މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
“އެއްފަހަރަކު (އިސްވެދިޔަ އުއްމަތެއްގެ) މީހަކު ބިމުގައިވާ ތަނަވަސް މައިދާނެއްގައި ވަނިކޮށް (މަތީގައިވާ) ވިލާގަނަޑަކުން އަޑެއް އިވުނެވެ. “އެވެނި މީހެއްގެ ބަގީޗާއަށް ގޮސް ފެންވެއްސާށެވެ.” ދެން އެވިލާގަނޑު އެއްފަރާތަށް ގޮސް ކަޅުހިލަބިމަކަށް އެވިލާގަނޑުގައިވާ ފެންތައް އޮއްސިއެވެ. ފެންދެމޭގޮތަށް ބިންގަނޑު އަޑިވެފައިވާ ތަނަކުންލާފައި އެފެންތައް ގޮސް ތިރީގައި އެއްވަރުކޮށް އޮތް ބިމަކަށް އެހުރިހާ ފެނެއް ޖަމާވިއެވެ.
ދެން އެފެން ދިޔަދިމާލަށް އޭނާ ހިނގައްޖެއެވެ. ދިޔައިރު އެތާގައިވާ ބަގީޗާގައި ފިރިހެނަކު ހުއްޓެވެ. އޭނާ، އުދަލިން (ބިންގަނޑު ކޮނެ) އެފެންތައް އެކިދިމާތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ދިޔައެވެ.
ދެން (އެތަނަށް އައިމީހާ) ބުންޏެވެ. “އޭ ﷲގެ އަޅާއެވެ! ތިބާގެ ނަމަކީ ކޮބައިހެއްޔެވެ؟”
(ބަގީޗާގެ ވެރިޔާ)ބުންޏެވެ. “އެވެނި ނަމެކެވެ.” އޭނާ ބުނި ނަމަކީ އެވިލާގަނޑުންވެސް އިވުނުނަމެވެ.
ދެން (ބަގީޗާގެ ވެރިޔާ)ބުންޏެވެ. “އޭ ﷲގެ އަޅާއެވެ. ތިބާ އަހަރެންގެ ނަމާބެހޭގޮތުން ސުވާލުތިކުރަނީ ކީއްވެ ހެއްޔެވެ؟”
ދެން (އެތަނަށް އައިމީހާ) ބުންޏެވެ. “ހަމަކަށަވަރުން މިތަނަށް އެފެން ވެހުނު ވިލާގަނޑުން އަހަރެން އަޑެއް އެހީމެވެ. އެއަޑު ބުންޏެވެ. “އެވެނި މީހެއްގެ ބަގީޗާއަށް ފެން ވެއްސާށެވެ. (ވިލާގަނޑުން އިވުނީ) ތިބާގެ ނަމެވެ. ފަހެ، ތިބާ މިބަގީޗާގައި ތިކުރަނީ ކޮންކަމެއް ހެއްޔެވެ؟”
(ބަގީޗާގެ ވެރިޔާ)ބުންޏެވެ. “ތިބާ ތިކަން އޮޅުންފިލުވާތީ ބުނެފާނަމެވެ. ފަހެ ހަމަކަށަވަރުން މިބަގީޗާއިން ލިބޭ އެއްޗެއް އަހެރެން (ހިސާބުކޮށް) ބަލަމެވެ. ދެން އޭގެ ތިންބައިކޮށްފަ އެއްބައި ޞަދަޤާތްކުރަމެވެ. އަދި އަނެއް ތިންބައި ކޮށްފަ އެއްބައި އަހަންނާއި އަހަރެންގެ އަނބިދަރިން ކެއުމަށް ބޭނުންކުރަމެވެ. އަދި ދެން އޮތް ތިންބައިކޮށްފަ އެއްބައި އަނެއްކާ ބަގީޗާ ހެއްދުމަށް ބޭނުން ކުރަމެވެ.”
(ޞަޙީޙް މުސްލިމް 2984 ޙަދީޘްގެ ތަރުޖަމާ)