ޞިއްޙަތު
މަސްތައް ވަރުގަދަވާގޮތް – ބަޔޮލޮޖީގެ އެހީގައި

އިންސާނާގެ ހަށިގަނޑުގައި ހަސަތޭކައެއްހާ މަސްގަނޑުތައްވާއިރު، މިމަސްތައް އަހަރެމެންގެ ބަރުދަނުގެ ތިންބައިކުޅަ އެއްބަޔާއި ދެބައިކުޅަ އެއްބަޔާ ދެމެދުގެ ބައެއް ހިއްސާކުރެއެވެ. ހަށިގަނޑުގެ އެކިހިސާބު ހިސާބުގައިވާ މަސްތަކުގެ ސަބަބުން އިންސާނާއަށް މަސައްކަތްކޮށް، ހެލިފެލިވެއުޅެ، އަދި ބެލެންސް ކުރަން އުނދަގޫވާ ޙާލަތްތަކުގައި ހަށިގަނޑު ބެލެނެސްކޮށް ޘާބިތުކޮށްދޭން އެހީވެދެއެވެ.

އިންސާނާ އޭނާގެ މަސްތަކުގެ އެހީގައި ކަމެއްކުރަން ބޭނުންވުމުން، ސިކުނޑިން މަސްތަކާހަމައަށް ގުޅިފައިވާ މޮޓޯ ނިޔުރޯންސް (ނާރު) ތަކުން މަސްތަކަށް އިލެކްޓްރޯނިކް އިމްޕަލްސްތަކެއް ފޮނުވައެވެ. މިއިމްޕަލްސްތައް މަސްގަނޑާހަމައަށް ފޯރުމުން މަސްތައް ކޮންޓްރެކްޓްވެ، ރިލެކްސްވެއެވެ. (ކޮންޓްރެކްޓް ވުމަކީ މަސްގަނޑު ބާރުވެ އެއްވުމެވެ. އަދި ރިލެކްސް ވުމަކީ މަސްގަނޑު ދޫވެގެންދިއުމެވެ. ޙަރަކާތް ގެނައުމަށްޓަކައި އެއްބައި މަސްތައް ކޮންޓްރެކްޓް ވާންޖެހޭއިރު އަނެއްބައި މަސްތައް ރިލެކްސް ވާންޖެހެއެވެ.) ކޮންމެއަކަސް ކޮންޓްރެކްޝަނާއި ރިލެކްޒޭޝަންގެ މިޙަރަކާތްތަކުގެ ސަބަބުން މަސްގަނޑާ ގުޅިފައިވާ ކަށި ހަރަކާތް ކުރަންފަށައެވެ. މިހުރިހާ ކަމެއްވާން ނަގަނީ ވަރަށް ކުޑަ ހިނދުކޮޅެކެވެ. މިސާލަކަށް ޖިމެއްގައި ކަސްރަތު ކުރަމުންދާ މީހަކު ބަރެއް އުފުލަން ބޭނުން ވެއްޖެނަމަ، ސިކުންޑިން ކުރިން ދެންނެވި ގޮތަށް އަތުގެ މުލައްދަނޑީގައިވާ ދެމަސްގަނޑަކަށް އެކަން އަނގައެވެ. އެއީ އަތުގެ އެތެރެފަރާތުގައިވާ، ބައިސެޕްސް މަސްގަނޑާއި އަތުގެ ބޭރު ފަރާތުގައިވާ ޓްރައިސެޕްސް މަސްގަނޑެވެ. ބަރު ނެގުމަށްޓަކައި ބައިސެޕްސް މަސްގަނޑު ކޮންޓްރެކްޓް ވާނެއެވެ. އަދި ޓްރައިސެޕްސް މަސްގަނޑު ރިލެކްސް ވާނެއެވެ.

ހަށިގަނޑުގެ މަސްތައް މަސައްކަތްކުރަމުންދާއިރު، ގިނަފަރާތްތަކަށް އެނގިފައިނުވާ ވަރަށް މުހިންމުކަމެއް މަސްގަނޑުގެތެރޭގައި ހިނގައެވެ. މިސާލަކަށް، ބަރު އެއްޗެއް އުފުލުމަށްޓަކައި މަސްގަނޑު ސްޓްރެސްވާއިރު، މަސްގަނޑު ގެތެރޭގައިވާ މަސްލްސް ފައިބާސްތަކުގައި ލޮލަށް ނުފެންނަހާ ކުދި ރެނދުތަކެއްލައެވެ. މިއީ މަސްގަނޑުގެ ޓިޝޫތަކަށް ލިބޭ ކުޑަކުޑަ ގެއްލުމަކަށް ވީނަމަވެސް މިޙާލަތުގައި އެއީ އޭގެސަބަބުން މަސްގަނޑަށް ވަރަށް ފައިދާވާކަމެކެވެ. ސަބަބަކީ، މިރެނދުތައް މަސްލްސް ފައިބާސްތަކުގައި ލުމުން ގެއްލުންލިބުނު ސެލްތަކުން ސައިޓޯކައިންސް ކިޔާ މޮލިކިއުލެއް ދޫކުރެއެވެ. މިމޮލިކިއުލުގެ ވަޒީފާއަކީ މަސްގަނޑަށް ލިބުނު ގެއްލުން ރަނގަޅުކޮށް މުސްތަޤުބަލުގައި ލިބިދާނެ މިފަދަ ގެއްލުމަކަށް މަސްގަނޑު ތައްޔާރު ކުރުމެވެ. އެގޮތުން މަސްގަނޑުގައިވާ މަސްލްސް ފައިބާސް ތައް ބޯކޮށްލައެވެ. ގެއްލުންލިބިފައިވާ އެތައް ފައިބާތަކެއް ބޯވެގެންދާއިރު ނަތީޖާއެއްގެ ގޮތުން މަސްގަނޑުވެސް ބޯވެ ވަރުގަދަވެގެން ދެއެވެ. ބޮޑީ ބިލްޑްކުރާ މީހުންގެ މަސްތައް ހަރުވެ، ވަރުގަދަވާ ގޮތަކީ މިއީއެވެ. މަސްތައް ވަރުގަދަ ކުރުމަށްޓަކައި ބަރު އުފުލާއިރު މަސްތަކަށް ކުރިން މިދެންނެވި ކަހަލަ ގެއްލުންތަށް ލިބެމުންދެއެވެ. މިގެއްލުންތަކަށް ފަރުވާލިބިގެންދާއިރު މަސްގަނޑު ބޮޑުވެ، ހަރުވެ، ވަރުގަދަ ވެގެންދެއެވެ.

އިންސާނާ ކޮންމެދުވަހަކުވެސް ޢާންމުކޮށް ކުރާ ކަންކަމަށް އޭނާގެ ހަށިގަނޑު ހޭނިފައިވާތީ، މިދެންނެވި ކަހަލަ ވަރުގަދަކަމެއް މަސްގަނޑަށް ގެނައުމަށްޓަކައި ޢާންމުކޮށް މަސްގަނޑަށް ލިބޭ ސްޓްރެސް އަށްވުރެ ބޮޑު ސްޓްރެސް އެއް މަސްގަނޑަށް ލިބުން ވަރަށް މުހިންމެވެ. މިއަށް ކިޔަނީ ހައިޕަ-ޓްރޮފީއެވެ. މަސްގަނޑަށް ސްޓްރެސް ނުލިބި ގިނަދުވަސްތަކެއްވާނަމަ، އެމަސްތައް ކުޑަވެގެންދާނެއެވެ. މިއަށް ކިޔަނީ މަސްކިއުލާ-އެޓްރޮފީއެވެ. ނަމަވެސް މަސްތަކަށް ރަނގަޅު ސްޓްރެސްއެއް ނުދެވޭ މީހަކު ކުއްލިއަކަށް ވަރަށް ބަރު އެއްޗެއް އުފުލައި މަސްގަނޑަށް ބޮޑު ސްޓްރެސްއެއް ދީފިނަމަ، ކުދި ކުދި ރެނދުތަކުގެ ބަދަލުގައި މަސްގަނޑު އިރައިގެން ދިއުން ކަހަލަ ބޮޑު ގެއްލުމެއް ލިބިދާނެއެވެ. ކަސްރަކުކުރާއިރުވެސް މިކަމަށް ވިސްނުން ވަރަށް މުހިންމެވެ. ކުއްލިއަކަށް ކުރިއެރުމެއް ގެންނަށް އުޅެގެން ބޮޑުގެއްލުމެއް ލިބުމަށްވުރެ، ދުވަހުން ލިބޭ ފުރިހަމަ ކުރިއެރުން މާރަނގަޅުވާނެކަން ޔަޤީނެވެ.

0