Uncategorized
ކަންދެއްކުމަކީ އޭނާ ކުރި ހެޔޮ ޢަމަލުގެ ޘަވާބު ނެތިކޮށްލާނެ ކަމެއް: ހުކުރުޚުތުބާ

ކަންދެއްކުމަކީ އޭނާ ކުރި ހެޔޮ ޢަމަލުގެ ޘަވާބު ނެތިކޮށްލާނެ ކަމެއްކަމަށް މިއަދުގެ ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ “އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބުނެތިކޮށްލާ ކަންތައްތަކުގެ ތެރޭގައި ކުޑަ ޝިރްކު ވެއެވެ. އޭގެ ތެރޭގައި ކަންދެއްކުން ވެއެވެ. މިހެންވެ، ލޮބުވެތި ރަސޫލާ މިގެ އެކަލޭގެފާނުގެ ޞަޙާބީންނަށް ކަންދެއްކުމާ ދުރުހެލިވެ ވަޑައިގަތުމަށް ނަސޭހަތް ދެއްވިއެވެ. ކަންދެއްކުމުގެ ތެރެއަށް ވެއްޓި ވަޑައިނުގަތުމަށް އިރުޝާދު ދެއްވިއެވެ. ކުޑަ ޝިރްކަކީ، ވަރަށް ވަންހަނާކަން ބޮޑު ކަމެކެވެ. ކަޅު އަނދިރި ރޭރޭގައި، ކަޅު ހިލަމަތީގައި، ކަޅު ހިނި ހިރޭ ހިރުމަށްވުރެ ވެސް، މި ކަމުގެ ވަންހަނާކަން ބޮޑުވެގެން ވެއެވެ. މާތް ﷲ ރުއްސުން ލެއްވި އަބޫ ސަޢީދުލް ޚުދްރީގެ އަރިހުން ރިވާވެގެންވާ ގޮތުގައި، އެއް ދުވަހަކު އެބޭކަލުން ދައްޖާލުގެ ވާހަކަ ދައްކަވަން ތިއްބަވަނިކޮށް، ރަސޫލު ﷲ ގެ އެ ތަނަށް ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. “އަލްމަސީޙުއް ދައްޖާލަށް ވުރެ ތިޔަބައިމީހުންގެ މައްޗަށް ބިރުވެރިކަން ބޮޑު ކަމެއްގެ ވާހަކަ ވިދާޅުވެ ދެއްވަން ހެއްޔެވެ؟ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. އެއީ ކުޑަ ޝިރްކެވެ. ކުޑަ ޝިރްކަކީ ކޮބައިތޯ ޞަޙާބީން ސުވާލު ކުރެއްވުމުން އެއީ ކަންދެއްކުންކަމަށް ޙަދީޘް ކުރެއްވިއެވެ.” އެއީ މާތް ﷲ ގެ އަޅާގެކަމެއް ކޮށް، މީސްތަކުންނަށް އެ ކަން ދައްކައި، އެކަމަށް ސަނާއާއި ތާރީފު ހޯދުމެވެ. މިއީ އޭނާ މި ކުރި ހެޔޮ ޢަމަލުގެ ޘަވާބު ނެތިކޮށްލާނެ ކަމެކެވެ. މީހަކު ކަމެއް ކުރާއިރު، އެކަން މާތް ﷲ އަށް ޚާލިޞް ނުކުރާނަމަ އާޚިރަތްދުވަހުން އޭނާކުރިމަތީގައި ފަޟީޙަތް ކުރައްވާނެތެވެ. “

ފަޚްރުވެރިވުމަށާއި މަޝްހޫރުވުމަށް ލޯބިކުރެވުނު ވަރަކަށް، އިޚްލާޞްތެރިކަން ފަނޑުވަމުން ދާނެކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ “އަމިއްލަ އެދުންތައް ބޮޑުވެ، މަދަޙަ ތާރީފުކުރުމަށް ލޯބި ކުރެވުނު ވަރަކަށް، އިޚްލާޞްތެރިކަމުގެ ބައްތި ކަނިވަމުން ދާނެއެވެ. ފަޚްރުވެރިވުމަށާއި މަޝްހޫރުވުމަށް ލޯބިކުރެވުނު ވަރަކަށް، އިޚްލާޞްތެރިކަން ފަނޑުވަމުން ދާނެއެވެ. މާތް ﷲ ޤަބޫލު ކުރައްވާނީ އެއްވެސް ކިލަނބުކަމެއް ނެތް، ސާފު ޞާލިޙު ޢަމަލުތަކެވެ. އަޅުގަނޑުމެން ރަނގަޅު ޢަމަލުތައް، ނުބައި ޢަމަލުތަކަށް ބަދަލުކޮށްލާ އެންމެ ވަރުގަދަ ބާރަކީ ކަންދެއްކުމެވެ. ރަސޫލު ﷲ ގެ ޙަދީޘް ކުރައްވާފައި ވެއެވެ. މާނައީ: “ފަހެ އެބައިމީހުންގެ ނަމާދާ މެދު ޣާފިލުވެތިބެ ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އެބައިމީހުންނަކީ، ހަމަ ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ. އަދި ހިފައި ގެންގުޅޭ ތަކެތި މީހުންނަށް ނުދީ މަނާކުރާ މީހުންނެވެ.” މިބަސްފުޅުން އެނގެނީ އިޚްލާޞްތެރިކަމެއް ނެތި، ދެއްކުމަށް ކުރެވޭ ނަމާދަކީ، ޘަވާބުގެ ބަދަލުގައި، އެއިން ޢަޛާބު ލިބެނިވި ޢަމަލެއް ކަމެވެ. އެހެނީ އިޚްލާޞްތެރި ކަމެއް ނެތި ކުރެވޭ ނަމާދަކީ، އޭގައި ފުރާނައެއް ނެތް މައްޔިތެއް ފަދަ އަޅުކަމެކެވެ. ހަމަ އެފަދައިން ޒަކާތް ދިނުމަކީ ވެސް، ﷲ ގެ ރުހިވޮޑިގަތުމާއި، ގެ ޙަޟްރަތުން ޘަވާބު ލިބުމަށް ނޭދި ކުރެވޭ ކަމަކަށް ވެއްޖެނަމަ އެއީ ބާޠިލު ޢަމަލެކެވެ. ”

އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތައް ފޮރުވައި، ވަންހަނާކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ބާރުއެޅެއްވުމުގެ މުހިއްމުކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ” ކަންދެއްކުމަކީ، ޝައިޠާނާގެ ދޮރޯށްޓެކެވެ. އެއީ އަޅުގަނޑުމެންގެ ޞާލިޙު ޢަމަލުތައް ޚަރާބު ކުރާ ވައިރަހެކެވެ. މި ވައިރަސް މަރައިލުމަށް ބޭނުންކުރަންޖެހޭ ވެކްސިނަކީ، އިޚްލާޞްތެރިކަމެވެ. އެހެންކަމުން އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތައް ފޮރުވައި، ވަންހަނާކުރުމަށް ގަދައަޅައި މަސައްކަތް ޝަރްޢީ މަޞްލަޙަތެއް ނެތްނަމަ، އަޅުގަނޑުމެންގެ ޢަމަލުތައް ފާޅުކުރުމާ ދުރުހެލިވާން ޖެހޭނެއެވެ. “

0