ނަޞޭޙަތާއި އިރުޝާދު
ދަރިންނަށް ނަންދިނުން

بسم الله والصلاة والسلام على من لا نبي بعده، وبعد:

ކުޑަ ދަރިފުޅަށް ނަން ދިނުމަށް ސުންނަތުން ވާރިދުވެފައިވާ ދުވަސްތައް:

  1. އުފަންވާދުވަހު ނަން ދިނުން
  2. ތިންވަނަ ދުވަހު ނަން ދިނުން
  3. ހަތްވަނަ ދުވަހު ނަން ދިނުން

މިއިން ކޮންމެ ގޮތަކަށް ޢަމަލު ކުރިޔަސް ރަނގަޅު ވާނެއެވެ.

ކުޑަ ދަރިފުޅަށް ނަން ދިނުމަކީ އެކުއްޖާގެ ބައްޕައަށް ލިބިގެންވާ ޙައްޤެކެވެ.

ބައްޕަ އިޚްތިޔާރު ކުރާ ނަމަކަށް މަންމަ ދެބަސްވެ އަރާރުން ވުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނޭ ކަމެއް ނޫނެވެ. ރީތި ނަމެއް އިޚްތިޔާރު ކުރުމުގައި އަނބިމީހާއާ މަޝްވަރާ ކުރުމަކީ އެދެވިގެންވާ ކަމެކެވެ. ދެމީހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ ލޯބި އިތުރު ވެގެން ދާނެ ކަމެކެވެ.

ނަން އިޚްތިޔާރު ކުރުމުގައި ދީނީ ޢިލްމުވެރިއަކާ މަޝްވަރާ ކުރުން

މިތުރު ޞަޙާބީ ބޭކަލުން އެބޭކަލުންގެ ދަރިދަރިކަލުންނަށް ނަން ދެއްވުމަށްޓަކައި މާތް ނަބިއްޔާ صلى الله عليه وسلم އަށް ހުށައަޅުއްވަތެވެ. މިކަމުން ދަލީލު ކޮށް ދެނީ ދަރިފުޅަށް ރީތި ނަމެއް ހޯދައި ދިނުމަށް އެދި ޢިލްމު ވެރިންނާ މަޝްވަރާ ކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ. އެހެނީ އެކަލޭގެފާނުގެ މަޤާމުގައި މީސްތަކުންނަށް ތެދުމަގު ބަޔާންކޮށް ދެއްވައި އިރުޝާދު ދެއްވުމަށް ތިއްބަވާ ބޭކަލުންނަކީ ހަމަ ޢިލްމު ވެރިންނެވެ. ޢިލްމު ވެރިންނާ މަޝްވަރާ ކުރުމެއްނެތި އަމިއްލައަށް، ޙަޤީޤަތް ނޭނގޭ ސައިޓުތަކުން ނަން ހޯދައިގެން ނަން ދިނުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނޭ ކަމެއް ނޫނެވެ.

ދަރިފުޅު ނިސްބަތް ކުރެވޭނީ ބައްޕައަށެވެ. މަންމައަކަށް ނޫނެވެ.

ލަފުޒާއި މާނައިގައި ރީތި ނަމެއް އިޚްތިޔާރު ކުރުން

ކިޔަން އުނދަގޫ، ޢަރަބި ނޫން، އަދި ކާފަރުންނަށް ކިޔައި އުޅޭ ނަންތައް ދިނުމަކީ ހުއްދަ ކަމެއް ނޫނެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޢަރަބި ނޫން، ކާފަރުންނަށް ކިޔައިއުޅޭ ނަންތައްވަނީ ފެތުރި ޢާންމު ވެފައެވެ. ގިނަ ވަގުތުތަކެއް ހޭދަ ކުރަނީ ޢާންމު ކޮށް ކިޔައި ނޫޅޭ އާ ނަމެއް ހޯދުމަށެވެ. ނަތީޖާއަކަށް ވެގެން ދަނީ ޢަރަބި ބަހާ ބީރައްޓެހި ބަސްތަކުން (އެނގިގެން ނަމަވެސް ނުވަތަ ނޭނގި ނަމަވެސް) ކުދިންނަށް ނަން ދިނުމެވެ.

ކިޔުން މުސްތަޙައްބު ނަންތައް:

  1. عبد الله އާއި عبد الرحمن. މިއީ މާތްﷲ އަށް ލިބިވޮޑިގެން ވާ ނަންތަކުގެ ތެރެއިން އެންމެ ލޮބުވެތި ނަންތަކެވެ.
  2. މާތްﷲ އަށް ލިބިވޮޑިގެން ވާ ރިވެތި ނަންފުޅުތަކަށް عبد ލައިގެން ދެވޭ ނަންތައް.

މިސާލަކަށް: عبد الملك، عبد العزيز، عبد القدوس ……. އަދި މިނޫން ވެސް ނަންތަކެވެ. މިގޮތަށް ނަން ދިނުމުގައި ސަމާލު ވެލަން ޖެހޭ ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ. އެއީ މާތްﷲ އަށް ލިބިވޮޑިގެން ވާ ނަންފުޅެއްތޯ ބަލައި ކަށަވަރު ކުރުމެވެ. އެހެނީ މާތްﷲ އަށް ލިބިވޮޑިގެން ވާ ނަންފުޅު ތަކަކީ ތައުޤީފީ އެއްޗެކެވެ. ޤުރުއާނުން ނުވަތަ ސުންނަތުން އެނަންފުޅެއް ކޮންމެހެން ވެސް ޘާބިތު ވާން ޖުހޭނެއެވެ.

  1. ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންގެ ނަންފުޅުތައް ދިނުން.
  2. މުސްލިމުންގެ ތެރެއިން ވާ ހެޔޮލަފާ ޞާލިޙުންގެ ނަމުން ނަން ދިނުން.

މި އުއްމަތުގެ އެންމެ ހެޔޮލަފާ ޞާލިޙު ބޭކަލުންނަކީ ރަސޫލާ صلى الله عليه وسلمގެ މިތުރު ޞަޙާބީންނެވެ. އެބޭކަލުންގެ ނަންފުޅު ތަކުން ނަން ދިނުމަކީ ވަރަށް ބޮޑަށް އެދެވިގެން ވާ ކަމެކެވެ.

  1. ޝަރުޠު ފުރިހަމަ ވެފައި ވާ އެހެނިހެން ނަން ދިނުން.

ކުއްޖާއަށް ދެވޭ ނަމެއްގައި ކޮންމެހެން ވެސް ދެ ޝަރުޠެއް ފުރިހަމަ ވޭތޯ ބަލަން ޖެހޭނެއެވެ.

* ޢަރަބި ނަމަކަށް ވުން

* ބަހަވީ އަދި ޝަރުޢީ ގޮތުން ލަފުޒާއި މާނަ ރަނގަޅުވުން

ނަންދިނުމުގެ ބައެއް މުހިންމު އަދަބުތައް:

  1. އިސްވެ ބަޔާން ކުރެވިފައިވާ ތަރުތީބުން ދިނުން މުސްތަޙައްބު ނަމެއް އިޚްތުޔާރު ކުރުން.
  2. ދުލަށް ކިޔާލަން ފަސޭހަ ނަމަކަށް ވުން.
  3. މަދު އަކުރު ހިމެނޭ ނަން އިޚްތިޔާރު ކުރުން.
  4. އަޑު އަހާ މީހުންނަށް ފަސޭހައިން ދަސްކުރެވޭ ނަމަކަށް ވުން.

ދިނުން ޙަރާމް ނަންތައް:

  1. ﷲ ފިޔަވާ އެހެން ފަރާތްތަކަށް އަޅުވެތިކަން ނިސްބަތް ކުރެވޭ ނަންތައް.

މިސާލަކަށް: عبد الرسول، غلام رسول(ރަސޫލާގެ އަޅާ) ، عبد علي(ޢަލީގެފާނުގެ އަޅާ)

* ﷲ އަށް ލިބިވޮޑިގެންވާ ނަންފުޅުތަކެއް ކަމަށް ބަލައި ކިޔައި އުޅޭ ބައެއް ނަންތައް:

عبد الستار، عبد المقصود، عبد الموجود، عبد المعبود، عبد الوحيد

މިއީ އެކަލާނގެއަށް ލިބިވޮޑިގެން ވާ ނަންފުޅުތަކެއް ނޫނެވެ. އެހެން ކަމަށް ވުމުން މިފަދަ ނަން ކިޔައި އުޅުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. ޤުރުއާނާއި ސުންނަތުން ޘާބިތު ނުވާ ނަންފުޅަކަށް އަޅުވެތިކަން ނިސްބަތް ކުރެވިގެން ނުވާނެއެވެ.

  1. ﷲ އަށް ޚާއްޞަ ވެގެން ވާ ނަންފުޅެއް ދިނުން.

މިސާލަކަށް: الرحمن، الرحيم، الخالق ……………

  1. ޢަރަބި ނޫން، ކާފަރުންނަށް ޚާއްޞަ ނަން ދިނުން.
  2. ﷲ ފިޔަވައި އަޅުކަން ކުރެވޭ ބުދުތަކަށް ކިޔައި އުޅޭ ނަން ދިނުން.

މިސާލަކަށް: نائلة، اللات، هبل މިފަދަ ނަންތަކެވެ.

  1. ނަން ދެވޭ ފަރާތައް ޙައްޤު ނޫން ނަން ދިނުން.

މިސާލަކަށް: ملك الملوك(ވެރިންގެ ވެރިޔާ)، قاضي القضاة(ޤާޒީންގެ ޤާޒީ)، سيد الناس(މީސްތަކުންގެ ސާހިބާ)

ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. ((لا تزكوا أنفسكم ، الله أعلم بأهل البر منكم)) “ތިޔަބައިމީހުން ތިޔަބައިމީހުންގެ އަމިއްލަ ނަފުސަށް ތަޢުރީފުކޮށް ނަހަދާށެވެ. ތިޔަބައިމީހުންގެ ތެރެއިން ވާ ހެޔޮލަފާ ޞާލިޙުން އެކަލާނގެ މޮޅަށް ދެނެވޮޑިގެން ވެއެވެ.”

  1. ޝައިޠާނުންނަށް ކިޔައި އުޅޭ ނަން ދިނުން.

މިސާލަކަށް: خِنْـزب، الوَلْهان، الأَعْور، الأَجْدَع

ކިޔުން މަކުރޫހަ ނަންތައް:

  1. ލަފުޒު ނުވަތަ މާނަ ހުތުރު ނަން ދިނުން.

މިސާލަކަށް: نادية(ފެނާ ދުރު މީހާ)، هُيام އަދި سُهام(ޖަމަލަށް ޖެހޭ ބައްޔަކަށް ކިޔާ ނަމެކެވެ.)

  1. ޝަހުވާނީ މާނަ ދޭހަވާ ނަން ދިނުން.

މިސާލަކަށް: فَاتِن(ފިތުނަވެރި ކުރުވާ މީހާ)، شَادِية އަދި شادي(ލަވަ ކިޔާ މީހާ)

  1. މުސްލިމުންގެ ތެރެއިން ބޮޑެތި ފާފަ ކުރުމަށް މަޝްހޫރު ވެފައި ވާ ފާސިޤުންގެ ނަން ދިނުން.
  2. ފާފައިގެ މާނަ އެކުލެވޭ ނަން ދިނުން.

މިސާލަކަށް: ظالم(އަނިޔާ ވެރިޔާ)، سَرّاق(ވަގުންތައް)

  1. ފިރުޢައުނުންގެ ނަން ދިނުން. فرعون، قارون، هامان ފަދަ ނަން ދިނުން.
  2. އެދެވިގެން ނުވާ މާނަ އެކުލެވޭ ނަން ދިނުން.

މިސާލަކަށް: خَبِيّة(ކަންތައްތައް ފޮރުވާ މީހާ)، كَنَّاز(މުދާ ރައްކާކޮށް ޖަމާ ކުރާ މީހާ)

  1. ހަޑި މުޑުދާރު ޞިފަތައް ވާ ޙަޔަވާނުންގެ ނަން ދިނުން.

މިސާލަކަށް: كلب(ކުއްތާ)، حمار(ޙިމާރު). ބައެއް ޢަރަބީން މިފަދަ ނަންތައް ދީފައިވަނީ އޭގައިވާ ރިވެތި ޞިފައަށް ބެލުމަށް ފަހުއެވެ. ކުއްތާ: މަސައްކަތްކުރުމާއި ސަމާލުވެ ހުރުމުގެ ރީތި ޞިފައަށް ބަލާފައެވެ. ޙިމާރު: ކެތްތެރިކަމާއި ހިތްވަރު ގަދަ ކަމުގެ ޞިފައަށް ބަލާފައެވެ.

  1. الدين އާއި الإسلام އަށް ނިސްބަތްކުރެވޭ ނަންތައް ދިނުން.

نور الدين(ދީނުގެ ނޫރު)، نور الإسلام(އިސްލާމް ދީނުގެ ނޫރު). ބައެއް ޢިލްމުވެރިން މިފަދަ ނަން ދިނުމަކީ ޙަރާމް ކަމެއް ކަމަށް ވިދާޅުވެއެވެ.

  1. އެހެން ނަމަކަށް ނިސްބަތްކޮށް ދެވޭ ނަން.

މިސާލަކަށް: محمد أحمد، ނަމަކީ އަޙްމަދު އެވެ. މުޙައްމަދު އިތުރުކޮށްފައިވަނީ ބަރަކާތް ޙާޞިލު ކުރުމަށްޓަކައެވެ.

މިބައިގައި عبد ފިޔަވައި ﷲއަށް ނިސްބަތްކުރެވޭ ނަންތައް ހިމެނެއެވެ. މިސާލަކަށް: رحمة الله(ﷲގެ ރަޙްމަތް)، آية الله(ﷲގެ އާޔަތް)

ހަމައެފަދައިން الرسول މި ލަފުޒަށް ނިސްބަތްކުރެވޭ ނަންތައް ހިމެނެއެވެ. މިސާލަކަށް: غلام الرسول(ރަސޫލާގެ އަޅާ)

  1. جبرائيل، ميكائيل، إسرافيل ފަދަ މަލާއިކަތް ބޭކަލުންގެ ނަންފުޅުތައް ދިނުން ވަރަށް ގިނަ ޢިލްމު ވެރިން މަކުރޫހަ ކަމަށް ވިދާޅުވެއެވެ.

މުޝްރިކުން ޤަބޫލު ކުރާ ގޮތާ އެއްގޮތް ވެވޭތީ ވަކިން ޙާއްޞަކޮށް އަންހެން ކުދިންނަށް މަލާއިކަތް ބޭކަލުންގެ ނަންފުޅުތައް ދިނުމަކީ ޙަރާމް ކަމެކެވެ. އެހެނީ އެބައިމީހުން ޤަބޫލު ކުރާ ގޮތުގައި މަލާއިކަތް ބޭކަލުންނަކީ މާތްﷲގެ ދަރިކަނބަލުންނެވެ. تعالى الله عما يقولون علوا كبيرا.

  1. ޤުރުއާނުގެ ސޫރަތްތަކުގެ ނަންތަކުން ނަން ދިނުން ވަރަށް ގިނަ ޢިލްމު ވެރިން މަކުރޫހަ ކަމަށް ވިދާޅުވެއެވެ.

މިސާލަކަށް: طه، يس، حم މިފަދަ ނަންތަކެވެ.

* ރަސޫލާ صلى الله عليه وسلم ގެ ނަންފުޅެއް ކަމަށް ޢާއްމުންގެ ތެރޭގައި މަޝްހޫރު ވެފައި އޮންނަ يس އަދި طه އަކީ އެކަލޭގެފާނުގެ ނަންފުޅެއް ނޫނެވެ.

ޙަރާމް ނުވަތަ މަކުރޫހަ ވެގެންވާ ނަމެއް ދެވިއްޖެ ނަމަ އެފަދަ ނަމެއް ބަދަލު ކުރަން ވާނެއެވެ. ކުޑަ ކުއްޖެއް ނަމަ އެކުއްޖެއްގެ ނަން ރަނގަޅު ނަމަކަށް ބަދަލު ކުރާނީ އެކުއްޖެއްގެ ބެލެނިވެރިޔާ އެވެ. ބާލިޣު ވުމަށް ފަހު އެނގިއްޖެ ނަމަ އެމީހަކު އެނަން ބަދަލު ކުރަން ވާނެއެވެ. ހުތުރު ނަންތަކާއި ޝިރުކާއި ކުފުރުގެ ނަންތައް ވަނީ މާތް ނަބިއްޔާ صلى الله عليه وسلم ބަދަލު ކުރައްވާފައެވެ. ނަން ބަދަލު ކުރުމުގައި އެކަލޭގެފާނުގެ ހިދާޔަތަކީ، ވަޒަނާ ގުޅޭ އެހެން ނަމަކަށް ބަދަލުކުރެއްވުމެވެ. މިސާލަކަށް عبد النبي ކިޔާ މީހެއްނަމަ عبد الغني އަށް ބަދަލު ކުރުން.

ދުޢާއަކީ އަޅުގެ މިކުޑަ ކުޑަ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުމެވެ. އަދި މިމަޢުލޫމާތުގެ ސަބަބުން ދިވެހި މުސްލިމް ދީބަށް މަންފާ ކުރެއްވުމެވެ.

وآخر دعوانا أن الحمد لله رب العالمين

*****

މަޢުލޫމާތު ނަގާފައިވަނީ: العلامة بكر أبو زيد – رحمه الله – ލިއުއްވާފައިވާ تسمية المولود މި ފޮތުންނެވެ.

(މިއީ ދިއިސްލާމް ވެބްސައިޓްގައި އައްޝައިޚް

މުޙައްމަދު އިބްރާހީމް(އަބޫލުޤުމާން) ލިޔުއްވާފައިވާ ލިޔުމެކެވެ.)

0