ދީން
އޭނާއާމެދު ޝައިޠާނާއަށް ތިޔަބައިމީހުން އެހީތެރި ނުވާށެވެ.

ހެޔޮ ކަންތައްތަކަށް އަމުރު ކުރުމާއި ނުބައި ކަންތައް ނަހީކުރުމަކީ މި އުއްމަތުގެ ޝަރަފެވެ. މި އުއްމަތުގެ ކަރާމާތެވެ. މިއުއްމަތަކީ އެންމެހާ އުއްމަތްތަކުގެ މައްޗަށް މާތް އުއްމަތް ކަމުގައި ލެއްވުނު ސަބަބެވެ.

މި ކަމަކީ އުއްމަތުގެ ކުދިބޮޑު އެންމެން، ރައްޔިތުންނާއި ވެރިން، ދަރިވަރުންނާއި މުދައްރިސުން، މައިންބަފައިންނާއި ދަރިން، އަދި އަނބިންނާއި ފިރިންވެސް އެކަމެއް ކުރަން ޖެހޭ ކަމެކެވެ. އެއީ އުއްމަތުގެ ޝަރަފު ދެމެހެއްޓުމަށްޓަކައެވެ. ކުރީގެ އުއްމަތްތައް ހަލާކުވެ ދިޔަފަދައިން އުއްމަތް ހަލާކުވެ ނެތި ނުދިޔުމަށް އެދިއެވެ.

ކުރީގެ އުއްމަތްތަކުގެ މީހުން އެބައިމީހުންގެ ތެރޭގައި ހެޔޮ ކަންތައްތަކަށް އަމުރު ކުރުމާއި، ނުބައި ކަންތައްތައް މަނާކުރުމުން އެއްކިބާވެ ދުރުހެލި ވުމުގެ ސަބަބުން، ﷲ ވަނީ އެބައިމީހުންގެ ނަބިއްޔުންގެ ދޫފުޅު މަތިން އެބައިމީހުންނަށް ލަޢުނަތް ލައްވާފައެވެ.

އެކަން ބަޔާން ކުރައްވައި އެއިލާހު ވަޙީކުރައްވާފައިވެއެވެ. ﴿ لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ﴾ (سورة المائدة: 78)

މާނައީ: إسـرآءيـل ގެދަރިންގެ ތެރެއިން، كافر ވި މީހުންނަށް، داود ގެފާނާއި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނުގެ ދޫފުޅުމަތިން لعنة ލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ.

އޭގެ ސަބަބު ބަޔާން ކުރައްވައި އޭގެ ފަހުގެ އާޔަތުގައި އެއިލާހު ވަޙީކުރައްވަނީ މިފަދައިންނެވެ. ﴿ كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ ﴾ (سورة المائدة: 79)

މާނައީ: އެއުރެންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!

އަދި ހަމަ އެހެންމެ، އަޅުގަނޑުމެންގެ މިއުއްމަތް ހެޔޮ އުއްމަތް ކަމުގައި ލެއްވި ސަބަބުވެސް އެއިލާހުވަނީ ބަޔާންކުރައްވާފައެވެ.

﴿ كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّـهِ ۗ ﴾  (سورة آل عمران: 110)

މާނައީ: މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ.

އުއްމަތުގެ ހެޔޮކަން ދެމެހެއްޓުމަށްޓަކައި، ކުރުމަށް އޮތް މިމަސައްކަތްކުރުމުގައި ވަރަށް ފަރުވާތެރިވާން ޖެހެއެވެ. ޚާއްޞަގޮތެއްގައި އެމަނާކުރާ ކަމެއް މަނާކުރާނެ ގޮތުގެ ޢިލްމު ރަނގަޅަށް ފިލާފައިނެތް ބަޔަކު އެކަން ކުރަން ފަށައިފިނަމަ، އޭގެ ސަބަބުން ގޯހުން ގޯހަށް ކަންތައް ދިޔުމަކީ ނުވެ ނުދާނެ ގޮތެކެވެ.

އިސްލާމްދީނުގައި ހެޔޮ ކަންތައްތަކަށް އަމުރު ކުރުމާއި ނުބައިކަންތައް ނަހީކުރުމަކީ ޙިކުމަތާއެކު ކުރަން ޖެހޭނެ ކަމެކެވެ. އެހެނީ ޙިކުމަތާއެކުގައި މެނުވީ މިކަން ނުކުރެވޭނެތީއެވެ. އޭގެ ފުރިހަމަ ނަތީޖާ ނުނެރެވޭނެތީއެވެ.

ޙިކުމަތްތެރިކަމަކީ، ކޮބައިތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި އަލްއިމާމް އިބްނުލްޤައްޔިމް ރަޙިމަހުﷲ، އެކަލޭގެފާނުގެ مدارج السالكين ގައި ވިދާޅުވެފައިވަނީ މިފަދައިންނެވެ. (ޙިކުމަތަކީ) އެކަށީގެންވާ ކަން، އެކަށީގެންވާ ގޮތަށް، އެކަށީގެންވާ ވަގުތުގައި ކުރުމެވެ.

އެހެންކަމުން މަޑުމައިތިރިކަމާއެކު ޙިކުމަތާއެކު މީސްތަކުންނަށް ހެޔޮ ކަންތަކަށް އަމުރުކުރުމާއި މަނާކަންތައް ނަހީކުރުމަކީ، ވަރަށްވެސް މުހިއްމު ކަމެކެވެ. އަދި ޙިކުމަތްތެރިކަން އެމީހަކަށް ލިބޭ މީހާއަކީ ޙަޤީޤަތުގައިވެސް ބާއްޖަވެރިއެކެވެ.

ﷲ ވަޙީކުރެއްވި ބަސްފުޅުގައި ވަނީ މިފަދައިންނެވެ.

﴿ يُؤْتِي الْحِكْمَةَ مَن يَشَاءُ ۚ وَمَن يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًا ۗ ﴾  (سورة البقرة:269)

މާނައީ: އެކަލާނގެ އިރާދަކުރައްވާ މީހަކަށް حكمة ދެއްވައެވެ. އަދި، (އެމީހަކަށް) حكمة ދެއްވި މީހާއަށް ފަހެ، ގިނަވެގެންވާ ހެޔޮކަން ލިބިއްޖެކަން ކަށަވަރެވެ.

އެހެންކަމުން، މި ހެޔޮކަމާއެކު އަޅުގަނޑުމެން އިސްލާމްދީނުގައި އަމުރުތަކަށް ގޮވާލުމާއި ނަހީތަކުން މީސްތަކުން މަނާކުރުމުގައި ޙަޤީޤީ މާނާގައި މަސައްކަތްކުރެވިއްޖެނަމަ، އޭގެ ނަތީޖާ ފޮނިވާނެއެވެ.

ހެޔޮ ކަންތައްތަކަށް ގޮވާލާ އަދި ނުބައި ކަންތައްތަކުން މީސްތަކުން  މަނާކުރުމުގެ މަސައްކަތުގައި މަދު ނަމަވެސް އަޚުންތަކެއް އުޅޭތަން ފެނެއެވެ. އެހެންނަމަވެސް ޙަޤީޤަތަށް އެއްޗެއް ދަންނަވާނަމަ، މި މުހިއްމު މަސައްކަތް ކުރާ ބައެއް ފަރާތްތަކަށް މިކަމުގައި ޙިކުމަތްތެރިކަން އެއްކިބާކޮށް އަވަސްއަރައިގަތުން ބޭނުންކުރެވޭތަން އަންނަނީ މަދެއްކޮށް ނޫނެވެ. ނަތީޖާއަށް ކުރެވޭ އުއްމީދެއްގެ ބޮޑުކަމުން ނުބައިކަމުގެ އަހުލުވެރިޔާއާއި މުޚާޠަބު ކުރަން ނުޖެހޭ ފަދަ ހަރުކަށިކަމާއެކު އެކަންކުރެވުމުގެ ސަބަބުން އެ މުޢާމަލާތް ވެގެން ދަނީ އެފަދަ މީހާ ދީނާ ދުރަށް ފޮނުވާލެވޭ ފޮނުވާލުމެއް ކަމަށެވެ.

عن أبي هريرة رضي الله عنه، قَالَ : أُتِيَ النَّبيُّ صلى الله عليه وسلم ، بِرَجُلٍ قَدْ شرِبَ قَالَ : (( اضربوهُ )) قَالَ أَبُو هريرةَ : فَمِنَّا الضارِبُ بيَدِهِ ، والضَّارِبُ بِنَعْلِهِ ، والضَّارِبُ بِثَوْبِهِ . فَلَمَّا انْصَرَفَ ، قَالَ بَعْضُ القَوْمِ : أخْزَاكَ اللهُ ! قَالَ : (( لا تَقُولُوا هَذَا ، لا تُعِينُوا عَلَيْهِ الشَّيْطَان )) . رواه البخاري .

ބަނގުރާ ބޮއެގެންހުރި މީހަކު، (އެއްފަހަރަކު) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ގެނެވުނެވެ. (ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. އޭނާގެ ގައިގައި ތަޅާށެވެ! އަބޫހުރައިރާ ވިދާޅުވިއެވެ. ފަހެ ތިމަންމެންގެ ތެރޭގައި އެބޭކަލެއްގެ އަތްޕުޅުން ތެޅުއްވި ބޭކަލުންނާއި، އެބޭކަލެއްގެ ފައިވާނުން ތެޅުއްވި ބޭކަލުންނާއި، އެބޭކަލެއްގެ ފޮށައިން ތެޅުއްވި ބޭކަލުން ތިއްބެވިއެވެ. ފަހެ، އޭނާ އެނބުރި ދާން ފެށުމުން ޙާޟިރުވެ ތިއްބެވި ބޭކަލުން ކުރެ ބޭކަލަކު ވިދާޅުވިއެވެ. މާތްﷲ ތިބާ ނިކަމެތި ކުރައްވާށިއެވެ. (މިއަޑު އައްސަވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް) ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން މިފަދަ ބަސްތައް ނުބުނާށެވެ! އޭނާއާމެދު ޝައިޠާނާއަށް ތިޔަބައިމީހުން އެހީތެރި ނުވާށެވެ.

އޭގެ މާނައަކީ، އެގޮތަށް ކުރެވޭ ބަދު ދުޢާއެއްގެ ނުވަތަ ބުނެވޭ ބަހެއްގެ ސަބަބުން އޭނާގެ ހިތް މަރާ ނުލާށެވެ. ސަބަބަކީ އޭގެ ސަބަބުން އޭނާގެ ހިތުގައި ﷲގެ ރަޙްމަތާއި ފާފަފުއްސެވުމާއި މެދު އޮންނަ އުއްމީދު ކެނޑިގެންގޮސް، އެނުބައި ކަމެއްގެ މަތީގައި ދެމިހުރުމަށް ޝައިޠާނާ ދޭ ވަސްވާސްތަކަށް އޭނާގެ ހިތް ލެނބިގެން ހިނގައިދާނެތީއެވެ.

އޭގެ ބަދަލުގައި އޭނާއަށްޓަކައި ފާފަފުއްސެވުމަށް އެދި ދުޢާކޮށް، ހިދާޔަތަށް އެދި ދުޢާކޮށް ރިވެތި ބަހުން މުޢާމަލާތް ކޮށްފި ނަމަ، ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތްވުމަށް އެމީހާއަށް ދެވޭ އެހީއަކަށްމެނުވީ އެކަމެއް ނުވެއެވެ.

އެހެންކަމުން މިފުރުޞަތުގައި، ނުބައި ކަންތައް ނަހީކުރުމުގައި މި ކަމަށް ފަރުވާތެރިވުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަ ހުރިހާ އަޚުންނާއި އުޚްތުންނަށް ނަސޭހަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.

(މިއީ ނޫރުލްއިސްލާމް ވެބްސައިޓްގައި އައްޝައިޚް

މުޙައްމަދު އަނީލް ލިޔުއްވާފައިވާ ލިޔުމެކެވެ.)

0