ނަޞޭޙަތާއި އިރުޝާދު
ޙައްޖުވެރިންނަށް 20 ނަސޭހަތް

1- ޙައްޖަށް ދަތުރު ފެށުމުގެ ކުރިންނާއި، އަދި ޙައްޖު ދަތުރުގައި އިޚްލާޞްތެރި ތައުބާއަކުން ﷲ އަށް ތައުބާވާށެވެ.

2- ޙައްޖުގެ އަޅުކަން އަދާކުރަންޖެހޭ ގޮތް އިތުބާރުހުރި ދީނީ ޢިލްމުވެރިއެއްގެ އަރިހުން އަހައި އޮޅުން ފިލުވާށެވެ.

3- ގިނަފަހަރު ޙައްޖުވެފައިވާ މީހެކޭ ބުނުވުމަށް، ނުވަތަ މީސްތަކުންނަށް ދެއްކުމަށް ޙައްޖު ނުވާށެވެ.

4- ތިބާގެ އަޚާއާއި ބައްދަލު ވާ ހިނދު ހިނިތުން މޫނަކާއެކު ބައްދަލު ކުރާށެވެ. [ތިބާގެ އަޚާގެ ކުރިމަތީގައި ތިބާގެ ހިނިތުން ވުމަކީ ވެސް ޞަދަޤާތެކެވެ.]

5- ތިބާގެ މުސްލިމު އަޚުންނަށް ސަލާމް ކުރުމުގައި އިސްނަގާށެވެ. ސަލާމް ކުރުމުގައި ދަންނަމީހުންނާއި ނުދަންނަ މީހުންނަށްވެސް ސަލާމް ކުރާށެވެ. އަދި ދަންނާށެވެ. ހިލޭ އަންހެނުންނާއި ހިލޭފިރިހެނުން އަތާއި އަތްޖޯޑުކޮށް ސަލާމް ކުރުމަކީ ޙަރާމް ކަމެކެވެ.

6- ވީ މިންވަރަކުން ތިބާގެ މުސްލިމު އަޚުންނަށް އެހީ ފޯރުވައި ދޭށެވެ.

7- އެހެން ޤައުމުތަކުގެ ޙައްޖުވެރިންނާ ސަލާމްކޮށް އެމީހުންނަށް ތަޢާރަފްވެ، އެމީހުންގެ ޤައުމުތަކުގައިވާ މުސްލިމު އަޚުންގެ ޙާލު އަޙުވާލު އޮޅުން ފިލުވާށެވެ.

8- ތިބާގެ މުސްލިމު އަޚުން، އެބައިމީހުންގެ ފޮށިތަންމަތި އުފުލުމުގައި ތިބާގެ އެހީއަށް ބޭނުންވާތަން ފެނިއްޖެނަމަ އެމީހުންނަށް އެހީވާށެވެ.

9- ސިގަރޭޓް ބުއިމުން އެއްކިބާވެ ދުރުހެލިވާށެވެ! އަދި ސިގަރޭޓް ބޯ މީހުންނާއިވެސް ދުރުހެލި ވާށެވެ.

10- ގިނަގިނައިން ޤުރުއާން ކިޔަވާށެވެ.

11- ހެނދުނާއި ހަވީރުގެ ޛިކުރުތައް ކުރުން އާދަ ކުރާށެވެ.

12- ގިނަގިނައިން ﷲ އަށް ދުޢާ ދަންނަވާށެވެ! ޚާއްޞަކޮށް ސަޖިދައިގެ ވަގުތުގައި ދުޢާކުރުން ގިނަ ކުރާށެވެ.

13- ޙައްޖު ގުރޫޕްގެ ފަރާތުން ދެވޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރަމެވެ.

14- ދީނީ ގޮތުން ކަންތައް އޮންނަގޮތް ދީނީ ޢިލްމުވެރިންގެ އަރިހުން އޮޅުން ފިލުއްވާށެވެ. އަމިއްލައަށް ހިތުހުރި ގޮތަކަށް ހަދައިގެން މި އަޅުކަން ބޭކާރު ނުކުރައްވާށެވެ.

15- ޢަރަފާތް ދުވަހުގެ ކުރިން، ޤައުމުގައި ތިބި ގާތްތިމާގެ މީހުންނަށް ގުޅައި، ޢަރަފާތްދުވަހު ރޯދަ ހިފުމަށް ވަޞިއްޔަތް ކުރާށެވެ.

16- ޢީދު ދުވަހު ގާތްތިމާގެ މީހުންނަށް ގުޅައި، ޢީދުގެ ތަހުނިޔާ ކިޔާށެވެ.

17- ތިބާގެ ގާތްތިމާގެ މީހުންނާއި، އެކުވެރިންނާއި، މި ލިޔުންކޮޅު ލިޔުނު މީހާއަށް ހެޔޮ ދުޢާ ކުރުން ހަނދާން ނައްތާ ނުލާށެވެ.

18- ހޫނު ގަދަވެއްޖެނަމަ ހަނދުމަކުރާށެވެ. ނަރަކައިގެ ހޫނުކަން އެއަށްވުރެ ހޫނު ކަން ގަދަ އެވެ.

19- މިނާގައި ޝައިޚުން ދެއްވާ ދީނީ ނަސޭހަތުގެ ބަސްކޮޅު އަޑުއެހުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ.

20- މީހުންގެ ވާހަކަ ދެއްކުމާއި، ޣީބަ ބުނުމާއި، ނެތިމޮށުމުން އެއްކިބާވެ ހުންނާށެވެ.

(މިއީ ނޫރުލްއިސްލާމް ވެބްސައިޓްގައި އައްޝައިޚް މުޙައްމަދު 

އަނީލް ލިޔުއްވާފައިވާ ލިޔުމެކެވެ.)

0