ނަޞޭޙަތާއި އިރުޝާދު
ނަމާދުގެ ޘަވާބު ބިނާވެފައިވަނީ ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ މައްޗަށް

ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ލާޒިމުކަމެކެވެ. ނަމާދުގެ ޘަވާބު ބިނާވެފައިވަނީ ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ މައްޗަށެވެ. ޝަރުޢުގައި ނަމާދުގައި ޚުޝޫޢަތްތެރިވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އެގޮތުން މިސްކިތްތައް ޒީނަތްތެރިވުން ނަހީކުރެއްވުމާއި، ޞޫރަ ހުންނަ ތަންތާނގައި ނަމާދުކުރުން މަކްރޫހަވެފައިވެއެވެ. ދެކަމު ޙާޖަތަށް ދާންޖެހިފައި ހުރެ ނަމާދުކުރުމާއި، ކާ އެއްޗިހި ޙާޟިރުކޮށްފައި ހުރެމެ ބަނޑުހައިވެފައި ހުރެ ނަމާދުކުރުމަށާއި، ޖިންސީ އެދުން ފުއްދުމުގެ މަރުޙަލާގައި ވަނިކޮށް ބަންގިގޮވައިފިނަމަ އެކަން ކޮށްނިންމުމަށްފަހުގައި ނަމާދަށް ދިޔުމަށް، އައިސްފައިވެއެވެ. މި ހުރިހާ ކަމެއްގެ މަޤްޞަދަކީ ނަމާދުގައި ޚުޝޫޢަތްތެރިވުމެވެ.
ނަމާދަކީ ﷲ އަށް އަޅާ މުނާޖާ ދަންނަވާ ވަޤުތުކަމަށްވާތީ، އަދި އިންސާނާގެ މިދުނިޔޭގެ ޙަޔާތުގައި އަންނަ އެންމެ މުހިއްމު ވަޤުތުކަމަށްވާތީ، އެއީ އިންސާނާ ﷲ ގެ ކުރިމަތީގައި ހުއްޓި ﷲ އާ ވާހަކަދައްކާ ވަޤުތުކަމަށްވާތީ، އެ ވަޤުތަށް ތައްޔާރުވުމުގެ ގޮތުން ނަމާދުގެ ކުރިން މީހާގެ ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ނަމާދަށް ތައްޔާރުވާން ޖެހެއެވެ. އެގޮތުން ނަމާދުގައި ޚުޝޫޢަތްތެރިވުމުން މީހާ ދުރުކޮށްފާނޭ ހުރިހާ ކަމަކުން މީހާ އެއްކިބާވާންޖެހޭނެއެވެ.
ޝަރުޢުގައި ޙާލަތުގެ ގޮތުން އެހެން ގޮތެއް ނެތިގެން ދެއްވާފައި ހުންނަ ލުއިފަސޭހަ ކަމަކީ ޢާއްމު ދިރިއުޅުމުގައި އަބަދު އަބަދު އެކަންކަން އެގޮތަށް ކުރުމުގެ މަޤްޞަދުގައި ދެއްވާފައި ހުންނަ ލުއިފަސޭހަ ކަމެއް ނޫނެވެ.
މިސާލަކަށް، ދަރިފުޅު އުރައިގެން ނަމާދު ކުރުމާއި، ނަމާދަށް ހުއްޓައި ކުދީން ގައިމައްޗަށް އަރައި ސަކަރާތް ޖަހައި ހެދި ކަމުގައިވިޔަސް ނަމާދު ޞައްޙަވުމުގެ މާނައަކީ އެކަންކަމުގެ ސަބަބުން ނަމާދުގެ ޚުޝޫޢަތްތެރިކަން ގެއްލޭޙާލު އަބަދާއި އަބަދު އެގޮތަށް އެކަންކުރުމެއް ނޫނެވެ.
ނަމާދު ވަޤުތަށްޓަކައި، ތިމާގެ ދަރިފުޅު ނުވަތަ ދަރީން އެހެން މީހަކާ ނުވަތަ ބަޔަކާ ޙަވާލުކުރަންޖެހޭނެއެވެ. އެގޮތަށް ކުދީން ނަމާދު ކުރާ މީހާގެ ޚުޝޫޢަތްތެރިކަން ގެއްލޭގޮތަށް ޢަމަލުކުރަން އުނދަގޫކުރަން ދޫކޮށްލައިގެން ނަމާދުކުރަނީ އެނޫން ގޮތެއް ނެތް ނަމައެވެ.

0