މުޖުތަމަޢު
ފޭސްބުކް

“ފޭސްބުކް” އަކީ މިއަދު ސޯޝަލް ނެޓްވޯރކްތަކުގެ ރަސްގެފާނޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ހަމަ އެބީދައިން ދިވެހިންގެ ހޮޅުއަށިތަކާއި ޒުވާނުންގެ ކޮފީ މޭޒުތައް މިވަނީ ޒަމާނީ އޮއިވަރާއެކު ފޭސްބުކްގެ ޞަފްހާތަކުން ޖާގަ ހޯދާފައެވެ. ކޮންމެއަކަސް މިފަދަ ކުރު ލިޔުމެއްގައި އަޅުގަނޑުގެ މަޤްސަދަކީ ފޭސްބުކްގެ މޮޅުކަމާ މަޝްހޫރުކަމަށް ތަޢުރީފު ކުރުމެއް ނޫނެވެ. ނަމަވެސް މި ގަލަން އުފުއްލާލަން މިޖެހުނީ ފޭސްބުކްގެ ގަދަކޮޅިގަނޑުގައި ޒުވާނުންޖެހި ވިއްސިވިހާލިވަމުންދާ މަންޒަރު ލޮލުން ފެނިފައި ކެތްނުކުރެވިގެންނެވެ.

ދުނިޔޭގެ މި ބިންމައްޗަށް އަޅުގަނޑުމެން ނޭވާލާހާ ހިނދަކު އަޅުގަނޑުމެންނަކީ މުސްލިމުންކަން ހަނދާން ކުރަން ޖެހެއެވެ. އެ ގޮތުން މީހުންގެ އަބުރު ނަގާލުމާއި، ތިބާގެ މުސްލިމް އަޚާއަށް ޖާސޫސް ކުރުމާއި، ދޮގު މައުލޫމާތުފެތުރުމަކީ ފޭސްބުކްގައި ވިޔަސް އަދި އެހެން ތަނެއްގައި ވިޔަސް ޙަރާމް ކަންތައްތަކެވެ. މީހުންނާ ނެތިމޮށުމާއި އަނިޔާވެރިކަމަށް ތަރުޙީބު ދިނުމާއި ފާޙިޝްކަންތައްތަކަށް ގޮވާ އެފަދަ ވާހަކަތައް ފެތުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދި މިއީ ތިބާގެ އަމިއްލަ އަތުން ލިޔުއްވަމުން ތިޔަ ގެންދަވާ ތިބާގެ މޫނު ދައްކުވާދޭ ހަޔާތުގެ ޞޮފްޙާތަކުގައި ހިމެނުމަށް ރިވެތި ވާހަކަތަކެއް ނުމެނޫންމެއެވެ. މުސްތަޤްބަލުގައި ކައިވެނިކުރާ ޙަޔާތުގެ ބައިވެރިޔާއާއި ތިބާގެ ދަރީންނާއި، ކާފަ ދަރީންނާއި މާމަ ދަރީން އެފަދަ ތަކެތި ކިޔުމަށް ތިބާ އެދެން ހެއްޔެވެ؟ ނުވަތަ އެފަދަ ތަކެތި ކިޔުމަށްފަހު އެބައިމީހުންގެ ދުލުން ތިބާއަށް ބަދުބަސް ރައްދުވުމަށް އެދެން ހެއްޔެވެ؟

ބައެއް ޒުވާނުން އެބައިމީހުންގެ އަމިއްލަ ސޫރަ “ފޭސްބުކް”ގެ ޞޮފްޙާތަކުގައި އެއްވެސް ފަރުވާލެއްނެތި ތަތްކުރަމުން ގެންދަނީ މިކުރެވެނީ ކިހާ ނުރައްކާތެރިކަމެއް ކަމެއް ނޭނގިއެވެ. އަނެއް ބަޔަކު އެ ފޮޓޯތައް ބޭނުން ކޮށްގެން އެބައިމީހުންގެ އަމިއްލަ ލަނޑުދަނޑިތައް ޙާޞިލްކުރަމުންދަނީ ޤިޔާމަތް ދުވަހު މަޙްޝަރު ކުރެވޭނެކަން ހަދާންނެތިއެވެ.

އޭ ޒުވާނާއެވެ. ތިބާގެ ހަށިގަނޑާ މެދު ސަމާލުވެލައްވާށެވެ. އަދި ޒީނަތްތެރިކަން ފާޅުކުރުން ހުއްދަ މީހުންގެ ކުރިމަތީގައި މެނުވީ ފާޅުނުކުރައްވާށެވެ. އިތާ މުތް ބުނާ ކަހަލައެވެ. “ތިބާ އަހަންނަށް ބަލާށެވެ. އަހަރެންގެ ސާހިބުމީހާ އަންނަންދެން އަހަރެން ފޮރުވިގެން އިންނަމެވެ. ކަނޑުގައި ނަގާ ކޮންމެ ރާޅެއްގެ ޝިކާރައަކަށްވެ އަހަރެންގެ ގައިގައި ރެނދު އެޅިޔަ ނުދެމެވެ. އެހިނދު އަހަންނަކީ އަހަރެންގެ ސާހިބު މީހާއަށް އަގުހުރި ރީތި އެއްޗަކަށް ވެދެއެވެ،”

ޒުވާނާއެވެ. ފާއިތުވެ ދިޔަ ތަނެއް ފާއިތުވެ ދިޔައީއެވެ. މާޒީގެ ޞޮފްޙާތައް ހިމެނެންވާނީ މާޒީގެ ބާބުގެ ތެރެއިންނެވެ. މުސްތަޤްބަލުގައި ލިޔަން ގަސްދުކޮށްފައިވާ ވާހަކަ ތަކުގައި ކަޅު މާޒީ އިޔާދަ ކުރަން ވިސްނުމަކީ މޮޔަކަމެކެވެ. ވުމާއެކު “ފޭސްބުކް”ގައި ތިބާގެ ގަލަން ހިންގަވާ ލެއްވުމުގެ ކުރިން ވިސްނަވާ ފިކުރުކޮށްލެއްވުން ބުއްދިވެރިއެވެ.

އޭ ލިޔަމުން ގެންދާ ޒުވާނާއެވެ.  މާނައެއް ނެތް  އިބާރާތްތަކުން ތިބާގެ  ހަޔާތުގެ  “ޓައިމް ލައިން”  ފުރުއްވަމުން  ނުގެންދަވާށެވެ.  “Life is boring” ހަޔާތް ވަރަށް ފޫހި) ނުވަތަ “ހާދަ ވަޔޭ” ފަދަ އިބާރަތްތަކުން ތިބާގެ ފޮތް ލިޔުއްވަމުން ގެންދަވާނަމަ ހަޤީޤަތުގައުވެސް މީހުން އެ ފޮތް ކިޔަން ފޫހިވާނެއެވެ. އޭގެ ބަދަލުގައި ފައިދާ ކުރަނިވި މައުލޫމާތު ލިޔުއްވާށެވެ. ދީނީ ދަރުސްތަކާއި ވީޑިޔޯތަކާއި ލިޔުންތައް އެކުވެރިންނާ ހިއްސާކުރައްވާށެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ފަދައިން ރަނގަޅު ކަމެއް ކުރުމަށް މީހަކަށް މަގު ދައްކާފިމީހަކަށް، އެމީހާ އެކުރާ ހެޔޮ އަމަލާ އެއްފަދަ ވެގެންވާ ޘަވާބު ލިބޭނެއެވެ. (ޞަޙީޙް މުސްލިމް، ޙަދީޘް ނަންބަރ 4665) މީގެ އިތުރުން ޢިލްމުވެރިން ލިޔުއްވަމުން ގެންދަވާ ޞޮފްހާތަކުން ފާހަގަކޮށްލެވޭ ތަންތަންކޮޅު ނަންގަވާ ތިބާގެ “ސްޓޭޓަސް އަޕްޑޭޓް” ކޮށްލައްވާށެވެ. އެފަދަ ޢިލްމީ އިބާރާތްތައް ތިބާގެ ފޮތުގައިވެސް ހިމަނުއްވާށެވެ. އެކިއެކި ގޭމްތަކާއި ކުޅިވަރުތަކުގައި ވަޤުތު ހޭދަ ކުރެއްވުމުގެ ބަދަލުގައި ޢިލްމުވެރީންގެ ޞޮފްޙާތަކުން ފައިދާ ލިބިގެންނެވުން މޮޅުއިތުރެވެ. ތިބާ ލިޔުއްވަމުން ގެންދަވާ ޞޮފްޙާތަކަކީ ހެޔޮކަންކަމަށް ދަޢުވަތުދެވޭ، އުޚުއްވަތްތެރިކަން ބަދަހިކުރެވޭ އަދި ތެދުމަގުގައި ސާބިތުވެހުރުމަށް ހިތްވަރުދެވޭ ސޮފްޙާތަކެއް ކަމުގައި ހެދުމަށް ގަދައަޅާ މަސައްކަތްކުރައްވާށެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވާ އާޔަތްތަކުގެ މާނާގައި ވެއެވެ.  ޒަމާން ގަންދެއްވަމެވެ. (1) ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ.(2) إيمان ވެ صالح عمل ތައްކޮށް، އަދި އެކަކު އަނެކަކަށް حق އަށް وصية ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް وصية ކޮށްއުޅުނު މީހުން މެނުވީއެވެ. (3) (ސޫރަތުލް ޢަސްރް)

ކޮންމެ އަކަސް ވަޤުތު ހިނގަމުން ދަނީއެވެ. ކުރެވިފައިވާ ކުށްތައް އިޞްލާޙުކޮށް ރަނގަޅުގޮތުގައި ތިބާގެ “ޓައިމް ލައިން” ހޭދަކުރެއްވުން ބުއްދިވެރިއެވެ. އަދި ތައުބާވުން އަވަސް ކުރައްވާށެވެ. ހަޔާތުން ވޭތުވަމުންދާ ކޮންމެ ސިކުންތަކާއެކު ތިބާގެ އަތުން ގަލަން ވެއްޓި ދެލި ހިކުމުގެ ވަޤުތު ގާތްވަމުން އަންނަނީއެވެ. ތިބާގެ މޫނު ރަމްޒުކޮށްދޭ ފޮތް ލައްޕާލެވޭ ވަގުތު ގާތްވަމުން އަންނަނީއެވެ.

0