ދީން
ﷲ އާ މެދު ހެޔޮކޮށް ހީކުރުން

ކަންކަމާމެދު ރަނގަޅަށް ވިސްނުމަކީ ﷲ އާމެދު ހެޔޮކޮށް ހީކުރުމެވެ. ނަބިއްޔާ ﷺ އެކަމަށް ލޯބިކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ.
«وَيُعْجِبُنِي الفَأْلُ» قَالُوا: وَمَا الفَأْلُ؟ قَالَ: «كَلِمَةٌ طَيِّبَةٌ» [متفق عليه]
މާނައީ: “އަދި ތިމަންކަލޭގެފާނަށް ހެޔޮ ފާލަ ނުހަނު ކަމުދެއެވެ. (ހެޔޮފާލައަކީ ﷲ ތަޢާލާގެ ޙަޟްރަތުން ހެވާއި ރަޙްމަތަށް އުންމީދުކޮށް ބުނާ ބަސްބަހެވެ.) (ޞަޙާބީ ބޭކަލުން) ދެންނެވިއެވެ. ހެޔޮ ފާލައަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެއީ ހެޔޮވެގެންވާ ރިވެތި ކަލިމައެވެ.”
ކޮންމެ ޙާލަތެއްގައިވެސް ﷲ އާ މެދު ހެޔޮކޮށް ހީކުރުމަށް މުސްލިމުންނަށް އަމުރުވެވިގެންވެއެވެ. ކަންކަމާމެދު ސުންޕާކޮށް ދެކުމަކީ ﷲ އާމެދު ނުބައިކޮށް ހީކުރުމެވެ. އަޅާގެ އީމާންކަން އިތުރުވުމުން އޭނާގެ ވެރިރައްބާމެދު ހެޔޮކޮށް ހީކުރެއެވެ. އަދި އޭނާގެ އީމާންކަން ބަލިކަށިވުމުން އޭނާ ހެއްދެވި ފަރާތާމެދު ނުބައި ހީކުރުންތައް ހީކުރެއެވެ.
ފަހެ ﷲ ތަޢާލާ އެއިލާހު އެއްކައުވަންތަކުރާ މުއުމިނު އަޅުންނަށް ނަޞްރުނުދެއްވާނޭކަމަށް ހީކުރާމީހާއާއި ނުވަތަ ﷲ ތަޢާލާގެ ޙަޟްރަތުގައިވާ ކަންކަން، އެއިލާހަށް ކުއްތަންވެ ކިޔަމަންގަތުމުން ލިބޭ ފަދައިން އެއިލާހަށް އުރެދޭ ޙާލުވެސް ލިބޭނެކަމަށް ހީކުރާމީހާ ނުވަތަ ﷲ އަށްޓަކައި ކަމެއް ދޫކޮށްލުމުން އެއިލާހު އެއަށްވުރެ ހެޔޮކަމެއް ނުދެއްވާނެކަމަށް ހީކުރާމީހާ ނުވަތަ ﷲ އަށްޓަކައި ކަމެއްކުރުމުން އެއަށްވުރެ މޮޅު އެއްޗެއް އެއިލާހު ނުދެއްވާނެކަމަށް ހީކުރާމީހާ ނުވަތަ ބިރުވެތިކަމާއި އުންމީދުގައި ތެދުވެރިކަމާއެކު އެއިލާހު ޙަޟްރަތުގައި އެދި ދަންނަވައި ވާތްގަށް އެދި ވަކީލުކުރުމުންވެސް އެއިލާހު އޭނާ ގެއްލެނިކުރައްވައި އޭނާ އެއެދުނު ކަމެއް ނުދެއްވާނެކަމަށް ހީކުރާމީހާ ނުވަތަ ދީލަތިކަމަކީ ފަޤީރުކަމަށް އޮތް މަގެއްކަމުގައި ހީކުރާމީހާ ނުވަތަ ޞަދަޤާތްކުރާ މީހަކު ޞަދަޤާތްކުރުމުން އޭނާގެ މުދާ އުނިވާކަމަށް ހީކުރާމީހާ ނުވަތަ މިދީނުގައި ހިފަހައްޓާމީހާއަށް ﷲ ތަޢާލާ މަތިވެރިކަން ނުދެއްވާނެކަމަށް ހީކުރާމީހާ ދަންނައެވެ. ފަހެ އެފަދަ ހީކުރުމެއް ހީކޮށްފިމީހަކީ ﷲ އާ މެދު ނުބައި ހީކުރުންތައް ހީކުރާ މީހެކެވެ. އަދި އެފަދަ މީހަކު އެވަނީ ﷲ ތަޢާލާ ނަހީކުރައްވާފައިވާ ކަމަކަށް އަރައިގަނެފައެވެ
މިކަންކަމަކީ ﷲ ތަޢާލާއާ މެދު ނުބައި ހީކުރުމުގެ ތެރެއިން ހިމެނޭ ކަންކަމަށްވަނީ އެފަދަ މީހަކު އެވަނީ ﷲ ތަޢާލާގެ ރިވެތި އިސްމުފުޅުތަކާއި ސިފަފުޅުތަކާ ޚިލާފުކަންތައްތަކެއް އެއިލާހަށް ވާކަމަށް ހީކޮށްފައެވެ. އެކަންކަމަކީ އެއިލާހުގެ ރިވެތިކަމާއި ފުރިހަމަވަންތަކަމާ ޚިލާފުކަންކަމެވެ. ފަހެ އެއިލާހަށް ލިބިވޮޑިގެންވާ ޙަމްދާއި ޢިއްޒަތާ އަދި ޙިކުމަތްވަންތަކަމާ މިކަންކަން އެކަށީގެންނުވެއެވެ.
އަދި ގިނަމީހުން ﷲ އާ މެދު ނުބައި ހީކުރުންތައް ހީކުރަނީ އެއްވެސް ޙައްޤަކާ ނުލައެވެ. އެއީ އެބައިމީހުންގެ އަމިއްލަ ކަންކަމުގައްޔާ އަދި އެއިލާހު އެހެން މީހުންނާ މެދު ކުރައްވާ ކަންކަމުގައެވެ. ﷲ ތަޢާލާއާއި އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކާއި ޙިކުމަތްފުޅު ނިޔާކުރާގޮތް މަޢުރިފާކޮށް ދެނެގަންފި މީހަކު މެނުވީ އެކަމުން ސަލާމަތް ނުވެއެވެ.
އިބްނުލް ޤައްޔިމް ވިދާޅުވިއެވެ.
“ގިނަ މީހުންގެ ޙާލަކީ އެއީއެވެ. އަދި ކިއެއް ހެއްޔެވެ. ﷲ އިރާދަކުރެއްވި މީހަކު މެނުވީ ހަމަ އެންމެންގެ ޙާލަކީވެސް ﷲ އާމެދު އެއްވެސް ޙައްޤަކާ ނުލައި ނުބައި ހީކުރުންތައް ހީކުރުމެވެ. އާދަމުގެ ދަރިންކުރެ ގިނަ މީހުން ދެކެނީ އޭނާގެ ޙައްޤެއް އުނިވެފައިވާ ކަމަށެވެ. ނުވަތަ އޭނާއަކީ ނަސީބު ދެރަމީހެއްކަމަށެވެ. އަދި އޭނާއަށް ދެއްވުނު މިންވަރަށް ވުރެ އިތުރަށް އޭނާއަށް ޙައްޤުވާކަމުގައެވެ. އޭނާގެ ޙާލުގެ ދުލުން ބުނާކަހަލައެވެ. އަހަރެންގެ ވެރިރައްބުވަނީ އަހަންނަށް އަނިޔާވެރިވެވޮޑިގެންނެވެ. އަދި އަހަރެންގެ ޙައްޤު އެއިލާހު އަހަންނަށް ނުދެއްވައެވެ. އޭނާގެ ނަފްސުވެސް އެކަމާ ދެކޮޅަށް ހެކިދޭނެއެވެ. އަދި އޭނާގެ ދުލުން އޭނާ އެކަން އިންކާރުކުރާނެއެވެ. އަދި ޞަރިޙާކޮށް އެހެން ބުނާކަށް ނުކެރޭނެއެވެ. ނަމަވެސް އެމީހެއްގެ ނަފްސު ދިރާސާކޮށް ހޯދާ ބަލައިފިމީހަކަށް ފެންނާނީ އެންމެ ފުންމިނުގައިވެސް އެކަން ފަސްދާނުލެވިފައިވާކަމެވެ. އެކަން ފޮރުވިފައިވަނީ ލައިޓަރެއްގެ ތެރޭގައި އަލިފާން ފޮރުވިފައިވާ ފަދައިންނެވެ. ފަހެ ތިބާ އެދޭ މީހެއްގެ ލައިޓަރު ރޯކޮށްލާށެވެ. އޭނާގެ އެލައިޓަރުގެ ތެރޭގައި ހުރި ނުބައިކަމުގެ ވާހަކައިން ތިބާއަށް ކިޔައިދޭނެއެވެ. ފަހެ މީހަކާ މިކަމުގައި ސުވާލުކޮށްލައިފިނަމަ ފެނިގެންދާނީ އޭނާ ޤަޟާޤަދަރާމެދު ހިތްހަމަ ނުޖެހިފައިވާކަމެވެ. އަދި އޭނާއަށް މެދުވެރިވާ ގޮތާ ޚިލާފަށް ވުމަށް އޭނާ ޚިޔާލު ހުށަހަޅާނެއެވެ. އަދި ބުނާނެއެވެ. އަޞްލު މިހެން ނުވަތަ އެހެންވުން މާ އެކަށީގެންވެއެވެ. ފަހެ އެކަމުގައި ގިނައިން ވާހަކަ ދައްކާ މީހުންނާ މަދުން ވާހަކަދައްކާމީހުން ވެއެވެ. ފަހެ ތިބާގެ އަމިއްލަ ނަފްސުވެސް ދިރާސާކޮށްލާށެވެ. މިކަމުން ތިބާ ސަލާމަތްވެގެންވޭ ހެއްޔެވެ؟
إنْ تنجُ مِنها تنجُ من ذي عظيمَةٍ *** وإلا فإنِّي لا إخالُكَ ناجياً
ބައިތުގެ ޖުމްލަ މާނަ: ތިބާ އެކަމުން ސަލާމަތްވެއްޖެނަމަ ތިޔަ ސަލާމަތްވީ ވަރަށް ބޮޑުކަމަކުންނެވެ.
ނޫންނަމަ، ތިބާވެސް ސަލާމަތްވާނެހެން އަހަންނަކަށް ހިއެއް ނުވެއެވެ.
ފަހެ އަމިއްލަނަފްސަށް ހެޔޮއެދޭ ބުއްދިވެރިން މިކަމާމެދު ސަމާލުވާށެވެ. ﷲއާ މެދު ނުބައި ހީކުރުންތައް ހީކުރެވިފައިވާތީ އެއިލާހުގެ ޙަޟްރަތަށް ތައުބާވެ ކޮންމެ ވަޤުތެއްގައިމެ ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. ފަހެ ނުބައިކޮށް ހީކުރާނަމަ އަމިއްލަ ނަފްސާމެދު ނުބައިކޮށް ހީކުރާށެވެ. އެހެނީ އެއީ ހުރިހާ ނުބައިކަމެއް ފެށޭ އަދި ހުރިހާ ނުބައެއް ނިމޭ ހިސާބެވެ.”
ފަހެ އެހެންކަމުން މުސްލިމު އަޅާގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާގެ ވެރިރައްބާމެދު ނުބައި ހީކުރުންތައް ހީނުކުރުމެވެ. އަދި ކޮންމެ ކަމެއްގައިމެ އޭނާގެ ވެރިރައްބާމެދު ހެޔޮކޮށް ހީކުރުމެވެ. ޤުދުސިއްޔަ ޙަދީޘެއްގައިވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
((أَنَا عِنْدَ ظَنِّ عَبْدِي بِي)) متفق عليه
މާނައީ: “ތިމަން އިލާހު ވޮޑިގެންވަނީ ތިމަން އިލާހުގެ އަޅާ ތިމަންއިލާހާމެދު ހީކުރާގޮތަކަށެވެ.”

މަޞްދަރު:

ﷲ އާ މެދު ހެޔޮކޮށް ހީކުރުން 3

0