ނަޞޭޙަތާއި އިރުޝާދު
މައު ފޮޅުންކަމަށް ވަނީ ފިޔަތައް ހުޅުވުނީމައެވެ.

އިހުގެ ޢިލްމުވެރިޔަކު ވިދާޅުވެފައިވެއެވެ. ޢިލްމުވެރިކަމުގެ ފުރަތަމަ ދަރަޖައަކީ ކިބުރެވެ. ދެވަނަ ދަރަޖައިގައިވަނީ މަޑުމޮޅިކަމެވެ. އެންމެ މަތީ ދަރަޖައިގައިވަނީ ނޭނގުމެވެ. ނުވަތަ ނޭނގޭކަން އެނގުމެވެ.
ޢިލްމުވެރިކަމުގެ ކުރީގައި ވަނީ ޖާހިލުކަމެވެ. ކޮންމެ ގޮތެއް ވަރިހަމަވުމެވެ. ހަރުދަނާ ކަމެއް ނެތުމެވެ. ބުއްދީގެ ބޭނުމެއް ނުހިފުމެވެ. ފިކުރެއް ޢަމުދުން ކުރާން ނުވެސް އެނގުމެވެ.

މިހާލެއްގައި ހުއްޓާ ތިމާއަށް ޢިލްމުގެ ތެރެއަށް ވަދެވި ލޯހުޅުވިދެއެވެ. ލޯހުޅުވާ ބަލާލާއިރަކު އަދި ޢިލްމުގެ ތަނަވަސްކަމެއް ނޭނގެއެވެ. ވާނުވާއެއް އޮޅުމެއް ނުފިލައެވެ. ނަތީޖާއެއްގެ ގޮތުން އިސާހިތަކު ކިބުރުވެރިކަން އައިސް ތިމާ އަޅުވެތިކޮށްފައެވެ. އޭރުން ދެން އެހެން މީހުންނާ މެދު ވިސްނެނީ އެއީ މޮޔައިން ކަމުގައެވެ. އެއްޗެއް ނުދަންނަ ޖާހިލުންކަމުގައެވެ. ތިމާއަށް ފެންނަ ގޮތް ނޫން އެހެން ގޮތެއް ރަނގަޅު ނޫންކަމުގައެވެ.

އެހިސާބުން މީހާގެ ބަސްތަކާއި ބުނުންތައް ވަރުގަދަވެފައި އަނެކާއަށް ރައްދުދިނުމުގައި މިނަށްވުރެ ހޫނުވާނެއެވެ. ކަންކަމާ މެދު މާބޮޑަށް ނުވިސްނާ އުޅޭ މީހުން ހިތްދަމައިގަންނަ ފަދަ ޔަގީންކަމެއް ޢަމަލުތަކުގައި ހުންނާނެއެވެ.

ދެން އެޔަށްވުރެ ބޮޑަށް މީހާ ޢިލްމުގެ ތެރެއަށް ވަދެވިއްޖެ ނަމަ، އޭނާއަށް ތަވާޟުޢުވެރިކަން އައިސް ހިތްތިރިވެ މަޑުމޮޅިވެދާނެއެވެ. އެހެން މީހުންނަކީ މީހުންކަމުގައި ބެލެވި، އަނެކާގެ ބުނުންތަކުން ފައިދާހޯދަން އެނގިދާނެއެވެ. އަނެކާގެ ވިސްނުމަށް އިހުތިރާމުކުރަން ދަސްވެދާނެއެވެ. މީހާގެ ހުރި އުނިކަމާއި ތިމާގެ ދެރަކަމާއި މެދު ވިސްނަން ފެށިދާނެއެވެ. ބަހެއް ނުކުމެގެން އައިތާކަށް ނުބަލާ، އެބަހެއްގައި އެބުނާ އެއްޗަކަށް ވިސްނުން ހުއްޓިދާނެއެވެ. ޢިލްމެއް ނަމަ ބުއްދިއެއް ނަމަ ކޮންމެ ވައްތަރެއްގެ ބައެއްގެ ކިބައިން ލިބުނަސް، ޙިކުމަތުގެ ބޭނުންކުރަން ހެޔޮގޮތުގައި ފަރިތަވެދާނެއެވެ. ރުހުމާއި ނަފުރަތަކީ ހަމައެކަނި މީހުން ކުރާނުބައި ޢަމަލުތަކާއި މެދު އޮންނަންވީ އެއްޗެއްކަމާއި މީހެއްގެ ޒާތަށް ރުޅިބޭލުމުގެ ބޭނުމެއް ނެތްކަން ޔަގީންވެދާނެއެވެ. އެހިސާބުން އޭނާ މާފުކުރުމާއި މާފުވެރިވުމާއި ނިކަން ގާތްވާނެއެވެ. އެންމެންގެ ހަމަހަމަކަމާއި އިހުތިރާމުވެރި ދިރިއުޅުމަށް ފިސާރި ލޯބިކުރާނެއެވެ.

ދެން އެޔަށްވުރެ ބޮޑަށް ޢިލްމުވެރިވެވުނީމާ ތިމާއަށް އެއްޗެއް ނޭނގޭ ވަރާއި މާތްރަސްކަލާނގެ ޢިލްމުގެ ފުރިހަމަކަމާއި ޙިކުމަތްވަންތަކަމުގެ ބޮޑުކަން ތާއަބަދު ހިތްމައްޗަށް އަންނަން ފަށާފާނެއެވެ. ދުނިޔެއާއި ކާއިނާތުގެ ހަމަތަކާއި، ބަދަލުވަމުންދާ ކުލަތަކާއި، މާތް ކަލާނގެ ލައްވާފައިވާ އިލާހީ ފިޠުރީ ބަދަލުވުމެއް ނެތް އުސޫލުތަކާ މެދު ވިސްނެން ފަށާފާނެއެވެ. އަނެކާއަށް ވެސް ތިމާ ނުދަންނަ އެއްޗެއް އެނގިދާނެ ކަން މުޖައްރަބުވެ، އެއްޗެއް ނުދަންނަ ޖާހިލުންނާއި ޅަކުދީންގެ ބަސްތަކުންނާއި ޢަމަލުތަކުން ފައިދާނެރެ، މޮޔައިންގެ ވާހަކަތަކުން ޢިބްރަތް ލިބިގަންނަން ދަސްވެދާނެއެވެ. އެހާރުން ދުނިޔޭގައި އޭނާއަށް މުހިންމު ނޫން އެއްޗެއް ވެސް ނޯންނާނެއެވެ. ކަންކަމުގައި ވަރަށް ވުރެ ފޯރިއެރުވުމަކުން ވާނެ ފައިދާއެއް ނެތްކަމާއި، ދުނިޔޭގެ ހަމަޔާއި އުސޫލާއި ގުޅޭ ގޮތް، ޙިކުމަތާއި ގުޅުވުމަކީ އިލާހީ ޤާނޫނަށް ބޯލެނބުން ކަމުގައި ދަސްވެ ޔަޤީންވެދާނެއެވެ. ނޭނގޭ އެއްޗެއް ނޭނގޭއޭ ބުނާކަށް އޭރަކުން ޖެހިލުމެއް ނުވާނެއެވެ. ކުރީގައި ކުރެވުނު ކަމަކުން ބުނެވި ދިޔަ ބަހަކުން އަނބުރާ ރުޖޫޢަވުމަކަށް ފަހެއް ވެސް ނުޖެހޭނެއެވެ.

އެކި ޢިލްމުވެރިންގެ ސީރަތާއި މަސައްކަތްޕުޅުތަކާއި، ފިކުރުފުޅުތަކުން ފެނުނު ކަންކަމާއި، އެކި ޢުމުރުފުރައިގެ ކިޔަވާކުދިންނާއި، ދެކެފަރިތަ ރަހުމަތްތެރިންގެ ވިސްނުމުން ފެންނަ ބަދަލުތަކުގެ އަލީގައި މަޒުމޫނު ފެށުމުގައި ގެނެވިފައިވާ ޢިލްމުވެރިޔާގެ ބަސްފުޅު އަޅުގަނޑަށް ތަރުޖަމާކުރެވެނީ މި ގޮތަށެވެ.

މީގެ އިތުރަށް ވެސް މިއިން ކޮންމެ މަރުހަލާއެއްގައި ކިތަންމެ ދަރަޖައަކަށް ކިތަންމެ ވައްތަރަކަށް މީހުން ބަހާލެވިދާނެއެވެ. އަދި މިއިން ކޮންމެ ދަރަޖައެއްގެ ސިފަތައް އެކި މީހުންގެ ކިބައިގައި ހުންނާނީ އެކި މިންވަރަށް އެކި ނިސްބަތަށް ކަމުން، ވަކި މީހަކަށް ކަނޑައެޅިގެން ޙުކުމްކޮށް ހެދުމީ އިންސާފުވެރި ކަމަކަށް ވެސް ނުވާނެއެވެ.

ނަމަވެސް ކޮންމެ މީހަކު ވެސް އެމީހެއްގެ ނަފުސާއި ޢިލްމާއި ފިކުރާއި މެދު މި އުސޫލުތަކުގެ ދަށުން ވިސްނާލުމީ އެންމެ ބޭނުންތެރިކަމަކެވެ. އުގެނޭ އުގެނުމުގައި އާދެވިފައިހުރީ ކިހާ ހިސާބަކަށްތޯ ވަޒަންކޮށްލުމަށެވެ. ފިކުރު ވަށާޖެހެނީ ކިހާ މިންވަރަކަށްތޯ، އަމިއްލަ ވިސްނުމުން އަންދާޒާކޮށްލުމަށެވެ. އެހެން މީހުންގެ ފިކުރީ ޤާއިދަކަށް ވެގެން ނުކުތުމުގެ ކުރީގައި ޢިލްމުގެ ތަނަވަސްކަމަށް އީމާންވެ، އެހެން މީހުންނަށްޓަކައި ތިމާގެ ހިތް ތަނަވަސްކޮށް، އަނެކާއަށްޓަކައި ދެއަތާއި ސިކުނޑި ހުޅުވާލަން ދަސްކުރުމަށެވެ.

މަސްދަރު:
http://www.noorul-islam.net/noorulislam_view.asp?noorulislamID=1205

0