މަގޭ ވެށި
“އޭ ލަވް މެރިޖެއް ދޯ؟!”

މިއީ ވަރަށް ގިނަމީހުން އަޅުގަނޑާ ކޮށްއުޅުނު ސުވާލެކެވެ. ޚާއްޞަކޮށް ކައިވެނިކޮށްގެން އުޅުނު ފުރަތަމަ ދުވަސްކޮޅުއެވެ. އަޅުގަނޑު ކުރީ “ލަވް މެރިޖެއްތޯ”އެވެ؟ އެކުވެރިންނާއި ބައެއް ގާތްތިމާގެ މީހުންނެވެ. އެހެނީ ކުއްލިއަކަށް އެމީހުންނަށް ފެނުނީ އެމީހުން ނުވެސްދަންނަ މީހަކާ އަޅުގަނޑު ކައިވެނިކުރިތަނެވެ.

އަޅުގަނޑުގެ ޖަވާބު ވަރަށް ކުރެވެ. އެއީ ލައްބައެވެ. އަޅުގަނޑު ކުރީ “މެރިޖް ލަވް”އެކެވެ. ފުރަތަމަ ކުރީ ކައިވެންޏެވެ. ދެން ލޯބިވީއެވެ. އެހެންކަމުން، މިޖަވާބުގެ ސަބަބުން އެހެން ސުވާލަކަށް ޖާގައެއްނުލިބެއެވެ.

 

މިދައްކަން އުޅޭ ވާހަކައިގެ ތަފްސީލަކަށް ދަމާތޯއެވެ. އާދެ، ޒަމާނުއްސުރެ އަޅުގަނޑުމެންނަށް ވިސްނިފައި އޮންނަނީ، ކައިވެނިކުރުމުގެ ކުރިން އެކަކުއަނެކަކުދެކު ލޯބިވާންޖެހޭނެކަމަށެވެ. އެއީ ކޮންމެހެން ޒަރޫރީކަމެއްގެ ގޮތުގައެވެ. ދެމީހުން އެކަކުއަނެކަކަށް ދަސްވެ “އަޖުމަބެލެން” ޖެހޭނެކަމަށެވެ. އެހެންކަމުން، މިގޮތަށް ދިހަބާރަ މީހުންގެ އަޖުމަބެލޭއިރުވެސް އެބުނާ ކައިވެނިކުރަން އެކަށީގެންވާ މީހަކާ ބައްދަލުނުވާ މީހުންވެސް އުޅެއެވެ. މިރާއްޖޭގައި މިކަންވެފައިވަނީ އާދައިގެ ކަމަކަށެވެ. އޭގައި އެއްވެސް  މައްސަލައެއްނެތް ކަމެއްގެގޮތުގައެވެ. މުޖްތަމަޢުގައި އެކަމަށް އެހާ ތަރުހީބުވެސް ދެވޭ ކަމެއްގޮތުގައެވެ. ޚާއްސަކޮށް މައިންބަފައިންނާއި ޢާއިލީމީހުންގެ ފަރާތުންނެވެ.

ނަމަވެސް، ދަންނައެވެ. އިސްލާމްދީނަކީ ވަރަށް މާތްމަތިވެެރި ދީނެކެވެ. މިދީނުގައި، އެފަދަ ހަޑިމުޑުދާރު ގޮތަކަށް ކައިވެނީގެ ކުރިން އުޅުން، އެއީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. ކައިވެނީގެ ކުރިން ހިލޭމީހަކާއެކު ލަދެއްޙަޔާތެއްނެތި، ބޭނުންހާ ގޮތަކަށް އުޅެން، މިމާތް ދީނުގައި ފުރުޞަތު ހުޅުވާލެވިފައެއް ނޯވެއެވެ. އެހެންކަމުން، “މިއީ އަހަރެން ކައިވެނިކުރަން އުޅޭކުއްޖާ”އޭ ނުވަތަ “މިއީ އަހަރެންގެ ބޯއިފްރެންޑޭ” ނުވަތަ “ގާލް ފްރެންޑޭ” ބުނުމުން، ތިބާ އޭނައާއެކު ބޭނުންހާ ގޮތަކަށް އުޅެން ހުއްދައެއްނުކުރެއެވެ. މިދީނަކީ އެއަށްވުރެ މާތްމަތިވެރި ދީނެކެވެ. މިދީނުގެ އެންމެ ޚާއްޞަ އެއްސިފައަކީ ދަލުވެތިކަމުގެ ސިފައެވެ. އެހެންކަމުން، ލަތުވެތިކަމެއްނެތްނަމަ، ބޭނުން ކޮންމެ ކަމެއްކުރާށޭއެވެ، ޙަދީޘްފުޅުގައި އޮތުމުގެ މުރާދަކީ، ދަލުވެތިކަންނެތިއްޖެ މީހެއްނަމަ، އެމީހަކު އުޅޭނީ ބޭނުންގޮތަކަށެވެ. ފާފަތަކާއި، ހަޑިހުތުރުކަންކަމަށް އަރައިގަތުމަކީ އެއްވެސް ކަމެއްނޫނެވެ. އަޅުގަނޑުމެންގެ މި މުޖުތަމަޢަށްވެފައި މިވަނީ މިހެންބާވައެވެ؟ އެހެނީ، މިކަމުގައި ލަތުވެތިކަމުގެ ސިފަ އެއްކޮށް މުޖުތަމަޢުން ފޮހެވިގެން ހިގައްޖެއެވެ. ދެރަވެ ހިތާމަކުރަންޖެހޭވަރުގެ ކަމެކެވެ. ކޮޅުނެތްކޮޅަށް ރޯންޖެހޭވަރުގެ ކަމެކެވެ. މުޅި މުޖުތަމަޢު މިކަމުގައި ފެއިލުވެއްޖެއެވެ. ތަޢުލީމާއި ތަރުބިއްޔަތުގެ ދާއިރާ ފެއިލުވެއްޖެއެވެ.

މައިންބަފައިންނާއި، ޢާއިލީމީހުންނާއި، އެކުވެރިންވެސް މިފަދަ މުޑުދާރުކަންކަމަށް އެއްބާރުލުންދީގެން ނުވާނެއެވެ. މިއީ ކަނޑައެޅިގެން މުންކަރާތެކެވެ. އަދި އެފަދަ ދެމީހަކު ނާޖައިޒުގޮތުގައި އެހިންގާ ގުޅުމަށް ދެވޭ އެއްބާރުލުމަކީ، އެކަމުގެ ޒިންމާ ޤިޔާމަތްދުވަހުންވެސް، މިއަދު އެކަމަށް އެއްބާރުލުންދޭ ބަޔަކު ނަގަންޖެހޭނެކަމެކެވެ. ޚާއްޞަކޮށް މައިންބަފައިންނެވެ. މައިންބަފައިންނަށް މިކަމުން ރެކެވޭނެ އެއްވެސް ގޮތެއްނޯންނާނެއެވެ.

ހަމަކަށަވަރުން، ކައިވެންޏަކީ އިސްލާމްދީނުގައި ވަރަށް މާތް ޤަދަރެއް އެގުޅުމަކަށް ދެވިފައިވާ މާތް ގުޅުމެކެވެ. ހެޔޮގޮތުގައި، ހެޔޮލަފާ ޖީލެއް ބިނާކުރުމަށް މިއީ އެޅޭ އެންމެ ވަރުގަދަ އަދި އެންމެ ފުރަތަމަ ފިޔަވަޅެވެ. ކައިވެނީގެ މިގޮށަކީ، ދެމަފިރިން މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދަން، ހަޔާތުގެ މައިކަނޑުގައި ދަތުރުފަށާ ފެށުމެެކެވެ. ވުމާއެކު، ޢިޝްޤީ މަސްތެއްގައިޖެހި، ރުހޭ ލޮލަކަށް އައިބެއްނުފެންނާނެފަދަ ގޮތަކަށް ކޮށްނިންމާލަން ހެއުވާވަރުގެ ކަމެއްނޫނެވެ. އެއަށްވުރެ މާސީރިއަސްކަމެކެވެ. ވަރަށް ޒިންމާދާރުކަމެކެވެ. އެއާ ގުޅިގެން އަމާނާތްތަކެއް ހަވާލުކުރެވޭތީއެވެ. ބަލަދުވެރިއަކަށް ވެގެންދާނެތީއެވެ. ޤިޔާމަތްދުވަހުން މިހުރިހައި ކަންތައްތަކާ ބެހޭގޮތުން ސުވާލުކުރެވޭނެތީއެވެ.

އެހެންކަމުން، ތިމާ މީހަކާ ކައިވެނިކުރަން ގަސްދުކުރާ ހިސާބުން ފެށިގެން ބަލަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ، މިކަމަކީވެސް މާތް ﷲ ގެ ރުއްސެވުން ހޯދުމަށްކުރާ ކަމަކަށް ހެދުމެވެ. ތިބާގެ އިއްފަތްތެރިކަން ސަލާމަތުން ބެހެއްޓުމަށް ކުރާކަމަށް ހެދުމެވެ. އިސްލާމީ މަތިވެރި ޖީލެއް ބިނާކުރުމަށް ކުރާކަމަކަށް ހެދުމެވެ.

ނަމަވެސް، ބައެއްމީހުން މިވާހަކަތަކާ ދެކޮޅުހަދައިފާނެއެވެ. “ނުދަންނަ މީހާކާ އިންނާނީ ކިހިނެއްހޭ” އަހައިސުވާލު އުފައްދަފާނެއެވެ. ތިސުވާލަށް ދޭނެ ޖަވާބުވެސް އެބައޮތެވެ. ތިބާ ނުދަންނަ މީހަކާ ކައިވެނިކުރާ ވާހަކައެއް މިތާނކު ނުދެކެވެއެވެ. ތިބާ ދަންނަ މީހަކު ހޯދާށެވެ. އެކުވެރިންނާއި، އޭނަގެ ޢާއިލީމީހުން ކައިރިން އޭނަގެ ފުރިހަމަ މަޢުލޫމާތުހޯދާށެވެ. އޭނަގެ މިޒާޖަކީ ކޮބައިކަން އެމީހުންކުރެން އަހައިއޮޅުންފިލުވާށެވެ. ފަރުޟު ފަސްނަމާދަށް ރައްކާތެރިވޭތޯ ބަލާށެވެ. މައިންބަފައިންނަށް ކިޔަމަންތެރިކޮށްހިތާ މީހެއްތޯވެސް ބަލާށެވެ. މުސްކުޅިންނަށް އޯގާތެރިވެ ކުޑަކުދިންނަށް ރަޙްމުކުރާ މީހެއްތޯވެސް ބަލާށެވެ. ތިބާ ހިތްއެދޭ ހުރިހައި ދާއިރާއަކުންވެސް ބަލާށެވެ. ބުރުސޫރައިގެ ރީތިކަމަށް އަހައްމިއްޔަތުކަން ދޭނަމަ، އެކަންވެސް ބަލާށެވެ.

ދެން ތިބާ ގަޔާވާ ހިތްއެދޭކަހަލަ ސިފަތަކެއް އެމީހެއްގެ ކިބައިގައި ވަނީނަމަ، އޭނާގެ މައިންބަފައިންނަށް އޭނައާ ކައިވެނިކުރުމަށް ހުށަހަޅާށެވެ. އަދި އެމީހަކަށްވެސް ތިބާއާ ބެހޭގޮތުން މަޢުލޫމާތު ޖަމާކުރަން ފުރުޞަތުދޭށެވެ. ތިބާގެ ރައްޓެހީންނާއި، މައްސަކަތު ބައިވެރިންނާއި އަދި ޢާއިލީމީހުން ކައިރިން ތިބާގެ މިޒާޖަކީ ކޮބައިކަން ދަސްކުރުމަށް ދޮރުހުޅުވައިދޭށެވެ. ދެން އޭނާވެސް ތިބާއާ ރުހި، ތިބާއާމެދު ހިތްހަމަޖެހޭނަމަ، އެކަހެރިކޮށް ބައްދަލުކުރުމުގެ ބަދަލުގައި، ފޯނުން ވާހަކަ ދެއްކިދާނެއެވެ. ކައިވޭނީގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަޝްވަރާކުރުމަށެވެ. ނަމަވެސް، ވިސްނާލަންޖެހޭ ތަންކޮޅަކީ، ކައިވެނީގެ ކުރިން ދައްކަންނުޖެހޭ ވާހަކަދެއްކުން ހުއްދަނުވާނެކަމެވެ. ޝައިތާނާއަށް ތިގުޅުން ކިލަނބުކޮށްލަން އެއްވެސް ފުރުޞަަތެއްނުދޭށެވެ. އެސޮރު ވަރަށް މައްސައްކަތް ކުރާނެއެވެ. އެސޮރުގެ ނުބައި ބީހުން ތިގުޅުމުގެ ތެރެއަށް ވެއްދޭތޯއެވެ. ކައިވެނީގެ ކުރިންނެވެ. އެހެނީ އެކަން އޭނާއަށް ކާމިޔާބުކުރެވުމަކީ، ތިގުޅުމުގައި މާތް ﷲ ލައްވާނެ ބަރަކާތްނެތި ހިނގައިދާނެކަމެކެވެ. އެހެންކަމުން، އެކަމަށް ސަމާލުވާށެވެ.

މާތް ﷲ ގެ ރަޙްމަތުން، މިގޮތަށް ކުރެވޭ ކައިވެނީގައި އެއިލާހު ބަރަކާތްލައްވާނެއެވެ. ޝައިޠާނާގެ މުޑުދާރު ބީހުމެއްނުވާނެއެވެ. އަމާންއޮމާން ޒަވާޖީ ޙަޔާތެއް ލިބޭނެއެވެ. އަދި ތިބާގެ އަންހެނުންނަކީ/ފިރިއަކީ ތިބާއަށް ވަފާތެރިމީހަކަށް ވާނެއެވެ. އެނާދެކެ ތިބާ އިންތިހާއަށް ލޯބިވާނެއެވެ. މާތް ލޯތްބެކެވެ. ކަނުކަމެއްނެތް ފުރިހަމަ ލޯތްބެކެވެ.

މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް އޭނާ ތިބާއަށް އެހީވާނެއެވެ. ތިބާ ފަރުވާކުޑަވެ ކަންނެތްވާހިނދު ހިތްވަރު އައުކޮށްދޭނެއެވެ. މަގުން ކައްސާލައިގެންދާނަމަ، ހަމަމަގަށް އަޅުވާނެއެވެ. އެހެންކަމުން، ދެމީހުންގެ ދެމެދުގައި އުފެދިގެން ދާނީ ވަރަށް ވަރުގަދަ ގުޅުމެކެވެ. ވަރަށް މަތިވެރި ލޯތްބެކެވެ. ކިތަންމެ، ވަރުގަދަ ތޫފާނެއް އަޔަސް އެގުޅުމަކަށް ލޮޅުމެއްހާ މިންވަރުވެސް އަރުވައެއް ނުލެވޭނެއެވެ. الحمد لله އެއީ “މެރީޖް ލަވް”އެކެވެ.

(މިއީ 2010 ވަނަ އަހަރު އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ. އަދި މި ލިޔުންވަނީ އޭރުގެ ބައެއް ވެބްސައިޓުތަކުގައިވެސް ޝާއިޢުކުރެވިފައެވެ. މިހާރު ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް މިމަޒުމޫނަކަށް ގެނެވިފައިވާނެއެވެ.)

0