ނަޞޭޙަތާއި އިރުޝާދު
ދަތްހުރި ދުވަހު ކާށިކާށެވެ!

އަހަރެންގެ އުމުރުން އަދި އަށާރަ އަހަރުވެސް ނުވެއެވެ. ކުޅެ މަޖާކޮށް ހަދާލުމަށް ލިބިފައިވާ ފުރުޞަތަކީ މިއީއެވެ. އަހަރެންގެ އުމުރުން ދުވަސްވުމުން ދީނީ ކަންކަމަށް ރައްކާތެރިވާން ފަށާނަމެވެ. ކާށި ކެވޭނީ ދަތްހުއްޓައެވެ.”

މިއީ ޒުވާން އުމުރުގެ ވަރަށް ގިނަ ކުދިންގެ ވިސްނުމެވެ. އެދި އެޒުވާނުންގެ ދުލުން މިފަދަ ބަސްތައް ބޭރުވަނީ މަދެއްކޮށެއް ނޫނެވެ. އެކަމަކު، ހަނދާންކުރާށެވެ! އަޅުގަނޑުމެންގެ ގާތަށް، މަރު އަންނާނީ އަޅުގަނޑުމެންގެ އުމުރަށް ބަލާފައެއްނޫނެވެ.

ޒުވާންކަމުގެ ނިޢުމަތަކީ އިންސާނަކަށް ދެއްވާނޭ އެންމެ ބޮޑު އެއް ނިޢުމަތެވެ. އެހެންކަމުން އެނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިސްލާމްދީނުގައިވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. ދަތް ހުއްޓައި ކާށިކާން ބޭނުންނަމަ ޒުވާން އުމުރުގައި ހެޔޮ ޢަމަލުކުރަންވީއެވެ. ޒުވާންކަން ޣަނީމާކޮށް އެޒުވާންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންވީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” اغْتَنِمْ خَمْسًا قَبْلَ خَمْسٍ : شَبَابَكَ قَبْلَ هَرَمِكَ , وَصِحَّتَكَ قَبْلَ سَقَمِكَ , وَغِنَاكَ قَبْلَ فَقْرِكَ , وَفَرَاغَكَ قَبْلَ شُغُلِكَ , وَحَيَاتَكَ قَبْلَ مَوْتِكَ ” صححه الألباني رحمه الله في صحيح وضعيف الجامع الصغير

މާނައީ: “ފަސްކަމެއްގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި އަވަދިނެތިވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި މަރުވުމުގެ ކުރިން ޙަޔާތުގެފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ.”

ލޮބުވެތި ޒުވާނުންނޭވެ! ޒުވާކަމުގެ ދުވަސްވަރު ހެޔޮކަންތަކުގެ މަތީގައި ސާބިތުވެގެން މެނުވީ އުމުރުން ދުވަސްވުމުން ހެޔޮކަންކަމެއް ނުކުރެވޭނެއެވެ. ހަށިގަނޑުގެ ވަރުދެރަވެ ގައިބާރު ނެތިދިއުމުން އަޅުކަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުން ދަތިވާނެއެވެ. އެހެންކަމުން، ހަށިގަނޑުގައި ވަރުހުރި ދުވަހު ޒުވާންކަމުގެ ޖޯޝުގައި ހީވާގިކަމާއެކު ހެޔޮޢަމަލުތައް ކުރުންމަތީ ސާބިތުވާށެވެ. ﷲ ޞުބްޙާނަހޫ ވަތަޢާލާގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު އެއިލާހުގެ ހިޔާވަހިކަން ލިބޭ މީސްތަކުންގެ ތެރޭގައި ވުމަށްޓަކައެވެ.

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” سَبْعَةٌ يُظِلُّهُمُ اَللَّهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ” (مُتَّفَقٌ عَلَيْهِ) މާނައީ: “ﷲގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު ހަތް ބާވަތެއްގެ ބަޔަކަށް ﷲ ހިޔާވަހިކަން ދެއްވައެވެ.” އޭގެތެރެއިން އެއް ބާވަތެއްގެ ބަޔަކަށް އެކަލޭގެފާނު ޙަދީޘްކުރެއްވީ ” وَشَابٌّ نَشَأَ فِي عِبَادَةِ اللَّهِ” ” މާތް ﷲ އަށް އަޅުކަންކުރުމުގައި ބޮޑުވި ޒުވާނާއެވެ.”

0