ނަޞޭޙަތާއި އިރުޝާދު
ޒުވާން ޢުމުރު ކުޅިވަރާއި މަޖަލުގައި ހޭދަކޮށްނުލާ

ސުވަރުގޭގެ ނިޢުމަތްތަކަށް ދިއުމަށްޓަކައި އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރެވޭނެ ޢުމުރަކީ އެމީހާގެ ޒުވާން ޢުމުރު. ޒުވާން ޢުމުރަކީ ހެޔޮ ކަމެއްވެސް އެންމެ ރަނގަޅަށް ކުރެވޭނެ ޢުމުރު. އަދި ނުބައި ކަމެއްވެސް އެންމެ ރަނގަޅަށް ކުރެވޭނެ ޢުމުރު. އެހެންނަމަވެސް އަޅުގަނޑުމެން އިޚްތިޔާރު ކުރަންޖެހޭނީ ހެޔޮ މަގު. އެހެން ނޫނިއްޔާ ޤިޔާމަތްދުވަހުން އެޔާއިމެދު ސުވާލުވެވޭއިރުގައި އެޔަށް ދެވޭނެ ޖަވާބެއް ނޯންނާނެ.

لا تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ، حَتَّى يُسْأَلَ عَنْ (أَرْبَعٍ): عَنْ عُمُرِهِ فِيمَا أَفْنَاهُ، وَعَنْ عِلْمِهِ فيم فعل، وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ، وَفِيمَا أنفقهُ، وَعَنْ جسمه فِيمَا أَبْلَاهُ ) صحيح الترمذي

رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީސްކުރައްވައިފައިވެއެވެ.

”ހަތަރުކަމަކާއިމެދު ސުވާލުކުރެވުމަށްފަހުގައި މެނުވީ އަޅާގެ ފައި ހުރިތަނުން ގުޑާވެސް ނުލާނެއެވެ. (އެއީ)އޭނާގެ ޢުމުރު ފަނާކުރީ ކިހިނަކުންތޯއާއި، އޭނާއަށް ދެއްވި ޢިލްމާއި މެދު ޢަމަލުކުރީ ކިހިނަކުން ތޯއާއި، އަދި މުދާ ހޯދީ ކިހިނަކުންތޯއާއި، އެ މުދާ ހޭދަކުރީ ކިހިނަކުންތޯއާއި، އަދި ހަށިގަނޑު (ހުރިހާ ގުނަވަންތަކެއް) ބޭނުންކުރީ ކިހިނަކުންކަމާއިމެދުގައެވެ. ”

އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم، މީހަކަށް ނަސޭހަތްދެއްވަމުން ޙަދީޘްކުރެއްވިއެވެ.

«اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هِرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاءَكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغْلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ» [رواه الحاكم والبيهقي وصححه الألباني]

މާނައީ: “ފަސްކަމެއް ތިބާއާއި ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި މަޝްޣޫލުވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ.”

އެހެންކަމުން އަޅުގަނޑުމެން ޒުވާނުން ކުޅިވަރާއި މަޖަލުގައި ރޭދުވާ ހަތަރުދަން ދުއްވާލުމުގެ ބަދަލުގައި، ހެއްދެވި ފަރާތާއި ކުއްތަންކުރުވާފަދަ ހެޔޮ ޢަމަލުތައް ގިނަކުރެވޭތޯ ބަލަމާ ހިނގާށެވެ. ފޯނުން އެކި ޒާތްޒާތުގެ ގޭމްތައް ކުޅުމުގަޔާއި މިޔުޒިކް އަޑުއެހުމުގެ ބަދަލުގައި، ރާއްޖެއާއި ރާއްޖޭން ބޭރުގެ ޢިލްމުވެރިން ދެއްވަމުން ގެންދަވާ ދަރުސްތައް އަޑުއަހަމާ ހިނގާށެވެ. މީސްމީޑިއާގައި ތާށިވެފައި ނުތިބެ، ޤުރުއާން ކިޔެވުމުގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރަމާ ހިނގާށެވެ. ޒުވާން ޢުމުރު އަޅުކަމުގައި ހޭދަކޮށް، ހެޔޮމަގުގައި ސާބިތުވަމާ ހިނގާށެވެ. މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުންމަތީގައި ބޮޑުވާ ޒުވާނާއަށް ޤިޔާމަތްދުވަހުން މާތް ﷲ ގެ ޢަރުޝީގެ ހިޔާވަހިކަން ލިބޭނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަމާހިނގާށެވެ.

ނުދާށޭ ހެއްލިގެން ދުނިޔޭގެ ޒީނަތްތެރިވި ކުލަތަކުގައި__މަދަހަ ލިރިކްސް

0