮޑިގަންނަވައެވެ. ހަމަ ކުރަންވީ އެންމެ ކަމެކެވެ. އެކަލާނގެ އަށް ފުރިހަމައަށް އިތުބާރުކުރާށެވެ. އެކަލާނގެ ރަޙްމަތުން އުއްމީދު ކަނޑައިނުލާށެވެ. ފާފަފުއްސެވުމަށް އެދި ދުޢާ ކުރާށެވެ.

އަހަރެން އަހަރެންގެ ބުރުގާ ނުނަގާނަމެވެ. އެ ބުރުގާ އަކީ އަހަރެންގެ ގާތުގައި ފޮތިކޮޅަކަށް ވުރެ މާނަފުން، އެއްޗެކެވެ. އަގުބޮޑު ޖަވާހިރެކެވެ. އެއީ އަހަރެންނާ އަހަރެންގެ ވެރި ރައްބާ ދެމެދު އޮތް ގުޅުންތަކުގެ ތެރެއިން ގާތް ގުޅުމެކެވެ. އަހަރެންގެ އީމާންތެރިކަމެވެ.

 

0