އިސްލާމީ ތާރީޚު
މަސްޖިދުއް ނަބަވީ ބިނާކުރެއްވުން (2)

މިހިސާބުން ނަބިއްޔާ صلى الله عليه وسلّم އެތަނުގައި ބިނާ ކުރެވުނު މުސްލިމުންގެ ތަޢުލީމުގެ ކިއްލާ المسجد النبوي ގެ މިން ކަޑައެޅުންވިއެވެ.އުތުރުން ދެކުނަށް 70 މުށެވެ. އިރުން ހުޅަނގަށް 60 މުށެއެވެ. ދެން އަޞްޙާބު ބޭކަލުން 3 މުށް ފުނަށް އިން ކޮންނަވައި ހިލަތައްލައްވައި އެމިސްކިތުގެ ބިންގާ އެޅުއްވެވިއެވެ. އަދި ބިމުން މަށްޗަށް އެބިންގާ އުފެއްލެވިއެވެ. އަދި މިސްކިތުގެ އިރުމަތީ ފަރާތުގައި ވެލިން ގާތަކެއް އަޅުއްވައި އެގާތައް ހިއްކުމަށްފަހު މިސްކިތުގެ ފާރު ރާނައްވަވަމުން ގެންދިއެވެ. މާތް ރަސުލު صلى الله عليه وسلّمއެއިރު ގާތައް އުފުއްލަވާ އަސްޙާބު ބޭކަލުންނާއި އެކުގައި މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ.

މިސްކިތުގެ ވަށާފާރު 5 މުށަށް އުސްކުރައްވާ ކޮންމެ ކަނެއްގެ ތަނބު ހިލައިން ހެއްދެއްވިއެވެ. އަދި މިސްކިތުގައި 3 ދޮރުކޮޅު ލެއްވިއެވެ. މިގޮތުން ދޮރުލެވުނީ އިރުމަތީ ފަރާތުގައްޔާއި ހުޅަނގު ފާރާތުގައްޔާއި ދެކުނު ފަރާތުގައިއެވެ. އުތުރު ފަރާތުގައި ދޮރުކޮޅެއް ނުލެއްވީ އެއީ  އެވަގުތުގައި ޤިބުލަފަރާތް ކަމުގައި ވާތީއެވެ.

ދެން ޢަޞްޙާބު ބޭކަލުން އުތުރު ފަރާތުގައި 3 ޞަފު ކަދުރު ރުކުގެ ގަސްގަޑުން ހެއްދެވިއެވެ. ކޮންމެ ސަފެއްގައި ކަދުރު ރުކުގެ 6 ތަނބެވެ. އެއީ ފުރާޅު ހިފައްޓާ ކަޑަތަކެއްގެ ގޮތުގައެވެ. އަދި އެއަށްފަހު ފުރާޅުގައި ތޮނު އަޅުއްވައި އޭގެ މަތީގައި ކުނާއެޅިއެވެ. އަދި ކުނަލުގެ މަތީގައި ކަދުރު ރުކުގެ ފަން އެޅުއްވިއެވެ. އެއަށް ފަހު ވެލީގެ ފަށަލައެއް މަތީގައި އަޅުއްވައި މިސްކިތުގެ ތެރޭގައި ހިމުން ހިލަތަކާއި ވެލި އަޅުއްވައި ހަމަ ކުރެއްވިއެވެ.

އަދި މިސްކިތުގެ އިރު ދެކުނު ފަރާތުގައި  މާތް ނަބިއްޔާގެ ދެ އަނބިކަނބަލުންނަށް (ޢާއިޝަތުގެ ފާނާއި  އާއި  ސައުދާގެ ފާނަށް )  ދެ ކޮޓަރިކޮޅު އެޅުއްވިއެވެ.

މިހިސާބުން މަސްޖިދުއްނަބަވީ ވެގެންދިޔައީ އަޅުކަމާއި، ލީޑާރޝިޕާއި މުސްލިމު މުޖުތަމައު ބިނާކުރުމުގެ މަޤައްރަކަށެވެ. އެތަނުގައި ޢަޞްޙާބު ބޭކަލުން ރަސޫލުصلى الله عليه وسلّم ފަހަތް ޕުޅުގައި ނަމާދުކޮށް އެކަލޭގެ ފާނުގެ އަރިހުން ވަޙީގެ ބަސްފުޅުތައް އަޑުއަހައި އަދިވެސް ދީނުގެ ކަންތައްތައް އޮޅުންފިލުވަމުން ގެންދެވެިއެވެ.

އަދި އޭގެ އިތުރައް އެތާގައި ދަމު ނަމާދާއި ރަމަޟާ މަހުގައި އިޢުތިކާފަށް ތިބުން އެތަނުގައި ކުރިޔަށް ދިޔައެވެ. އެއިރު އެ އެންމެ ބޭކަލުންގެ އިމާމެއް ކަމުގައި ހުންނެވީ މާތް ނަބިއްޔާ صلى الله عليه وسلّم އެވެ. އެކަލޭގެފާނު ގިނަ ވަގުތުތައް އެތަނުގައި ހޭދަކުރައްވާ ވަފުދު ތަކާއި ބައްދަލުކުރައްވާ ހައްދަވައެވެ. އަދި ލަޝްކަރުގެ ދިދައުފުއްލަވާ ބޭކަލުން ކަނޑައަޅުއްވައެވެ.

ބޮޑުކަމެއް އަދި އާކަމެއް މެދުވެރިވެއްޖެނަމަ ” الصلاة جامعة ” މިހެން ޙަދީޘް ކުރައްވައެވެ. ދެން އަޞްޙާބު ބޭކަލުން މިސްކިތައް ޖަމާވެލައްވައެވެ. އެހިނދު އެބޭަކަލންނާއި މުޚާޠަބުކުރައްވައެެވެ. އަދި މިހެން ގޮވާލެވޭ ގޮވާލުން ތަކުގައި އަންހެން ބޭކަނބަލުންވެސް ބައިވެރި ވެލައްވައެވެ. އަދި ފިރިހެން ޞަފުތަކުގެ ފަހަތުގައި ޖެހިގެން އެކަނބަލުންގެ ޞަފުތައް ހައްދަވައި ނަމާދުކުރައްވައެވެ.

އެއިރުގައި މަދީނާގައި އުޅުނު ޔަހޫދީން (بنو قريظة – بنو النضير – بنوقينقاع  ) ގެ މީހުން ދެކެމުންދިޔައީ މުސްލިމުން ނަމާދު ކުރާ ޤިބުލައަކީ އެމީހުންގެ ޤިބުލަކަމުގައިވާ ބައިތުލްމަގުދިސް ކަމުގައެވެ. އަދި އެމީހުން މުސްލިމުން ދެރަކޮށްލުމުގެ ގޮތުން ބުނަމުން ދިޔައެވެ. އަހަރެމެން ޙައްޤު ގޮތުގައި ނުވާނަމަ ކަލޭމެން އަހަރެމެންގެ ޤިބުލައަށް ކުރިމަތިލައި ނަމާދު ނުކުރީހެވެ. އަދި އެކަން ވެގެން ދިޔައީ މުސްލިމުންނަށް އުނދަގޫވެގެން ދިޔަ ވާހަކަ އަކަށެވެ. މާތްނަބިއްޔާ صلى الله عليه وسلّم މިކަމުގައި އަލިމަގެއް ދައްކާވާތޯ އެދޭޙާލު މައްޗައް ބައްލަވާލައްވާ ވަޙުޔަށް އިންތިޒާރު ކުރައްވަމުން ގެންދެވިއެވެ. (ނުނިމޭ)

0