ދީން
ފިޠުރަތުގެ ސުންނަތްތަކުގެ ތެރެއިން – ތުނބުޅިދިގުކުރުން

ތުނބުޅިއަކީ ފިރިހެނާއަށް މާތްﷲ ދެއްވި ޒީނަތެކެވެ. އަދި ފިރިހެނާގެ މާތްކަން ހާމަކޮށްދޭ ޝިޢާރެކެވެ. އަދި ފިރިހެނާގެ ފިރިހެންވަންތަކަން ފާޅުކޮށްދޭ ނިޝާނެކެވެ. ފަހެ ތުނބުޅި ބެހެއްޓުމަކީ ވާޖިބުވެގެންވާކަމެކެވެ. އަދި މުށުން ހިފައި މޫނުގެ ތިރިއަން ދިގުވެފައިވާ އިސްތަށިކޮޅު ކޮށައިލުމަކީ ހުއްދަކަމެކެވެ. އެއަށްވުރެކުރުކުރުމަކީ މަކުރޫހަކަމެކެވެ. އަދި ތުނބުޅި ބޭލުމަކީ ހަރާމްކަމެކެވެ. މިކަމާބެހޭގޮތުން رسول الله صّلى الله عليه وسّلم ގެ އަރިހުން ވާރިދުވެގެން އައިސްފައިވާ ޙަދީޘްފުޅުތަކުގައިވަނީ އަމުރުގެ ލަފްޒެވެ. އަމުރުގެ ލަފްޒު ދަލީލުކުރާނީ ވާޖިބުކަމަށެވެ. އެއީ ވާޖިބުކަމުން މުސްތަޙައްބުކަމަށް ބަދަލުކުރާނެ އެހެން ދަލީލެއް އަތުވެއްޖައުމަށްދާންދެނެވެ. އެފަދައެއްވެސް ދަލީލެއް އައިސްފައެއްނެތެވެ.

މާތްﷲ ރުއްސުންލެއްވި އިބުނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صّلى الله عليه وسّلم  ހަދީޘްފުޅު ކުރެއްވިއެވެ. “ތިޔަބައިމީހުން މުޝްރިކުންނާ ޚިލާފުވާށެވެ. ތުނބުޅިތައް ދިގުކުރާށެވެ. އަދި މަތިމަސްތައް ބައިލާށެވެ.”

ދެން ތުނބުޅީގައި މުށުން ހިފައި މޫނުގެ ތިރިއަށް ދިގުވެފައިވާ އިސްތަށިތައް ކޮށުން ހުއްދަކަމަށް ވިދާޅުވާ ބޭކަލުންގެ ދަލީލަކީ މާތްﷲ ރުއްސުންލެއްވި އިބުނު ޢުމަރުގެ ޢަމަލުފުޅެވެ. އެކަލޭގެފާނު ހައްޖު ކުރައްވާހިނދު ނުވަތަ ޢުމްރާ ކުރައްވާހިނދު އެގޮތަށް ކަންތައްކުރައްވާ ކަމުގައި ޞަޙީހުލްބުޚާރީގައި ރިވާވެގެން އައިސްފައިވެއެވެ. އެންމެ މޮޅުއިތުރުވެގެންވާ ގޮތަކީ ނުކޮށައި ބެހެއްޓުމެވެ. އެއީ رسول الله صّلى الله عليه وسّلم ގެ އަރިހުން ކޮށުން ސާބިތުނުވާތީއެވެ. އަދި އެކަލޭގެފާނު ތުނބުޅި ދިގުކުރުމަށް އަމުރުކުރައްވާފައިވާތީއެވެ.

 

(އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރު) ލިޔުއްވާފައިވާ ‘ކިތާބުއް ޠަހާރާ’ މިފޮތުން)

0