ނަޞޭޙަތާއި އިރުޝާދު
ކާމިޔާބީ އާއި ހަމައަށް ވާޞިލުކޮށްދޭ 3 ސަބަބު

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.
«الْمُؤْمِنُ الْقَوِيُّ، خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ احْرِصْ عَلَى مَا يَنْفَعُكَ، وَاسْتَعِنْ بِاللهِ وَلَا تَعْجَزْ، وَإِنْ أَصَابَكَ شَيْءٌ، فَلَا تَقُلْ لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا، وَلَكِنْ قُلْ قَدَرُ اللهِ وَمَا شَاءَ فَعَلَ، فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ»
“ގަދަފަދަ މުއުމިނާ ބަލިކަށި މުއުމިނާއަށްވުރެ ހެޔޮވެގެންވެއެވެ. އަދި ﷲގެ ޙަޟްރަތަށް ލޮބުވެތިކަން ވޮޑުވެގެންވެއެވެ. އަދި (ދެމީހުންކުރެ) ކޮންމެ މީހެއްގެ ކިބައިގައިވެސް ހެޔޮކަންތައްވެއެވެ. ތިބާއަށް ފައިދާ ކުރަނިވި ކަންތައްތަކުގެ މައްޗަށް ތިބާ ދަހިވެތިވާށެވެ. އަދި ﷲގެ ޙަޟްރަތުން މަދަދަށް އެދޭށެވެ. އަދި (ހެޔޮކަންތައްތަކަށް) ނުކުޅެދިގެންވާ މީހެއްގެ ގޮތުގައި ނުވާށެވެ. އަދި ތިބާއަށް މުޞީބާތެއް ޖެހިއްޖެނަމަ ފަހެ ތިބާ ނުބުނާށެވެ، އަހުރެންނަށް މިވެނި އެވެނި ގޮތަކަށް ކަންތައްކުރެވުނު ނަމައެވެ. އަދި ކިއެއްތަ! ތިބާ މިފަދައިން ބުނާށެވެ.
“قَدَرُ اللهِ وَمَا شَاءَ فَعَلَ”، މާނައީ “(މިއީ) ﷲ މިންވަރުކުރެއްވި ގޮތެވެ. އެކަލާނގެ އިރާދަކުރެއްވިގޮތަށް ކަންތައްކުރައްވައިފިއެވެ.” އެހެނީ ހަމަކަށަވަރުން “ނަމައޭ ކިޔުން” ޝައިތާނާގެ ޢަމަލުތައް ހުޅުވައިދެއެވެ.” (رواه مسلم)
ފުރަތަމަ ސަބަބު: احْرِصْ عَلَى مَا يَنْفَعُكَ
(ތިބާއަށް ފައިދާ ކުރަނިވި ކަންތައްތަކުގެ މައްޗަށް ތިބާ ދަހިވެތިވާށެވެ.)
ފައިދާ ކުރަނިވި ކަންތައްތަކަކީ ކޮބާ؟
ފައިދާކުރަނިވި ކަންތައްތަކުގެ ކުރު ޚުލާސާއަކީ މައިގަނޑު ދެކަމެކެވެ. އެއީ:
• طلب العلم النافع (ފައިދާކުރަނިވި ޢިލްމުތައް ޙާޞިލުކުރުން)
• العمل الصالح (ޞާލިޙް ޢަމަލުތައް ކުރުން)
ކަމެއް ދަހިވެތިކަމާއެކު ބޭނުންވުމަކީ ކަމަކަށް އުއްމީދުކުރުމަށްވުރެވެސް މަތީ ޙަރުފަތެކެވެ. ދަހިވެތިކަމާއެކު ކަމެއް ޙާސިލުކުރުމަށް މަސައްކަތްކުރާމީހާ އެކަން ޙާސިލްކުރެވެންހުރި ހުރިހާ ކަމެއް (ޝަރުޢީގޮތުން ހުއްދަ އެންމެހާ ކަމެއް) ކުރާނެއެވެ. ތިމާގެ އެންމެހާ ވަގުތަކާއި ހަކަތައެއް އެކަމަށް ހުސްކުރާނެއެވެ.
ދެވަނަ ސަބަބު: اسْتَعِنْ بِاللهِ (ﷲގެ ޙަޟްރަތުން މަދަދަށް އެދޭށެވެ.)
މި ޙަދީޘްގައި ތަވައްކަލްކުރުމުގެ ދެފަރާތް ޖަމަޢަކުރައްވައިފައިވެއެވެ. އެގޮތުން ފުރަތަމަ ސަބަބުގައި އެވަނީ ސަބަބުތަކުގައި ހިފުމުގެ ވާހަކައެވެ. މިބައިގައި (ދެވަނަ ސަބަބުގައި) މިވަނީ މާތްﷲއަށް އިޢުތިމާދުކުރުމުގެ ވާހަކައެވެ.
ތަވައްކަލްކުރުމަކީ ކަންކަން ޙާސިލުކުރެވެން އޮތް ސަބަބުތަކުގައި ހިފުމާއިއެކު، އެކަންކަމަށް ތިމާ ވާސިލުކޮށްދެވޭނެ ހަމައެކަނި ފަރާތަކީ މާތް ﷲ ކަމުގައި ހިތުގެ އަޑިން ޔަޤީންކޮށް، ޢަމަލީގޮތުން އެފަދައިން މަސައްކަތްކުރުމެވެ. ކަންކަމުގައި އެކަލާނގެއަށް ތަވައްކަލްކުރަންޖެހެނީ އެކަލާނގެއީ ހުރިހާ ކަމެއް ތަދުބީރުކުރައްވާ އަދި އެންމެހާ މަޚްލޫޤުންގެ ވެރި ރަސްކަލާނގެކަމުގައިވާތީއެވެ.
އެހެންކަމުން ކަންކަން ފަހިކޮށްދެއްވުން އެދި އެކަލާނގެއަށް ދުޢާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
المولى؛ النصير؛ المجيب ؛ النافع އަދި الفتاح ފަދަ އިސްމުފުޅުތައް ބޭނުންކޮށްގެން ދުޢާކުރެވިދާނެއެވެ.
المَوْلَى ގެ މާނައަކީ އެހީތެރިވެވޮޑިގެންވާ ކަލާނގެއެވެ.
النَّصِيرُ: ގެ މާނައަކީ ނަޞްރުދެއްވާ ކަލާނގެއެވެ.
المجيب : ގެ މާނައަކީ (دعاء) އިޖާބަކުރައްވާ ރަސްކަލާނގެއެވެ.

ތިންވަނަ ސަބަބު: لَا تَعْجَزْ (ނުކުޅެދިގެންވާ މީހެއްގެ ގޮތުގައި ނުވާށެވެ.)
ކަންނެތްކަމުގެ ހިރަފުސްތައް ފޮޅާލުމަށްފަހު، ހީވާގިކަމާއި މުރާލިކަމުގެ އުޅައްދަނޑީގައި ހިއްޕަވާށެވެ.

ރެފަރެންސް:
1. شرح حديث احرص على ما ينفعك ؛ الشيخ عبد المحسن العباد – حفظه الله؛ (ވީޑިއޯ)
2. http://fatwa.islamweb.net/fatwa/index.php?page=showfatwa&Option=FatwaId&Id=26195

0