ދީން
ފިތުރަތުގެ ސުންނަތްތަކުގެ ތެރެއިން: ޚިތާނުކުރުން

ﷲ ޝުބުހާނަހޫ ވަތަޢާލާ އެކަލާނގެ ނަބީބޭކަލުންނަށް ސުންނަތްތަކެއް އިޚްތިޔާރު ކުރެއްވިއެވެ. އަދި އެކަންތައްތަކުގައި އެބޭކަލުންނާ އިގްތިދާވުމަށް އަހުރެމެންނަށް އަމުރުކުރެއްވިއެވެ. ޚިތާނުކުރުމަކީ ފިރިހެނާގެ ޖިންސީގުނަވަނުގެ އޮމާމަހުގެމަތިން ލެވިފައިވާ ހަންކޮޅު ކަނޑައިލުމެވެ. އެއީ ހަޑިމިލަ އެތާނގައި ޖަމާވިޔަނުދިނުމަށާއި، ކުޑަގެފިލިން ފުރިހަމައަން އިސްތިބްރާވުމަށާއި، ޖިމާޢުވުމުގެ ލައްޒަތު އުނިނުވުމަށްޓަކައެވެ. އަދި އަންހެންކުއްޖާ ޚިތާނުކުރާގޮތަކީ އެކުއްޖާގެ ފަރުޖުގެ މަތީގައިވާ މަސްކޮޅުން ކުޑަމިންވަރެއްކަނޑައިލުމެވެ. ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މިއީ ފިރިހެނުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަދި އަންހެނުންނަށް މުސްތަޙައްބުވެގެންވާކަމެކެވެ. މިކަން ކުރުމަށް ވަކި ޢުމުރެއް ކަނޑައެޅިފައެއް ނެތެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި ރަނގަޅު ގޮތަކީ ޅައުމުރުގައި މިކަންކުރުމެވެ. އެއީ ތަދު އިހުސާސްވާލެއް ކުޑަވާނީ ޅައުމުރުގައި ކަމަށްވީމައެވެ.

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صّلى الله عليه وسّلم ޙަދީޘްފުޅު ކުރެއްވިއެވެ .

‏”‏ اخْتَتَنَ إِبْرَاهِيمُ بَعْدَ ثَمَانِينَ سَنَةً، وَاخْتَتَنَ بِالْقَدُومِ ‏”‏‏ (رواه البخاري)

إبراهيم عليه السلام އެކަލޭގެފާނުގެ އުމުރުފުޅުން އަށްޑިހައަހަރު ފުރުމަށްފަހު ޚިތާނުކުރެއްވިއެވެ. އަދި ޚިތާނުކުރެއްވި ޤަދޫމް އޭ ކިޔޭ ހަތިޔާރަކުންނެވެ. (އެބަހީ އޮޑަލަކުންނެވެ.) ނުވަތަ ޝާމްކަރައިގެ ޤަދޫމް އޭ ކިޔުނު ރަށެއްގައެވެ.”

(އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރު) ލިޔުއްވާފައިވާ ‘ކިތާބުއް ޠަހާރާ’ މިފޮތުން)

0