ނަޞޭޙަތާއި އިރުޝާދު
ގަނާ ނުކުރަންވީ 3 ސަބަބެއް

1. ﷲ އާއި އެކަލާނގެ ރަސޫލާ އެކަމަށް އަމުރުކުރައްވާފައިވާތީ

މާތް ﷲ ވަޙީކުރެއްވިއެވެ.

(يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِنْ قَوْمٍ عَسَىٰ أَنْ يَكُونُوا خَيْرًا مِنْهُمْ وَلَا نِسَاءٌ مِنْ نِسَاءٍ عَسَىٰ أَنْ يَكُنَّ خَيْرًا مِنْهُنَّ ۖ وَلَا تَلْمِزُوا أَنْفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَنْ لَمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ)

(ސޫރަތުލް ޙުޖުރާތު 11)

“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަޤަބު ތަކުން ނުގޮވާށެވެ! އީމާންވުމަށްފަހު ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތަޥްބާނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.”

ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ. “ތިބާގެ އަޚާ އަނިޔާވެރިވާއިރު ނުވަތަ އޭނާ މައްޗަށް އަނިޔާވެރިވާއިރުވެސް ނަޞްރުދޭށެވެ.” ދެން މީހަކު ދެންނެވިއެވެ. “އޭނާގެ މައްޗަށް އަނިޔާވެރިވާއިރު ތިމަންމެން ނަޞްރުދޭނަމެވެ. އެކަމަކު އޭނާ (އެހެން މީހަކަށް) އަނިޔާވެރިވާއިރު އޭނާއަށް ނަޞްރުދޭނީ ކިހިނަކުން ހެއްޔެވެ؟” ޙަދީޘްކުރެއްވިއެވެ. “އޭނާ (އެހެންމީހަކަށް) އަނިޔާވެރިވިޔަނުދީ ހުއްޓުވާށެވެ! ހަމަކަށަވަރުން އޭނަގެ ނަޞްރަކީ އެއީއެވެ.”  (ރިވާކުރެއްވީ ބުޚާރީ)

 

2. އެއީ އަނިޔާއަކަށްވާތީ

ގަނާކުރުމަކީ އަނިޔާއެކެވެ. އެއީ ޖިސްމާނީގޮތުން ކުރެވޭ ގަނާކަމުގައި ވިޔަސް، ނަފްސާނީ ގޮތުން ކުރެވޭ ގަނާކަމުގައިވިޔަސް މެއެވެ. އަނިޔާވެރިކަން ވަނީ މާތް ﷲ ޙަރާމްކުރައްވާފައެވެ.

ޤުދުސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީކުރެއްވިއެވެ. “ހަމަކަށަވަރުން ތިމަން އިލާހުގެ އަމިއްލަ ނަފުސަށް އަނިޔާވެރިކަން ޙަރާމްކުރެއްވީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައިވެސް އެއީ ޙަރާމްކަމެއްކަމުގައި ލައްވައިފީމެވެ. ފަހެ، ތިޔަބައިމީހުން އެކަކު އަނެކަކަށް އަނިޔާވެރިނުވާށެވެ.” (ރިވާކުރެއްވީ މުސްލިމް)

 

3. ބަނގުރޫޓުވެފައިވާ މީހުންގެތެރޭގައި ނުވުމަށް

ކިތަންމެ ގިނައިން ހެޔޮޢަމަލު ކުރި ކަމުގައިވިޔަސް އެހެން މީހުންނާ ދިމާއަށް އެއްޗެހިކިޔައި، އެހެން މީހުންގެ ގައިގައި ތަޅައި، މިފަދަ ޢަމަލުތައް ހިންގާނަމަ ޤިޔާމަތްދުވަހުން ބަނގުރޫޓުވެފައިވާ މީހުންގެ ތެރޭގައި ހިމެނިދާނެ ކަމުގެ އިންޒާރު ރަސޫލުﷲ ﷺ ވަނީ ދެއްވާފައެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “ބަނގުރޫޓުވެފައިވާ މީހަކީ ކާކުކަން ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟” އަޞްޙާބުބޭކަލުން ދެންނެވިއެވެ. “ބަނގުރޫޓުވެފައިވާ މީހަކީ އޭނާގެ އަތުގައި އެއްވެސް ދިރުހަމެއް، މުދަލެއް ނުވާ މީހާއެވެ.” އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުން ބަނގުރޫޓުވެފައިވާ މީހަކީ ޤިޔާމަތްދުވަހު ނަމާދާއި ރޯދައާއި ޒަކާތުގެ ހެޔޮކަމައިގެން އަންނަމީހާއެވެ. އަދި އެކަންކަމާއިއެކު އަންނައިރު އޭނަވަނީ މިވެނި މީހަކާ ދިމާލަށް އެއްޗެހި ކިޔާފައެވެ. އަދި އެވެނި މީހަކަށް ޤަޛްފުކޮށްފައެވެ. އަދި މިވެނި މީހެއްގެ މުދާ ކައިފައެވެ. އަދި މިވެނި މީހެއްގެ ލޭ އޮހުރުވާފައެވެ. އަދި އެވެނި މީހެއްގެ ގައިގައި ޖަހާފައެވެ. ދެން އޭނާގެ ހެޔޮކަމުން އެވެނި މީހަކަށް ދެއެވެ. އަދި އެ ހެޔޮކަމުން މިވެނި މީހަކަށް ދެއެވެ. އެންމެފަހުން، އެހެން މީހުންގެ ޙައްޤުތައް ދިނުމުގެ ކުރިން އޭނާގެ ހެޔޮކަންކަން ހުސްވުމުން އެމީހުންގެ ނުބައިކަންކަން އޭނާގެ ބޮލުގައިއެޅެއެވެ. ދެން އޭނާ ނަރަކައަށް އެއްލާލެވެއެވެ.” (ރިވާކުރެއްވީ މުސްލިމް)

މާތް ﷲ އަޅުގަނޑުމެން މިފަދަ ހަޑިހުތުރު ކަންކަމުން ރައްކާތެރިކުރައްވާނދޭވެ! އާމީން!

2