ހަމަކަށަވަރުން ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ ﷺ ޙަދީޘްކުރައްވާތީ އެކަލޭގެފާނު އަޑުއެއްސެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“ހަމަކަށަވަރުން ބަނީ އިސްރާއީލުންގެ ތެރޭގައި ތިން މީހަކު އުޅުނެވެ. އެއީ ބަރަޞް ބަލި ޖެހިފައިވާ މީހަކާއި، ބޯ ތަލަވެފައިވާ މީހަކާއި، ކަނު މީހެކެވެ. ﷲ ޞުބްޙާނަހޫ ވަތަޢާލާ އެތިންމީހުން އިމްތިޙާނުކުރުމަށް އިރާދަކުރެއްވިއެވެ.
ދެން އެކަލާނގެ އެމީހުންގެ ގާތަށް މަލާއިކަތަކު(އިންސާނެއްގެ ސޫރައިގައި) ފޮނުއްވެވިއެވެ. އެމަލާއިކަތާ ބަރަޞް ބަލި ޖެހިފައިވާ މީހާގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. “ތިބާގެ ގާތުގައި އެންމެ ލޮބުވެތިކަންބޮޑު ކޮންއެއްޗެއް ހެއްޔެވެ؟” އޭނާ ބުންޏެވެ. “ހަށިގަނޑުގެ ކުލަރީތިވުމާއި، ހަންގަނޑު ރީތިވުމެވެ. އަދި މީސްތަކުން އަހަރެންދެކެ ފަކުރުގަންނަ ކަންތައް(ބަރަޞްބަލި) ފިލައިދިއުމެވެ. ދެން އެމަލާއިކަތާ އޭނާގެ ގައިގައި ބީއްސަވާލެއްވުމުން އޭނަގެ ގައިން ބަރަޞްބަލި ފިލައިގޮސް ކުލަރީތި ހަށިގަނޑަކާއި ރީތި ހަންގަނޑެއް ދެއްވިއެވެ. ދެން އެ މަލާއިކަތާ ދެންނެވިއެވެ. “ތިބާގެ ގާތުގައި އެންމެ ލޮބުވެތިކަންބޮޑު މުދަލަކީ ކޮބައިތޯއެވެ؟” އޭނާ ބުންޏެވެ. “ޖަމަލެވެ.” ދެން އެމަލާއިކަތާ އޭނާއަށް ވިހަން ކައިރިވެފައިވާ ޖަމަލެއް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. “މާތް ﷲ ތިބާގެ މުދަލުގައި ބަރަކާތް ލައްވާށިއެވެ.”
ދެން އެމަލާއިކަތާ ބޯ ތަލަވެފައިވާ މީހާގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. “ތިބާގެ ގާތުގައި އެންމެ ލޮބުވެތިކަންބޮޑު ކޮންއެއްޗެއް ހެއްޔެވެ؟” އޭނާ ބުންޏެވެ. ރީތި އިސްތަށިގަނޑެކެވެ. އަދި މީސްތަކުން އަހަރެންދެކެ ފަކުރުގަންނަ ކަންތައް(ބޮލުގެ ތަލަކަން) ފިލައިދިއުމެވެ.” ދެން އެމަލާއިކަތާ އޭނާގެ ގައިގައި ބީއްސަވާލެއްވުމުން އޭނަގެ ބޮލުގެ ތަލަކަން ފިލައިގޮސް ރީތި އިސްތަށިގަނޑެއް ދެއްވިއެވެ. ދެން އެ މަލާއިކަތާ ދެންނެވިއެވެ. “ތިބާގެ ގާތުގައި އެންމެ ލޮބުވެތިކަންބޮޑު މުދަލަކީ ކޮބައިތޯއެވެ؟” އޭނާ ބުންޏެވެ. “ގެރިއެވެ.” ދެން އެމަލާއިކަތާ އޭނާއަށް މާބަނޑު ގެރިއެއް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. “މާތް ﷲ ތިބާގެ މުދަލުގައި ބަރަކާތް ލައްވާށިއެވެ.”
ދެން އެމަލާއިކަތާ ކަނުމީހާގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. “ތިބާގެ ގާތުގައި އެންމެ ލޮބުވެތިކަންބޮޑީ ކޮންއެއްޗެއް ހެއްޔެވެ؟” އޭނާ ބުންޏެވެ. މީސްތަކުން ދުށުމަށްޓަކައި، މާތް ﷲ އަހަރެންގެ ލޮލުގެ ފެނުން އަނބުރާ ދެއްވުމެވެ.” ދެން އެމަލާއިކަތާ އޭނާގެ ގައިގައި ބީއްސަވާލެއްވުމުން، ﷲ އޭނަގެ ލޮލުގެ ފެނުން އަނބުރާދެއްވިއެވެ. ދެން އެ މަލާއިކަތާ ދެންނެވިއެވެ. “ތިބާގެ ގާތުގައި އެންމެ ލޮބުވެތިކަންބޮޑު މުދަލަކީ ކޮބައިތޯއެވެ؟” އޭނާ ބުންޏެވެ. “ކަންބަޅިއެވެ.” ދެން އެމަލާއިކަތާ އޭނާއަށް މާބަނޑު ކަންބަޅިއެއް ދެއްވިއެވެ.
ދެން އެތިންމީހުންނަށް ދެއްވި ތަކެތި ވިހައި އާލާވެ އިތުރުވިއެވެ. އަދި ފުރަތަމަ މީހާއަށް ވާދީއެއްގެ ޖަމަލު ދެއްވިއެވެ. އަދި ދެވަނަމީހާއަށް ގެރީގެ ވާދީއެއް ދެއްވިއެވެ. އަދި ތިންވަނަމީހާއަށް ކަނބަޅީގެ ވާދީއެއް ދެއްވިއެވެ. ”
އެކަލޭގަފާނު ޙަދީޘްކުރެއްވިއެވެ. “ދެން އެމަލާއިކަތާ ކުރިން ބަރަޞްބަލި ޖެހިފައިވާ މީހާގެ ގާތަށް އޭނާ ބަރަޞްބަލި ޖެހިފައި ހުރިއިރު ހުރި ސޫރައިގައި ހަމައެފަދައިން ވާހާލު ވަޑައިގެން ވިދާޅުވިއެވެ. “ތިމަންނައަކީ މިސްކީނަކީމެވެ. ދަތުރުމަތީގައި އަހަރެންގެ މުދާ ހުސްވެ ހާލުގައި ޖެހިއްޖެއެވެ. ﷲގެ މަދަދަށްފަހު ތިބާގެ އެހީތެރިކަން ލިބިގެން މެނުވީ އަހަރެންގެ މަންޒިލަށް ވާޞިލްނުވެވޭނެއެވެ. ތިބާއަށް ހަންގަޑަށް ރީތި ކުލައަކާއި ރީތިހަށިގަނޑަކާއި އަދި ތިބާއަށް މުދާ ދެއްވެވި ފަރާތަށްޓަކައި، އަހަރެންގެ ދަތުރުފުރިހަމަ ކުރުމަށް ޖަމަލެއް ދިނުމަށް ތިބާގެ ގާތުން އެދެމެވެ. އެނާ ބުންޏެވެ. “(އަހަރެން އަދާކުރަންޖެހޭ) ޙައްޤުތައް ވަރަށް ގިނައެވެ.” މަލާއިކަތާ އޭނާއަށް ވިދާޅުވިއެވެ. “އަހަރެން ތިބާ ދަންނަ ވައްތަރު ޖަހައެވެ. ބަރަޞްބަލި ޖެހިފައިވާ، މީސްތަކުން ތިބާދެކެ ފަކުރުގަންނަ ފަޤީރަކު ކަމުގައި ތިބާވީމު ނޫންހެއްޔެވެ؟ ދެން ﷲ ތިބާއަށް ނިޢުމަތްތައް ދެއްވިއެއް ނޫންހެއްޔެވެ؟” އޭނާ ބުންޏެވެ. ” ހަމަކަށަވަރުން ތިމަންނައަށް މިތަކެތި ލިބުނީ ވާރުތަމުދަލުގެ ގޮތުގައި ތިމަންނަގެ ކާބަފައިންގެ ފަރާތުންނެވެ.” މަލާއިކަތާ ވިދާޅުވިއެވެ. “ތިބާ ތިޔައީ ދޮގުވެރިއެއްކަމުގައި ވާނަމަ މާތް ﷲ، ތިބާ ކުރިން ހުރި ޙާލަށް ބަދަލުކުރަށްވާންދޭވެ!”
ދެން އެމަލާއިކަތާ ކުރިން ބޯތަލަވެފައިވާ މީހާގެ ގާތަށް، އޭނާ ބޯތަލަވެފައި ހުރިއިރު ހުރި ސޫރައިގައި ވަޑައިގެން ހަމަކުރިން ވިދާޅުވި ފަދައިން ވިދާޅުވިއެވެ. އަދި އޭނާވެސް ޖަވާބު ދިނީ ހަމަ ބަރަޞްބަލި ޖެހިފައިވާ މީހާ ޖަވާބުދިން ފަދައިންނެވެ. ދެން މަލާއިތާ ވިދާޅުވިއެވެ. “ތިބާ ތިޔައީ ދޮގުވެރިއެއްކަމުގައި ވާނަމަ މާތް ﷲ، ތިބާ ކުރިން ހުރި ޙާލަށް ބަދަލުކުރަށްވާންދޭވެ!”
“ދެން އެމަލާއިކަތާ ކުރިން ލޯކަނުވެފައިވާ މީހާގެ ގާތަށް އޭނާ ކުރިންހުރި ސޫރައިގައި ވަޑައިގެން ވިދާޅުވިއެވެ. “ތިމަންނައަކީ މިސްކީނަކީމެވެ. އަދި ދަތުރުވެރިޔަކީމެވެ. ދަތުރުމަތީގައި އަހަރެންގެ މުދާ ހުސްވެ ހާލުގައި ޖެހިއްޖެއެވެ. ﷲގެ މަދަދަށްފަހު ތިބާގެ އެހީތެރިކަން ލިބިގެން މެނުވީ އަހަރެންގެ މަންޒިލަށް ވާޞިލްނުވެވޭނެއެވެ. ތިބާއަށް ލޮލުގެ ފެނުން އަނބުރާދެއްވެވި ފަރާތަށްޓަކައި، އަހަރެންގެ ދަތުރުފުރިހަމަ ކުރުމަށް ކަނބަޅިއެއް ދިނުމަށް ތިބާގެ ގާތުން އެދެމެވެ. އެނާ ބުންޏެވެ. “ހަމަކަށަވަރުން އަހަރެން ލޮލަށް ނުފެންނަ މީހެއްކަމުގައި ވީމެވެ. ދެން މާތް ﷲ އަހަރެންގެ ލޮލުގެ ފެނުން އަނބުރާ ދެއްވިއެވެ. ތިބާ ބޭނުން އެއްޗެއް ގެންދާށެވެ. އަދި ބޭނުން އެއްޗެއް ނުގެންގޮސް ބަހައްޓާށެވެ. ﷲ ގަންދީބުނަމެވެ. ﷲއަށްޓަކައި ތިބާ ގެންދާ އެއްޗެއް މިއަދު އަހަރެން ނުހިފަހައްޓާނަމެވެ. އެމަލާއިކަތާ ވިދާޅުވިއެވެ. “ތިބާގެ މުދާ ތިބާގެ އަތުގައި ބަހައްޓާށެވެ. ހަމަކަށަވަރުން ﷲ ތިޔަ ތިން މީހުން އިމްތިޙާނުކުރެއްވީއެވެ. ފަހެ ހަމަކަށަވަރުން، ﷲ ތިބާއާމެދު ރުހިވޮޑިގަންނަވައިފިއެވެ. އަދި ތިބާގެ ދެ އެކުވެރިންނާމެދު ރުހިވޮޑިނުގަންނަވައިފިއެވެ.”
(ޞަޙީޙް މުސްލިމް 2964 ޙަދީޘްގެ ތަރުޖަމާ)