ދީން
އާފުރޭހިނދު ކަންތައް ކުރަންވީ ކިހިނެއް؟

އާފުރުމަކީ މަކްރޫހަކަމެކެވެ. އެއީ ނަމާދުގައިވިޔަސް ނަމާދުން ބޭރުގައި ވިޔަސްމެއެވެ. އަދި ނަމާދުގައި ނަމަ އެކަމުގެ މަކްރޫހަކަން ބޮޑުވެގެންވެއެވެ. އަދި ސުންނަތްވެގެންވަނީ އާފުރުން ހުއްޓުވަން މަސައްކަތް ކުރުމެވެ.

އަބޫހުރައިރާ (ރަޟިޔަﷲ ޢަންހުގެ) ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

” ހަމަކަށަވަރުން  ކިނބިހި އެޅުމަށް ﷲ ރުހިވޮޑިގަނެއެވެ. އަދި އާފުރުމަށް އެއިލާހު ރުހިވޮޑިއެއް ނުގަންނަވައެވެ. ފަހެ މީހަކު ކިނބިއަޅައި ﷲއަށް ޙަމްދުކޮށްފިނަމަ، އޭނާ އެހެން ބުނާ އަޑުއިވޭހިނދު ‘يَرْحَمُكَ اللّه’ އޭ ބުނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ޙައްޤެކެވެ. އަދި އާފުރުން ދަންނައެވެ! ފަހެ ހަމަކަށަވަރުން އެއީ ޝައިޠާނާގެ ކިބައިން މެދުވެރިވާ ކަމެކެވެ. ފަހެ އެކަން ކުޅަދާނަވީ ވަރަކުން ހުއްޓުވަން މަސައްކަތަކުރާށެވެ. ފަހެ މީހަކު އާފުރޭހިނދު ‘އާ’ މިފަދައިން ބުނެވިއްޖެނަމަ ޝައިޠާނާ އެކަމާ އުފާކޮށް ހޭނެތެވެ.”(ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް)

އަދި އަބޫ ސަޢީދު (ރަޟިޔަﷲ ޢަންހުގެ) ކިބައިން ރިވާވެގެން ވެއެވެ.އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

“ތިޔަބައިމީހުންކުރެ މީހަކު އާފުރޭނަމަ، އެމީހެއްގެ އަތް އަނގަމަތީގައި އަޅައި ނިވައިކުރާށެވެ. ފަހެ ހަމަކަށަވަރުން (އާފުރޭ ވަގުތު) ޝައިޠާނާ (އަނގައިގެ ތެރެއަށް) ވަދެއެވެ.” (ރިވާކުރެއްވީ މުސްލިމް)

އެހެންކަމުން މީހަކަށް އާފުރޭގޮތް ވެއްޖެނަމަ އެކަން ހުއްޓުވުމަށް މަސައްކަތް ކުރަން ވާނެއެވެ. އަދި ނުހުއްޓުވި އަނގަ ހުޅުވޭގޮތް ވެއްޖެނަމަ އަނގަމަތީ އަތް އަޅައި ފޮރުވަން ވާނެއެވެ.

އާފުރޭހިނދު އަނގަމަތީގައި އަތްއަޅާއިރު ކަނާއަތް ނުވަތަ ވާއަތް އެޅިޔަސް މައްސަލައެއް ނެތްކަމަށް ޝެއިޚް އިބްނު ޢުޘައިމީން ފަތުވާ ދެއްވާފައިވެއެވެ. އެއީ ސުންނަތުން ވަކި އަތްޕުޅެއް އެޅުއްވިކަން ޘާބިތުވާން ނެތުމުންނެވެ. މިކަމުގައި މުހިންމީ އަނގަ ހުޅުވިއްޖެނަމަ ކޮންމެ އަތަކުން ވިޔަސް ފޮރުވުމެވެ.

މައުލޫމާތު ނެގީ: އިސްލާމް ކިއު އޭ

0