ނަޞޭޙަތާއި އިރުޝާދު
ޒިކުރުކުރުމަށް ހޭދަކުރެވެނީ ކިހާ ވަގުތެއް؟

الحمد لله رب العالمين, وصلى الله وبارك على نبينا محمد, وعلى آله وصحبه ومن تبعهم بإحسان إلى يوم الدين. أما بعد:

ޒިކުރުކުރުމުގެ މާނައަކީ މާތް ﷲގެ މަތިން ހަނދުމަކުރުމެވެ. ޒިކުރުކުރުން ވަނީ ތިން ގޮތަކުންނެވެ. އެއީ ހިތުންނާއި ދުލުންނާއި ޢަމަލުންނެވެ. ފަހެ ހިތުން ޒިކުރުކުރުމަކީ ފިކުރުހިންގުމެވެ. އެއީ މާތް ﷲ ގެ ނަންފުޅުތަކާއި ޞިފަފުޅުތަކާއި ޙުކުމްތަކާއި އަދި އާޔަތްތަކާމެދު ފިކުރުހިންގުމެވެ. ޒިކުރުކުރުމުގެ ދެވަނަ ގޮތަކީ ދުލުން ޒިކުރުކުރުމެވެ. ދުލުން ޒިކުރުކުރުމަކީ މާތް ﷲ އަށް ކުއްތަންވެވޭ ކޮންމެ ބަހެކެވެ. އެއީ تهليل އާއި تسبيح އާއި تكبير އާއި ޤުރުއާން ކިޔެވުމާއި ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަޙީކުރުމާއި ސުންނަތާއި ދީނީ ޢިލްމު ކިޔެވުމެވެ. ޒިކުރުކުރުމުގެ ތިންވަނަ ގޮތަކީ އިންސާނާގެ ޢަމަލުން ޒިކުރުކުރުމެވެ. އެއީ މާތް ﷲ ލޯބިވެވޮޑިގެންވާ ކޮންމެ ޢަމަލެކެވެ. ނަމާދު އާއި ޒަކާތާއި އަދި މިނޫން ވެސް މިފަދަ ހުރިހާ ޢަމަލެކެވެ.

ހަމަކަށަވަރުން ޒިކުރުކުރުމަކީ، ހިތުގެ ދިރުމެވެ. އަދި ހިތްހަމަޖެހުމާއި އެހިތަށް އުފާވެރިކަމާއި ހަމަހިމޭންކަން ގެނެސްދޭ ކަމެކެވެ. ހިތްތަކަށް ހިންހަމަޖެހުމާ އުފާވެރިކަން ޒިކުރުކުރުމުން މެނުވި ނުލިބޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. ﴿أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ﴾ މާނައީ: “ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟”

އަދި ޒިކުރުކުރުމަކީ، އަޅުކަންތަކުގެ ތެރެއިން ވަރަށް ޝަރަފުވެރި މަތިވެރި އަޅުކަމެކެވެ. މުސްލިމް އަޅާ ކެއުމާއި ބުއިމަށް ބޭނުންވާ ވަރަށް ވުރެ ބޮޑަށް، ޒިކުރުކުރުމަށް ބޭނުންޖެހިގެންވެއެވެ. އަދި އެކަމަކީ ރަޙްމާންވަންތަ ރަސްކަލާގެ ރުއްސެވުން އެމީހަކަށް ލިބޭނޭކަމެކެވެ. އަދި ޝައިޠާނާގެ އުނދަގުލުން އެމީހަކު ސަލާމަތްވާނޭކަމެކެވެ. އަދި ކަންބޮޑުވުމާއި މާޔޫސްކަމުން ސަލާމަތްވެ، އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ކަމެކެވެ. އަދި ﷲ ހަނދުމަކޮށް އުޅޭ މިހުންގެ މަތިން އެކަލާނގެ ހަނދުމަކުރައްވާ ހުއްޓެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ  ވަޙީކުރައްވާފައިވެއެވެ.  ﴿فَاذْكُرُونِي أَذْكُرْكُمْ﴾ މާނައީ: “ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ.”

ޒިކުރުކުރުމަކީ، އެހާމެ މާތް މަތިވެރި އަޅުކަމަކަށްވާއިރު، ރެޔަކާއި ދުވާލުގެ 1440 މިނެޓްގެ ތެރެއިން ކިހާ ވަގުތެއް އެކަމަށް އަޅުގަނޑުމެން ހޭދަކުރޭބާ؟ މީ އަޅުގަނޑުމެން އެކަމަކާ މެދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެކެވެ. އެހެނީ ރެޔަކާއި ދުވާލުގެ މި 1440 މިނެޓުގެ ތެރެއިން ބޮޑުބައެއް، އަޅުގަނޑުމެން ހޭދަކުރަނީ، ކުޅިވަރާއި މަޖަލާއި، އަދި ނިދުމާއި އަރާމްކުރުމާއި، އަދި ފޯނާއި ޝޯސަލް މީޑިޔާގަޔާއި، އަދި  ކޮފީއާއި ސައިގައެވެ. ކިހާ ވަގުތެއްތޯ އަޅުގަނޑުމެން ބޭކާރުގޮތުގައި މިދުއްވާލަނީ؟ އެވަގުތާމެދު މާދަމާ ޤިޔާމަތްދުވަހު އަޅުގަނޑުމެންނާ ސުވާލުވެވޭނެ، އެދުވަހުން ދޭނީ ކޮން ޖަވާބެއްތޯ؟

އެހެންކަމުން، އެވަގުތުތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިއްޕަވާ، ޒިކުރުކުރުމާއި ހެޔޮޢަމަލުކުރުން ގިނަކުރައްވާ! އަދި ޒިކުރުކުރުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެއްބައި ކަމުގައި ހައްދަވަމާތޯ! އެގޮތުން ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމުގައި ދެމިހުންނަވާ، އަދި ގެއިން ނުކުންނަމުންނާއި ގެއަށް ވަންނައިރު ކިޔާ ޒިކުރުތަކާއި، އަދި ފާހާނާއަށް ވަންނަ އިރާއި ނުކުންނައިރު ކިޔާ ޒިކުރުތަކާއި ނިދުމުގެކުރިން ކިޔަން ވާރިދުވެފައިވާ ޒިކުރުތައް ކިޔުމުގައި ދެމިހުންނަވާށެވެ. އަދި މީގެ އިތުރުންވެސް، ވާރިދުވެފައިވާ ޒިކުރުތައް ކުރުމަށް މަސައްކަތްކުރައްވާ!

ދުޢާއަކީ، އަޅުގަޑުމެންގެ ހިތްތައް ﷲ ގެ ޒިކުރުކުރުމުން ޣާފިލުވެފައިވާ ހިތްތަކެއް ކަމުގައި ނުލެއްވުމެވެ. އަދި އަޅުގަނޑުމެންނަކީ އިޙުލާސްތެރި ކަމާއެކު ގިނަގިނައިން ﷲ އަށް ޒިކުރުކުރާ ބައެއްކަމުގައި ލެއްވުމެވެ.

وصلى الله وسلم على نبينا محمد, وعلى آله وصحبه أجمعين.

 

މަޢުލޫމާތު ނަގާފައިވަނީ:

★ د.عبدالمحسن بن محمد القاسم ލިޔުއްވާފައިވާ “الأذكار والآداب” ފޮތުންނާއި

★ عبد العزيز بن مرزوق الطريفي ލިޔުއްވާފައިވާ “أذكار الصباح والمساء” ފޮތުންނާއި

★ ނޫރުލްއިސްލާމް ވެބްސައިޓުންނެވެ.

0