ދީން
ވުޟޫކުރުމުން ފާފަފޮހެވޭ!

ﷲ ޞުބުޙާނަހޫ ވަތަޢާލާއީ އެއިލާހުގެ ރަޙްމަތް ތަނަވަސްވެވޮޑިގެންވާ އިލާހެވެ. ގިނަގިނައިން ފާފަ ފުއްސަވާ ޙަކީމްވަންތަ އިލާހެވެ. އިންސާނުންނަކީ ފާފަތަކަށް އެނގިގެންނާއި ނޭގިވެސް އަރައިގަނެވޭ ބައެއް ކަމުން އެއިލާހުގެ ފުއްސެވުމަށް އިންސާނާ އަބަދުވެސް ވަނީ ބޭނުންޖެހިގެންނެވެ. އެހެންކަމުން އެކަލާނގެ އޯގާވަންތަވެރިކަމުން އަޅުގަނޑުމެންނަށް ކުރެވޭ ފާފަތައް ފުހެވޭނެ ޢަމަލުތައް އެއިލާހު ވަނީ ލައްވާފައެވެ. އޭގެތެރެއިން އެއްކަމަކީ ވުޟޫކުރުމެވެ. ވުޟޫކުރުމަކީ ކުދިފާފަތައް ދޮވެލާ ސާފުކޮށްލާ އަޅުކަމެކެވެ.

އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

މުސްލިމަކު ނުވަތަ މުއުމިނަކު ވުޟޫކުރާހިނދު، އޭނާގެ މޫނު ދޮވެލުމުން އެފެނާއިއެކު ނުވަތަ އެންމެ ފަހު ފެންތިއްކާއިއެކު އޭނާގެ ދެލޮލުން އޭނާ ބަލާފައިވާ ފާފަތައް މޫނުން ނުކުމެގެންދެއެވެ. ދެން އޭނާގެ ދެއަތް ދޮވެލުމުން އެފެނާއިއެކު ނުވަތަ އެންމެ ފަހު ފެންތިއްކާއިއެކު އޭނާގެ ދެއަތުން ކޮށްފައިވާ ފާފަތައް އޭނާގެ ދެއަތުން ނުކުމެގެންދެއެވެ. އަދި އޭނާގެ އޭނާގެ ދެފައި ދޮވެލުމުން އެފެނާއިއެކު ނުވަތަ އެންމެ ފަހު ފެންތިއްކާއިއެކު އޭނާގެ ފައިން ހިނގާފައިގޮސް ކުރެވިފައިވާ ފާފަތައް ނުކުމެގެންދެއެވެ. އޭނާ(އަށް ކުރެވިފައިވާ ކުދި) ފާފަތަކުން އެއްކޮށް ތާހިރުވަންދެނެވެ.” (މުސްލިމް 244)

އަދިވެސް މުސްލިމް (245) ރިވާކުރެއްވިއެވެ. ޢުޘްމާނު ބުނު ޢައްފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

“އެމީހަކު ވުޟޫކޮށް (ސުންނަތާއި އެއްގޮތައް) އެވުޟޫ ފުރިހަމަކޮށްފިނަމަ އޭނާގެ (ކުދި) ފާފަތައް ނުކުމެގެންދާނެއެވެ. ނިފަތިތަކުގެ ދަށުން އޭނާގެ އެފާފަތައް ނުކުމެގެން ދާނެއެވެ.”

 

0