އިބުރަތްތެރި ވާހަކަ
ވަޅުލާފައިވާ ޚަޒާނާ

 

އެއް ޒަމާނެއްގައި މުރާލި ދީލަތި ދަނޑުވެރިއެއް އުޅުނެވެ. އޭނާއަށް ކަންނެތް ދަހި ހަތަރު ދަރިން ލިބުނެވެ. މަރަށް ޙާޟިރުވުމުން ދަނޑުވެރިޔާ ދަރިންނަށްވަޞިއްޔަތެއް ކުރިއެވެ. އެއީ ވަރަށް ބޮޑު ރަން ޚަޒާނާއެއް އާއިލާގެ ދަނޑުކޮނުމުން ފެންނާނޭ ކަމަށެވެ. ދަނޑުވެރިޔާ މަރުވުމުން، މިކުދިން ދަނޑަށް ގޮސް ދަނޑުގެ އެއްކޮޅުން ފެށިގެން އަނެއް ކޮޅަށް ކޮނެފިއެވެ. ނަމަވެސް، ޚަޒާނާއެއް ނުފެނުނެވެ. ދަނޑުން އެއްވެސް ރަނެއް ނުފެނުމުން، ބައްޕަގެ ދީލަތިކަންހަނދާންކޮށް، އެންމެ ފަހު ދުވަސްވަރު، ރަންތައް ބަހާލިކަމަށް ނިންމާ އެހޯދުން ހުއްޓާލީއެވެ.

ނަމަވެސް ދަނޑު މިހާރު ވަރަށް ބޮޑަށް ފަސްގަނޑު ޖެހިފައިވާތީ ކޮންމެވެސް ގޮވާމެއް އިންދާ ހިތް ޖެހިއްޖެއެވެ. ދަނޑުގައި ގޮދަން އިންދުމުން ވަރަށް ރަނގަޅަށް ހެދިއްޖެއެވެ. އަދި އެއަހަރު މިގޮވާން ވިއްކައިގެން މިކުދިންނަށް ވަރަށް ބޮޑު ފައިދާއެއް ލިބުނެވެ. ގޮވާން ކަނޑައި ނިމުނު ތަނާހެން ބައްޕަގެ ވަޞިއްޔަތާއި މެދު އަނެއްކާ ވިސްނާ، ކުރީ ފަހަރު ދަނޑު ރަނގަޅަށް ނުކޮނެވުނީ ކަމަށް ނިންމާ، އަލުން އެދަނޑު އެއް ފުށުން އަނެއް ފުށަށް ޖެހިއެވެ. ނަމަވެސް މިފަހަރުވެސް ވަޅުލާފައިވާ ރަންތަކެއް ނުފެނުނެވެ.

އަނެއްކާވެސް ދަނޑު ވަރަށް ބޮޑަށް ފަސްގަނޑު ޖަހައި ކޮނެވިފައިވާތީ، ގޮވާން އިންދައި ގޮވާން ހެދުމުން ކަނޑައި ވިއްކައިގެން ކުރީ ފަހަރު މާ ބޮޑު ފައިދާއެއް މިފަހަރުވެސް ލިބުނެވެ. މިގޮތަށް ދެތިން ފަހަރު ދަނޑުކޮނެ ފަސްގަނޑުޖަހައި، ގޮވާން އިންދައި އޭގެ ފައިދާ ފެނުނު އިރު، އެކުދިން ގަދަ މަސައްކަތަށް ހޭނި، މޫސުންތަކުގެ ދައުރުވުން ދަސްވެއްޖެއެވެ. އަދި ބައްޕަގެ ވަޞިއްޔަތުގައި ފޮރުވިފައިވާ މާނަ މިކުދިންނަށް އެނގިއްޖެއެވެ. އަދި އެކުދިން، ބައްޕަ ފަދަ ތެދުވެރި، މުރާލި ދަނޑުވެރިންނަށް ވެއްޖެއެވެ. ދަނޑުވެރިކަމުން މުއްސަނދިވެ، ދަނޑެއްގައި ވަޅުލެވިފައިވާ ރަންތަކެއް ހޯދައިގެން ލުއިގޮތަކަށް ތަނަވަސްކަން ހޯދާހިތް ކެނޑިއްޖެއެވެ.

މި ވާހަކަ އަކީ ވަރަށް ގިނަ މީހުން އަޑު އަހާފައިވާ ވާހަކަ އަކަށް ވެއެވެ. އެއީ ވާހަކަ ފެށުމުގެ ކުރިން މި ރިވާ ތަކުރާރު ކުރި ކޮންމެ މީހަކަށް އެތަށް ތަނަވަސްކަމެއް ލިބޭނޭ ކަމަށް ބުނާތީއެވެ. ވާހަކައިގެ ފޮރުވިފައިވާ މާނަ ތަކުގައި، ދަރިވަރުންނަށް އެއްޗެއް އުނގަންނައި ދިނުމަށް އެކުދިންނަށް އެވަގުތު އޭގެ ބޭނުމާއި ސިއްރު ނޭނގޭ ކަންތައްތަކެއް ކުރުވަން ޖެހިދާނެކަން ފާހަގަ ކުރެވެއެވެ. އަދި ވަކި ކަމެއް ކުރާއިރު އެވަގުތު ޙާޞިލް ކުރަން ބޭނުންވާ ކަމަށް ބުނާ މަގްޞަދު ނޫން އެހެން މަގްޞަދެއް ޙާޞިލު ވެދާނެކަން ވާހަކައިން އޮޅުންފިލައެވެ.

ރޯޖަރ ބޭކަން، އޮކްސްފޯޑް ޔުނިވަރުސިޓީގައި މީގެ އެތަށް ސަތޭކަ އަހަރު ކުރިން ކިޔަވައި ދިންއިރު، މިވާހަކަ ކިޔަވައި ދެއެވެ. ވާހަކައަކީ އިސްލާމީ ތާރީޚްގެ ވާހަކައެއް ކަމުން، އިސްފާދިރީ ޕޯޕުގެ އަމުރަށް ރޯޖާރ ބޭކަނާ އޮކްސްފޯޑްގެ ވަޒީފާއިން ވަކިކުރެވުނެވެ.” މަތީގައިވާ ތަރުޖަމާގެ އަޞްލަކީ މީގެ 1200 އަހަރު ކުރީގައި ބަޞަރާގައި އުޅުނު ޙަސަނާ ކިޔާ މީހަކު ވާހަކަ ކިޔައިދިން ގޮތެވެ.

 

މަސްދަރު: ދަރުމަ މަޖައްލާ

0