Uncategorized
ރާއްޖޭގައި ހިންގާ ކީރިތި ޤުރްއާން ޙިފްޡް ކުރުމުގެ އެންމެ ބޮޑު ޕްރޮޖެކްޓް- މަޝްރޫޢުލް ޙިފްޡް

މިޕްރޮގުރާމަކީ ގދ. ފިޔޯރީ އަށް ނިސްބަތްވާ އަޒްހީލް އަޙްމަދު ހިންގާ ޕްރޮގްރާމެކެވެ. އޭނާ ވަނީ ސަޢުދިޢަރަބިއްޔާގެ ޙާފިޡެއް ތަޢާރަފް ކޮށްފައިވާ ކާމިޔާބު ކަމާއެކީ ޙިފްޡް ކުރުމުގެ ވައްތަރެއް ނުވަތަ Method އަކާ ބެހޭ ކުރު ކޯހެއް އޮންލައިންކޮށް ފުރިހަމަ ކޮށްފައެވެ. އަދި އެގޮތަށް ނުވަތަ ވައްޓަފާޅިއަށް އޮންލައިން ކޮށް ކިޔަވައިދިނުމަށް ދިވެހިންނާއި ގުޅޭ ގޮތަށް ބަދަލުތައް ގެނެސް ޕްރޮގްރާމެއް ރާވާ އެކަށައަޅާފައެވެ. އަދި ކާމިޔާބު ކަމާއި އެކު އެ ޕްރޮގްރާމް ގެންދަނީ މިހާރުވެސް ހިންގަމުންނެވެ.

އަޒްހީލް ހިލޭ ސާބަހަށް މި ޕްރޮގްރާމް ފަށާފައިވަނީ ޖުމްލަ 15 ކުދިންނާއި އެކުގައި ފާއިތުވި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން އިތުރު ބެޗްތަކަށް ފުރްޞަތު ހުޅުވާލާ މިވަގުތު 500 އަށްވުރެ ގިނަ ދަރިވަރުން ދަނީ އޭނާގެ މި ޙިފްޡް ޕްރޮގްރާމުން ޙިފްޡް ކުރުމުގެ ފައިދާ ލިބިގަންނަމުންނެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުން ހިމެނެއެވެ.

އަޒްހީލް އަހުމަދު ޙިފްޡް ކްލާހެއް ނަންގަވައި ދެއްވުމުގައި / ފޮޓޯ: އަޒްހީލް

އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން ވީހާވެސް ގިނަ ކުދިން ޙިފްޡް ޕްރޮގްރާމް ފުރިހަމަކޮށް އޭގެ ފަހު މަރްޙަލާ އަށް ގެންދިޔުމުގެ މަޤްޞަދުގައި އާ ބުރެއް ފެށުމަށް ތައްޔާރުވެ މިވަގުތު ވަނީ ރަޖިސްޓްރޭޝަނަށް ހުޅުވާލާފައެވެ.

މިވަގުތު ކިޔަވައިދޭ ބެޗްތަކާއި އަލަށް ފަށާ ބެޗްތަކާއި އެކު މި ޕްރޮގްރާމުން ފައިދާ ލިބިގަންނަ ދަރިވަރުންގެ ޢަދަދު 700 އަށްވުރެ މަތިވާނެ ކަމަށް އަޒްހީލް ލަފާކުރެއެވެ. މި ޕްރޮގްރާމަކީ Accelerated ނުވަތަ ކުރުމުއްދަތަކުން ކަނޑައެޅޭ ނަތީޖާ އަށް ވާޞިލުވެވޭ ޕްރޮގްރާމަކަށްވާތީ ކޮންމެ ބެޗެއްވެސް 7 މަސް ދުވަހުގެ ތެރޭގައި ނިންމާލުމުގެ އުއްމީދުގައި ދަރިވަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް އަޒްހީލް ފާހަގަ ކުރެއެވެ. އެހެން ނަމަވެސް ޝައުޤާއި އެކު ރަނގަޅަށް ވަގުތު ދީގެން ފަރުވާތެރިކަމާއެކު މަސައްކަތް ނިންމާ ކުދިންނަށް މުޅި މުޞްޙަފް 5 މަސް ދުވަހުން އެއް ކޮށް ޙިފްޡް ކޮށް ނިންމޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އޮތް ކަން މި ވޭތުވެދިޔަ މުއްދަތުގެ ތަޖްރިބާ އިން އެނގޭ ކަމަށް އަޒްހީލް އުފަލާ އެކު ފާހަގަ ކުރެއެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގެ ދެވަނަ ލަނޑުދަނޑި (ސްކޭން ރީޑިން) ގެ ދެވަނަ ހަފްތާގެ މަސައްކަތް ނިންމުމަށް ފަހު އޮންނަ ކްލާސް ތަކުގައި ކީރިތި ޤުރްއާން ކިޔެވުމުގައި ތަޖްވީދު އަދި އަޑާއި ރާގު ގެންގުޅޭނެ ގޮތުގެ ފިލާވަޅުތައް ވެސް އޭނާ އަންނަނީ ނަގައިދެމުންނެވެ. އެހެން ކަމުން ހަމައެކަނި ޤުރްއާން ޙިފްޡް ކުރުވުމުގެ އިތުރުން އަކުރުތަކުގެ މަޚްރަޖާއި ތަޖްވީދުގެ ޢަމަލީ ތަމްރީން ހިމެނޭ ގޮތުން ޤާބިލިއްޔަތު ތަންދިން މިންވަރަކުން އުނގަންނައިދެމުން ގެންދާނެ ކަމަށް އަޒްހީލް ވަނީ ބުނެފައެވެ.

އަދި ހަމައެއާއި އެކު ދަރިވަރުންގެ ލައިފް ސްޓައިލް ދިރިއުޅުމުގެ ވައްޓަފާޅި ވަކިގޮތަކަށް ބެހެއްޓުމަށް ބާރު އެޅުމާއި އެކު ދަރިވަރުން Motivate ކުރުވާ ޢަމަލީގޮތުން ޙަރަކާތްތެރި ކުރުވައިގެން ޙިފްޡް ފުރިހަމަ ކުރުމުގެ ލަނޑުދަނޑިއަށް ވީހާވެސް ގިނަކުދިން ގެންދިޔުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް އަޒްހީލް ބުންޏެވެ.

އަޒްހީލަކީ އޮސްޓްރޭލިޔާއިން މާސްޓަރސް ޑިގްރީ ފުރިހަމަ ކޮށް، ލައިފް ކޯޗިންގ އާއި ސައިކޮލޮޖީވެސް ކިޔަވާފައިވާ މީހެއްގެ އިތުރުން ދިވެހިރާއްޖޭގެ ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުން ޤާރީ ކޯހެއް ހަދާފައިވާ ފަރާތެކެވެ.

މި މަސައްކަތަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތެއް ނަމަވެސް ހެޔޮއެދޭ ފަރާތްތަކުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި މިކަމުގައި އެއްބާރުލުން ދެއްވަން ބޭނުންވާ ފަރާތްތަކަށް އެފުރްޞަތު ގެ ބޭނުން އަބަދުވެސް ހުޅުވިފައި އޮންނާނެ ކަމަށް އޭނާ ބުންޏެވެ. އަދި އަލަށް ހުޅުވާލެވިފައިވާ ބެޗްތަކުގައި ޙިފްޡް ކުރުމަށް ވަގުތު ހުސްކުރެވެން އޮތް ވީހާވެސް ގިނަ ފަރާތްތަކުން މި ޕްރޮގްރާމް ގައި ބައިވެރިވުމަށް އޭނާ އެދެއެވެ.

ޕްރޮގްރާމްގައި ބައިވެރިވާން ރެޖިސްޓްރީ ވުމަށް ތިރީގައި މިވާ ގޫގްލް ފޯރމް ފުރިހަމަކުރައްވާ:

https://forms.gle/p2MpgBNHv2HwFZmA9

 

1