ނަޞޭޙަތާއި އިރުޝާދު
ރަސޫލާ صلى الله عليه وسلم އަމުރުކުރެއްވި 7 ކަމެއް

الْبَرَاءِ بْنِ عَازِب ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ‏أَمَرَنَا رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏بِسَبْعٍ وَنَهَانَا عَنْ سَبْعٍ أَمَرَنَا بِاتِّبَاعِ الْجَنَازَةِ ‏ ‏وَعِيَادَةِ ‏ ‏الْمَرِيضِ ‏ ‏وَتَشْمِيتِ ‏ ‏الْعَاطِسِ وَإِجَابَةِ الدَّاعِي وَنَصْرِ الْمَظْلُومِ وَإِبْرَارِ الْقَسَمِ وَرَدِّ السَّلَامِ …. (رواه الترمذي)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިމަން ބޭކަލުންނަށް ހަތް ކަމަކަށް އަމުރުކުރެއްވިއެވެ. އަދި ހަތް ކަމެއް ނަހީކުރެއްވިއެވެ. ޖަނާޒާގެ ފަހަތުން ދިޔުމަށާއި، ބަލިމީހުންނަށް ގޮވާލަންދިޔުމަށާއި، ކިނބިހި އެޅޭމީހާއަށް ޖަވާބުދިނުމަށާއި، ދަޢުވަތު ޤަބޫލުކުރުމަށާއި އަނިޔާލިބޭ މީހާއަށް ނަޞްރު ދިނުމަށާއި، މީހަކު ކަމެއް އެދި ހުވާކޮށްފިނަމަ އެކަމެއް ފުއްދައިދިނުމަށާއި، ސަލާމްގެ ޖަވާބުދިނުމަށް ތިމަން ބޭކަލުންނަށް އަމުރު ކުރެއްވިއެވެ. …..

މިޙަދީޘްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރު ކުރައްވާފައިވާކަމަށް الْبَرَاءِ بْنِ عَازِب ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ކަންތައް ތަކަކީ:

* ޖަނާޒާގެ ފަހަތުން ދިޔުން.

* ބަލިމީހުންނަށް ގޮވާލަންދިޔުން.

* ކިނބިހި އެޅޭމީހާއަށް ޖަވާބުދިޔުން.

* ދަޢުވަތު ޤަބޫލުކުރުން.

* އަނިޔާލިބޭ މީހާއަށް ނަޞްރު ދިނުން.

* މީހަކު ކަމެއް އެދި ހުވާކޮށްފިނަމަ އެކަމެއް ފުއްދައިދިނުން.

* ސަލާމްގެ ޖަވާބުދިނުން.

މިއީ އަޅުގަނޑުމެން މުސްލިމުންނަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްވާފައިވާ މަތިވެރި އިރުޝާދުތަކުގެ ތެރެއިން ފުރިހަމަ އިރުޝާދެކެވެ. މި ޙަދީޘްގައި އަލްބަރާއު ބުނު ޢާޒިބު ރަޟިޔަﷲ ޢަންހު ބަޔާންކޮށްދެއްވާފައިވަނީ އަޅުގަނޑުމެންގެ އެއްބައިވަންތަ ކަމުގަ ކިއްލާ ރައްކާތެރި ކުރާނެ އަސާސީ މުހިއްމު ކަންތައްތަކެވެ. އެއީ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދަސްކޮށްދެއްވާފައިވާ މަތިވެރި އަޚްލާޤުގެ ސިފަތަކެކެވެ.

ދެބަސްވެވެން ނެތް ޙަޤީޤަތަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، މި ދުނިޔެ ދޫކުރެއްވުމުގެ ކުރިން އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމުގެ ހުރިހާމަގެއް ދައްކަވާ ދެއްވާފައިވާކަމެވެ. އެކަމެއްގައި ހެވެއް ވާނަމަ އެކަމެއް ކުރުމަށް އަޅުގަނޑުމެންނަށް އިރުޝާދުދެއްވިއެވެ. އަދި އެކަމަކުން ގެއްލުމެއް ވާނަމަ އެކަމަކުން ދުރުހެލިވުމަށް އަޅުގަނޑުމެންނަށް އިންޒާރު ކުރެއްވިއެވެ. އަޅުގަނޑުގެ މައިންބަފައިން އެކަލޭގެފާނަށްޓަކައި ފިދާއެވެ. صلى اللـه عليه وعلى آله وصحبه وسلم

 

މަސްދަރު: ނޫރުލް އިސްލާމް

0