ނަޞޭޙަތާއި އިރުޝާދު
އަހަރެންގެ ތައުބާ ޤަބޫލުކުރައްވާނެތަ؟

الحمد لله رب العالمين, والصلاة والسلام على نبينا محمد, وعلى آله وصحبه أجمعين. أما بعد:

މިއީ ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. މީގެ ޖަވާބު ނޭނގުމުގެ ސަބަބުން، ތައުބާވެ އިސްލާހުވާން ބޭނުންވެފައި ތިބި ބައެއް މީހުން، ތައުބާނުވެ ފާފަކުރުމާއި މާޔޫސްކަމުގައި މުޅި އުމުރު ބޭކާރުކޮށްލައެވެ. އެފަދަ މީހުން ހިތައްއަރަނީ، އެމީހުންގެ ފާފަތައް ގިނަވީމަ، ނުވަތަ އެފާފަތައް ބޮޑުކަމާއި ހަޑިމުޑުދާރުކަމުން، ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހުންގެ ފާފަތައް ނުފުއްސަވާނެކަމަށެވެ. އޭ އަހަރެންގެ އަޚާއެވެ! އޭ އަހަރެންގެ އުޚްތާއެވެ! ތިބާ މާޔޫސްނުވާށެވެ. އަދި އުއްމީދުވެސް ކަނޑާނުލާށެވެ. އެހެނީ، ﷲ އީ އެންމެހާ ފާފަތައް ފުއްސަވާ ރަޙީމްވަންތަ  ރަސްކަލާނގެއެވެ. އެއީ ތިބާގެ ފާފަތައް ކިތައްމެ ގިނަ ކަމުގައިވި ނަމަވެސްމެވެ.

ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުންގެ އެންމެހައި ފާފަތައްފުއްސަވައި އެމީހުންގެ ތައުބާ ޤަބޫލުކުރައްވާ ކަމުގެ އެތައްބައިވަރު ދަލީލުތައް، ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި ވާރިދުވެގެން އައިސްފައިވެއެވެ. އެހެންކަމުން ﷲ ގެ އަޅާއާއި އެ އަޅާގެ ތައުބާ އާއި ދެމެދައް ވަނުމުގެ ހުއްދަ އެކަކަށްވެސް ލިބިގެނެއްނުވެއެވެ. އެއީ އޭނަގެ ފާފަތައް ކިތައްމެ ގިނަވެ، އަދި ބޮޑު ކަމުގައި ވިޔަސްމެވެ. އެހެނީ އެކަލާނގެ އަށް އިޚްލާސްތެރިކަމާއެކު ތައުބާވެއްޖެ ކޮންމެ އަޅެއްގެ ތައުބާ އެކަލާނގެ ޤަބޫލުކުރައްވައެވެ. އައްޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ: ﴿قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ﴾ މާނައަކީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.”

އަދި އެންމެ ބޮޑެތި ފާފަތަކާއި ބެހޭގޮތުން، އަލްފުރްޤާން ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ: وَالَّذِينَ لَا يَدْعُونَ مَعَ اللَّـهِ إِلَـٰهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا ﴿٦٨﴾ يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا ﴿٦٩﴾ إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَـٰئِكَ يُبَدِّلُ اللَّـهُ سَيِّئَاتِهِمْ حَسَنَاتٍ ۗ وَكَانَ اللَّـهُ غَفُورًا رَّحِيمًا ﴿٧٠﴾ މާނައީ: “އެއުރެންނީ ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި ﷲ، ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤު ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) ޢުޤޫބާތާ ބައްދަލުކުރާނެތެވެ. އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޒާބު ގިނަގުނަކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެ ޢަޒާބުގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ. ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙު ޢަމަލު ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) ﷲ، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.”

މިއާޔަތުން ވަރަށް ސާފުކޮށް އިނގޭ ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހައި ފާފަތައްފުއްސަވާނެކަން، އެއީ އެންމެ ބޮޑުފާފަ ކަމުގައިވާ ޝިރްކުކުރުން ކަމުގައިވީ ނަމަވެސްމެވެ. އަދި އޭގެ އިތުރުން ތައުބާވުމުން، ކުރިގައި ކުރެވުނު ފާފަތައް ހެޔޮކަންތަކަށް ބަދަލުކުރައްވައެވެ.

ތައުބާއަކީ ތިމާއަށް ކުށެއް ކުރެވިއްޖެނަމަ އެކުށަށް އިޢުތިރާފުވެ، ދެން އެފަދަ ކުށަކަށް އަރައިނުގަތުމަށް ޢަޒުމްކަނޑައަޅައި މާތް ﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ. ތައުބާ ވުމުގައި ހިމެނޭ ޝަރުތުތައް:

  • ތިމާއަށް ފާފައެއް ކުރެއްވިޖެކަން ޤަބޫލުކޮށް އެކަމަށް ހިތާމަ ކުރުން.
  • ކުރަމުން އައި ފާފައިން ވަގުތުން ދުރުވުން.
  • ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރުމަށް ޢަޒުމްކަނޑައަޅާ އެ ފާފަ ތަކުރާރު ނުކުރުން. (ތެދު ނިޔަތަކުން ތައުބާވެއްޖެނަމަ އެފަދަ ފާފައަކަށް އެމީހަކު ދެވަނަ ފަހަރަށް އަރައެއް ނުގަންނާނެއެވެ. (
  • މީހެއްގެ ޙައްގަކަށް އަރައިގެންފައި ވާނަމަ އެމީހަކަށް އެ ޙައްޤު ރައްދުކޮށްދިނުން. އަދި އޭނަގެ ކިބައިން މާފަށް އެދުން.

އެފަދަ ހައްޤަކީ ތިމާ އެވާހަކަ އޭނާ ގާތު ބުނުމުން އެހައްޤުގެ ވެރި މީހާގެ ދިރި އުޅުމާއި ޢާއިލާރޫޅުންފަދަ އަދި މިނޫންވެސް މިފަދަ އެތައް ފަސާދައެއް އޭނާގެ ޙަޔާތަށް އަންނަ ފަދަ ކަމެއްކަމުގައި ވާނަމަ ސީދާ އެވާހަކައެއް ނުބުނެ، ތިމަންނަގެ ފަރާތުން ހިތްހަމަ ނުޖެހޭކަމެއް ހިގާފައިވާ ވާނަމަ ތިމަންނައަށް މަޢާފުކުރާށޭ ބުނާނީއެވެ. އެހެނީ ބައެއްކަހަކަލަ ކަންތަކަކީ އެވާހަކަ ބުނުމުގެ ސަބަބުން ޢާއިލާތައް ރޫޅި ދަރިން ބިކަވާ ޒާތުގެ ކަންތަކެވެ. އަދި އެއަށްފަހު ގިނަ ގިނައިން އޭނާ އަށް ފާފަ ފުއްސެވުން އެދި ދުޢާ ކުރާނީއެވެ.

އެހެންވީމާ، ލަސްނުކޮށް އަވަހަށް ތައުބާވެ ﷲ ގެ މަގަށް ރުޖޫޢަވެލައްވާށެވެ. އަދި މަރުވާނެ ވަގުތެއް އެކަކަށްވެސް ނޭގޭއިރު، މަރުވުމުގެ ކުރިން ތައުބާވުމަށް އަވަސްވެލައްވާށެވެ.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަނލާގެ މެނުވި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އަޅަމެނަށް ސިއްރާއި ފާޅުގައި، އެނިގެންނާއި ނޭނގިގެން ކުރެވިފައިވާ ކުދި ބޮޑު އެންމެހައި ފާފަތައް ޢަފޫކޮށްދެއްވާފާންދޭވެ! އިބަރަސްކަލާނގެ ފިޔަވައި ޢަފޫކޮށްދެއްވާނެ އެހެން ފަރާތެއް ނުވެއެވެ.

وصلى الله وسلم على نبينا محمد, وعلى آله وصحبه أجمعين.

 

މަޢުލޫމާތު ނަގާފައިވަނީ:

  • އިސްލާމްކިޔުއޭ ޑޮޓް ނެޓް ވެބްސައިޓުންނާއި
  • ދިއިސްލާމް ވެބްސައިޓުންނެވެ.

 

0