ޚަބަރު
ޕީސް ފައުންޑޭޝަންގެ “ދަ ލެގަސީ”

ޕީސް ފައުންޑޭޝަންގެ ފަރާތުން ބާއްވާ ތިންވަނަ “ދަ ލެގަސީ” ސެޕްޓެމްބަރ 7 އަދި 8 ގައި ﷲ ގެ އިރާދަފުޅާއެކު މާލެއާއި ހުޅުމާލޭގައި ބާއްވާނެކަން ޕީސް ފައުޑޭޝަންގެ ރަސްމީ ފޭސްބުކް ޕޭޖުގައި އިޢުލާނު ކޮށްފިއެވެ. މިފަހަރުގެ “ދަ ލެގަސީ” ގައި ބައިވެރިވެ ވަޑައިގަންނަވާނީ ހުޅަނގުގެ ދަޢުވަތުގެ މައިދާނުގައި ވަރަށް އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ އެމެރިކާއަށް ނިސްބަތްވާ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް އަބޫ އުސާމާ އައްތަހާބީ حفظه الله އެވެ. އަދި ސެޕްޓެމްބަރ 7 ވާ ހުކުރުދުވަހުގެ ރޭގައި އިސްލާމީ މަރުކަޒު މައިދާނުގައި ޢާއްމުންނަށް ހުޅުވާލެވިފައިވާ ޝައިޚްގެ ވަރަށް ޚާއްޞަ ދަރުސެއް އޮންނާނެކަންވެސް ވަނީ ބަޔާންކޮށްފައެވެ.
“ދަ ލެގަސީ” އަކީ ޕީސް ފައުންޑޭޝަންގެ އިވެންޓް ބްރޭންޑްތަކުގެ ތެރެއިން ބްރޭންޑެކެވެ. 2017 ވަނަ އަހަރު ޑރ. ބިލާލް ފިލިޕްސް ވަޑައިގެން އިފްތިތާޙު ކޮށްދެއްވި މި ޕްލެޓް ފޯމަކީ ދަޢުވަތުގެ އައު ޕްލެޓް ފޯމެކެވެ. މީގެ މަޤުޞަދަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން އިންޓަރނޭޝަނަލް ސްކޮލާރސް ރާއްޖެއަށް ތަޢާރަފުކޮށް އެބޭފުޅުންގެ ދަޢުވަތުން ރާއްޖޭގެ ރައްޔިތުންނަށް މަންފާތަކެއް ކުރުމެވެ. މިގޮތުން ދެވަނަ “ދަ ލެގަސީ” ގައި ރާއްޖެ ވަޑައިގެންފައިވަނީ ޙުސެން ޔީ އެވެ. އަދި މި އިވެންޓަށް ޢާއްމުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބޭކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ. ޕީސް ފައުންޑޭޝަންގެ އިތުރު ބްރޭންޑްތަކުގެ ތެރޭގައި ޕެބްލްސް ފެމެލީ ހަވީރު، ނަމޫނާ ވޯރކްޝޮޕް، ފުރާވުނަ އަދި ސުޖޫދު ފާހަގަކޮށްލެވެއެވެ.
ޝައިޚް އަބޫ އުސާމާ އުފަންވެ ވަޑައިގަތީ އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ނިއު ޖަރޒީއަށް 1964 ވަނަ އަހަރުގައެވެ. އިސްލާމްދީން ޤަބޫލުކޮށްފައިވަނީ އުމުރުފުޅުން 22 އަހަރުގައެވެ. އެއީ 1986 ވަނަ އަހަރެވެ. އެއަށްފަހު ތަޢުލީމު ޙާޞިލުކުރުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ މަދީނާގެ ޖާމިޔާ އިސްލާމިއްޔާގައި 8 އަހަރު ދުވަހު ޢިލްމު ޙާޞިލުކުރައްވާ ދަޢުވާ އަދި އުޞޫލުއްދީން ކުއްލިއްޔާއިން ގުރެޖުއޭޓްވެ ވަޑައިގެންނެވިއެވެ.
ޝައިޚް އަބޫ އުސާމާ އިސްލާމްވެ ވަޑައިގެންނެވި ދުވަހުއްސުރެ ވެވަޑައިގެންފައިވަނީ ދަޢުވަތުގައި ވަރަށް ޙަރަކާތްތެރި ބޭފުޅެއް ކަމުގައެވެ. އަދި އެމެރިކާއާއި ޔޫކޭގެ ވަރަށް ގިނަ މިސްކިތްތަކުގެ އިމާމެއް ކަމުގައި ވެވަޑައިގެންފައިވެއެވެ. ހަމައެފަދައިން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ޝައިޚް އަބޫ އުސާމާ ވަނީ ދަރުސް ދެއްވާ އެކި ސެމިނަރތައް ބާއްވާފައެވެ.
އެންމެ ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި ޝައިޚް އަބޫ އުސާމާއަށް ވަނީ ޝައިޚް އިބްނި ބާޒާއި ޝައިޚް އިބްނި ޢުޘައިމީންގެ އަރިހުން ޢިލްމު ޙާޞިލުކުރުމަށް ވަރަށް ޚާއްޞަ ދެ ފުރުޞަތެއްވެސް ލިބިވަޑައިގެންފައެވެ. ހަމައެއާއެކު ޝައިޚް އަބޫ އުސާމާއަށް ވަނީ ޝައިޚް އަލްބާނީގެ ދަޢުވަތުން ވަރަށް ހެޔޮ އަސަރުތަކެއް ވެސް ކޮށްފައެވެ.

0