ނަޞޭޙަތާއި އިރުޝާދު
ދެ ނޫރުގެ ވެރިޔާ

ޢުޘްމާންގެފާނަކީ މުސްލިމުންގެ ތިންވަނަ ޚަލީފާއެވެ. ކީރިތި ރަސޫލާ ﷺ ދުނިޔޭގައި ހުންނަވައި ސުވަރުގެ ލިބޭނެކަން ހަމަކުރެއްވެވި ދިހަ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ.

ފުރިހަމަ ނަންފުޅަކީ ޢުޘްމާން ބިން ޢައްފާން ބިން އަބިލް ޢާޞް ބިން އުމައްޔާ ބިން ޢަބުދު ޝަމުސު ބިން ޢަބުދު މަނާފް އަލްޤުރަޝީ އަލްއުމަވީ އެވެ. އާންމު ކޮށް ކިޔައި އުޅެނީ އަބޫ ޢަބުދުﷲ އެވެ. މަންމާފުޅަކީ އަރްވާ ބިންތި ކަރީޒް ބިން ރަބީޢާ ބިން ޙަބީބް ބިން ޢަބުދު ޝަމްސު ބިން ޢަބުދު މަނާފް އެވެ.

ޢުޘްމާންގެފާނު ވަނީ ކީރިތި ރަސޫލާގެ ދެ ދަރި ކަނބަލަކާ ކައިވެނި ބައްލަވައިގަނެފައެވެ. އެއީ ރުޤިއްޔާ އަދި އުއްމު ކުލްޘޫމެވެ. އުއްމު ކުލްޘޫމް އާއި ކައިވެނި ބައްލަވައިގަތީ ރުޤިއްޔާ އަވަހަރާވުމުންނެވެ. ކީރިތި ރަސޫލާގެ ދެ އަންހެން ދަރިކަނބަލުންނާއި ކައިވެނި ކުރައްވާފައި ވާތީ ޛުއްނޫރައިނި ނުވަތަ ”ދެނޫރުގެ ވެރިޔާ” ގެ ލަޤަބް ޢުޘްމާންގެފާނަށް ދެއްވާފައިވެއެވެ.

ޢުޘްމާންގެފާނުގެ ޚާއްސަ ސިފަފުޅުތަކުގެ ތެރޭގައި ލަދުވެތިކަމާއި އިއްފަތްތެރިކަން، މަޑުމައިތިރިކަމާއި ދީލަތިކަން ފާހަގަކޮށްލެވެއެވެ.
އެއްފަހަރެއްގައި ކީރިތި ރަސޫލާ ﷺ އިށީންދެވަޑައިގެން އިންނެވިއިރު އެކަލޭގެފާނުގެ ފައިންޕުޅުން ކަކުލުން ތިރީގެ ބައެއް ކަޝްފުވެފައި ހުއްޓެވެ. އެތަނަށް އަބޫބަކުރުގެފާނު ވަޑައިގެންނެވިއެވެ. ރަސޫލާ ﷺ ވަކި ގޮތެއް ނުހައްދަވައެވެ. ޢުމަރުގެފާނު ވަޑައިގެންނެވިއެވެ. ދެންވެސް އެކަލޭގެފާނުން ވަކި ގޮތެއް ނުހައްދަވައެވެ. ދެން ވަޑައިގަތީ ޢުޘްމާންގެފާނެވެ. ރަސޫލާ ﷺ އަވަސްއަވަހަށް އެކަލޭގެފާނުންގެ ރިދާކޮޅުން ފައިން ކަޝްފުވެފައިވާ ބައި ނިވާކުރެއްވެވިއެވެ. މި މަންޒަރު ފެނިވަޑައިގެން، އެކަލޭގެފާނުގެ ލޯބިވާ އަނބިކަނބަލުން ޢާއިޝާ ރަޟިޔަﷲ ޢަންހާ ރަސޫލާ ﷺ އާއި ސުވާލުކުރެއްވިއެވެ.

ތިމަންކަމަނާގެ ބައްޕާފުޅު އައުމުން ކަލޭގެފާނުން އިންނެވި ގޮތްކޮޅު ބަދަލެއް ނުކުރައްވައެވެ. ޢުމަރުގެފާނުން ވަޑައިގަތުމުންވެސް ކަލޭގެފާނުން އިންނެވީ ހަމަ އެގޮތަށެވެ. ނަމަވެސް ޢުޘްމާންގެފާނުން ވަޑައިގަތުމުން އެގޮތަށް ކަންތައް ކުރެއްވެވީ ކީއްވެތޯއެވެ؟
އައިޝާގެފާނަށް ޖަވާބު ދެއްވަމުން ރަސޫލާ ﷺ ހަދީޘްކުރެއްވިއެވެ. ”މަލާއިކަތް ބޭކަލުން ވެސް އެ ބޭކަލެއް ދެކެ ލަދުރަކިވެ ވަޑައިގަންނަވާ ބޭކަލެއް ދެކެ ތިމަންކަލޭގެފާނު ލަދުރަކިވެވަޑައި ނުގަންނާނެ ހެއްޔެވެ؟”

މީގެއިތުރުން ޢުޘްމާންނުގެފާނަކީ އަޅުވެރި ޒުޙުދުވެރި ބޭކަލެކެވެ. އެގޮތުން ޒުބައިރު ބިން ޢަބުދުﷲގެ މާމަ ވިދާޅުވި ކަމަށް ބުނެފައިވެއެވެ. ”ޢުޘްމާން ގެ ފާނު ދުވާލު ރޯދަ ހިއްޕަވައެވެ. ރޭގަނޑުގެ ކުރީކޮޅުން މަދު ހިނދުކޮޅަކު ނިދިކުރެއްވުމަށްފަހު އަނެއްބައި ހޭދަކުރައްވަނީ އަޅުކަމުގައެވެ”.

ޢުޘްމާނުގެފާނު ޚަލީފާކަމަށް އިސްކުރެއްވުމަށް ބައިޢަތު ހިއްޕެވީ ހިޖުރައިން 24 ވަނަ އަހަރުގެ މުޙައްރަމް މަހުގެ އެކެއްވީ ހޮނިހިރު ދުވަހެވެ. ޚަލީފާ ކަމުގައި ޢުޘްމާންގެފާނު 12 އަހަރު ވަންދެން ހުންނެވި އެވެ.
މުސްލިމުންގެ ތެރޭގައި އުފެދުނު ފިތުނަގަނޑެއްގެ އަނދިރިކަމުގެ ތެރޭގައި، ޢުޘްމާންގެފާނު ޝަހީދުކޮށްލެވުނެވެ. އެކަލޭގެފާނު ޝަހީދުކޮށްލާފައިވަނީ ބަނޑުފުޅަށް ކަނޑިހަރައި، އެކަލޭގެފާނުގެ އުމުރުފުޅުން 82 އަހަރުފުޅުގައެވެ. އަދި އެކަލޭގެފާނުގެ މެއިފުޅު މައްޗަށް އަރައި ހަތަނަކަށް ޚަންޖަރު ހެރިކަމުގައި ވެއެވެ. މިހިތާމަވެރި ޙާދިސާ ހިނގީ ހިޖުރައިން 35 ވަނައަހަރު ޒުލްޙައްޖު މަހުގެ 18 ވީ ހުކުރު ދުވަހުއެވެ.

އެކަލޭގެފާނަކީ ޚަލީފަކަމުގެ ދުވަސްވަރުވެސް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭކަލެކެވެ. އެގޮތުން މީހުން ޤުރުއާން ކިޔަވައި އުޅޭ ގޮތް ތަފާތުވެ، އޮޅުން ބޮޅުން އަރާކަން ފާހަގަކުރެއްވިގެން، ޙަފްޞާގެފާނުގެ އަތްޕުޅުގައި އޮތް ކީރިތި ޤުރުއާންގެ އަސްލު ގެންނަވައި، އެއިން ކޮޕީ ހެއްދެވުމަށް ފަހު، އިސްލާމީ ބޮޑެތި ރަށްތަކަށް، ކޮޕީތައް ފޮނުއްވާފައިވެއެވެ.

އަދި އެންމެ ފުރަތަމަ، މުސްލިމުންގެ ކަނޑުގެ ލަޝްކަރެއް ތައްޔާރު ކުރެއްވީވެސް ޢުޘްމާންގެފާނުގެ ޚިލާފަތުގައެވެ.
މީގެއިތުރުން ޢުޘްމާންގެފާނުގެ ޚިލާފަތުގައި ވަރަށް ގިނަ ރަށްތައް ފަތަޙަ ކޮށްފައި ވެއެވެ. އޭގެތެރޭގައި އަޒަރުބައިޖާން، ސައިޕްރަސް، އަރުމީނިޔާ އަދި އެފްރިކާގެ ބައެއް ރަށްތައް ފާހަގަކޮށްލެވެއެވެ.

ޢުޘްމާނުގެފާނު ޚަލީފާ ކަން ކުރެއްވީ 11 އަހަރާއި 11 މަހާއި 18 ނުވަތަ 19 ދުވަހުއެވެ. އެކަލޭގެފާނު ފަސްދާނު ލެވުނީ މަދީނާގެ ޤަބުރުސްތާން، ޖަންނަތުލް ބަޤީޢުގައެވެ.

މަޞްދަރު: ވީނިއުސްގެ ދީނީކޮލަމް

0