ނަޞޭޙަތާއި އިރުޝާދު
ދަރުމަޔާއި ޘަވާބު، ރޯއްޖާއި ބަރަކާތް ލިބުން އެދޭނަމަ..

މި ލިޔުމުގައި މި ބަލާލަނީ الإمام ابن القيم رحمهُ الله ގެ ބައެއް ބަސްފުޅުތަކަށެވެ. މި ބަސްފުޅުތަކުގައި ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރާނޭ ގޮތްތައް ބަޔާންކުރައްވައިފައިވެއެވެ.

1. ޢިލްމުގެ ސަބަބުން ޢިލްމުވެރިޔާގެ ދަރަޖަ ދުނިޔެއާއި އާޚިރަތުގައި މަތިވެރިވެގެންވެއެވެ.

މީހަކަށް ލިބިފައިވާ ވެރިކަމެއްގެ ސަބަބުން ނުވަތަ މުއްސަނދިކަމެއްގެ ސަބަބުން ނުވަތަ އެނޫން ކަމެއްގެ ސަބަބުން އެމީހެއްގެ ދަރަޖަ މަތިވެރިވިގެން ނުދާހާ މިންވަރަށެވެ. ޤަދަރާއި ޢިއްޒަތް ލިބިފައިވާ މީހާ ޢިލްމު އުނގެނުމަށް މަސައްކަތް ކުރާނަމަ އެކަމުގެ ސަބަބުން އޭނަގެ ޝަރަފްވެރިކަން އިތުރުވެގެންދެއެވެ. ދެރަ ނިކަމެތި އަޅުމީހާއަށް ލިބިފައިވާ ޢިލްމުގެ ސަބަބުން އޭނައަށް ރަސްރަސްކަލުންގެ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދެއެވެ.”

2. އިބްނުލްޤައްޔިމް އެކަލޭގެފާނުގެ ފޮތް އަލްފަވާއިދުގައި ފާފައިގެ ނޭދެވޭއަސަރުތައް ޒިކުރުކުރައްވަމުން ވިދާޅުވެފައިވެއެވެ.
”ފާފައިގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހެޔޮ ޢަމަލުތައް ކުރުމަށް ތައުފީޤު ނުލިބުމާއި، ނުރަނގަޅު އިޚްތިޔާރުތައް ކުރެވުމާއި، ހައްޤުމަގު ނުފެނުމާއި، ހިތް ފަސާދަވުމާއި، ހަނދާންބަލިވުމާއި، ބޭކާރުގޮތުގައި ވަޤުތުހޭދަކުރެވުމާއި، ވަޤުތުގެ ބަރަކާތް ކެނޑިގެންދިޔުމާއި، އެހެން މީހުންގެ ނަފުރަތުލިބުމާއި ތިމާއާއި މާތްﷲއާ ދެމެދުގައި އޮންނަ ގުޅުން ހީނަރުވުމާއި، ދުޢާތައް އިޖާބަނުވުމާއި، ހިތްހަރުވުމާއި، ރޯދިބަރަކާތުން މަޙްރޫމުވުމާއި، ޢިލްމުން މަޙްރޫމްވުމާއި، ނުބައި އެކުވެރިންނާއިއެކު އުޅެންޖެހުމާއި، ހިތް ނުތަނަވަސްވުމާއި، ހިތާމަ ދެމިގެންދިޔުމާއި، ދިރިއުޅުން ދަތިވެ، ކަންކަން އުނދަގޫވެގެންދިޔުން ހިމެނެއެވެ.
ތަޤްވާވެރިކަމާއި ހެޔޮޢަމަލުގެ ސަބަބުން މިދެންނެވި ނޭދެވޭ އަސަރުތަކުގެ އިދިކޮޅު ހެޔޮ އަސަރުފެނިގެންދެއެވެ.’’

3. ހަމަކަށަވަރުން ފައިދާދެނިވި މޭވަވެތި ޙަޔާތެއް ލިބުން ގުޅިފައިވަނީ ﷲއަށާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ކިޔަމަންވެ އިޖާބަދިނުމާއިއެވެ.

ފަހެ، ބާއްޖަވެރި އުފާވެރި ޙަޔާތުގެ ނަސީބުވެރިންނަކީ ﷲއަށާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ކިޔަމަންވެ އިޖާބަދިން މީސްތަކުންނެވެ. (އެބައިމީހުން ދޫކޮށްފައިދާ އަސަރުތަކުން) މަރުވެ ދިޔުމަށްފަހުގައިވެސް އެބައިމީހުންނަކީ ދިރިތިބި ބައެއްފަދަ ބަޔެކެވެ. މިސަބަބަށްޓަކައި ﷲ އަށާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ކިޔަމަންތެރިކަން އަދާކުރާ މިންވަރަކުން އޭނަގެ ދިރިއުޅުމުގެ އުފާވެރިކަމާއި ބާއްޖަވެރިކަން އިތުރުވަމުންދެއެވެ. މީސްތަކުންކުރެ އެންމެ ފުރިހަމަ ޙަޔާތެއް ލިބިފައިވަނީ އެންމެ ބޮޑަށް އިލާހީ އަމުރުފުޅުތަކަށް ކިޔަމަންވާ މީހުންނަށެވެ. ﷲއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންގެވި ހުރިހާ އަމުރުފުޅެއްގައި ދިރުމެއްވެއެވެ. އެ ގޮވާލުންތަކުގެ ތެރެއިން ތިބާ އިޖާބަނުދޭ ގޮވާލުންތަކުގެ ސަބަބުން ތިބާގެ ޙަޔާތުގެ ދިރުމަށާއި މޭވަވެތިކަމަށް އުނިކަން ލިބެއެވެ. އެ ގޮވާލުންތަކަށް އިޖާބަދޭ
މިންވަރަކުން ދިރިއުޅުމުގެ އުފާވެރިކަމާއި ބާއްޖަވެރިކަން އިތުރުވަމުންދެއެވެ.

އިމާމް ابن القيم _رحمه الله ވިދާޅުވެފައިވެއެވެ.
“މިކަން މިހެންވިނަމަ ހާދަ ރަނގަޅޭ ވަރަށް ގިނަ ފަހަރު އަޅާގެ ހިތަށް އަރާނެއެވެ. އެފަދަ ކަންކަން އެހެން ވުމަށް މެދުވެރި ނުކުރެއްވި ސަބަބުތައް އަޅާއަށް އެނގިއްޖެނަމަ، އަޅާގެ ހިތް ޝުކުރުން ފުރޭނެއެވެ. އަދި މާތް ﷲ ތިބާއަށް މިންވަރުކުރައްވަފައިވާ ގޮތްތަކަކީ ތިބާއަށް އެންމެ ފައިދާހުރި ގޮތްތައްކަން އެނގޭނެއެވެ.”

~ ~ الإمام ابن القيم رحمهُ الله ގެ އަލްފަވާއިދު

0