ނަޞޭޙަތާއި އިރުޝާދު
ރިޒުޤު އިތުރުކުރުމަށް ކުރެވިދާނެ 8 ކަމެއް

1. ރިބާއާ ދުރުހެލިވާށެވެ!

މާތްﷲ ވަޙީކުރެއްވިއެވެ. ”  يَمْحَقُ اللَّـهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗ وَاللَّـهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ” سورة البقرة 276

މާނައީ: “ﷲ، ރިބާ އުނިކުރައްވައި، އޭގެ ބަރަކާތް ނެތިކުރައްވައެވެ. އަދި، ޞަދަޤާތް އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ ބަރަކާތް އިތުރުކުރައްވައި، އާޚިރަތުގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި، ފާފަވެރި، ކޮންމެ  ކާފިރަކު ދެކެ، ﷲ ލޯބިވެ ވޮޑިގެނެއް ނުވެއެވެ.”

2. ރަޙިމުގެގުޅުން ބަދަހިކޮށް ދަމަހައްޓާށެވެ!

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ” مَنْ سَرَّهُ أَنْ يُبْسَطَ عَلَيْهِ رِزْقُهُ أَوْ يُنْسَأَ فِي أَثَرِهِ فَلْيَصِلْ رَحِمَهُ”(رواه البخاري ، مسلم ، أبو داود ، أحمد)

މާނައީ: “އުމުރުގައި ބަރަކާތްލެއްވި، ރިޒްޤު ތަނަވަސްވުމަށް އެދޭ މީހާ، ފަހެ އޭނާ ރަޙިމުގެގުޅުން ގުޅުވާށެވެ.”

3. ﷲއަށް ޝުކުރުވެރިވާށެވެ!

މާތްﷲ ވަޙީކުރެއްވިއެވެ. “لَئِن شَكَرْتُمْ لَأَزِيدَنَّكُمْ” سورة ابراهيم 7

މާނައީ:”ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުވެރިވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. ”

4. ﷲޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ!

ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިކަމަށް މާތްﷲ ވަޙީކުރެއްވިއެވެ. “فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا (10) يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا (11) وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا(12)” سورة نوح 10-12

މާނައީ: ” ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ.  އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ.”

5. މާތް ﷲއަށް ތަޤްވާވެރިވާށެވެ!

މާތްﷲ ވަޙީކުރެއްވިއެވެ. “وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا (2) وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ” سورة الطلاق 2-3

މާނައީ: ” އަދި ﷲ އަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒުޤުދެއްވާނެތެވެ.”

6. ﷲގެ މަގުގައި ހޭދަކުރާށެވެ!

މާތްﷲ ވަޙީކުރެއްވިއެވެ. ” وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ ۖ وَهُوَ خَيْرُ الرَّازِقِينَ” سورة سبإ 39

މާނައީ: “އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވައެވެ. އަދި އެކަލާނގެއީ،  އެންމެހެޔޮ ރިޒުޤުދެއްވާ އިލާހެވެ.”

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ” مَا نَقَصَتْ صَدَقَةٌ مِنْ مَالٍ” (رواه مسلم)

މާނައީ: “ޞަދަޤާތުގެ ސަބަބުން މުދާ އުނިވެގެން(މަދުވެގެން) ނުދެއެވެ.”

7. ﷲ އަށް ވަކީލުކުރުމާއެކު މަސައްކަތްކުރާށެވެ!

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “لَوْ أَنَّكُمْ تَوَكَّلُوْنَ عَلَى اللهِ حَقَّ تَوَكُّلِهِ لَرَزَقَكُمْ كَمَا يَرْزُقُ الطَّيْرَ، تَغْدُو خمِاَصاً وَتَرُوْحُ بِطَاناً ” (إمام أحمد والترمذي وابن ماجه)

މާނައީ: ” ތިޔަބައިމީހުން ﷲއަށް ވަކީލުކުރުން ޙައްޤުގޮތުގައި ވަކީލުކޮށްފިނަމަ ދޫނިސޫފާ ސޫތްޕަށް ރިޒުޤު ދެއްވާ ފަދައިން ތިޔަބައިމީހުނަށް ރިޒުޤު ދެއްވީހެވެ. އެތަކެތި ހެނދުނު ނުކުންނަނީ ހުސްބަނޑާއެވެ. ހަވީރު އެނބުރި އަންނަނީ ބަނޑުފުރައިގެންނެވެ.”

8. ރިޒުޤު ތަނަވަސްކޮށްދެއްވުމަށް އެދި ﷲއަށް ދަންނަވާށެވެ!

މާތް ﷲ ވަޙީކުރެއްވިއެވެ. “وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ” سورة غافر 60

މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ  ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.

 

މާތް ﷲ އަޅަމެންނަކީ ޙަލާލުގޮތުގައި ރިޒުޤުހޯދާ ބަޔަކުކަމުގައި ލައްވާށިއެވެ! އަދި އަޅަމެން ޙަލާލުގޮތުގައި ހޯދާ ރިޒުޤުގައި ބަރަކާތް ލައްވާށިއެވެ! އާމީން!

0
  1. ނަޢީމް

    އާމީން!