ނަޞޭޙަތާއި އިރުޝާދު
މާބޮޑު އުނދަގުލަކާނުލައި ކޮށްލެވިދާނެ 9 ހެޔޮކަމެއް!

މާތް ﷲ އަހަރެމެން މިދުނިޔެއަށް ފޮނުވުމުގެ ޙަޤީޤީ ބޭނުމަކީ އެކަލާނގެއަށް އަޅުކަން ކުރުމެވެ. ބައެއް މީހުންނަށް ބެލެވިފައި އޮންނަނީ ﷲ އަށް އަޅުކަން ކުރުމަކީ ނުވަތަ ހެޔޮ ޢަމަލު ކުރުމަކީ ވަރަށް ބުރަ ބޮޑު ކަމެއް ކަމުގައެވެ. އެހެންކަމުން ހެޔޮކަމުގެ ގޮތުން މާބޮޑު އުނދަގުލަކާނުލައި ކޮށްލެވިދާނެ 9 ހެޔޮކަމެއް ﷲ ގެ ވާގިފުޅާއެކު ބަޔާންކޮށްލާނަމެވެ.

1. ރަވާތިބު ސުންނަތުގެ 12 ރަކުޢަތް ކޮންމެ ދުވަހަކުވެސް ކުރުން
ރަވާތިބު ސުންނަތުގެ 12 ރަކުޢަތަކީ ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކުޢަތާއި މެންދުރު ނަމާދުގެ އިހު ސުންނަތުގެ 4 ރަކުޢަތާއި ފަހު ސުންނަތުގެ 2 ރަކުޢަތާއި މަޣްރިބް ނަމާދުގެ ފަހު ސުންނަތުގެ 2 ރަކުޢަތާއި ޢިޝާ ނަމާދުގެ ފަހު ސުންނަތުގެ 2 ރަކުޢަތެވެ. ރަވާތިބު ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ސުންނަތްކަން ގަދަ ވެގެންވާ 12 ރަކުޢަތަކީ މިއީއެވެ. އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ. مَا مِنْ عَبْدٍ مُسْلِمٍ يُصَلِّي لِلَّهِ كُلَّ يَوْمٍ ثِنْتَىْ عَشْرَةَ رَكْعَةً تَطَوُّعًا غَيْرَ فَرِيضَةٍ إِلاَّ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ أَوْ إِلاَّ بُنِيَ لَهُ بَيْتٌ فِي الْجَنَّةِ ‏”‏. މާނައީ: “މުސްލިމުންގެ ތެރެއިން މީހަކު ފަރުޟްނަމާދުތަކުގެ އިތުރުން ދުވާލަކު ސުންނަތް ނަމާދުގެ ބާރަ ރަކުޢަތް ﷲ އަށް ޓަކައި ކޮށްފި ނަމަ، މާތްﷲ އޭނާއަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާ ކުރައްވާ ހުއްޓެވެ.”

2. ކޮންމެ ހަފްތާއަކު ހޯމަ ބުރާސްފަތި ދެދުވަހު ރޯދަހިފުން
ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕަވާތީ އެކަމާ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. تُعْرَضُ الْأَعْمَالُ يَوْمَ ‏ ‏الِاثْنَيْنِ وَالْخَمِيسِ فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ – رواه النسائي والترمذي وابن ماجه وصححه الألباني- މާނައީ: “ޢަމަލުތައް މާތް ﷲ ގެ ޙަޟްރަތަށް ހުށައެޅޭ ދުވަހަކީ ހޯމަ އަދި ބުރާސްފަތި ދުވަހެވެ. ފަހެ ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުފުޅުތައް ހުށަހެޅެން ތިމަންކަލޭފާނު ލޯބިކުރައްވަމެވެ.

3. ކޮންމެ ރެއަކު 100 އާޔަތް ކިޔެވުން
މާތް ﷲ ރުއްސުންލެއްވި ތަމީމުއްދާރީގެ ފަރާތުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ރޭގަނޑު ސަތޭކަ އާޔަތް ކިޔަވައިފި މީހާ އެރޭ ރޭއަޅުކަން ކުރި ކަމުގެ ދަރުމަ ލިޔުއްވާނެއެވެ.” (ރަވާހުއް ތިރްމިޛީ)

4. ކޮންމެ ރެއަކު ނިދުމުގެ ކުރިން ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔެވުން
މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ރޭގަނޑުގެ ވަގުތެއްގައި ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔަވައިފިމީހަކަށް އެކަން ފުދިގެންވެއެވެ.” (ރަވާހުލް ބުޚާރީ)

3. ކޮންމެ ރެއަކު މުލްކު ސޫރަތް ކިޔެވުން
މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވިއެވެ. مَنْ قَرَأَ تَبَارَكَ الَّذِيْ بِيَدِهِ الْمُلْكُ كُلَّ لَيْلَةٍ مَنَعَهُ اللهُ بِهَا مِنْ عَذَابِ الْقَبْرِ ، وَكُنَّا فِيْ عَهْدِ رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ نُسَمِّيْهَا اَلْمَانِعَةِ ، وَإِنَّهَا فِيْ كِتَابِ اللهِ سُوْرَةٌ مَنْ قَرَأَ بِهَا فِيْ كُلِّ لَيْلَةٍ فَقَدْ أَكْثَرَ وَأَطَابَ  މާނައީ: “ކޮންމެ ރެއަކު ތަބާރަކަ ސޫރަތް ކިޔަވައިފިމީހަކު ކަށްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވާނެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުގައި އަހަރުމެން އެސޫރަތަށް ކިޔާ އުޅުނީ “އަލްމާނިޢާ” (މަނާކުރާ) އެވެ. އެއީ ﷲ ގެ ފޮތުގައިވާ ސޫރަތެކެވެ. ކޮންމެ ރެއަކު އެސޫރަތް ކިޔަވައިފި މީހަކު ވަރަށް ގިނަ ހެޔޮކަންތައް ކޮށްފިއެވެ. އަދި އޭނާ ކާމިޔާބު ހޯދައިފިއެވެ.”

6. ކޮންމެ ދުވަހަކު 100 ފަހަރު سبحان الله وبحمده ކިޔުން
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “ކޮންމެ ދުވަހަކު، 100 ފަހަރު (سُبْحَانَ الله وَبِحَمْدِهِ) މިފަދައިން ކިޔާމީހާގެ ފާފަތައް ފުހެވިދާހުއްޓެވެ. އެއީ ކަނޑުގެ ފޮނުގަނޑުހާ ގިނަކަމުގައި ވިޔަސްމެއެވެ.” (ބުޚާރީ، މުސްލިމް)

7. ކޮންމެ ދުވަހަކު 100 ފަހަރު لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير ކިޔުން
އަބޫހުރައިރާ رضي الله عنه ވިދާޅުވިއެވެ. رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙާދީޘް ކުރެއްވިއެވެ. مَنْ قَالَ: لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، فِي يَوْمٍ مِائَةَ مَرَّةٍ، كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ، وَكُتِبَتْ لَهُ مِائَةُ حَسَنَةٍ، وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ، وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِيَ، وَلَمْ يَأْتِ بِأَفْضَلَ مِمَّا جَاءَ بِهِ إِلا أَحَدٌ عَمِلَ أَكْثَرَ مِنْ ذَلِكَ.

މާނައީ: “ދުވާލަކު 100 ފަހަރު لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ކިޔައިފި މީހާ ދަންނާށެވެ. އޭނާ 10 އަޅުން މިނިވަންކުރިފަދަ އެވެ. (އެބަހީ : އެކަމުގެ ޘަވާބާ ދަރުމަ ލިބޭނެއެވެ). އަދި އޭނާގެ ހެޔޮކަމުގެ ފަތުގައި 100 ހެޔޮކަން ލިޔުންވޭނެއެވެ. އަދި އޭނާގެ ކިބައިން 100 ފާފަ ފުއްސެވޭނެއެވެ. އަދި އެދުވަހުގެ އިރުއޮއްސުމާހަމައަށް އޭނާއަށް ޝައިޠާނާގެ ކިބައިން ރައްކައުތެރިކަން ލިބޭނެއެވެ. އަދި އެދުވަހު އެއަށްވުރެ ހެޔޮވެގެންވާ ކަމަކައިގެން އެއްވެސް މީހަކު ނާންނަހުއްޓެވެ. އެއަށްވުރެ އިތުރަށް ޢަމަލުކޮށްފި މިހަކު މެނުވީއެވެ.”

8. ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުން
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَآتِ ذَا الْقُرْبَىٰ حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ މާނައީ: “ގާތްތިމާގެ މީހުންނަށް އޭނާގެ ޙައްޤު ދޭށެވެ! އަދި މިސްކީނުންނަށާއި ދަތުރުވެރިޔާއަށް ވެސް މެއެވެ.”

9. މީސްތަކުންނާމެދު ހެޔޮކޮށް ކަންތައްކުރުން
ތިރްމިޛީ ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ. خَيْرُكُمْ خَيْرُكُمْ لِأَهْلِهِ وَأَنَا خَيْرُكُمْ لِأَهْلِي މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އަނބީންނަށް ހެޔޮ މީހާއެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންކުރެ އަނބީންނަށް އެންމެ ހެޔޮ މީހާ އެވެ”.

މިއީ އަހަރެމެންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ ކަންތައްތަކެކެވެ. އެހެންކަމުން މިފަދަ ކަމެއް ކޮށްލުމަކީ މާބޮޑު ތަކުލީފެއް ނުވަތަ ޚަރަދެއް ކުރުމަކާއި ނުލައި ވަރަށް ފަސޭހައިން ކޮށްލެވޭނެ ކަންކަމެވެ. މާތް ﷲ އަޅަމެންނަށް ހެޔޮގޮތް މިންވަރު ކުރައްވާ ހެޔޮކަންކަން ކުރުމަށް އަޅަމެންގެ ހިތްތަކުގައި ލޯބި ޖައްސަވާނދޭވެ!

ރިފަރެންސް: އިސްލާމިކް ނޮލެޖް ވައިބަރ ގުރޫޕްގައިވާ ސުވާލަކަށް ޑރ.އިޔާޟް ޢަބްދުލް ލަޠީފް ދެއްވާފައިވާ ޖަވާބަކަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.

0