މުޖުތަމަޢު
ރީތީގެ ރާނީއަކަށް ވުމަށްޓަކައި..؟

ލޮބުވެތި އުޚްތެވެ. ތިބާ ޙަޔާތުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަން ބޭނުންވަނީ އެތެރެއާއި ބޭރުން ރީތިކަމަށް ލާމަސީލު އަންހެނެއްގެ ގޮތުގައި ކަމަށް ވަނީ ނަމަ ތިރީގައި ކުރުގޮތަކަށް ބަޔާންކޮށްލެވިފައިވާ އިރުޝާދުތަކަށް ބަލާލުން ކީއްތޯއެވެ.

✿ ތިބާގެ ލޯ ރީތިކުރުމަށްޓަކައި، ކައިވެނި ޙަލާލް ފިރިހެނުންގެ ޙާޒިރުގައި ބެލުން ތިރިކުރާށެވެ. އޭރުން ތިބާގެ ދެލޮލަށް ރައްކާތެރިކަން ލިބޭނެއެވެ.

✿ މޫނު އަލިކޮށް އުޖާލާކޮށް ބެހެއްޓުމަށްޓަކައި ދުވާލަކު މަދުވެގެން ފަސްފަހަރު ވުޟޫކުރާށެވެ.

✿ ޖާދުވީ ތުންފަތެއް ބަހައްޓަން ބޭނުން ކަމުގައިވާ ނަމަ، މެދުކެނޑުމެއް ނެތި ހެޔޮ ބަސްތަކާއި ﷲ ރުއްސަވާނެ އެންމެހައި އެއްޗެއް ކިޔާށެވެ.

✿ މޫނުގެ ތަފާތު މޭކަޕެއް ޖައްސަން ބޭނުންނަމަ “ލަދު” ބްރޭންޑްގެ މޭކަޕް ސެޓެއް ހޯދާށެވެ. އަދި ﷲ ގެ ރުހިވޮޑިގަތުން ލިބެން ނެތް ކޮންމެ ކަމެއް ކުރަން ހިތަށް އަރާ ދަނޑިވަޅުގައި އެކަލާނގެއަށް ފުރިހަމައަށް ލަދުވެތިވާށެވެ.

✿ ތިބާގެ މޫނާއި ހަށިގަނޑު އިލާހީ ނޫރުން އަލިކުރުމަށްޓަކައި އިސްތިޣްފާރު “ސައިބޯނި” ބޭނުންކުރާށެވެ.

✿ ތިބާގެ ހަށިގަނޑު އަވީން ސަލާމަތްވުމަށްޓަކައި ކުޑަޔަކަށް ވުރެ ބޮޑަށް އެދެވިގެންވަނީ އިސްލާމީ ފުރިހަމަ ޙިޖާބުން ރައްކާތެރިކަން ހޯދުމެވެ. އެހެނީ އެ ޙިޖާބު ތިބާ އިރުގެ ދޯދިތަކުން ސަލާމަތް ކޮށްދިނުމުގެ އިތުރުން ހިލޭ ފިރިހެނުންގެ ނުރައްކާތެރި ބެލުންތަކުން ރައްކާތެރިކޮށްދޭނެއެވެ.

✿ ތިބާގެ އަތުގައި ކިޔަމަންތެރިކަމުގެ ތަނޑިއަޅާށެވެ. އަދި ބޭނުންޖެހިފައިވާ މުސްލިމުންނަށްޓަކައި މުށްބާރުކޮށް ނުލާށެވެ.

✿ ހިތުގެ ބަލިތަކުން ސަލާމަތްވުމަށްޓަކައި ތިބާއަށް އަނިޔާވެރިވެ، ބޭވަފާތެރިވީ މީހުންނަށް މާފުކުރާށެވެ.

މަތީގައި އެވާ ކުރު އިރުޝާދުތަކުގެ އިތުރުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވި އެންމެހައި އެންގެވުންތަކަށް ތަބާވެއްޖެނަމަ ތިބާ ވާނީ ރީތީގެ ރާނީއަކަށެވެ. ސުވަރުގޭގެ ގަނޑުވަރުތަކުގެ ތެރޭގައެވެ. މާތްކަމާއި ޢިއްޒަތުގައެވެ. ނިޢުމަތާއި އުފަލުގައެވެ. އަރާމާއި ހިތްހަމަޖެހުމުގައެވެ.

(އިސްތިޣްފާރު ކުރުމަކީ މާތްﷲގެ ކިބައިން ފާފަ ފުއްސަވައި ދެއްވުމަށް އެދި ދެންނެވުމެވެ.)

 

މިއީ ނޫރުލް އިސްލާމް ވެބްސައިޓްގައި ބިލާލް ތަރުޖަމާ ކޮށް ލިޔެފައިވާ ލިޔުމެކެވެ.

0