ދީން
އިޖްތިމާޢީ ޢަދާލަތު ޤާއިމުކުރުމަށްޓަކައި ފަރުޟު ޒަކާތުގެ މުހިއްމުކަން

އިސްލާމީ މުޖްތަމަޢު ހަރުދަނާ މުޖްތަމަޢެއްގެގޮތުގައި ދެމިއޮތުމަށްޓަކައި ގިނަގުނަ ކަންތައްތަކެއް ދީނުގައި ކަނޑައެޅިފައިވެއެވެ. މީގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ ފަރުޟު ޒަކާތް އަދާކުރުމެވެ. ކަމުގެ މުހިއްމުކަމުން އެއީ ދީނުގެ ރުކުނެއް ކަމުގައި ކީރިތިވަންތަ الله ވަނީ ކަނޑައަޅުއްވައިފައެވެ. އެހެންކަމުން، ޒަކާތް ވާޖިބުވާވަރުގެ ތަނަވަސްކަން ހުރި މީހެއްނަމަ، އެ މީހެއްގެ މުދަލުން ޒަކާތް ދައްކަންޖެހޭނެއެވެ. ނޫންނަމަ އެ މީހެއްގެ ދީން ފުރިހަމައެއް ނުވާނެއެވެ.

މާތް الله ، އެ މީހަކަށް ތަނަވަސްކަން ދެއްވައިފައިވަނިކޮށް، މުޖްތަމަޢުގެ ޙައްޤުގައި ތިމާގެ މުދަލުން އަދާކުރަންޖެހޭ ޙައްޤު އަދާނުކޮށްފިނަމަ، އެ މީހަކަށް ގަދަފަދަ ވެގެންވާ ޢަޛާބު ޤިޔާމަތް ދުވަހުން ލިބޭނެކަން އަންގަވަމުން اللهވަޙީކުރައްވައިފައިވެއެވެ: وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلا يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ . يَوْمَ يُحْمَىعَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ هَذَا مَا كَنَزْتُمْ لأنْفُسِكُمْ فَذُوقُوا مَا كُنْتُمْ تَكْنِزُونَ [التوبة:٣٤ – ٣٥] މާނައީ:”ޒަކާތުގެ ގޮތުގައި، الله ގެ މަގުގައި ހޭދަކުރަންވީ ބައި ހޭދަނުކޮށް، ރަނާއި ރިހީގެ ޚަޒާނާ ޖަމާކޮށް ރައްކާކޮށްފައި ބަހައްޓާ މީހުންނަށް، ޤިޔާމަތްދުވަހުން ވޭންދެނިވި ޢަޛާބު ހުރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ! އެބައިމީހުން އެ ޖަމާކުޅަ މުދާ، ޤިޔާމަތްދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރެވި، އެބައިމީހުންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރަކަށިތަކުގައި ޖައްސައި ފިއްސައިލެވޭނެއެވެ. އަދި އެމީހުންނަށް ބުނެވޭނެއެވެ. މިއީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި ތިޔަބައިމީހުން ޖަމާކުޅަ ތަކެއްޗެވެ. ފަހެ، މިއަދު މިތަކެތި ވެފައިވަނީ ތިޔަބައިމީހުންނަށް ހުރި އާފަތަކަށެވެ. އެހެންކަމުން ޒަކާތް ނުދީ ތަކެތި ރައްކާކޮށްފައި ބެހެއްޓުމުގެ ސަބަބުން އެ ކަމުގެ ޢަޛާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!”

މުދަލަކީ الله سبحانه وتعالىތިމާއާ ޙަވާލުކުރައްވައިފައިވާ އަމާނާތެއްކަން އެއްވެސް މުސްލިމަކު އެންމެ ހިނދުކޮޅަކަށް ވެސް ހަނދާންނައްތާލައިގެން ނުވާނެއެވެ. މުދަލުގެ ޙަޤީޤީ މާލިކަކީ الله އެވެ. އެކަލާނގެ އަޅުގަނޑުމެންނާ އެމުދާ ޙަވާލުކުރައްވައިފައިވަނީ، އެކަލާނގެ އަންގަވާގޮތެއްގެ މަތީން އެއިން ހޭދަކުރުމަށްޓަކައި އަމާނާތެއްގެ ގޮތުގައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.  وَآتُوهُمْ مِنْ مَالِ اللَّهِ الَّذِي آتَاكُمْ [النور: ٣٣ [މާނައީ:”ތިޔަބައިމީހުންނަށް الله ދެއްވައިފައިވާ މުދަލުން، ތިޔަބައިމީހުން އެބައިމީހުންނަށް ހޭދަކުރާށެވެ!”

الله އަންގަވައިފައިވާ ގޮތަށް މުދާ ހޭދަކުރުމަކުން އެއްވެސް ޙާލެއްގައި  އެ މުދާ ގެއްލިގެނެއް ނުދާނެއެވެ. އޭގެ ބަދަލުގައި ޤިޔާމަތް ދުވަހުން ޘަވާބާއި ދަރުމަ އެ މީހަކަށް ލިބޭނެއެވެ. މީގެ އިތުރުން މުދަލުގައި ބަރަކާތްލައްވައި މުދާ އިތުރުވާނެއެވެ. އަލްބަޤަރާ ސޫރަތުގެ 261 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. ” الله ގެ މަގުގައި، އެބައިމީހުންގެ މުދާ ހޭދަކުރާ މީހުންގެ މިސާލަކީ، ބިމުގައި އިންދާ އޮށްޓަރެއްގެ މިސާލެވެ. އެ އޮށުން ގަހެއް ފަޅައެވެ. އެ ގަހުން ހަތް ކުރާގަނޑު ނުކުމެއެވެ. އެއިން ކޮންމެ ކުރާ ގަނޑެއްގައި ސަތޭކަ އޮށް ހުރެއެވެ. الله އިރާދަކުރައްވާ މީހަކަށް އަދި ވެސް ސަވާބު އިތުރު ކޮށްދެއްވައެވެ.الله އީ،ރޯދި ބަރަކާތް ދެއްވުމުގައި  ތަނަވަސްވެވޮޑިގެންވާ ހުރިހާ ކަމެއް ދެނެވޮޑިގެންވާ އިލާހެވެ.”

ތަނަވަސްކަމުގެ އަހުލުވެރިން އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރަމުންދާނަމަ އިސްލާމީ މުޖްތަމަޢުގެ ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތައް ޙައްލުވެގެންދާނޭކަން ކަށަވަރެވެ. މުޖްތަމަޢުން ފަޤީރުކަންކުޑަވެ، މުޖްތަމަޢުގެ އެންމެހައި ފަރުދުންނީ ފުދުންތެރި ބަޔަކަށް ވެގެން ދާނެއެވެ. އަތްމަތި ދަތި މީހުންގެ ހިތްތަކުގައި ތަނަވަސްކަމުގެ އަހްލުވެރިންނަށް އޮންނަ ޙަސަދަ ފިލައިގޮސް، މުޖްތަމަޢުގެ އެއްބައިވަންތަކަން ބަދަހިވެގެންދާނޭ ވެސް މެއެވެ.

ނޯޓް: މިއީ 14 ޖެނުއަރީ 2011ވީ ހުކުރު ދުވަހުގެ ހިދާޔަތުގެ އަލީގައި ޝާއިޢުކޮށް، ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ރަސްމީ ވެބްސައިޓް drabdulmajeed.com ގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.

0