ދީން
ނަމާދު (4): ޙަރަމް ބަން ތަކުބީރާއި ދުޢާއުލް އިސްތިފްތާޙް
  • حَرَمْ ބަން تَكْبِيْرُ

اللَّهُ أَكْبَرُ  އެބަހީ ނަމާދު ފަށާއިރު ހަށަންބަންނަމުން ކިޔާތަކުބީރެވެ. މާތްﷲ ރުއްސުންލެއްވި ޢަލީގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން رسول الله ‘ ޙަދީޘް ފުޅުކުރެއްވިއެވެ.     “مِفْتَاحُ الصَّلاَةِ الطُّهُورُ, وَتَحْرِيْمُهَا التَكْبِيْرُ, وَتَحْلِيْلُهَا التَّسْلِيمُ”     މާނައީ: “ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. އަދި (ވާހަކަދެއްކުމާއި ކެއިންބުއިންފަދަ ކަންތައްތައް) ނަމާދުގެ ތެރޭގައި ކުރުން ޙަރާމްކޮށްދެނީ ތަކުބީރެވެ. އަދި ނަމާދުން ބޭރުގައި (އެކަންތައްތައް) ޙަލާލުކޮށްދެނީ ސަލާމެވެ. ނުވަތަ ނަމާދުގެ ޙުރުމަތްތެރިކަމުގެ ތެރެއަށް ވައްދައިދެނީ ތަކުބީރެވެ. އަދި ނަމާދުގެ ޙުރުމަތްތެރިކަމުގެ ތެރެއިން ނެރެދެނީ ސަލާމެވެ.” އަދި މާތްﷲ ރުއްސުންލެއްވި އަބޫޙުމައިދު އައްސާޢިދީގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ” رسول الله ‘  ނަމާދުކުރައްވަން ތެދުވެވަޑައިގަންނަވާ ހިނދު ރީތިކޮށް ސީދާވެވަޑައިގެން ދެއަތްޕުޅު އުފުއްލަވައި اللَّهُ أَكْبَرُ  އޭ ވިދާޅުވެއެވެ.

  • دُعاَءُ الاِسْتِفْتَاح ( ނަމާދު ފަށާ ދުޢާ)

ފަހެ ތަފާތު ދުޢާތަށް دُعاَءُ الاِسْتِفْتَاح ގެ ގޮތުގައި رسول الله ‘  ގެ ކިބައިން ވާރިދުވެގެން އައިސްފައިވެއެވެ. އޭގެތެރެއިން އެންމެ ޞައްޙަވެގެންވާ ދުޢާތަކުން ދެ ދުޢާއެއް މިތާނގައި ބަޔާންކުރަމެވެ. އަދި މިނޫނަސް ޞައްޙަމަގުން ފަރިދުވެފައިވާ ދުޢާތައްވެއެވެ. ވީމާ މިއިން ކޮންމެ ދުޢާއެއްވެސް ކިޔިދާނެއެވެ.

☜ “اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ ، كَمَا بَاعَدْتَ بَيْنَ المَشْرِقِ وَالمَغْرِبِ ، اللَّهُمَّ نَقِّنِي مِنَ الخَطَايَا ، كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ ، اللَّهُمَّ اغْسِلْ خَطَايَايَ بِالْمَاءِ ، وَالثَّلْجِ ، وَالبَرَدِ ”

“އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިރު އަރާ ފަރާތާއި، އިރު އޮއްސޭ ފަރާތާ ދެމެދު އިބަﷲ ދުރު ކުރެއްވިފަދައިން މިއަޅާއާއި މިއަޅާގެ ކުށްފާފަތަކާ ދެމެދު ދުރުކޮށްދެއްވާދޭވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހުދު ފޭރާން ހަޑިމިލައިން ސާފުކުރެވޭ ފަދައިން މިއަޅާގެ ކުށްފާފަތަކުން މިއަޅާ ސާފުކޮށްދެއްވާނދޭވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ސުނޯއާއި ފެނާއި ގަނޑުފެނުން މިއަޅާގެ ކުށްފާފަތައް ދޮވެދެއްވާނދޭވެ!”

☜ “وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا ، وَمَا أَنَا مِنَ الْمُشْرِكِينَ ، إِنَّ صَلَاتِي ، وَنُسُكِي ، وَمَحْيَايَ ، وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ ، لَا شَرِيكَ لَهُ ، وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ ، اللهُمَّ أَنْتَ الْمَلِكُ لَا إِلَهَ إِلَّا أَنْتَ أَنْتَ رَبِّي ، وَأَنَا عَبْدُكَ ، ظَلَمْتُ نَفْسِي ، وَاعْتَرَفْتُ بِذَنْبِي، فَاغْفِرْ لِي ذُنُوبِي جَمِيعًا ، إِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ ، وَاهْدِنِي لِأَحْسَنِ الْأَخْلَاقِ لَا يَهْدِي لِأَحْسَنِهَا إِلَّا أَنْتَ ، وَاصْرِفْ عَنِّي سَيِّئَهَا لَا يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ ، لَبَّيْكَ وَسَعْدَيْكَ وَالْخَيْرُ كُلُّهُ فِي يَدَيْكَ ، وَالشَّرُّ لَيْسَ إِلَيْكَ ، أَنَا بِكَ وَإِلَيْكَ ، تَبَارَكْتَ وَتَعَالَيْتَ ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ”

“އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި ފަރާތަށް މިއަޅާގެ މޫނު، ބާޠިލުޢަޤީދާތަކުން އެއްކިބާވެހުރެ އިޚްލާޞްތެރިކަމާއެކު ކުރިމަތިކުރަމެވެ. އަދި މިއަޅާ މުޝްރިކުންގެ ތެރެއިން ނުވަމެވެ. ހަމަކަށަވަރުން މިއަޅާގެ ނަމާދާއި މިއަޅާގެ ޤުރުބާނާއި މިއަޅާގެ ދިރިހުރުމާއި މިއަޅާގެ މަރުވުން ލިބިވޮޑިގެންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. މިއަޅާއަށް އަމުރުކުރެވިގެންވަނީ މިފަދައިންނެވެ. އަދި  މިއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަﷲއީ ޙަޤީޤީރަސްކަލާއެވެ. އިބަﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އިބަﷲއީ މިއަޅާގެ ވެރިރަސްކަލާނގެއެވެ. އަދި މިއަޅާއީ އިބަﷲގެ އަޅަކީމެވެ. މިއަޅާވަނީ މިއަޅާގެ ނަފްސަށް އަނިޔާވެރިވެފައެވެ. އަދި މިއަޅާގެ ފާފަތަކަށް މިއަޅާ އިޢުތިރާފު ވެއްޖައިމެވެ. ވީމާ މިއަޅާގެ އެންމެހާ ފާފަތައް މިއަޅާއަށް ފުއްސަވާންދޭވެ. ހަމަކަށަވަރުން އިބަﷲ ފިޔަވައި ފާފަތަށް ފުއްސަވާދެއްވާނެ އެހެން އެއްވެސް ވަރާތެއް ނުވެއެވެ. ރިވެތި އަޚްލާޤަށް މިއަޅާއަށް މަގުދައްކަވާނދޭވެ!  އިބަﷲ ފިޔަވައި އެފަދަ ރިވެތި އަޚްލާޤަކަށް މަގުދެއްކޭނެ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އަދި ނުބައި އަޚްލާޤު މިއަޅާގެ ކިބައިން ދުރުކޮށްދެއްވާނދޭވެ! އިބަﷲ ފިޔަވައި އެފަދަ ނުބައި އަޚުލާޤެއް މިއަޅާގެ ކިބައިން ދުރުކުރެވޭނެ އެހެން ފަރާތެއް ނުވެއެވެ. މިއަޅާ އިބަﷲގެ ގޮވައިލުންތަކަށް ޙާޟިރުވަމެވެ. އަދި އިބަﷲގެ ގޮވައިލުންތަކަށް އިޖާބަދެމެވެ. އަދި އެންމެހާ ހެޔޮކަމެއްވަނީ އިބަﷲގެ ދެއަތްޕުޅުގައެވެ. އަދި ނުބައި އެއްވެސްކަމެއް އިބަﷲގެ ޙަޟްރަތަށް ނިސްބަތްވެގެން ނުވެއެވެ. މިއަޅާ ދިރިހުރުންވަނީ އިބަﷲގެ ބާރުފުޅާއެކުގައެވެ. އަދި އެނބުރި ރުޖޫޢަވުންވަނީ އިބަﷲގެ ޙަޟްރަތަށެވެ. އިބަރަސްކަލާނގެ މާތްވެ މަތިވެރިވެވޮޑިގެންވެއެވެ. އަދި އިބަރަސްކަލާނގެ ޙަޟްރަތަށް ފާފަފުއްސެވުމަށް އެދި ދަންނަވަމެވެ. އަދި މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތަށް ތައުބާވަމެވެ.”

0