ނަޞޭޙަތާއި އިރުޝާދު
ރުޅީގެ ފަރުވާތަކުގެ ތެރެއިން …

ރުޅީގެ ވަރަށް ގިނަ ފަރުވާ، އިސްލާމްދީނުގައި ބަޔާންކުރައްވާފައިވެއެވެ. އޭގެ ތެރެއިން ބައެއްކަންތައް މިތަނުގައި ހަނދާންކޮށްލަމާ ހިނގާށެވެ.

1- ރިވެތި އަޚްލާޤުގެ މަތީގައި ތިބާގެ ނަފްސު ހިފެހެއްޓުމަށް މަސައްކަތް ކުރާށެވެ.

ޙިލްމާއި ކެތްތެރިކަމުގެ ރިވެތި އަޚްލާޤުގެ ސިފަތައް ތިބާގެ ގައިގައި އަށަގަންނަވާށެވެ. ޙިލްމު ވެރިކަމަކީ ބަދަލު ހިފުމުގެ ބާރު ލިބިގެންވާ ޙާލުގައި ބަދަލު ނުހިފައި ދޫކޮށްލުމެވެ. މި ކަމުގައިވެސް އަޅުގަނޑުމެންނަށް އެންމެ ފުރިހަމަ ނަމޫނާއެއް ދައްކަވާފައިވަނީ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. އެކަލޭގެފާނުގެ ކޯފާގެ މައްޗަށް އެކަލޭގެފާނުގެ ޙިލްމު ގަދަވެގެން ވެއެވެ. ބަދަލު ހިއްޕެވުމުގެ މައްޗަށް މާފު ކުރުން އިސްވެގެން ވެއެވެ. އެހެންކަމުން ލުޤްމާނުގެފާނު ވިދާޅުވެފައި ވެއެވެ. “ރުޅި އަންނަ ހިނދުގައި މެނުވީ ޙިލްމުވެރިޔާ ދެނެ ނުގަނެވޭނެއެވެ.”

އެހެންކަމުން ޢަރަބި ޅެންވެރިއަކު ވިދާޅުވެފައި ވެއެވެ.

ليست الأحلام في حال الرضا       إنما الأحلام في حال الغضب

ރުހޭ ހާލުގައި ޙިލްމެއް ނުވެއެވެ. އެހެނެއްކަމަކު ޙިލްމު ވާކަން ކަށަވަރީ ރުޅީގެ ޙާލުގައެވެ.

އަދި އެހެން ޅެންވެރިއަކު ވިދާޅުވެފައި ވެއެވެ.

من يدّعي الحلم أغضِبْهُ لتعرفه       لا يُعرفُ الحليم إلا ساعة الغضب

ޙިލްމުވެރިކަމަށް ދަޢުވާ ކުރާމީހާގެ ޙިލްމުވެރިކަން ދެނެގަތުމަށްޓަކައި އޭނާ ރުޅިއަރުވާލާށެވެ. ރުޅީގެ ވަގުތުގައި މެނުވީ ޙިލްމުވެރިޔާ ދެނެ ނުގަނެވޭނެއެވެ.

2- މާފު ކުރާ މީހުންނަށް ހުރި ޘަވާބާއި ދަރުމަ ހަނދާން ކުރާށެވެ.

ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތުގައި ވަނީ ބަޔާންވެގެންނެވެ. އޭގެ ތެރެއިން މިލިޔާ ޙަދީޘް ހިމެނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. «ما زاد الله عبداً بعفو إلا عزاً» رواه مسلم.

“ޢަފޫ ކުރުމުން، އެއްވެސް އަޅަކަށް، ޢިއްޒަތްތެރިކަން ނޫނީ އިތުރު ނުވެއެވެ.” (މި ޙަދީޘް ރިވާ ކުރެއްވީ އިމާމް މުސްލިމް އެވެ.)

މީސްތަކުންނަށް ޢަފޫ ކުރުމުގައި ހުރި ސަވާބާއި ދަރުމަ ހަނދުމަ ކުރުމަކީ މީހާއަށް އޭނާގެ ގާތަށް ރުޅި އަންނަ ވަގުތު އޭގެ މައްޗަށް ގަދަ ވެގަތުމަށް ލިބޭ ފުރުޞަތެކެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ރުޅީގެ ވަގުތުގައި އަމިއްލަ ނަފްސާ މުޚާޠަބު ކޮށް ބުނާށެވެ. އޭ އަހަރެންގެ ނަފްސާއެވެ! ޢަފޫ ކުރާށެވެ! ފަހެ ﷲ ގެ ފާފަ ފުއްސެވުން ތިބާ ނޭދެނީ ހެއްޔެވެ؟؟؟

“ޢަފޫ ކުރުމުން، އެއްވެސް އަޅަކަށް، ޢިއްޒަތްތެރިކަން ނޫނީ އިތުރު ނުވެއެވެ.” މުސްލިމް

 

3- ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތްކޮށްދެއްވުން އެދި ﷲ ތަޢާލާއަށް ދަންނަވާށެވެ! އަދި އެއިލާހު ހަނދުމަކުރާށެވެ!

އެއިލާހު ވަޙީ ކުރައްވަނީ {وَاذْكُر رَّبَّكَ إِذَا نَسِيتَ} [الكهف:24] އަދި ހަނދުމަފުޅު ނެތިވަޑައިގެންފި ނަމަ، ކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ އިލާހު ހަނދުމަ ކުރައްވާށެވެ.

ޚަލީފާ ހާރޫނުއްރަޝީދުގެ އަރިހުގައި عبدالله بن مسلم بن محارب ދެންނެވިއެވެ. އޭ މުއުމިނުންގެ އަމީރެވެ! ކަލޭގެފާނުގެ އަރިހުގައި އަޅުގަނޑު ނިކަމެތިވެގެން ވާވަރަށްވުރެ ބޮޑަށް ކަލޭގެފާނު އެފަރާތެއްގެ ޙަޟްރަތުގައި ނިކަމެތިވެގެންވާ، އަދި ކަލޭގެފާނަށް އަޅުގަނޑަށް ޢުޤޫބާތް ދެއްވުމަށް ކުޅަދާނަ ވަރަށް ވުރެ ބޮޑަށް ކަލޭގެފާނަށް ޢުޤޫބާތް ދެއްވުމަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ފަރާތް މެދުވެރިކޮށް، އަޅުގަނޑަށް މާފު ކޮށްދެއްވުމަށް ދަންނަވަމެވެ. އެހިނދު ހާރޫނު އޭނާއަށް މާފު ކުރެއްވިއެވެ. އޭރު ހާރޫނު ހުންނެވީ ޢަބްދުﷲ ދެކެ ނުލާހިކު ކޯފާވެފައެވެ. އެހެން ނަމަވެސް އޭނާގެ ބަހުން އަސަރުކޮށް ﷲ އަށް ބިރުވެތިވެ މާފު ކުރެއްވީއެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާ ވެއެވެ. އަދި ޝައިޠާނާގެ ކިބައިން އަންނަ ވަސްވާސްތެރިކަމެއް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަ ހިނދު، ﷲގެ ރައްކާތެރިކަމަށް ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އެއިލާހީ އައްސަވާ ވޮޑިގެންވާ ދެނެވޮޑިގެންވާ އިލާހެވެ.

އިމާމް އަލް ބުޚާރީ އާއި އިމާމް މުސްލިމް ރިވާ ކުރެއްވިއެވެ. އެއް ދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ތިބެފައި ދެމީހަކު އަރާރުންވާން ފެށިއެވެ. ރުޅިއައިސް މޫނު ރަތްވެފައިވާ ޙާލު އެކަކު އަނެކަކަށް ބަދު ބަސް ބުނެ ހެދިއެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. «إني لأعلم كلمة لو قالها لذهب عنه ما يجد.. لو قال: أعوذ بالله من الشيطان الرجيم» ހަމަ ކަށަވަރުން އޭނާ އެކަލިމައެއް ކިޔައިފި ނަމަ އޭނާގެ ކިބައިގައި އެވާ ކަންތައް (އެބަހީ؛ އެ ރުޅި) ހިނގައިދާނެ ކަލިމައެއް ތިމަންކަލޭގެފާނަށް އެނގި ވަޑައިގަންނަވައެވެ. އޭނާ أعوذ بالله من الشيطان الرجيمމިފަދައިން ކިޔާނެ ނަމައެވެ.

އެއްމެ ޙާލަތެއް ފިޔަވައި އެއްވެސް ޙާލެއްގައި ރުޅިއަކީ ރަނގަޅު ސިފައެއް ނޫނެވެ. އެ ޙާލަތަކީ ﷲ ގެ ޙައްދުތައް ފަހަނަޅައި ދެވޭ ހިނދު އެކަމާމެދު ރުޅި އައުމެވެ. މިސާލަކަށް މީހަކު ރާބޮއި ޒިނޭކޮށް އެކަމުގައި ދެމިހުރެ، ނުވަތަ އެފަދަ ކަންކަމަށް މީހުންނަށް ހިތްވަރު ދީ ހަދާނަމަ ﷲ އަށްޓަކައި އޭނާދެކެ ރުޅި އަންނަން ޖެހޭނެއެވެ.

ހައްދަވާ ގެންގުޅުއްވާ އިލާހް! އިބައިލާހީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ. ރުޅި އަންނަ ހިނދު ރުޅީގެ މައްޗަށް ގަދަވެގަންނަ މީހުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ! އަދި ބަސް ބުނުމަށް ވުރެ ބޮޑަށް ޢަމަލު ކުރުމުގެ ތައުފީޤު ދެއްވައި، އިޚްލާޞްތެރި އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ! މުސްލިމެއްގެ ގޮތުގައި ދުނިޔޭގެ ދިރިއުޅުން ހޭދަ ކުރުމަށްފަހު، މުސްލިމެއްގެ ގޮތުގައި މަރުވެ ދިޔުމުގެ ތައުފީޤް ދެއްވާނދޭވެ! އާމީން

(މިއީ އައްޝައިޚް މުޙައްމަދު އަނީލް، ‘ނޫރުލް އިސްލާމް’ ވެބްސައިޓްގައި ލިޔުއްވާފައިވާ ލިޔުމެކެވެ.)

0