ނަޞޭޙަތާއި އިރުޝާދު
ތިބާގެ ފިރިމީހާއަށް ހަލާލު ފަންޑިތައެއް ހަދަން ބޭނުންތަ؟

الحمد لله وحده والصلاة والسلام على من لا نبي بعده

މިއީ މުސްލިމު އުޚްތުންނަށް ހުށަހަޅައިދޭ ނަސޭޙަތުގެ ބަސްކޮޅެކެވެ. ﷲތަޢާލާ ޙަލާލުކުރެއްވި ގޮތަށް އެކަނބަލުންނަށް އެކަބަލުންގެ ފިރުންނަށް ހަލާލު ފަންޑިތައެއް ހަދާލެވިދާނެއެވެ. އެއީ ކިހިނެއްކަން އެނގިލައްވާތޯއެވެ؟ ބުނެދެންހެޔެއްޔެވެ؟

ތިބާ ތިބޭގެ ފިރިމީހާއަށް ރީތިވެގެންވާ ހާލުމެނުވީ ނުފެންނާށެވެ. އަދި ތިބާގެ ގައިން ދުވާ ވަހަކީ މީރުވަސް ނޫން އެހެން ވަހެއްކަމުގައި ނަހަދާށެވެ. އަބަދުވެސް ފިރިމީހާގެ ހިތުން ވައްކަންކުރާށެވެ. ހިނުތުންވެގެންވާ ހާލުގައި އަބަދުވެސް އޭނާއާ ބައްދަލުކުރާށެވެ. ރިވެތިބަހުން މެނުވީ އެނާއަށް ބަސްބުނެ ނޫޅޭށެވެ. އަދި އޭނާއާއި އެކު ރިވެތިގޮތުގައި ދިރިއުޅޭށެވެ. ފިރިމީހާގެ މުދަލަށް ރައްކާތެރިވާށެވެ. އޭނާގެ ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރާށެވެ. އެކުދިންނަށް އަޅާލާ ޚާއްޞަކަމެއް ދޭށެވެ. ﷲތަޢާލާއަށް އުރެދުމެއްނުވާ ކޮންމެކަމެއްގައި އޭނާއަށް ކިޔަމަންތެރިވާށެވެ. މިއީ ތިބާއަށް ތިބާގެ ފިރިމީހާގެ ހިތް މުޖައްރިބުކަމާއި އެކު މިލްކުކޮށްލަދޭނެ ކަމެކެވެ.

އެހެނެއްކަމަކު ހިތާމައަކީ އަހަރެމެންގެ މުޖުތަމަޢުން މިދެންނެވި ކަންތައްތައް މުޅިން އެކޮޅުކޮޅުން ފެންނަކަމެވެ. އަހަރެމެންގެ މުތީތަކަށްވުރެން އަގުބޮޑު އަންހެންކަނބަލުންގެ ޒީނަތްތެރިކަން ފާޅުކުރަނީ ހިލޭ ލޯތަކަށެވެ. އެކަނބަލުން ރީތި ހެދުންލައި މޭކަޕްކޮށް އާ ކާވެނީގެ ފުރަތަމަ ރެއަށް ތައްޔާރުވާ ފަދައިން ތައްޔާރުވަނީ ބޭރަށް ނުކުންނަން ވީމައެވެ. ދެން އެނބުރި ގެއަށް އައިސް އެޒީނަތްތެރިކަން ދޮވެލައެވެ. ފޮނިކަމާއި ތުއިކަމުގެ ފޭރާން ބާލައި ބާ ޓީޝާޓުގަނޑަކަށް ބަދަލުކޮށްލައެވެ. ކުރިން ހުރިހެން ޒީނަތްތެރިވުމަށް އިންތިޒާރުކުރަނީ އަނެއްކާވެސް ބޭރަށް ދާންވީމައެވެ.

އެކަނބަލުންގެ ފިރިން މިސްކީނުހާލުގައެވެ. އެރީތި ހެދުންތަކާއި މޭކަޕް ކުރުމަށް ގެންގުޅޭ ސާމާނު ގަނެދީ އެތަކެތީގެ ފޮނި ލައްޒަތުން ފިރިމީހާ މަޙުރޫމުވެފައެވެ. ކޮންފަދަ ފަޤީރުކަމެއް ހެއްޔެވެ! އޭނާއަށް އޭނާގެ އަންހެނުން ފެންނަނީ ބާހެދުމެއްގައެވެ. ގައިން ކާތަކެތި ދުވާވަސް ދުވާ ހާލުގައެވެ. ނޫންނަމަ ދުވާނީ އެއްޗެހި ދޮންނަ ވަހެވެ. ގަނެދީފައިވާ އަގުބޮޑު ސެންޓުތަކުގެ ރާޙަތެއް ނުކުރާ ހާލުގައެވެ.

ބުއްދިވެރި ޒަމާނީ އަންހެން ކަނބަލުންނަށް އެކަނބަލުންގެ ޒީނަތްތެރިކަން އެންމެ ޙައްޤުކަން ބޮޑީ އެކަނބަލުންގެ ފިރިމީހާއަށްކަން އެނގޭނެއެވެ. އަދި ޒީނަތްތެރިކަން އޭގެ އެންމެ ތާޒާކަމާއެކު އެކަނބަލުންގެ ފިރިންނަށް ޚާއްޞަ ކުރާނެއެވެ. އޭ ލޮބުވެތި އުޚްތުންނޭވެ! ތިމާގެ ހަށިގަނޑާއި މޫނުގެ ރީތިކަން ފެންނަ ބައެއްކަމުގައި ހަމައެކަނި ތިބާގެ ފިރިމީހާ ހަދާށެވެ. ހިލޭފިރިހެނުންގެ ބެލުންތަކުން ތިބާގެ ޒީނަތްތެރިކަން ނިވާކުރާށެވެ.

ބައެއް ބޭފުޅުން ބުނެއެވެ. ކައްކާ ގޭތެރެ ސާފުކުރަމުން އަބަދު މީރުވަސް ދުވާހާލު ހުންނާނީ ކިހިނެއް ހެއްޔެވެ؟ ފަހެ ތިބާގެ ފިރިމީހާ ގެއިންބޭރަށް ދާވަގުތު ކައްކާށެވެ. ގޭތެރެ ފޮޅައި ރީތިކޮށް، އެއްޗެހި ދޮންނާށެވެ. ދެން ފެންވަރާ ރީތިވުމަށް އަވަސްވެގަންނާށެވެ. އަދި ތިބާގެ ފިރިމީހާއަށް އިންތިޒާރު ކުރާށެވެ. ތިބާގެ ފިރިމީހާ ގެއަށް އަންނަހިނދު ފެނިގެންދާނީ އޭނާގެ ރީތި ނަލަ އަންހެނުންނެވެ. އަދި ކާތަކެތި ތައްޔާރުކުރެވި ގޭތެރެ ސާފުތާހިރު ކުރެވިގެންވާ ހާލު ފެންނާނެއެވެ. ތިބާއަށްޓަކައި ތިބާގެ ފިރިމީހާގެ ހިތުގައި މަތިވެރި ލޯތްބަކާއި މަތިވެރި އިޙްތިރާމެއް އުފެދޭނެއެވެ. މި ބުނެދެންއުޅޭ ޙަލާލު ފަންޑިަތައަކީ މިއީއެވެ. އަދި މިކަން ﷲގެ ވަޖުހުވުޅަށްތަކައި ކޮށްފިނަމަ އަޖުރު ބޮޑުވެއެވެ. މީގެސަބަބުން ތިބާއަށް ތިބާގެ ފިރިމީހާގެ ބެލުންތައް ތިރިކުރުމަށް އެހީވެދެވެއެވެ. އެހެނީ ބަނޑު ފުރިފާވާމީހާ އިތުރު ކާއެއްޗަކަށް ބޭނުމެއް ނުވާނެއެވެ. އެހެނެއްކަމަކު އެކަމުން މަޙުރޫމުވެފައިވާ މީހާ ބަނޑުފުރާނެ އެހެން ގޮތްތައް ހޯދާނެއެވެ.

 

މަސްދަރު: ދިސަލަފިއްޔާ

0