އިބުރަތްތެރި ވާހަކަ
ޙަޤީޤީ ވާހަކަ: އެންމެ ހެޔޮކަމަކުން

ހެޔޮލަފާ މީހަކު ކައިރީ ސުވާލުވެވުނެވެ.

“ތިބާގެ ޙަޔާތް ބަދަލުކޮށްލި ހިސާބަކީ ކޮބާހެއްޔެވެ؟ ތިބާ އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް އުޅެންފެށީ ތިބާގެ އުމުރުގެ ކިހާހިސާބަކުން ހެއްޔެވެ؟”

އޭނާ ޖަވާބުގައި ބުންޏެވެ.

“އަހަރެންގެ ޒުވާން އުމުރުގައި އެއްވެސް ޖެހިލުމެއްނެތި ފާފަތަކަށް އަރައިގަންނަމުން ދިޔައީމެވެ. ކުރެވެން އޮތް ކޮންމެ ފާފައެއް އަހަރެން ކުރަމެވެ.

މިގޮތަށް އުޅެނިކޮށް އެއްދުވަހަކު ވަރަށް ރީތި ޒުވާން އަންހެން ކުއްޖަކު އަހަރެން ދުށީމެވެ. ފަހަރެއްގައި އެއީ އަހަރެންގެ ޙަޔާތުގައި ދުށް އެންމެ ރީތިކުއްޖާ ކަމުގައިވެސް ވެދާނެއެވެ.

އަހަރެން އެއަންހެންކުއްޖާއަށް ބޭނުންވާ ވާހަކަ ބުނީމެވެ. އެކުއްޖާހުރީ ހާސްވެ ކަންބޮޑުވެފައެވެ. އެހެންނަމަވެސް އަހަރެން އެކުއްޖާއަށް ފައިސާދީފި ނަމަ އެކުއްޖާ އަހަރެންގެ އެދުން ފުއްދާދޭނެ ކަމަށް އަހަރެން އުއްމީދު ކުރީމެވެ.

ޙަޤީޤަތުގައިވެސް ކަންތައްވީ އަހަރެން އުއްމީދުކުރި ގޮތަށެވެ. އެންމެ ފަހުން އަހަރެން ހުށައެޅި ފައިސާގައި ހިފައި އަހަރެންގެ ގާތަށް އެކުއްޖާ އައެވެ. އެކަމަކު އެކުއްޖާ ހުރީ ވަރަށް ހާސްވެ ބިރުގަންފައެވެ. އެމަންޒަރު ފެނި އަހަރެން ބުނީމެވެ.

“ތިބާ ބިރުނުގަންނާށެވެ. އަހަރެން ތިބާއަށް ގެއްލުމެއް ނުދޭނަމެވެ.”

އެހެންނަމަވެސް އަހަރެންގެ މިބަސްތަކަކުން އޭނާ ގަންފައިވާ ބިރުފިލައިގެން ނުދިޔައެވެ. އެއާ ޚިލާފަށް އޭނާގެ ޙާލަތު އިތުރަށް ގޯސްވިއެވެ. ގަދަވަޔާ ކަދުރު ރުކެއްގެ ފަންތައް ހެލޭފަދައިން އެކުއްޖާ ތުރުތުރު އަޅަން ފެށިއެވެ. އަހަރެން ބުނީމެވެ.

“ތިބާގެ ވާހަކަ އަހަންނަށް ކިޔައިދޭށެވެ.”

އެކުއްޖާ ބުންޏެވެ.

“ﷲ ގަންދީ ބުނަމެވެ. އޭ އަހަރެންގެ އަޚާއެވެ! މީގެ ކުރިން ދުވަހަކުވެސް އަހަރެންގެ ހަށިގަނޑު މިފަދަގޮތަކަށް މީހަކަށް ހުށައަޅާފައެއް ނުވާނެއެވެ. އެކަމަކު އަހަރެން މިހާލަތަށް ގެނުވީ އަހަރެންގެ ތިން ދަރިންނެވެ. އެކުދިން އެއްވެސް އެއްޗެއް ނުކާތާ ތިން ދުވަސް ވެއްޖެއެވެ. އެކުދިން އެޙާލުގައި ވާތަންފެނި އަހަރެންގެ ހިތުގައި ރަޙުމުއުފެދި މިފަދަ ގޮތަކަށް ފައިސާ ހޯދަން އަހަންނަށް މަޖުބޫރުވީއެވެ.”

އެކުއްޖާގެ މިވާހަކަތަކުން އަހަރެންގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެވާހަކަތަކުން އަހަރެންނަށް ވަރަށް އަސަރުކޮށްފިއެވެ. އަދި އަހަރެން އެކުއްޖާގެ ކިބައިން ނާޖާއިޒު ފައިދާ ނެގުމުގެ ބަދަލުގައި ގިނައަދަދެއްގެ ފައިސާއިން އެކުއްޖާއަށް އެހީދިނީމެވެ. އަދި އެކުއްޖާ ކައިރިން އެމީހުން ދިރިއުޅޭތަން އޮޅުންފިލުވައި ކާބޯތަކެއްޗާއި އަންނައުނު އެގެއަށް ގެންގޮސްދިނީމެވެ.

އަހަރެން އެނބުރި ގެއަށް އައިސް މަންމަގެ ގާތުގައި ކަންތައް ހިނގާދިޔަގޮތް ކިޔައިދިނީމެވެ. އެހިނދު އަހަރެންގެ މަންމަ ބުންޏެވެ.

“އޭ ދަރިފުޅާއެވެ! ދަރިފުޅަކީ މިއަދު ތިކުރި ހެޔޮޢަމަލު ފިޔަވައި ދުވަހަކުވެސް ހެޔޮޢަމަލެއް ކުރިމީހެއް ނޫނެވެ. ދަރިފުޅު ކުރަމުންދާ ހުރިހާ ފާފަތައް ލިޔެ ރައްކާކުރާފޮތެއް ދަރިފުޅު ގެންގުޅޭކަން މަންމައަށް އެނގެއެވެ. ދަރިފުޅާއެވެ! އަވަހަށް ދާށެވެ! ގޮސް ތިކުރި ހެޔޮ ޢަމަލުގެ ވާހަކަ އެފޮތުގައި ލިޔާށެވެ.”

އަހަރެން އަވަސްއަވަހަށް ދިޔައީމެވެ. ގޮސް އެފޮތް ނަގައި ބަލާލީމެވެ. ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ! އެފޮތުގައި މިހުރިހާ ދުވަހު އަހަރެން ލިޔުނު އެއްވެސް އެއްޗެއް ނެތެވެ. ފޮތުގެ ގަނޑުތައް ވަނީ ހުސްކޮށެވެ. އެންމެ ގަނޑެއްގައި ލިޔެފައިވާ އެންމެ ފޮޅުވަތެއް ފިޔަވައެވެ. އެފޮޅުވަތުގައި ވެއެވެ.

إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ (ހޫދު ސޫރަތުގެ 114 ވަނަ އާޔަތުން)

މާނައީ: ” ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލައެވެ.”

މިއާޔަތް ފެނުނު ހިނދު އަހަރެން ދެއަތް އުފުލައި ދުޢާކުރަން ފެށީމެވެ.

“އިބަ ﷲ ގެ ހެޔޮރަޙުމަތުން މިއަޅާ ދެން ދުވަހަކުވެސް އިބައިލާހަށް ނުއުރެދޭނަމެވެ.”

(މިވާހަކައަކީ ‘ދާރުއްސަލާމް’ އިން ނެރެފައިވާ “ސްޓޯރީސް އޮފް ރިޕެންޓެންސް” ގައިވާ ވާހަކައެއްގެ އަވަސް ތަރުޖަމާއެކެވެ.)

0